ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ދީބާނާޒް ފަހުމީ (ވ) އަދި މުހައްމަދު ސަލީމް. (ފޮޓޯ/ޖޭއެސްސީ)

ދީބަނާޒް އާއި ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި

ދެ މެޖިސްޓްރޭޓަކު ވެސް މިއަދު ވަނީ މަގާމުގެ ހުވާކުރައްވާފައި
9 އޯގަސްޓު 2022

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ދީބަނާޒު ފަހުމީ އާއި މުހައްމަދު ސަލީމް، ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ 'ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ'ން އިންޓަވިއުކުރުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީއަށް ލަފާ އެރުވި ދެ ބޭފުޅުންނަކީ ދީބަނާޒް އާއި ސަލީމް އެވެ.

އެ ދެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހުގެ 7ގަ އެވެ. ދީބަނާޒް އާއި ސަލީމް ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އެ ކަމަށް ޖޭއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލް - ދީބަނާޒް އަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރި ފުރަތަމަ އަންހެން ގާޒީ އެވެ. އެގޮތުން، އޭނާ ވަނީ:

  • މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލް ކުރައްވާފައި  

  • މާސްޓާ އޮފް ލޯ ހާސިލްކުރެއްވީ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީ  

  • ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި 17 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ  

  • ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް އައްޔަންކުރީ 2 ސެޕްޓެމްބަރު 2020ގައި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި ސަލީމް އަކީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗްލާސް ޑިގްރީ ހާސިލްކުރެއްވީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ.

ގުޅުންހުރި ކަމެއް - ހައި ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުންގެ އިތުރުން، މިއަދު ވަނީ ދެ ކޯޓަކަށް އައްޔަންކުރި މެޖިސްޓްރޭޓުން ވެސް ހުވާކުރައްވައިފަ އެވެ.

އެނގުން މުހިންމު - ހައި ކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާ އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ދީބަނާޒް އާއި ސަލީމްގެ އިތުރުން މިހާރު ތިއްބެވީ:

  • އިސް ފަނޑިޔާރު ހާތިފް ހިލްމީ

  • ޝުއައިބު ހުސައިން ޒަކަރިއްޔާ

  • މުހައްމަދު ނިޔާޒު

  • ހުސައިން ޝަހީދު

  • މުހައްމަދު ފައިސަލް

  • ހުސައިން މަޒީދު

  • ފާތިމަތު ފަރުހީޒާ

  • ހަސަން ޝަފީއު

  • ހުޒައިފާ މުހައްމަދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް