ކުރުވާހަކަ: މަންޒިލް

ވާހަކަ

ކުރު ވާހަކަ: މަންޒިލް

މިއީ އަހަރެންގެ ހުވަފެނީ މަންޒިލެވެ. އެންމެ ތަޖުރިބާ ކޮށްލަން ބޭނުންވި ތަނެވެ. ނަމަވެސް މިވީ ހުވަފެނުން ދުށް ގޮތަކަށް ނޫނެވެ.
5 ޖެނުއަރީ 2023

ބިންމަތީ ފައި ޖެހުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުވަހަކު ވެސް މިވަރުގެ ފިނިކަމެއް އަހަރެންނަށް އިހުސާސްސެއް ނުވެއެވެ. އެ އިހްސާސް، ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހިސާބަށް އަސަރުކުރުވިއެވެ. ހެނދުނުގެ މި ފިނިން، އަހަރެންގެ ނިކަމެތިވަމުން މިދާ ހަށިގަނޑަށް ކުޑަ ނަމަވެސް ދިރުމެއް ގެނުވި ކަހަލައެވެ. އަނަރޫފަ ވެފައިވާ ހަށިގަނޑަށް އިތުރު ތާޒާކަމެއް ލިބުނީ ކުރިމަތިން ފެންނަން އޮތް ހިތްގައިމު، ރީތި މަންޒަރާއި އެ މާހައުލުގެ ހިތްފަސޭހަކަމުންނެވެ.

މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ ރީތި ގަސްގަހާއި ވެޔޮތަކެވެ. އެކި ކުލަކުލައިގެ މާމެލާމެލިން އުޖާލާވެފައިވާ ބަގީޗާއެވެ. ކައި ފޫހި ނުވާހާ ގިނަ ވައްތަރުގެ މޭވާއެވެ. ކޮޅާކޮޅު ނުފެންނަހާ ދިގު އަދި އެހާމެ އުސް ފަރުބަދަތަކާއި، ތަނަވަސް ވާދީ ތަކެވެ. ފެން މީރު، ސާފު ފެނުގެ ދިގު ކޯރުތަކެވެ. މި ތަނުގެ ހިތްގައިމުކަމާއި، ގުދުރަތުގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެއެވެ. އެހާވެސް ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދެއެވެ. މި އީ ދުނިޔެމަތީގެ ސުވަރުގެއެކޭ ބުނުމަކުން ދޮގަކަށް ވާނެހެނެއް ހިއެއް ނުވެއެވެ.

މިއީ އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނީ މަންޒިލެކެވެ. އަބަދުވެސް އެންމެ އަންނަން ބޭނުންވި ތަނެވެ. މިތަން އަހަރެންގެ ހަމަ ލޮލަށް ފެންނާނެ ކަމަށް ހީވެސް ނުކުރަމެވެ. ނަމަވެސް އަބަދުވެސް އުންމީދު ކުރެވުނެވެ. މި ތަނުގެ މައުލޫމާތު އިންޓަނެޓުން ހޯދައި އުޅުނީމެވެ. މި ތަނުގެ މޫސުމާއި، މިތަނަށް ޒިޔާރަތްކުރަން އެންމެ މަގުބޫލު ދުވަސްވަރާއި ޚަރަދު ވެސް ބަލައިހެދީމެވެ. ނަމަވެސް މިއަދު އަހަރެންނަށް މިތަނަށް އާދެވިފައި މިވަނީ އަހަރެން އަންނަށް ބޭނުންވި ގޮތަކަށް ނޫނެވެ. އަހަރެން މިތަނަށް އަންނަން ބޭނުންވީ މިނިވަން ކަމުގައި އުފާކޮށް އެ އުޅޭ ކުދި ދޫނިތައް ފަދައިން ކަންބޮޑުވުމެއް ނެތި އުފާކޮށްލަން އައިސް އުޅޭށެވެ. އިންސާނެއްގެ އަތްދަށުވެ ކޮށްޓެއްގައި ހައްޔަރުވެފައި ވީނަމަ، އެސޮރުމެންނަކަށް މިނިވަންކަމުގައި، އެ ހިތްފަސޭހަކަމުގައި ނޫޅެވުނީހެވެ. އަހަރެންގެ ދިރިއުޅުމަށް ވެސް ވީ އެފަދަ ގޮތެކެވެ.

މިހާރު އަހަރެންނަކީ މީހެއްގެ 'މުދަލެކެވެ'. އަހަރެންގެ މުޅި ދިރިއުޅުމަށާއި، އަހަރެންގެ އަމިއްލަ ނަފްސަށް ވެސް މިހާރު ހިނގަނީ އަހަރެންގެ ބާރެއް ނޫނެވެ. އަހަރެންނަށް ނޭވާލެވެނީ ވެސް އެ 'ވެރިފަރާތުން' ހުއްދަ ދިނީމައެވެ. އަހަރެން މިވަނީ އެފަދަ އަޅުވެތި ކަމެއްގައެވެ. ދިރިއުޅުން މިފަދަ ގޮތަކަށް ބަދަލުވެގެން ދާނޭ ކަމަށް ކުޑަކޮށް ވެސް ހިއެއް ނުކުރަމެވެ. އަހަރެންގެ ފަނާވަމުން، ނިވެމުންދާ ހަޔާތުގެ ހުޅުކޮޅުގެ އަލި ދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ. އެ އަލި އަލުން ގަދަ ކުރެވޭނެ ގޮތެއް ފެންނާކަށް ނެތެވެ. އެކަމަށްޓަކައި ދާނެ ވަކި މަގެއް، އަޅާނެ ގޯޅިއެއް ވެސް ނުފެނުނެވެ. މި ދިރިއުޅުމަށް ޝުކުރު ކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތީބާވައެވެ؟

ލޮލުން ވެއްޓޭ ކަރުނަ ވެސް އަހަރެންގެ ލޮލާ ވަކިވެ ކޯތާފަތް މައްޗަށް ވެއްޓެނީ ރޮމުންނެވެ. އަހަރެންގެ ހިތްދަތި ހާލަށް އެ ކަރުނަ ވެސް ހަމްދަރުދީ ވާފަދަ އެވެ. ރަތްވެފައިވާ ދެލޯ ފުހެލުމާއެކު އަހަރެންގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެވެ. އެއީ އަންހެނެކެވެ. ފަހަތް ބަލާލުމާއެކު އޭނާ ގާތަށް ދިޔުމަށް އަމުރުކުރިއެވެ. އަހަރެން، އިސްދަށަށް ޖަހައިގެން ހުރެ އޭނާގެ އަމުރަށް ކިޔަމަން ވީމެވެ. އޭނާ އާއެކު ގޭތެރެއަށް ވަދެ އަހަރެން ހުރީ އޭނާގެ ހަމަލާއެއް އަންނަން މާ ގިނައިރެއް ނެތްކަން އެނގި ބިރުންނެވެ. އޭނާގެ އަތުގެ ހޫނު އެތިފަހަރެއް އަހަރެންގެ ކޯތާފަތް މައްޗަށް އެރިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފައިބަން ފެށިއެވެ. ގިސްލެވެން ފެށިއެވެ. އާދޭސްކޮށް ރުއީ އޭނާގެ ދެފައިބުޑަށް ތިރިވެއެވެ. ނަމަވެސް އަހަރެން އެއްޗެއް ކިޔާ ހެންވެސް އޭނާއަށް ހީނުވެއެވެ. އާނާގެ ރަހުމްކުޑަ އަނިޔާތަކާއި، ވިހަ ގަދަ ބަސްތަކުން އަހަރެންގެ ހިތާއި ނަފްސު ކުދިކުދި ކޮށް ކޮށާލާފައި ނޫނީ ހުއްޓާނުލާނެއެވެ. އެއީ ވެސް އަންހެނެކެވެ. މަންމައެކެވެ. އޭނާގެ ވެސް އަހަރެންނާ ދާދި އެއް އުމުރެއްގެ ތިން  އަންހެންކުދިންނާއި ދެ ފިރިހެން ކުދިން އެބަތިއްބެވެ. ހަމަ އެއްވެސް އަސަރެއް އޭނާގެ ހިތަށް ނުކުރަނީ ހެއްޔެވެ؟ އެއީ އަހަރެންގެ 'މައިދައިތަ' ޔޯލައެވެ. މައިދައިތައިން އެހާ ނުބައި ވާނެ ހެއްޔެވެ؟ މިއީ މިއަދުގެ ހާލެވެ. މިހެން ދިމާވި ގޮތް، އިއްޔެ ވީ ކަމެއްހެން އަހަރެން ހަނދާނުގައި ހުރެއެވެ. ލޯ މަރާލައިގެން އިނދެ އެ ހަނދާން އާކޮށްލީމެވެ.

---

ލެޕްޓޮޕްގައި "ކަޝްމީރު" އެންޓާ ކޮށްލުމަށްފަހު ފޮޓޯތައް ބަލައި، ލިޔުންތައް ކިޔަންފެށީމެވެ. އެއީ އަބަދުވެސް އަހަރެންގެ ތުންފަތަށް ހިނިތުންވުމާއި އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. މުޅި ދުނިޔެއިން ވެސް އެންމެ ދާހިތްވާ ތަނަކީ އެއީއެވެ. ފޮޓޯތައް ބަލައި އެކި އެކި މައުލޫމާތު އެތަނާ ބެހޭގޮތުން ހޯދަން ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޭދަކުރެވެއެވެ. ފޭސްބުކް އަދި އިންސްޓަގްރާމުން ވެސް އެތަނުގެ "ޕޭޖް" ތަކާއި ފޮޓޯތަކަށް "ލައިކް" ކުރުމުގައި އިނދެވެއެވެ. އެގޮތުން އެ ދުވަހު ވެސް އަހަރެން އިނީ ކަޝްމީރުގެ ރީތި މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ބަލާށެވެ. ކުއްލިއަކަށް "ހައި" ޖަހާލާފައި މެސެޖެއް އައީ ނުވެސް ދަންނަ މީހެއްގެ ނަމުންނެވެ. ހުސެން ގެ ނަމުން ނަން ދެވިފައިވާ އެ އެކައުންޓުން އައި މެސެޖަށް އެއްވެސް ސަމާލުކަމެއް އަހަރެން ނުދެމެވެ. އަހަރެންނަކީ ނުދަންނަ މީހުން ފޮނުވާ މެސެޖްތަކަށް ޖަވާބުދީ އުޅޭ މީހެއް ނޫނެވެ.

އޮފީހުގައި ކުރަން ހުރި މަސައްކަތްތައް ނިމެން ގާތް ވެސް ނުވެއެވެ. އަހަރެން އިނީ ވަރަށް ގަޔާވެގެން، ޕްރެޒެންޓޭޝަނެއް ތައްޔާރުކުރާށެވެ. ފޭސްބުކުން މެސެޖެއް އައި އަޑަށް ބަލާލި އިރު އަނެއްކާ ވެސް ހުސެންގެ މެސެޖެކެވެ. މިފަހަރު އައި މެސެޖުން އަހަރެންގެ ސަމާލުކަން އޭނާ ހޯދިއެވެ. "ކަޝްމީރަށް ވަރަށް އަންނަ ހިތްވޭތަ؟" އިނގިރޭސިބަހުން އޭނަ އެކުރި މެސެޖަށް ޖަވާބުދޭން ވަރަށް ބޭނުން ވިއެވެ. ނަމަވެސް ކުރަން އިން ކަންތައް ވަގުތަށް ނިންމަން ވެސް ޖެހެއެވެ. "ވަރަށް ބޮޑަށް" ށޭ ބުނެ ކުރު ޖަވާބެއް ދިނުމަށް ފަހު، ކުރަން އިން މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް ހިތުގައި ވަނީ ހުސެންއާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން އުފެދެން ފަށާފައެވެ.

ގެއަށް އައިސް ލެޕްޓޮޕް ހުޅުވާލައި ހުސެންއަށް މެސެޖެއް ކޮށްލީ އެވަގުތު އޭނާ ވާހަކަ ދައްކާނެ ކަމަކަށް ނޫނެވެ. ނަމަވެސް ހުސެން ވަގުތުން ޖަވާބު ދޭން ފެށިއެވެ.

އޭނާއަކީ ދިއްލީ މީހެއް ކަމާއި އެވަގުތު ހުރީ ކަޝްމީރުގައި އޮފީސް ދަތުރެއްގައި ކަމަށް ބުންޏެވެ. އަހަރެން ކަޝްމީރުގެ ފޮޓޯތަކަށް ލައިކް ކޮށް ކޮމެންޓް ލިޔެފައި ހުންނާތީ ވަރަށް ގިނައިން ފެންނަ ވާހަކަ ވެސް ބުންޏެވެ. އަދި އޭނާ އަކީ މުސްލިމެއް ކަމާއި ރާއްޖެއަށް ދަތުރެއް ކޮށްލަން ބޭނުން ވާކަން ވެސް ހާމަކުރިއެވެ. އަހަރެންގެ ނަމަކީ މާޔާ ކަމަށް ބުނެ އަހަރެން ވެސް ކުރު ތައާރަފެއް ދިނީމެވެ.

އެ ދުވަހަށް ފަހު އަހަރެމެން ދެ މީހުން ވަރަށް ގިނައިން ވާހަކަ ދައްކަމެވެ. ދެ ފަރާތުގެ އާއިލާއަށް އެކަކު އަނެކަކު ތައާރަފް ކޮށްދިނީ ރަހުމަތްތެރިކަން އިތުރަށް ބަދަހިވުމުންނެވެ. ހުސެންގެ ފަރާތުން އަހަރެންނަށް ފެނުނީ މަޑުމައިތިރިކަމާއި ހިތްތިރިކަމެވެ. އޭނާގެ ރީތި ސިފައާއި އެއްވަރަށް އޭނާގެ އަހުލާގު ވެސް ރަނގަޅުކަމަށް ފާހަގަވިއެވެ. އޭނާ އަކީ މުއްސަނދި އާއިލާއަކަށް ލިބިފައިވާ ދެބެންގެ ތެރެއިން ހަގު ފިރިހެން ކުއްޖާއެވެ. އޭނާގެ ދޮށްޓަށް ހުންނަނީ ދައްތައެކެވެ.

ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ހިއްސާ ކުރެވެން ފެށިއެވެ. ދުވަސްތަކެއް ވަންދެން އެގޮތުގައި އޮންލައިން ބައްދަލުވުންތައް އާދަކޮށް ކުރެވެން ފެށީއެވެ. ނަތީޖާއަކަށް ވީ އަހަރެންގެ ހިތުގައި ހުސެން އާމެދު އޮންނަ ގާތްކަން އިތުރު ވުމެވެ. ހުސެން ހާއްސަ ވުމެވެ. އެއީ ލޯބި ކަމަށް ވާނަމަ، އެ ލޯބި ވެވުނީ ކޮން އިރަކު ކަމެއް އަހަރެންނަށް ނުވެސް އެނގެއެވެ. ހުސެން ވެސް އަހަރެން ދެކެ އިންތިހާއަށް ލޯބި ވާކަން ހާމަ ކުރިއެވެ. އަހަރެމެންގެ ރަހުމަތްތެރި ކަމުގެ ގުޅުން މިހަރުފަތަށް ދާނެ ކަމާމެދު ދެފަރާތުގެ އާއިލާއިން ހީވެސް ނުކުރާ ކަމަށް އާއިލާގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް އަހަރެންނާ މެދު ހުސެންގެ މައިން ބަފައިން ވަރަށް ހިތްހަމަ ޖެހެއެވެ.  އުނދަގުލަކަށް ވީ އަހަރެންގެ އާއިލާ މި ގުޅުމަށް ރުއްސުމެވެ.

އަހަރެންގެ ތިބެނީ ދެ ބޭބެއެވެ. އަހަރެން މީ އެންމެ ހަގު މީހާއެވެ. އެހެން ކަމުން އަހަރެން ބުނާ ގިނަ ކަންކަން މަންމައާއި ބައްޕަ ފަސްޖެހުމެއް ނެތި ކޮށްދެއެވެ. އަހަރެންނަކީ، މައިންބަފައިންނާއި ދޮށީ ދެ ބޭބެއިންގެ ހިމާތް އަބަދު ވެސް ލިބޭ ކޮއްކޮއެވެ. ދިރިއުޅުމުގެ ބޮޑު ކަމެއް ނިންމާއިރު އެ އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓޭނެއެވެ. ހުރިހާ ގޮތަކަށް ބަލާނެއެވެ. ނަމަވެސް މިކަމުގައި ބޮޑު އުންމީދަކާއެކު ކުޑަ ހިތްވަރެއް ލާފައި، ހުސެންގެ ގުޅުމުގެ ވާހަކަ މައިންބަފައިންނާ ހަމައަށް ގެންދިޔައީމެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް