މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން: މެޖިސްޓްރޭޓުން މުސާރަ ބޮޑު ކުރަން ކޮމިޓީން ވަނީ ފާސްކޮށްފައި. (ފޮޓޯ/މަޖިލިސް)

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތެއް ދޭން ކޮމިޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީނަށް އިތުރު އެލަވެންސެއް ދެނީ އެ ކޯޓުގެ ބެކްލޮގް ހަތަރު މަސް ތެރޭ ސާފުކުރަން

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީން ނުރަސްމީ ގަޑީގައި މަސައްކަތް ކުރާ ނަމަ އިތުރު އެލަވަންސެއް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. އަދި މި ކަމަށް ބެޖެޓްކޮށް ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހެޅި އެވެ. އެ އިދާރާ އިން އެ ގޮތަށް ހުށަހެޅީ، އެ ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް އިތުރު ގަޑީގައި ފަނޑިޔާރުން މަސައްކަތް ކުރުމަށެވެ. އެގޮތުން:

  • މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީން ފާސް ކުރީ، ޖޭއެސްސީ އަދި ޑީޖޭއޭ އިން ހުށަހެޅި ގޮތަށް ފާސް ކުރަން

ތަފްސީލު - މިއަދުގެ ކޮމިޓީގައި ފުރަތަމަ މަޝްވަރާ ކުރީ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ޖޭއެސްސީން ފޮނުވި މައްސަލައާ މެދު އެވެ. ޖޭއެސްސީން ބުނާ ގޮތުގައި 2010 އިން ފެށިގެން މެޖިސްޓްރޭޓުންގެ މުސާރަ ބަދަލު ނުވާ ކަމަށާއި އޭގެ ސަބަބުން ދާއިމީކޮށް އެ ވަޒީފާގައި މީހުން ބޭތިއްބުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ ޖޭއެސްސީން ފޮނުވި ހުށަހެޅުންތަކަކީ:

  • 1-

    ދާއިރާގެ އިސް މެޖިސްޓްރޭޓް 

  • ޓިއާ އެކެއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 33،360ރ.

  • ޓިއާ ދޭއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 31،360ރ.

2. ކޯޓުގެ އިސް މެޖިސްޓްރޭޓް  

  • ޓިއާ އެކެއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 31،400ރ.

  • ޓިއާ ދޭއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 29،400ރ.

3. މެޖިސްޓްރޭޓް

  • ޓިއާ އެކެއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 31،400ރ.

  • ޓިއާ ދޭއް: އެލަވަންސްތަކާ އެކު ޖުމްލަ މުސާރަ 29،400ރ.

ޖޭއެސްސީން ހުށަހެޅި ގޮތަށް ފާސް ކުރަން ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރު ޝަރީފް ވާހަކަދައްކަވަނީ: މި ދަނޑިވަޅުގައި މުސާރަ ބޮޑު ކުރަން އޭނާ ތާއީދެއް ނުކުރައްވާ. (ފޮޓޯ/މަޖިލިސް)

މި ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން ބައެއް މެންބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތަށް ހިޔާލުފާޅު ކުރެއްވި ބައެއް މެންބަރުން ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް މިފަދަ ދަނޑިވަޅެއްގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެގޮތަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އޭގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓާއި މެޖިސްޓްރޭޓްގެ މުސާރަ އެއް ހަމަވުމުން އެކަމުގެ ކަންބޮޑުވުން ވެސް މެންބަރުން ފާޅުކުރެއްވި އެވެ. ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިޒު ވިދާޅުވީ އެކަން ކޮމިޓީގެ ސަމާލުކަމަށް އައުމުން ޖޭއެއެސްސީގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެ ކޮމިޝަންގެ ޖަވާބަކަށްވީ، މުސާރަ ދޭން ބޭނުންވަނީ އެގޮތަށް ކަމަށެވެ.

ބެކްލޮގް ސާފު ކުރަން ގާޒީއަކަށް ދުވާލަކަށް 500ރ.

ކޮމިޓީގައި ދެވަނަ ކަމަށް މަޝްވަރާ ކުރީ، ކްރިމިނަލް ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް، ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ޑީޖޭއޭ އިން ފޮނުވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ. އެގޮތުން، ހަތަރު މަސް ތެރޭގައި ނުރަސްމީ ގަޑީގައި 10 ގާޒީން މަސައްކަތަށް ނެރެގެން ކޮންމެ ގާޒީއަކަށް ދުވާލަކަށް 500ރ. ދިނުމަށް އެ އިދާރާ އިން ހުށަހަޅާފައިވެ އެވެ.

"[ޑީޖޭއޭ އިން ބުނާ ގޮތުން] ގާތްގަނޑަކަށް ޖުމްލަ 600،000ރ. އިތުރަށް ހަރަދުކުރާ ނަމަ، މިހާރު އޮތް 1،100އެއްހާ މައްސަލައިގެ ބެކްލޮގް އެއްކޮށް ކުރިއަށް އޮތް ހަތަރު މަސްދުވަސް ތެރޭގައި ކްލިއާ ކުރެވޭނެ ކަމަށް. އެއީ އިތުރު ގަޑިގައި މަސައްކަތް ކުރަން ނުކުންނަށް ގާޒީންނަށް ދުވާލަކަށް 500ރ.ގެ އެލަވެންސެއް ހަތަރު މަސްދުވަހު ދޭ ގޮތަށް،" ނާޝިޒް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓް: އެ ތަނުގެ 10 ފަނޑިޔާރުން އިތުރު ވަގުތުގައި މަސައްކަތް ކުރުމަށް 500ރ. ދިނުމަށް ކޮމިޓީން ނިންމި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޑީޖޭއޭ އިން ހުށަހެޅި ގޮތަށް ފާސްކުރަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް