އިއްޔެ ޝަރީއަތް ހިނގަމުން ދިޔަ އިރު ޕީޕީއެމް ސަޕޯޓަރުން ކޯޓު ސަރަހައްދުގައި: ގަބޫލުކުރަނީ ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް (ފޮޓޯ/ ޕީޕީއެމް)

ޕީޕީއެމް ހިތާމައިގައި، 2018ގެ ތަކުރާރުވުމަކަށް ބާ؟

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާ އެކު، ރިޔާސީ ކެންޑިޑޭޓެއްގެ އެއް ޝަރުތު އެވަނީ ގެއްލިފައި
26 ޑިސެމްބަރު 2022
1

މުހިންމު ނުކުތާތައް

ކުރީގެ ރައީސް ނަޝީދަށް ވެސް 2018ގައި ކުރިމަތި ނުލެއްވުނީ ހުކުމެއްގެ ސަބަބުން

މަތީ ދެ ކޯޓުގައި އިސްތިއުނާފުކުރެވޭނެތީ އިންތިހާބުގައި ޔާމީން ވާދަކުރެއްވުމުގެ ފުރުސަތު އަދި ނުގެއްލޭ

ވަކީލުން ވިދާޅުވަނީ އިސްތިއުނާފް ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށް

ބޭއިންސާފު ޝަރީއަތެކެވެ. ހަރާމް ހުކުމެކެވެ. ސިޔާސީ ނުފޫޒެވެ. އިންޑިއާގެ ބާރެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްޔެ ސާބިތުވި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި، 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެކު، ޕީޕީއެމް ކޯލިޝަންގެ ވާހަކަތަކެވެ. ޔާމީންގެ ސަޕޯޓަރުންގެ އިހުސާސްތަކެވެ.

ޕާޓީގެ އެންމެ މަތިން ފެށިގެން އާއްމު މެމްބަރުންނާ ހަމައަށް ވެސް ފެތުރިފައި ވަނީ އެ ޝައްކާއި ތުހުމަތުތަކެވެ. ރާއްޖޭގައި މި ވަގުތު ދެވަނައަށް އެންމެ ބޮޑު ޕާޓީގެ އެންމެ އިސް ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަށް އެހާ ބޮޑު ހުކުމެއް އައުމަކީ ޕީޕީއެމްގެ ހިތްފަޅައިގެން ދިއުމެވެ. އިންތިހާބުތަކުގައި ވޯޓުލާ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، މި ވަގުތަށް ލިބުނު، މާޔޫސްކަމެކެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ މި ހުކުމުން، ޔާމީނަށް އޮތް ފުރުސަތުތައް އަދި މުޅިއަކުން ބަންދެއް ނުވެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓު އަދި އޮތީ އެވެ. މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ 2019 ގައި ސާބިތުވެ، ރިޔާސީ ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ހުކުމަކާ ކުރިމަތިވެވަޑައިގެން، ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވި އެވެ އެކަމަކު 2021 ނިމެން އުޅެނިކޮށް، ޕީޕީއެމްގެ ސަޕޯޓަރުން ހަމްދުކުރީ، ކްރިމިނަލް ކޯޓާއި ހައި ކޯޓުން އިއްވި ހުކުމް، ސުޕްރީމް ކޯޓުން ބާތިލްކުރުމުންނެވެ.

އެހެންކަމުން ޔާމީނާ އެކު ރިޔާސީ އިންތިހާބަށް ނުކުތުމުގެ އުއްމީދު ޕީޕީއެމް ކޯލިޝަނަށް ގެއްލޭނެ ގޮތެއް އަދި ނެތެވެ.

ކްރިމިނަލް ކޯޓަށް ވަޑައިގަތުމަށް އިއްޔެ ގެއިން ނުކުމެވަޑައިގެން ސަޕޯޓަރުންނަށް ޔާމީން އިޝާރަތްކުރައްވަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެކަމަކު އިއްޔެގެ ހުކުމާ އެކު ތާރީހުގެ ތެރެއިން ބައެއް ސަފުހާތައް މިވަނީ ހުޅުވިފަ އެވެ. ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވާ ހިތާމައަކީ 2018ގެ އިންތިހާބުގެ ކުރިން އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުންގެ ވެސް ހިތާމަ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް އިއްވި ހުކުމްތަކާ އެކު ރާއްޖޭގައި ވެސް ނުތިއްބެވިގެން އުޅުއްވީ ބޭރުގައި އަރުވާލެއްވިގެންނެވެ.

ރައީސް ޔާމީން ޖަލަށް ލައިގެން މި ރާއްޖޭގެ ސިޔާސީ މަސްރަހުން ޖާގަ ހޯއްދަވަން ބޭނުންވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ހަނދާން ނައްތާލާށޭ. ހަނދާން ނައްތާލާށޭ.

އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ލީޑަރު

ނަޝީދު ބޭރުގައި ހުންނަވައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި އެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އިންތިހާބަށް ނުކުންނެވޭތޯ މަސައްކަތްކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ސިފައިންގެ ބަންދުގައި ބެހެއްޓުމުގެ މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވި ހުކުމް، އޭރުގެ ސުޕްރީމް ކޯޓުން ވެސް އޮތީ ދަމަހައްޓައިފަ އެވެ. 

އިންތިހާބަކަށް ނުނިކުންނެވުނެވެ. އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

އޭރު ޕީޕީއެމްގެ ކޮންމެ މީހަކު ވެސް، ޔާމީންގެ ވެރިކަމުގައި ސިޔާސީ އިދިކޮޅު ވެރިންނަށް ހަދަމުން ދިޔަ ގޮތް ދިފާއުކުރި އެވެ. އެއިން އެއްވެސް ބޭފުޅަކަށް، ޕީޕީއެމްގެ ތެރޭގައި ހަމްދަރުދީއެއް ނެތެވެ. ވެރިކަން އޮތީ ޕީޕީއެމްގެ އަތުގައި ކަމަށް ވުމުން، އެ ވެރިކަން ބަދަލުވެދާނެ ކުޑަ ފުރުސަތެއް ވެސް ދޭކަށް ބޭނުމެއް ނުވި އެވެ. އިންތިހާބުގެ ނަތީޖާއާ ހަމައަށް ޕިޕީއެމް ގަބޫލުކުރަމުން އައީ، އިބްރާހީމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި، ރައީސް ޔާމީން ފަސޭހަކަމާ އެކު ކާމިޔާބުކުރައްވާނެ ކަމަށެވެ.

'ބޭނުމަކީ ރިޔާސީ އިންތިހާބުން ޔާމީން އެއްކިބާކުރުން'

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހަރަކާތް އޮތީ އެ ޕާޓިގެ ވެރިން ހިމާޔަތްކޮށް، ވާދަވެރި އަނެއް ޕާޓީގެ ވެރިން ގޯސްކުރުމުގެ މައްޗަށެވެ. މިއީ ސާފުތާހިރު ވެރިކަމެއް ހިންގަން އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ކިތަންމެ ލޯބިވިޔަސް، ޕާޓީ އާއި ޕާޓީގެ ވެރިންގެ ތެރޭގައި ގާނޫނާ ހިލާފު، އުސޫލުތަކާ ހިލާފު، އަހުލާގާ ހިލާފު ކަންކަން ހިނގާ ނަމަ، އެކަމެއް ހުއްޓުވަން ނުކުތުމުގެ ހިތްވަރެއް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި އަދި ނެތެވެ. ނުކުތަސް ނުކުންނަނީ އަމިއްލަ އެހެން އެދުމެއް އޮވެގެންނެވެ.

"ރައީސް ޔާމީން ޖަލަށް ލައިގެން މި ރާއްޖޭގެ ސިޔާސީ މަސްރަހުން ޖާގަ ހޯއްދަވަން ބޭނުންވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ހަނދާން ނައްތާލާށޭ. ހަނދާން ނައްތާލާށޭ،" ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، އިއްޔެގެ ހުކުމަށް ފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ޔާމީނަށް ހުކުމެއް އިއްވައިގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން ބަޔަކު އުޅޭތީ އެކަމަށް ވެސް އިޝާރަތް ކުރައްވަ އެވެ. ދެން ދެއްކެވި ވާހަކައިން އެކަން ދޭހަވެ އެވެ. ވިދާޅުވި އެވެ:

"ރައީސް ޔާމީން ހުރަގެއަށް ލިޔަސް އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓޭ. ޕީޕީއެމްގެ ސަޕޯޓެއް އެހެން އެއްވެސް ކެންޑިޑޭޓަކަށް ނުލިބޭނޭ." 

ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގައި ޖުޑިޝަރީ މިނިވަންކުރަން ގޮވާލަނީ (ފޮޓޯ/ ޕީޕީއެމް)

ޔާމީންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ. އެއިން ކޮންމެ ދައުވާއެއްގައި ވެސް ހިމެނެނީ ރިސޯޓް ހަދަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ތިން ރަށެއްގެ މުއާމަލާތުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަކުރެއްވުމެވެ. އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ގއ. ވޮޑަމުލާއާ ގުޅުން ހުރި 1 މިލިއަން ޑޮލަރުގެ ދައުވާއިންނެވެ. އިއްޔެ ހުކުމް އެ އިއްވީ އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަން ޑޮލަރު ނެންގެވި މައްސަލާގަ އެވެ. ކުރިއަށް އޮތީ ރ. ފުއްގިރި ދޫކުރުމުގައި 1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ދައުލަތުން ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތެވެ.

މިއިން އެއްވެސް ފައިސާއެއް ޔާމީންގެ އެކައުންޓަށް ނުވަންނަ ކަމަކަށް އެމަނިކުފާނު ވެސް ވިދާޅެއްނުވެ އެވެ. ދެކޮޅު ހައްދަވަނީ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމާ މެދުގަ އެވެ. އާރަށުގެ މައްސަލާގައި ނަމަ އެއީ ރިޝްވަތުގެ ގޮތުގައި ހޯއްދެވި ފައިސާ ކަމާ މެދުގަ އެވެ. ޔާމީންގެ ދިފާއީ ޓީމު ބެލީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ޔާމީން ހޯއްދެވި ފައިސާކަން ސާބިތުކޮށްދޭށެވެ.

ޕީޕީއެމްގެ މެމްބަރުން ވެސް ގަބޫލުކުރަނީ އެ ވާހަކަތަކެވެ. އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ނުވަތަ ރިޝްވަތުގެ ފައިސާ ވަދެފައި ނުވާނެކަން އެމީހުންނަށް ކަށަވަރެވެ. އެހެންކަމުން ދެން ގޮސް ޖެހެނީ 'ސިޔާސީ ޝަރީއަތުގެ ފާރުގަ' އެވެ. އެއީ ސަރުކާރުން ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ދުއްވާލަން ކުރާ ކަމެއް ކަމަށް، ތުހުމަތުކުރުމެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، އިއްޔެ ވިދާޅުވީ އެ ވާހަކަ އެވެ.

އިއްޔެގެ ހުކުމާ ގުޅޭ ގޮތުން އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

"މިއީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ ކަމެއް ނޫން" ކަމަށް ވިދާޅުވެ ދެން އިތުރުކުރެއްވީ މިއީ "ކުރިޔަށް އޮތް ރިޔާސީ އިންތިހާބުން ޔާމީން އެއްކިބާ ކުރުމުގެ މަގުސަދުގައި" ސަރުކާރުން ކުރި ކަމެއް ކަމުގެ ބަ އެވެ.

ޔަގީނުން ވެސް ޕީޕީއެމް މިހާރު އޮތީ ހިތާމައިގަ އެވެ. މެމްބަރުންނަށް މި ވަގުތު މާޔޫސްކަމެވެ. މާޒީއަށް ބަލާ ނަމަ، 2023 މި އަންނަނީ 2018ގެ ރޮނގުމަތީގައި ކަމަށް ލަފާކުރެވިދާނެ އެވެ. އޭރު ޕީޕީއެމްގެ ހާލަތުގައި އޮތީ އެމްޑީޕީ އެވެ.

އެކަމަކު ޔާމީންގެ ވަކީލުންގެ ޓީމުން އަދި އުއްމީދު ގެއްލުވާލަން ކައިރި ވެސް ނުވެ އެވެ. ޖަމީލާއި އެހެން ވަކީލުން ތިއްބެވީ ޖޯޝްގަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ހިފައިގެން ހައި ކޯޓަށް ދިއުމުގެ ތައްޔާރީތަކުގަ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަށަވަރުކަން އެބަ އޮތް އިސްތިއުނާފީ ކޯޓަކުން ކިރިިޔާ ވެސް މި މައްސަލައަށް ނަޒަރު ހިންގާލިޔަސް ރައީސް ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ތިޔަ ބޭފުޅުންނާ ހަމައަށް ވަޑައިގަންނަވާނެ ކަން،" ޖަމީލު ވިދާޅުވި އެވެ.

މިއީ މި ވަގުތަށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އޮތް އުއްމީދެކެވެ.

ކޮމެންޓް (1)

މިމީހާ

26 ޑިސެމްބަރު 2022
މޫސާ ލަތީފު މެނަށް ހީވާ ކަހަލަ ލައްކަ އެކޭ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކާމިޔާބުވެސް ކުރައްވާނެ. އިންޝާ ﷲ
3 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް