ތ. ފުނައްޑޫ: އެ ރަށް ސަރުކާރުން ގަނެ މިފްކޯއާ ހަވާލުކުރި އިރު ހާލަތު ވަނީ ދަށްވެފައި.

ސަރުކާރުން ފުނައްޑޫ ގަނެ މިފްކޯއާ ހަވާލުކޮށްފި؛ ހާލަތު ވަރަށް ދަށް

އެ ރަށް ބޭނުން ކުރާނީ ހަމައެކަނި މަސް ގަތުމަށް
30 މާރިޗު 2022

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން ވިއްކާލަން އިއުލާންކޮށް އެތައް އަހަރެއް ވީއިރު ވެސް ނުވިކި އޮތް މަސް ޕްރޮސެސިން ޕްލާންޓެއް ހިންގި ތ. ފުނައްޑޫ އެންމެ ފަހުން ސަރުކާރުން ގަނެ، އެ ތަން ހިންގަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުނައްޑޫގައި ހުރި މަސް ޕްލާންޓް ނުހިންގާ ހުންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަށް އޭނާ ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގައި މިއަދު ވަނީ އިއްވާފަ އެެވެ.

މިނިސްޓަރުގެ ބަސް - ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބީއެމްއެލްގެ އަތުން ފުނައްޑޫ މިހާރު ގަނެފައިވާ ކަމަށެވެ. އަދި އެ ތަން ހިންގަން މިފްކޯއާ ހަވާލުކޮށް، އެ ތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ސަރުކާރުން ފުނައްޑޫ ގަތް އަގު މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. އެ މައުލޫމާތު ސާފުވާ ގޮތެއް ވެސް އަދި ނުވެ އެވެ.

އެނގުން މުހިންމު - މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު 'ދައުރު'އަށް ވިދާޅުވީ މިފްކޯއިން ފުނައްޑޫއާ ހަވާލުވީ މި މަހުގެ 5ގައި ކަމަށެވެ.

ހާލަތު ވަރަށް ދަށް؛ ކުރަން ޖެހޭ ހަރަދު ބޮޑު

ފައުޒީ ވިދާޅުވީ ފުނައްޑޫ މިވަގުތު އޮތީ އޮޕަރޭޝަނަށް ގެނެވޭ ފަދަ ހާލަތަކަށް ވުރެ ދަށް ހާލަތެއްގައި ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ބަނދަރު އޮތީ މަސް ކިރުވަން ދޯނިތަކަށް ކައިރި ކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި؛ އެެހެންވެ، އެންމެ ފުރަތަމަ ވެސް އެ ރަށުގެ ބަނދަރު ހަދަން ޖެހޭ

  • ޕްރޮސެސިން ޕްލާންޓާއި އެ ތަނުގައި ހުރި މެޝިނަރީތައް ވަނީ ބާވެފައި

  • މަސް ރައްކާ ކުރާ ކޯލްޑް ސްޓޯރޭޖް ވެސް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި

ފައުޒީ ވިދާޅުވީ އެ ރަށް ބޭނުން ކުރާނީ ހަމައެކަނި މަސް ގަތުމަށް ކަމަށެވެ.

"އެ ތަނަށް އަޅާނުލާ އެހާ ގިނަ ދުވަސް ވީމާ މުޅި ތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް. އަދި އެސެސްމަންޓެއް މި ހަދަނީ. އެއަށް ފަހު އެ ތަނަށް ހިނގާނެ ހަރަދާއި އޮޕަރޭޝަނަށް ގެނެވޭނެ ދުވަހެއް އެނގޭނީ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް