ސިނަމާލެ ބްރިޖު ފެށޭ ހިސާބުން މާލޭގެ ގޮނޑޮދޮށަށް ބިސް އަޅަން އެރި ވެލާ ފުލުހުން ނަގައިގެން ގެންދަނީ: މާލޭގެ މުޅި ތިމާވެށި ވަނީ ހަލާކުވެފައި

ތިމާވެށި

މާލޭގެ ވެއްޓާއި ވެއްޔަށް މިވީ ކިހިނެއް؟

އެތައް ގަރުނެއް ވަންދެން ހިމާޔަތް ލިބުނު ފަރު ވަނީ ދާއިމަށް ގެއްލިފައި. އެކަމަކު އެހެން ރަށްރަށުން ވެސް ބޭނުންވަނީ އެ ތަރައްގީ

މުހިންމު ނުކުތާތައް

ގުދުރަތީ ދިރުންތައް ފަނާވުމުން އޭގެ ނުރަނގަޅު އަސަރު ކައިރި މުސްތަގުބަލްގައި ދިމާވާނެ

ތިމާވެށީގެ ދުވަހު ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ އާންމުން އަޑުއަހާނެ މިންވަރާ މެދު ސުވާލު

މާލޭގެ 'ތަރައްގީ'ގެ ދެލިކޮޕީއަކަށް އެހެން ރަށްރަށް ވުމަކީ ދެރައެއް

މާލޭގައި ރާއްޖޭގެ ޖަޒީރާ ރަށެއްގެ ގުދުރަތީ ވެއްޓެއް ނެތެވެ.

ގަސްކަރައެއް ނެތެވެ. ވެއްޔެއް ވެސް ނެތެވެ. އަތިރިމައްޗެއް ވެސް ނެތެވެ.

މާލޭގެ މަލަމައްޗަކީ ރާއްޖޭގެ ޖަޒީރާ ރަށެއްގެ ސިފަ އޮތް ތަނެކޭ ބުނާނެ އެއްވެސް ޖާގައެއް ނެތެވެ.

މާލޭގައި އޮތީ 'އާޓިފިޝަލް' ނުވަތަ ގުދުރަތީ ސިފަ މުޅިން ގެއްލިފައިވާ، އޭގެ ޒާތުގައި ވެއްޓިފައިވާ ވެއްޓެކެވެ.

މާލޭގެ ވަށައިގެން އޮތީ ކޮންކްރީޓާއި ބޮޑު ހިލަ އެވެ.

މާލޭގެ ހަގީގީ ވަށާފާރަކީ ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަކަށް ލިބިފައިވާ ފުރިހަމަ ދިފާއީ ނިޒާމު އަދި ދިރި އޮތް، ދިރުންތަކުގެ މުއްސަނދިކަން އޮތް، ދެމެހެއްޓެނިވި ގޮތުގައި އެތައް ހާސް އަހަރެއް ވަންދެން އިޔާދަވަމުން އައި، ގުދުރަތީ ފަރެވެ. ނަމަވެސް އެ ގުދުރަތީ ވަށާފާރު މުޅިންހެން މާލެއިން ނައްތާލާފައި، މިހާރު އޮތީ އޭގެ ބަދަލުގައި އަޅާފައިވާ އޭގެ ޒާތުގައި މަރުވެފައި އޮތް ކޮންކްރީޓް ފާރެކެވެ. ނަމަވެސް މިއަށް ރާއްޖޭގެ ގިނަ ބަޔަކު ފަޚުރުވެރިކަމާ އެކު ކިޔަނީ 'ތަރައްގީ' އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލޭގެމި 'ތަރައްގީ' ތަކުރާރުކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށް ވެ އެވެ. މި 'ތަރައްގީ' ވެފައިވަނިކޮށް ދާދި ފަހުން ވެލައެއް ބިސް އަޅާނެ ތަނެއް ހޯދަމުން ގޮސް މާލެއަށް އެރުމަކީ އެސޮރަށް ކުރެވުނު ނުރައްކާތެރި ކަމެކެވެ. މާލޭގެ އިރުދެކުނު ކަނުގައި އޮތް ވެލިކޮޅެއްގައި ބިސް އަޅަން ވަޅު ކޮންނަން އޮއްވާ ފުލުހުން ގޮސް ހިފައިގަނެގެން އެސޮރު އެތަނުން ބޭރުކުރި އެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ގިރާލާފައި: ތިމާވެށީގެ ބޮޑެތި މައްސަލަތައް ދަނީ ކުރިމަތިވަމުން (ފޮޓޯ/ޔުނިސެފް/އަޝްވާ ފަހީމް)

ވެލައަކީ ރާއްޖޭގައި ހިފުން މަނާކޮށް 1995 އިން ފެށިގެން އެކި ގޮތަށް 'ހިމާޔަތްކޮށްފައި'ވާ ވަރަށް ޚާއްސަ ޖަނަވާރެކެވެ. ވެލައެއްގެ އުމުރު 50-70 އަހަރަށް ދެމިގެންދާ އިރު އިންސާނުން ދިރިތިބޭ އުމުރާ މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް އިންސާނުންނަށް ވުރެ މާ ދޮށީ، ދުނިޔޭގައި އުޅެމުންދާ ގުދުރަތީ އަޖައިބެއް ކަމުގައިވާ، ރާއްޖޭގެ ރަށްވެހި ވެލަޔަކީ އަދު މާލޭގައި އުޅޭ ދިވެހިންނަށް ބީރަށްޓެހި ޖަނަވާރަކަށް ވެއްޖެ އެވެ. ބިސް އަޅަން އޮތް ހިމާޔަތްކޮށްފައިވާ ވެލައަށް އިހުތިރާމްކުރާކަށް ގާނޫނު ނަގަހައްޓާ، ތަންފީޒުކުރުމުގެ ޒިންމާ އޮތް ދިވެހި ފުލުހުންނަކަށް ވެސް ނޭނގުނެވެ. ވެލާ ބިސް އަޅަން މާލެ އެރުމަކީ ކުށަކަށް ވެގެން ދިޔަ އެވެ. މި 'ތަރައްގީ'ގައި ވެލައަށް ޖާގައެއް ނެތެވެ. ފަރަކަށް ޖާގައެއް ނެތެވެ. ފަރުން އުފެދޭ ވެއްޔަކަށް ވެސް ޖާގައެއް ނެތެވެ. ރަށުގެ ވަށައިގެންވާ ދިފާއީ ފާރާ އޭގައިވާ ދިރުންތަކަކަށް ވެސް ޖާގައެއް ނެތެވެ. ނަމަވެސް މި 'ތަރައްގީ'އާ އެކު އަންނަ ނުކިއްސަރު ބަދަލުތައް ދިވެހި ލޯތަކަށް ފެނޭ ބާއޭ އަހުރެން ހިތަށް އަރަ އެވެ.

މާލޭގެ ވަށައިގެން އޮތް ތަރައްގީއަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ދިރުންތަކާ މުޅިން ބީރަށްޓެހި އަދި އޭގެ ޒާތުގައި މަރުވެފައިވާ އެއްޗެއްކަން ލޮލުން ބެލީމާ ފެނެ އެވެ. އިރެއްގައި މާލޭގައި ދޮންވެލި އަތިރިމައްޗަކާއި ދިރިއޮތް މުއްސަނދި ފަރެއް ހިމެނުނަސް މިއަދު އޭގެ ހިމާޔަތާއި ރައްކާތެރިކަމުން މާލެ މަހުރޫމުވެ ނިމިއްޖެ އެވެ. މިއީ ބައެއް އިންސާނުން 'ތަރައްގީ' ދެކެމުން އައި ގޮތުގެ އާޚިރު ނަތީޖާ އެވެ. މާލޭގެ ފަރުގެ ގުދުރަތީ ހިމާޔަތާއި ރައްކާތެރިކަން އެތައް ސަތޭކަ ގަރުނެއް ވަންދެން ލިބުނެވެ. މިހާރު ނެތިގޮސްފައިވަނީ އެ ރައްކާތެރިކަމާ، އަދުގެ ބަހުރުވައިން ބުނާ ނަމަ، ތިމާވެށީގެ ވިލުންވެރިކަމެވެ.

މާލޭގެ ދިރިއޮތް ފަރު ހިއްކާ ނައްތާލުމުން މާލެއަށް އެތައް ނުރައްކަލަކާ ދިމާވަމުން ގޮސްފައިވެ އެވެ. އަދި މި ނުރައްކާތަކުގެ ހަގީގީ ގިލަންވެރިކަން ކައިރި މުސްތަގުބަލުގައި ވެސް ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. މި ތަރައްގީގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ހިތި ވަރަށް އަވަހަށް ފެންނާނެ ކަމާ ދޭތެރޭ އަދު ޝައްކު ކުރެވޭކަށް ނެތެވެ. ދުނިޔެ ދަނީ އާދަޔާ ޚިލާފަށް ހޫނުވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ އުތުރާއި ދެކުނުގައިވާ ބިޔަ ބޮޑު ގަނޑުފެން ސަރަހައްދުތައް ދަނީ ވިރެމުންނެވެ. މި ކަންކަމުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ.

މިއާ ވިދިގެން ރާއްޖޭގެ މުރަކަ ފަރުތަކުގެ ދުޅަހެޔޮކަމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެކަން ސާފުވެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރުމާއި ދިރިތިބުމުގެ އެންމެ އަސާސީ ރައުސުލްމާލު، ކަނޑުފަޅުތަކާއި މުރަކަފަރުތަކާއި ދިރުންތައް ނުރައްކަލަށް ހުށަހެޅޭނެ އެވެ.

ތިމާވެށީގެ ގެއްލުންތަކުގެ އަސަރު ކޮންމެ ދިވެއްސަކަށް ވެސް ކުރާނެ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މޫސުމީ އޮޔާއި ވަޔާއި އެއާ އެކު އަންނަ ތޫފާންތަކާއި ކޮޅިގަނޑުތައް ދަނީ ވަރުގަދަ ވަމުންނެވެ. މީގެ ނުރައްކަލުން ސަލާމަތް ހޯދުމަށް 'ތަރައްގީ'ގެ ކޮންކްރީޓާއި ބޮޑު ހިލައިގެ ފާރުތައް ރާނަން އުޅުމަކީ އަނެއްކާވެސް 'ތަރައްގީ'ގެ ދަންތުރައެއްގައި ޖެހުމެވެ. ރާއްޖެ ރާއްޖޭގެ ގޮތުގައި އުފައްދާ އިޔާދަކޮށްފައިވަނީ އިންސާނުންނެއް ނޫނެވެ. ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ ގުދުރަތީ އަޖައިބެކެވެ. އަދި ނިއުމަތެކެވެ. ދިރިހުރި ފަރުތަކާ އެތައް ހާސް ދިރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ދޮންވެލި އުފައްދާ ފަރުތައް ފަނާކޮށްފައި ކޮންކްރީޓުން ތަރައްގީ ގެނެވޭނެ ކަމަށް އިންސާނުން ހީކުރާހީކުރުމަކީ ވަރަށް ބޮޑު ކުށް ހީއެކެވެ.

އިންސާނުންނަކީ ގުދުރަތީ މާހައުލުގައިވާ އެންމެ ދިރުމެކެވެ. އިންސާނުންގެ ދިރުމާއި ދުޅަހެޔޮކަމާއި ރައްކާތެރިކަން ބަރޯސާވަނީ މި ވެށީގައިވާ އެންމެހާ އެހެން ދިރުންތަކެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށެވެ. މިއީ ލާމެހިފައިވާ ޗޭނެއްގެ ތެރޭގައި ހިނގާ ގުދުރަތީ ހަގީގަތްތަކެކެވެ. މި ހަގީގަތަށް ފުރަގަސްދިނުމުން ނުކުންނަ ނަތީޖާތައް މާލެ އާއި އެހެން ރަށްރަށުން ވެސް އަދު ދަނީ ފެންނަމުންނެވެ. ރަށް ގިރުމުގެ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކެވެ. ފަރުފަޅުތަކުން ލިބޭ ނަފާ ހީނަރުވަމުން ދިއުމެވެ.

މާލޭގެ ގުދުރަތީ ދިފާއީ ނިޒާމު ކަމަށްވާ މި ރަށުގެ ފަރު ހިއްކަމުން ގޮސް މުޅިން ފަނާވެ ދިއުމުން އެއާ އެކު އޭގައިވާ މުއްސަނދިކަމާއި ދިރުންތައް ހީނަރުވެ ފަނާވެ ނެތިދިޔައީ އެވެ. އަދި އެ ދިރުންތަކުގެ ސަބަބުން މާލެއަށް ލިބެމުންދިޔަ ހިމާޔަތާއި ރައްކާތެރިކަން ވެސް ގެއްލި ނެތިދިޔައީ އެވެ. މިއީ ދެން އިޔާދަކުރެވޭނެ މާހައުލެއް ނޫނެވެ. ވެލާ ބިސް އަޅަން އެރި މާލޭގެ ވެލިކޮޅަކީ މާލޭގެ ފަރުގެބާކީ އޮތް މުރަކައިގެ މައްޗަށް ކޮންކްރީޓާއި ބޮޑު ހިލައިގެ އަސަރު ގަދަވެ، ދޮންވެލީގެ ބަދަލުގައި މިލަވެއްޔަށް ބަދަލުވެފައިވާ އެއްޗެކެވެ. މާލޭގެ އާޓިފިޝަލް ބީޗްގައި އަދު އޮތީ ދިވެހި ފަރުން އުފެދޭ ގުދުރަތީ ދޮންވެލިތޯ ސުވާލު ކުރެވެ އެވެ. ސަބަބަކީ މި ވެއްޔަށް އައިސްފައިވާ މިލަ ކުލަ އެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުގެ ބަނޑުއަކިރިއަކީ ހުދު އަކިރިއެއް ނޫނެވެ. އެއީ ބޭރުން ގެނެސް އެ ސަރަހައްދަށް އަޅާފައިވާ ހިލަވެއްޔާއި ގަލާއި ބޮޑު ހިލަޔާއި ކޮންކްރީޓް ފުނޑިގެން އުފެދެމުން ދާ އެއްޗެކެވެ. މިއަށް އަކިރި ކިޔޭނެ ޖާގައެއް ވެސް ނެތެވެ. މާލޭގެ ދިރިއޮތް ފަރުގެ ވެށި ފަނާވެފައިވަނީ ދާއިމަށެވެ.

ފުވައްމުލަކުގެ ރީތި ތުނޑި: މިކަހަލަ ގުދުރަތީ ރީތިކަމަކީ ރާއްޖެއަށް ލިބިފައި އޮތް މުއްސަނދިކަމެއް

އަދަކީ އަނެއްކާވެސް ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތިމާވެށީގެ ވާހަކަތަކާއި މުޅި ދުނިޔޭގެ ވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަތަކުން މީސްމީޑިއާ ގުގުމާނެ ދުވަހެކެވެ. ސަރުކާރުގެ އެކި މުއައްސަސާތަކުން ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަތަކުގެ އަޑު ފަތުރާނެ އެވެ. ނަމަވެސް ރާއްޖޭގައި މި ވާހަކަތައް ދެކެވޭއިރު ރައްޔިތުން މިކަންކަމާ އެއްވެސް މިންވަރަކަށް ވިސްނާނެ ބާއެވެ؟ މާލެއަކީ ގުދުރަތީ ގޮތުން މަރުވެފައި އޮތް ވެއްޓެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭނެ ބާއެވެ؟

މާލޭގެ ތަރައްގީ، މާލެއަށް ގެނެސްފައިވާ ގޮތަށް ރަށަށް ގެންދަން ބޭނުންވާ ރައްޔިތުން މިކަމާ ވިސްނަން ޖެހެނީ މާދަމާއަށް ނަޒަރުކުރަމުންނެވެ. ތިމާ އާއި ރަށު އެންމެންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެންނެވެ. ރަށުގެ ރައްކާތެރިކަމާއި ވިލުންވެރިކަން ދެމެހެއްޓުމަށް ސަމާލުކަން ދީގެންނެވެ. މަރުވެފައިވާ މާލޭގެ ދެލިކޮޕީއަކަށް ކޮންމެ ރަށެއް ހެދުމުން ރާއްޖޭގެ ގުދުރަތީ ދޮންވެލި އަތިރިމަތިތައް، މާލެ ފަދައިން، މިލަ ކުލައަށް ބަދަލުވެ ތަޣައްޔަރުވާނެ ނޫން ބާއެވެ؟ ވެލާ ކަހަނބަށާއި ދިވެހިންނަށް ވެސް މިއަށް ވުރެ ރައްކާތެރި ގުދުރަތީ ނިއުމަތްތަކުގެ ނަފާ ލިބޭނޭ ސާދާ މާދަމައެއް ހޯދޭނެ ގޮތް ޚިޔާރުކުރެވިދާނެ އެވެ.

ރާއްޖޭގައި ވެއްޔަކީ ފަރުތަކާއި އޭގައިވާ މުއްސަނދި ދިރުންތަކުގެ މާހައުލީ ނިޒާމު އޮންނަ ގޮތުގެ ސަބަބުން، އެ ދިރުންތަކުގެ ޒަރިއްޔާއިން އުފެދިގެން އަންނަ އެއްޗެކެވެ. ޖަޒީރާ ރާއްޖޭގެ ދޮންވެލި އަތިރިމަތި ދަރިންނަށާއި ފަތުރުވެރިންނަށް ރަށުން ދައްކަން ބޭނުންވާ ބަޔަކު މާލޭގެ 'ތަރައްގީ' ރަށަށް ގެންދަން ޚިޔާރުކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު

ހުމައިދާ އަބްދުލްޢަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރާ ރިސާޗަރެކެވެ. އޭނާ އަންނަނީ މަދަނީ ޖަމިއްޔާތަކާ އެކު އެކި މަސައްކަތްކުރަމުންނެވެ. ހުމޭއަކީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެކެވެ. އޭނާ ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކުރީ އިނގިރޭސިވިލާތުގެ ދެ ޔުނިވަސިޓީއަކުންނެވެ.

ކޮމެންޓް (1)

ހަސްމޫ

5 ޖޫން 2022
މަށަށް ގަބޫލުކުރެވޭ ލިޔުމެއްނޫން..ކަނޑުގެ ލޮނުގަނޑު އުފުލޭކަން ޔަގީން..ގިނަ ރަށްތަނެއްގެ ބޮޑުބައެއް ގިރާލައިފި..ގިނަ ރަށްތަނެއްގެ ގެދޮރާއި ހަމަޔަށް ރާޅު އަރާ..ބޮޑުހިލަ ޖަހައިގެން ގިނަ ރަށްތަކެއް ހިމާޔަތުގެ ކުޑަ މިންވަރެއްވެސް ލިބެނީ..މިރަށް ތަކުގައި އުޅޭނަމަ އެނޫންގޮތެއް ނެތް..މުޅި ދުނިޔެ ރާއްޖެއަށް ކޮންޓްރޯލް ނުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް