ގައުމީ ޔުނިވަސިޓީ: ޔުނިވަސިޓީގެ ދަރަޖަ ލިބޭ ޝަރުތުތަކަށް ލުއި ގޮތެއް ހަމަޖެއްސުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

15 އަހަރު ވެފައިވާ ކޮލެޖުތަކަށް ޔުނިވަސީޓީގެ ދަރަޖަ ދެވޭ އިސްލާހެއް

މިހާރު ގާނޫނު އޮންނަ ގޮތުން، ޔުނިވަސިޓީގެ ދަރަޖަ ލިބޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 20 އަހަރު މެދުނުކެނޑި އެ ކޮލެޖެއް ހިންގާފައިވުން

ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވަސީޓީގެ ދަރަޖަ ލިބޭ ގޮތަށް، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. މި އިސްލާހު ހުށަހެޅުއްވީ، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އެ ބިލުގައި ބުނެފައި ވަނީ:

  • ރާއްޖޭގައި ހިންގާ ކޮލެޖުތައް، ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ އެ ތަންތަން ވަކި މުއްދަތަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކުރުން

  • އޭގެ ބަދަލުގައި، އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކޮލެޖްތަކަށް ބާރުއެޅުމަށް، ޔުނިވަސީޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރަށް ރިއާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއްގެ ގޮތުގައި ހަމަޖެއްސުން

ތުލުސްދޫ ދާއިރާ މެންބަރު އިބްރާހިމް ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ތަފްސީލު - ބިލުގައި މައިގަނޑު އިސްލާހަކަށް އޮތީ، ޔުނިވަސީޓީގެ ދަރަޖަ ދިނުމަށް ކޮލެޖްތަކުން ފުރިހަމަ ކުރަން ޖެހޭ ބައެއް ޝަރުތުތަކަށް ލުއި ދިނުމުގެ އިތުރަށް، ބައެއް ޝަރުތުތައް އިތުރަށް ތަފްސީލު ކުރުމެވެ. އެގޮތުން، ނަސީމް ހުށަހެޅުއްވީ، މެދުނުކެނޑި 15 އަހަރު ވަންދެން ހިދުމަތް ދެމުން އަންނަ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ހެދުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން:

  • ޔުނިވަސީޓީގެ ދަރަޖަ ލިބޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރު ވެފައިވާ ތަންތަނަށް

  • ބޭރު ގައުމެއްގެ ޔުނިވަސީޓީއެއް ރާއްޖޭގައި ހިންގާ ނަމަ، އެ ތަނެއް އެ ގައުމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 10 އަހަރު ވާން ޖެހޭ

ނަސީމް ހުށަހެޅުއްވި އިސްލާހުގައި ބޭރު ގައުމެއްގެ ޔުނިވަސީޓީގެ މުއްދަތަށް ބަދަލެއް ނުގެނެ އެވެ.

އޭގެ އިތުރުން، މަދުވެގެން ތިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ތަނަކަށް ވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އެ ދާއިރާތަކަކީ:

  • އާޓްސް އެންޑް ހިއުމެނިޓީޒް

  • އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ

  • ލައިފް ސައިންސް އެންޑް މެޑިސިން

  • ނެޗުރަލް ސައިންސަސް

  • ސޯޝަލް ސައިންސަސް

އެނގުން މުހިންމު - މިހާރު ގާނޫނު އޮންނަ ގޮތުން، ޔުނިވަސީޓީގެ ދަރަޖަ ދޭ ތަންތަނުގެ ޝަރުތުތައް މާ ތަފްސީލުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. ވަކި މުއްދަތަކަށް ކޮލެޖެ ހިންގުމުގެ އިތުރުން، ދެން ގާނޫނުގައި ބުނަނީ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް ފެތޭ، ޔުނިވަސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިިމްކޮށްފައި ހުންނަން ވާނެ ކަމަށެވެ. ގާނޫނުގައި ސީދާ ލިޔެފައި ނެތަސް، އެ މިންގަނޑު ކަނޑައެޅުމުގެ ބާރު އޮންނަނީ މިނިސްޓްރީ އަށެވެ.

ނަސީމް ވަނީ ބައެއް ޝަރުތުތައް ސީދާ ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެހެނިހެން ބައެއް ކަންކަމަކީ:

  • ލެވެލް ހަތެއް ނުވަތަ އެއަށް ވުރެ މަތީ ލެވެލްއެއްގެ ޕްރޮގްރާމްތަކުގައި ކިޔަވާ މަދުވެގެން 500 ދަރިވަރުން ތިބި ކޮލެޖަކަށްވުން

  • ބައިނަލްއަގުވާމީ ޔުނިވަސިޓީ ރޭންކިންއެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ރޭންކިންއެއްގައި ދަރަޖަކުރެވިފައިވާ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް އެ ކޮލެޖެއްގައި މަދުވެގެން ފަސް އަހަރު ހިންގާފައިވުން

  • ކޮލެޖުގައި ކިޔަވައިދޭ މުވައްޒަފުންގެ ތެރެއިން %10 މީހުން ލެވެލް 10ގެ ސަނަދެއް ހާސިލުކޮށްފައިވުން

ފަސް މަންޒަރު - ރާއްޖޭގައި މިވަގުތު ހުރީ ދެ ޔުނިވަސިޓީ އެވެ. އެއީ ސަރުކާރުގެ ދެ ތަން ކަމަށްވާ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސީޓީ އެވެ. މި ބިލު ފާސް ވެއްޖެ ނަމަ، މިހާރު ހުރި ގިނަ ކޮލެޖުތައް ޔުނިވަސިޓީތަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް