ދިގުރަށުގެ އަތިރިމަތި: ކަނޑާއި މޫދު ބަލަން އަދި އެ ފެންނަ ހިސާބުގައި ވަގުތު ހޭދަކުރަން އިންސާނުން ޝައުގުވެރިވޭ. (ފޮޓޯ/އާއިޝަތު ޝާމިލާ)

ކޮލަމް

ނޫ މާހައުލު، ނޫ ސިއްހަތު

ކަނޑާއި މޫދު ބެލުމަށް އަދި އެ ފެންނަ ހިސާބުގައި ވަގުތު ހޭދަކުރަން އަޅުގަނޑުމެން ޝައުގުވެރިވަނީ ކީއްވެ؟
28 ސެޕްޓެމްބަރު 2021

ހުޅުމާލޭގައި ދިރިއުޅެމުން މާލޭގައި ވަޒީފާ އަދާކުރާތީ ކޮންމެ ދުވަހަކު ދެ ފަހަރު މަތިންހެން ހުޅުމާލެ-މާލެ ހައިވޭ އަދި ބްރިޖުން ދަތުރު ކުރަން ޖެހެ އެވެ. ކަނޑު ހުރަސްކޮށް މި ކުރާ ދަތުރަކީ މޫދުގެ އެކި ކުލަތައް ފެންނަ ދަތުރެކެވެ. ވިލުކުލަ، މަޑުނޫ، ގަދަނޫ އަދި މިހެން ގޮސް ދުރުން ކަނޑުގެ ފުން ހިސާބުން ކަޅާ ގާތްކުރާ ނޫ ވެސް ފެނެ އެވެ. އެކި ދުވަހު އެކި ކުލަ އެވެ. ބަނަ ދުވަސް ދުވަހު ނޫކުލަ ފަނޑެވެ. ބައެއް ދުވަސް ދުވަހު ކަނޑު މަޑުވާނެ އެވެ. އަނެއް ބައި ދުވަސް ދުވަހު ބާރުގަދަ ރާޅުތައް އާދެ އެވެ. ދުނިޔޭގެ ކަންކަން އަބަދު އެއްގޮތަކަށް ނޯންނާނެކަން ހަނދާންކޮށްދޭ ކަހަލަ އެވެ.

މި ދަތުރުގައި ކަނޑު ފެނުމުން ލިބޭ ހިތްހަމަޖެހުމާއި އޮފީހަށް ދެވޭއިރު ހުންނަ ތާޒާ ވިސްނުމާއި ދުވަސް އަދި މި ފެށުނީކަން ހީވާ ހީވުން ހިތަށްއަރާއިރު ބައެއް ފަހަރު މާލޭގައި އުޅުނުއިރު އޮފީހަށް ދާ ދަތުރާ އަޅާބަލައިލެވެ އެވެ. މާލޭ މަގުތަކުގައި އެކި ގޮތްގޮތަށް ވެހިކަލްތައް ދުއްވަމުންދާ މީހުންނާ ދިމާވެ، އޮފީހަށް ދެވޭއިރު ހުންނަނީ ތަންކޮޅެއް ޕްރެޝަރު މަތިވެފައިހެން ވެސް ބައެއް ފަހަރު ހީވެ އެވެ. އޮޔާ އިދިކޮޅަށް ކުރިއަށް ދިއުމަށް ކުރި މަސައްކަތުން ދުވަހުގެ ދެ ބައިކުޅަ އެއް ބައި ހޭދަވެއްޖެހެން ހީވެ އެވެ. މި ތަފާތަކީ ފަހަރެއްގައި މި ދިމާވާ އުނދަގޫތައް ހައިވޭގައި މަދުވުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަހަލަ އުނދަގޫތައް މުޅިއަކުން ނެތީއެއް ނޫނެވެ. ހައިވޭގައި ދާ 'ބަޑީ ސައިކަލްތަކާ" (ދެ ސައިކަލް އެއްވަރަށް ސޯޝަލްކޮށް – ހަމަ ކޮނޑަށް އަތް ވައްޓާލައިގެން ނުދުއްވާކަން) ދިމާވެއްޖެއްޔާ މިކަހަލަ ހިތްހަމަނުޖެހުންތައް ކުރިމަތިވެ އެވެ.

މިއީ މަގުމަތީގައި ދުއްވުމާ ބެހޭ ލިއުމެއް ނޫނެވެ. ނަމަވެސް މި ލިއުމުގެ މައިގަނޑާ ބެހޭ ހިޔާލުތައް އައީ މިގޮތަށް ދުއްވި ދުއްވުންތަކުންނެވެ.

ހުޅުމާލެ-މާލެ ހައިވޭ: ކަނޑު ހުރަސްކޮށް ބްރިޖު މަތިން ކުރާ ދަތުރަކީ މޫދުގެ އެކިއެކި ކުލަތައް ފެންނަ ދަތުރެއް. (ފޮޓޯ/ މިޒްނާ މުހައްމަދު)

އާ މަގުން ދަތުރު ކުރާއިރު ހިތްހަމަޖެހުން ލިބެނީ ފަހަރެއްގައި އެ ދަތުރުމަތީ ކަނޑު ފެންނަން އޮންނާތީ ބާއޭ ހިތަށްއެރި އެވެ. މިއީ ކިހާ ގުޅުން ބޮޑު ދެ ކަންތައް ބާއޭ ހިތަށްއަރަ އެވެ. ކަންކަން ބަލައި ވިސްނުމުގެ އާދަ ހުންނާތީ ފެނިފައި ހުރި ބައެއް ކަންކަމާއި އަމިއްލައަށް ކުރެވިފައި ހުރި ތަޖުރިބާގެ އަލީގައި މިކަމަށް އިތުރަށް ވިސްނާލީމެވެ.

ރަށްރަށަށް ގޮސް އުޅޭއިރު މޫދާއި ލޮލުން ނުފެންނަހާ ދުރަށް ކަނޑު ފެންނަ ތަނުގައި ކިތަންމެ ގިނަ އިރަކު ވެސް ފޫއްސެއް ނުވެ އިނދެވެ އެވެ. އަދި ޗުއްޓީގައި ރަށްރަށަށް ގޮސް އުޅޭއިރު މިފަދަ ވަރަށް ގިނަ ވަގުތުތައް ހޭދަކުރެވެ އެވެ. ހާއްސަކޮށް ހަވީރު ގަޑިއަކީ ކުދިން ގޮވައިގެން ގޮސް ދޮންވެލިގަނޑުގައި އިރު އޮއްސެންދެން ތިބޭ ވަގުތުކޮޅެކެވެ. މާލެ އާއި ހުޅުމާލޭގައި ވެސް ހަވީރު ގަޑީގައި ބީޗު ކައިރީގައި އެކި އުމުރުފުރައިގެ މީހުންނާއި ކުދިން ތިބޭ ތަން ފެނެ އެވެ. ދުވަސްވީ ބައެއް ފަރާތްތަކަށް މިއީ ވަރަށް މުހިއްމު ވަގުތުކޮޅެއް ކަމަށް ބުނެ އެވެ. ހާއްސަކޮށް މާލެ ފިޔަވާ އެހެން ރަށްރަށުން މާލެއަށް ބަދަލުވެ ދިރިއުޅޭއިރު މޫދު ފެނިލަން ނުކުތުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ބުނެ އެވެ. ރަށްރަށުގެ ހޮޅުއަށި މައިޒާންތަކަށް ބެލިއަސް މިއީ އާއްމުން ވަގުތު ހޭދަކޮށްލަން އެންމެ ހިތްހަމަޖެހޭ ތަން ކަމަށް ބެލެވެ އެވެ. ކަނޑުން އަންނަ ތާޒާ ވަޔަކީ ވެސް މި ތަޖުރިބާގެ ބޮޑު ބައެކެވެ.

ކަނޑާއި މޫދު ބެލުމަށް އަދި އެ ފެންނަ ހިސާބުގައި ވަގުތު ހޭދަކުރަން އަޅުގަނޑުމެން ޝައުގުވެރި މިވަނީ ކީއްވެ ބާ އެވެ؟ މިފަދަ ކަންކަން ދިރާސާކުރައްވާ ބައޮލޮޖިސްޓެއް ކަމަށް ވާ އެޑްވަޑް އޯ ވިލްސަން 1984 ގައި ލިޔުނު ފޮތް 'ބައޯފީލިއާ'ގައި ހުށަހަޅާ ބައޮފީލިއާ ތިއަރީގައި ބުނަނީ، އިންސާނުންނަށް ނޭނގި ނަމަވެސް ގުދުރަތީ ތަންތަނާއި ގުދުރަތީ ދިރުންތަކާ ދިމާލަށް ދިއުމުގެ ސިފައެއް އިންސާނުންގެ ކިބައިގައި ތަބީއީ ގޮތުން ހުންނަ ކަމަށެވެ. ގުދުރަތީ ތަންތަން ފެނުމުން ލިބޭ ހިތްހަމަޖެހުމަކީ މިކަމާ ގުޅުން ހުރި ކަމަކަށް ވެދާނެ އެވެ.

ބައޮފީލިއާ ތިއަރީގައި ބުނަނީ އިންސާނުންނަށް ނޭނގި ނަމަވެސް ގުދުރަތީ ތަންތަނާއި ގުދުރަތީ ދިރުންތަކާ ދިމާލަށް ދިއުމުގެ ސިފައެއް އިންސާނުންގެ ކިބައިގައި ތަބީއީ ގޮތުން ހުންނަ ކަމަށް. ގުދުރަތީ ތަންތަން ފެނުމުން ލިބޭ ހިތްހަމަޖެހުމަކީ މިކަމާ ގުޅުންހުރި ކަމަކަށް ވެދާނެ.

ހިތްހަމަޖެހުމަކީ އަމިއްލައަށް ވާ އިހްސާސެކެވެ. މިއީ މީހާގެ ސިއްހަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެކެވެ. ގުދުރަތީ ތަންތަން، ހާއްސަކޮށް ފެހި މާހައުލުތަކުން މީހުންގެ ސިއްހަތަށް ކުރާ އަސަރާ މެދު ގިނަ ދިރާސާތައް އެބަ ހުއްޓެވެ. މިސާލަކަށް 1980ގެ ތެރޭގައި ގުދްރަތީ ފަރުވާ (އީކޯތެރަޕީ)އެއްގެ ގޮތުގައި ޝިންރިން-ޔޯކޫ (ފޮރެސްޓް ބޭދިން) ޖަޕާނުގައި މަޝްހޫރުވި އެވެ. މި ފަރުވާ އަކީ މީހުން އާއްމު ދިރިއުޅުމުގެ ސްޓްރެސް ފިލުވުމުގެ ގޮތުން ގަސްގަނޑުގަނޑު ނުވަތަ ވަލުތެރޭގައި ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.

މީހާގެ ހުރިހާ ހިއްސުތަކެއް އެ މާހައުލަށް ދޫކޮށްލައި ގުދުރަތީ މާހައުލާ އެކު އެ ހޭދަކޮށްލާ ވަގުތުކޮޅުން މީހާއަށް ސިއްހީ އެތައް ފައިދާއެއް ލިބޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. މިހާތަނަށް މިކަމާ ބެހޭ ގޮތުން ކޮށްފައިވާ އިލްމީ ދިރާސާތަކުން މިފަދަ ފައިދާތައް ގިނަ ކަމަށް ދައްކަ އެވެ. ސާފު ވައިން އަދި ލިބޭ ކަސްރަތުން މީހާ ބަލިތަކާ ދުރުވުމަށް އެހީވުމުގެ އިތުރުން، މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެހީވެދޭ ކަމަށް މި ދިރާސާތަކުން ދައްކަ އެވެ.

ހުޅުމާލޭ އަތިރިމަތި: ހަވީރު ގަޑީގައި ބީޗު ކައިރީގައި އެކި އުމުރުފުރައިގެ މީހުންނާއި ކުދިން ތިބޭ ތަން ފެނޭ. (ފޮޓޯ/ މިޒްނާ މުހައްމަދު)
ވިލިމާލޭ އަތިރިމަތި: މޫދު ފެނިލަން ނުކުތުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް އެތައް ބަޔަކު ބުނޭ. (ފޮޓޯ/ މިޒްނާ މުހައްމަދު)

ކަނޑާއި ފަޅުތަކާ މެދު މިފަދަ ދިރާސާތައް ކޮށްފައިވޭތޯ އަޅުގަނޑު ބަލާލީމެވެ. ކަނޑު، ފަޅު، މޫދު އަދި އެއްގަމުގެ ފެންގަނޑުތައް ހިމެނޭ ގޮތަށް ނޫ މާހައުލުތަކުގެ (ބްލޫ ސްޕޭސް) ނަމުގައި ނަން ދީ، މިފަދަ ސަރަހައްދުތަކުން އިންސާނުންނަށް ކުރާ އަސަރުތަކާ މެދު ފަހުގެ ދިރާސާތައް ކޮށްފައި އެބަ ހުއްޓެވެ.

ނޫ މާހައުލުތަކުގައި ހޭދަކުރާ ވަގުތުތަކަކީ އިންސާނާގެ އަމިއްލަ ސިއްހަތަށް އެހީތެރިވުމުގެ އިތުރުން، އިޖުތިމާއީ ގުޅުންތަކަށް ވެސް ހެޔޮ އަސަރުތަކެއް ކުރާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ގުދުރަތީ މާހައުލުތަކާއި މީހުންގެ އުފާވެރިކަމާ ހުރި ގުޅުން ދެނެގަތުމަށް 20،000އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން އިނގިރޭސިވިލާތުގައި 2013ގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެހެން މާހައުލުތަކާ އަޅާބަލާއިރު ގުދުރަތީ މާހައުލުގައި މީހާ ހުންނައިރު އުފާވެރިކަން ބޮޑު ކަމަށް ފާހަގަކުރެވުނެވެ. އަދި ގުދުރަތީ އެކި މާހައުލުތަކަށް ބަލާއިރު އުފާވެރިކަން އެންމެ ބޮޑީ ކަނޑުތަކާ ކައިރީގައި ހޭދަކުރާ ވަގުތުގައިކަން މި ދިރާސާ އިން ދައްކަ އެވެ.

ދިރާސާތައް ތަފާތު ގޮތްތަކަށް ކުރެވިދާނެ އެވެ. ނަންބަރެއް ނުވަތަ އަދަދެއްގެ ގޮތުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ނުފެނުނަސް، ގުދުރަތީ މާހައުލުތައް އަދި ހާއްސަކޮށް ކަނޑާއި މޫދު ފެނުމުން ހަމަ ޔަގީނުން ވެސް އުފާވެރިކަމުގެ އެތައް އިހުސާސްތަކެއް އަޅުގަނޑަށް ކުރެވެ އެވެ. އަދި މިފަދަ ރީތި، ނޫ މާހައުލެއްގައި އުޅޭވޭ ކަމަށްޓަކައި މާތް ﷲއަށް ޝުކުރުވެރިވަމެވެ.

މި މާހައުލު ދެމެހެއްޓުމަށް އެންމެހާ ފަރާތްތަކުން ވެސް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރަމެވެ.

މި ލިޔުން ކިޔާ އެކި ފަރާތްތަކުން ކޮށްފައިވާ ތިޔަ ފަރާތްތަކުގެ ތަޖުރިބާ ވެސް އަޅުގަނޑު ވަރަށް ކިޔާލާ ހިތްވެ އެވެ.

އެޑިޓަރުގެ ނޯޓު: ތިމާވެށީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޑރ. މިޒްނާ މުހައްމަދު ވަނީ މަސައްކަތްކޮށްފަ އެވެ. މިޒްނާ މި ދާއިރާ އިން މާސްޓާސް އާއި ޕީއެޗްޑީ ހާސިލުކޮށްފައިވަނީ ރާއްޖޭގެ ފަރުތައް އަގުކުރުމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ވެސް ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ތަފާތު ދިރާސާތަކާއި ޕްރޮޖެކްޓުތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް