ތަށި ދޮވުމަށް ސްޕޮންޖުގެ ބަދަލުގައި ބޭނުން ކުރަންވީ ބުރުސް

ތަށި ދޮވުމަށް ސްޕޮންޖު: ރައްކާތެރި ގޮތެއްތަ؟

ތަށި ދޮންނަން ބޭނުންކުރާ ސްޕޮންޖަކީ ފަސޭހައިން ބެކްޓީރިއާ އާލާވާ އެއްޗެއް؛ ހެދޭ އެންމެ ބޮޑު ގޯހަކީ ސްޕޮންޖު ނުހިއްކުން

މުހިންމު ނުކުތާތައް

ކިތަންމެ ގިނަ ފަހަރަކު ސްޕޮންޖް ދޮވުނަސް ބެކްޓީރިއާ އާލާވޭ

ސްޕޮންޖުން އަތަށާއި ބަދިގޭގައި ހުންނަ ސާމާނަށް ބެކްޓީރިއާ ފެތުރޭ

ބުރުސް ހިކޭލެއް އަވަސްވުމުން ބެކްޓީރިއާ ފަސޭހައިން މަރުވޭ

ނޯވޭގަައި ހެދި ދިރާސާއެއް ބުނާ ގޮތުން ބަދިގޭގައި ތަށި ދޮވުމަށް ބޭނުން ކުރާ ސްޕޮންޖުތަކުގައި، ތަށި ދޮވުމަށް ބޭނުން ކުރާ ބުރުހަށް ވުރެ ގިނައިން ބެކްޓީރިއާ އާލާވެ އެވެ.

"ސޮޕޮންޖުތަކުގައި ސެލްމޮނެއްލާ އަދި އެހެނިހެން ބެކްޓީރިއާ އަލާވާ މިންވަރު ބުރުހާ އަޅާބަލާ އިރު ބޮޑު. ސަބަބަކަށް ވަނީ ސްޕޮންޖަކީ އަބަދު ތެތްކޮށް އޮންނަ އެއްޗަކަށް ވުން،" ނޮވީޖިއަން ފުޑް ރިސާޗް އިންސްޓިޓިއުޓްގެ ސައިންޓިސްޓަކު ބުނެފައިވެ އެވެ.

ތަށި ދޮންނަން ބޭނުން ކުރާ އެންމެ ސްޕޮންޖުގަނޑެއްގައި، ދުނިޔޭގައި މީހުން ތިބި އަދަދަށް ވުރެ ގިނަ ވައްތަރުގެ ބެކްޓީރިއާ އާލާވުމުގެ ފުރުސަތު އެބައޮތް ކަމުގައި ޖާނަަލް އޮފް އެޕްލައިޑް މައިކްރޮބަޔޮލޮޖީގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފައި ވެ އެވެ.

ސްޕޮންޖުގައި ބެކްޓީރިއާ އާލާވުމަށް ފަސޭހަވަނީ ރަނގަޅަށް ނުހިކޭތީ

ސްޕޮންޖުގައި ހުންނަ ގިނަ ބެކްޓީރިއާތަކަކީ ގޯސް ބެކްޓީރިއާ ކަމުގައި ނުވިޔަސް އޭގައި ހުންނަ ސެލްމޮނެއްލާ ކަހަލަ ބަލިޖައްސާ ބެކްޓީރިއާއަކީ އަތަށް އަދި ބަދިގޭގައި ހުންނަ ގިނައިން އަތް ޖެހޭ ތަންތަނާއި ހިފާ ގެންގުޅޭ ސާމާނަށް ބެކްޓީރިއާ ފެތުރި ބަލި ޖެހުމުގެ ނުރައްކާ ބޮޑު އެއްޗެކެވެ. 

ތެތްކޮށް އޮންނަ ސްޕޮންޖުގައި ކާ ތަކެތި ހަރުލައި ބެކްޓީރިއާ އިތުރުވާން ފުރުސަތު ލިބި ފަސޭހަކަމާ އެކު ބެކްޓީރިއާ އާލާވެ އެވެ.

ރިސާޗަރުން ބުނި ގޮތުގައި ދިރާސާގައި އެންމެ ހައިރާން ކުރަނިވި ކަމަކަށް ފާހަގަވީ ކޮންމެ ގޮތަކަށް އަދި ކިތަންމެ ގިނަ ފަހަރަކު ސްޕޮންޖު ސާފު ކުރިޔަސް ބެކްޓީރިއާ އާލާވާ ކަމެވެ.

ސްޕޮންޖު ބޭނުން ކުރާ ނަމަ ބެކްޓީރިއާ އަށަގަނަ ނުދިނުމަށް ކުރެވިދާނެ ކަމަކީ ދުވަހީ ގޮތެެއްގައި ސްޕޮންޖު ބަދަލު ކުރުމެވެ.

މިދިޔަ އަހަރު ހަމަ މި ޓީމުން ހެދި ދިރާސާ އަކުން ދެއްކި ގޮތުގައި ތަށި ދޮންނަ ބުރުހަށް ވުރެ ބެކްޓީރިއާ ސްޕޮންޖުގައި އަަށަގަނެ އާލާވާ މިންވަރު އިތުރެވެ.

ދިރާސާ ހެދުމަށް އެއްކޮށްފައިވާ ސްޕޮންޖުތަކެއް

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގެރިކަލްޗާ އިން ބުނާގޮތުގައި ސްޕޮންޖު ސާފުކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސްޕޮންޖު މައިކްރޯވޭވްއަށް ލާ ނުވަތަ ހޫނުފެނުގައި ކެއްކުމަކީ އޭގައި އަށަގެންފައި ހުންނަ ބެކްޓްރީއާ މަދުކުރެވިދާނެ ގޮތެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ސްޕޮންޖުން އެހެން އެއްޗެއްސަށް ބެކްޓީރިއާ ވާސިލްވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް އަވަހަކަށް ސްޕޮންޖު ބަދަލު ކުރުމެވެ.

ތަށި ދޮންނަން ރަނގަޅީ ބުރުސް

ތަށި ދޮންނަން ސްޕޮންޖަށް ވުރެ ރަނގަޅީ ބުރުސް. ސަަބަބަކީ ބުރުސް އަވަހަށް ހިކޭތީ

ޒަމާނުއްސުރެ ދިވެހި ބަދިގެތަކުގައި ތަށި ދޮންނަމުން އައީ ސްޕޮންޖުންނެވެ. ގިނަ މީހުންނަށް ފަސޭހަ ވަނީ ވެސް ތަށި ދޮންނަން ސްޕޮންޖެވެ.

ދިރާސާ އިން ބުނާގޮތުގައި ތަށި ދޮވުމަށް ރަނގަޅީ ބުރުހެވެ. ބޭނުންކޮށްފައި ރަނގަޅަށް ހިއްކާލުމަށް ފަހު އަލުން ތަށި ދޮވުމުން ބުުރުހުގައި ބެކްޓީރިއާ އަށަގަންނަ މިންވަރު މަދެވެ.

"ބުރުސް ހިކޭލެއް އަވަސް ވުމުން، ގެއްލުންދޭ ބެކްޓީރިއާ އަށަގަތަސް ވަރަށް އަވަހަށް މަރުވޭ. ސްޕޮންޖާ ހިލާފަށް، ތަށި ދޮންނަ ބުރުހުގައި ހިފާނެ ތަނެއް ހުރޭ. އެހެންކަމުން ބެކްޓީރިއާ އާއި އަތާ ސީދާ ކޮންޓެކްޓެއް ނުވޭ. އެހެންކަމުން ދެން ފަހަރަކު ތަށި ދޮންނަ ސްޕޮންޖުގެ ބަދަލުގައި ގަންނަންވީ ބުރުހެއް،" މި ދިރާސާ ހެދި ސައިންސްވެރިޔާ ސީއެންއެން އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

ސްޕޮންޖު ބޭނުން ކުރިޔަސް ގިނަވެގެން ދެ ހަފްތާ ތެރޭގައި ބަދަލު ކުރުމަށް އެހެން ސައިންސްވެރިން ލަފާ ދެ އެވެ. އަދި ތަށި ދޮވުމަށް ފަހު ސްޕޮންޖު ތެތްކޮށް ބޭއްވުމުގެ ބަދަލުގައި ހިއްކަން އާދަ ކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް