ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވާހަކަ ދައްކަވަނީ: އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާ.

ސްރީ ލަންކާ

ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި

ސްރީ ލަންކާގެ ރައީސްގެ ބާރުތައް ކުޑަކޮށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މި ބަދަލަކީ ސަރުކާރާ ދެކޮޅަށް އަދި ރައީސް ގޯތާބާޔަ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ގޮވާލާ މުޒާހަރާ ކުރާ މީހުން ރުއްސުމަށް ވެސް ކުރި ކަމެކެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ މީޑިއާ އެޑްވައިޒަރު ޑިނިއުކް ކޮލަމްބާ އަލްޖަޒީރާ ނިއުސް އެޖެންސީއަށް އިއްޔެ ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ހޯމަ ދުވަހު ނިންމާފައިވަނީ ރައީސަށް ގާނޫނުއަސާސީން މިހާރު ލިބޭ އެތައް ބާރެއް، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އުނިކުރުމަށެވެ.

ގާނޫނުއަސާސީއަށް ގެންނަ 21 ވަނަ އިސްލާހުގައިވާ ގޮތުން، ގާނޫނުއަސާސީން މިހާރު ރައީސަށް ލިބޭ ވަރަށް ގިނަ ބާރުތައް ދެން ބަދަލުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ބައެއް ކަހަލަ ނިންމުންތައް ނިންމުމުގެ ބާރުތައް ދެން ދެނީ، އުފައްދާ މިނިވަން ކޮމިޝަންތަކަށެވެ.

"ގާނޫނު އަސާސީއަށް ގެންނަ 21 ވަނަ އިސްލާހު ތާވަލުކޮށް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައި،" ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މައްސަލަ ދެން ދާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. މަޖިލީހުން އިސްލާހު ފާސްވުމަށް، މުޅި މަޖިލީހުގެ ތިން ބައިކުޅަ ދެބައި ވޯޓު ބޭނުންވާނެ އެވެ.

އޮކްޓޯބަރު 2020ގައި ގޯތާބާޔަ ރައީސް ކަމަށް ހޮވުނުތާ އަހަރު ދުވަސް ވެސް ނުވަނީސް، ގޯތާބާޔަގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާއާ ދެބެންވެގެން ވަނީ ގާނޫނުއަސާސީއަށް 20 ވަނަ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގެ ސަބަބުން ރައީސަށް ވަނީ މުތުލަގަށް ބާރު ލިބިފަ އެވެ. އެގޮތުން، ވަޒީރުން ވަޒީފާއަށް ނުނިކުތުމަށް އެންގުމުގެ ބާރާއި ވަޒީރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ވެސް މުތުލަގަށް ދީފައިވަނީ ރައީސަށެވެ. އަދި އިލެކްޝަންސް ކޮމިޝަން އެކުލަވާލުމުގެ ބާރާއި ޕަބްލިކް ސާވިސް، ޕޮލިސް، އިންސާނީ ހައްގުތައް، އެންޓި ކޮރަޕްޝަން ކޮމިޝަން އެކުލަވާލުމުގެ ބާރު ވެސް ދީީފައި ވަނީ ރައީސަށެވެ.

ސްރީ ލަންކާގައި 1978 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ބާރު ގަދަ ރިޔާސީ ނިޒާމެކެވެ. ނަމަވެސް 2015ގައި އައި އިސްލާހީ ސަރުކާރުން ވަނީ ރައީސްގެ ބާރުތައް ކުޑަކޮށްލައި އެ ބާރުތައް ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކަށް ދީފަ އެވެ.

ލަންކާ މިނިވަން ވީއްސުރެ ނުދެކޭ ފަދަ ތަދުމަޑުކަމެއް އަންނަނީ ތަހައްމަލު ކުރަމުންނެވެ. ގިނަ ބަޔަކު އެ ބަދުނާމު އަޅުވަނީ ރާޖަޕަކްސާގެ އާއިލާގެ ބޮލުގަ އެވެ. ގޯތާބާޔަ ވަނީ އެ މަނިކުފާނަށް ލިބިދޭ ބާރުތައް ދޫކޮށްލައްވާނެ ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ ރައްޔިތުން މުޒާހަރާ ކުރާ މައިގަނޑު ސަބަބަކީ ރާޖަޕަކްސާ އާއިލާގެ މެމްބަރުން މަގާމުތަކުން ދުރުކުރުމެވެ.

ލަންކާގެ އިގްތިސާދު ނަހަމަ ގޮތުގައި ބޭނުން ކުރުމުންނާއި ކޮވިޑް-19ގެ ސަބަބުން ގައުމު ވަނީ 70 އަހަރު ފަހަތަށް ސޮއްސާލައިފަ އެވެ. އަދި ގައުމުން ބޭރު ފައިސާ ހުސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭހަށް ވަނީ ޖެހިފަ އެވެ.

ލަންކާގެ 17 ވަނަ ލޯން ޕްރޮގްރާމާ ބެހޭ ގޮތުން ބޮޑުވަޒީރު ރަނިލްއާ މަޝްވަރާކުރުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ހޯމަ ދުވަހު ވަނީ ލަންކާއަށް ޒިޔާރަތްކޮށްފަ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ޗައިނާގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި 'ވަން ޗައިނާ' ޕޮލިސީއަށް ތާއީދު ކުރައްވާ ކަމަށެވެެ. ބޮޑުވަޒީރު ވިދާޅުވީ ޗައިނާ އިން ލަންކާއަށް ނަގާފައިވާ ދަރަނިތައް އަލުން ޝެޑިއުލްކޮށްދިނުމަށް ޗައިނާގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ. އެ އޮފީހުން ބުނީ ލަންކާގެ ކާބޯތަކެތީގެ މައްސަލައަށް ލުއި ދިނުމަށް ހަނޑޫ ހަދިޔާ ކުރާނެ ކަމުގެ ޔަގީކަން ޗައިނާ އިން ދޭ ކަމަށެވެެ.

ލަންކާގެ 12 ބިލިއަން ޑޮލަރު ނުދެއްކޭނެކަން އެޕްރީލް މަހު ވަނީ އިއުލާންކޮށްފަ އެވެ. ލަންކާގެ ޕަބްލިކް އެކައުންޓް ހަމައަކަށް އެޅުވުމަށް އައިއެމްފުން ހޯދުމަށް އެދެނީ 3 ބިލިއަން ޑޮލަރެވެ.

ނަމަވެސް އާންމުންގެ ރުޅިވެރިކަމަށް ނިމުމެއް ނާދެ އެވެ. އައިއެމްއެފްގެ ވަފުދު ފިނޭންސް މިނިސްޓްރީއަށް ވަނުމަށް ދިޔަ އިރު ވެސް މުޒާހަރާ ކުރާ މީހުން ވަނީ ހުރަސްއަޅައިފަ އެވެ. އެ ވަފުދަށް ވަދެވުނީ ފުލުހުން މަގު ހުސް ކުރުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް