ރައްދުވާ މީހާއަށް އެ އަމަލަކުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެންދާ ކޮންމެ ކަމަކީ ޖިންސީ ފުރައްސާރައެއް

މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ހުއްޓުވާނީ މިހެން

ޖިންސީ ފުރައްސާރަ އާއްމުވެފައިވާ އިރު މިކަން ހުއްޓުވުމަށް، ވަޒީފާ ދޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭ
15 ނޮވެމްބަރު 2022
7

މުހިންމު ނުކުތާތައް

މަސައްކަތުގެ މާހައުލު ވާން ޖެހޭނީ މުވައްޒަފުންނަށް ރައްކާތެރި ތަނަކަށް

ގެންގުޅެންވީ ޖިންސީ ފުރައްސާރަ އެއްގޮތަކަށް ވެސް ތަހައްމަލް ނުކުރުމުގެ ސިޔާސަތެއް

ފުރައްސާރައާ ދެކޮޅަށް ތެދުވަން މުވައްޒަފުން ބާރުވެރިކުރަން ޖެހޭ

"އޭ ހާދަ ފަލަ އެބަވެއޭ ދޯ؟ މިހާރު މާ ލޯބި ލިބެނީ ދޯ؟" ކައިވެންޏަށް ޗުއްޓީ ނެގުމަށް ފަހު އެނބުރި އޮފީހަށް ނުކުތުމުން 23 އަހަރުގެ ފާތުން (އަސްލު ނަމެއް ނޫން) އަށް ރައްދުވި ބަހަކީ އެއީ އެވެ.

"އަހަންނަށް ކަމުދަނީ މަރީ ކަހަލަ ކުދިން،" މަސައްކަތެއް ނިންމަން ޖެހޭތީ ރޭގަނޑުގެ ލަސް ވަގުތެއްގައި އޮފީހުގައި އަވަދިނެތި އުޅުނު، ތިން ކުދިންގެ މަންމައާ ދިމާއަށް އެހެން ބުނެލީ އޭނާގެ ބޮސް އެވެ.

"ތަންކޮޅެއް ކައިރިއަށް ޖެހިލަބަލަ. އަހަރެން ދަތެއް ނާޅަން،" ހަދީޖާ (އަސްލު ނަމެއް ނޫން) އިށީނދެގެން އިން ގޮނޑި ކައިރި ކޮށްލަމުން ބޮސް ބުންޏެވެ.

ރާއްޖޭގެ ވަޒީފާގެ މާހައުލުތަކުގައި މިފަދަ ކަންކަން ވަރަށް އާއްމުކޮށް ހިނގަ އެވެ. އެކަމަކު މިއީ ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. މުވައްޒަފުންނާ މެދު މިފަދަ ބަސްމަގު ބޭނުންކުރުމުން، ވަޒީފާގެ މާހައުލުގައި އޮންނަން ޖެހޭ ރައްކާތެރިކަމުގެ އިހުސާސް މުވައްޒަފުންނަށް ގެއްލިގެންދެ އެވެ. ޖިންސީ ގޯނާ އާއި ފުރައްސާރަ ގިނަ ފަހަރަށް ފެށެނީ ވެސް މިފަދަ ބަސްމަގާ ހިސާބުންނެވެ.

ވަޒީފާ ދޭ ފަރާތްތަކުން ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް އަމާން އަދި ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމެވެ. މަސައްކަތުގެ މާހައުލުގައި އެއްވެސް ކަހަލަ ތަފާތު ކުރުމެއް އަދި ފުރައްސާރައަކަށް ޖާގަ ނުދިނުމެވެ. މިއީ އިހުތިޔާރީ ކަމެއް ނޫނެވެ. ވަޒީފާ ދޭ ފަރާތްތަކުގެ ގާނޫނީ ޒިންމާ އެކެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން މީހެއްގެ ނުގަބޫލުގައި އޭނާއާ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމަކީ ޖިންސީ ފުރައްސާރަ އެވެ. ޖިންސީ އަމަލު ހިންގުން ކަމަށް ބެލެވޭނީ އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން، ނުވަތަ އެ ނޫން ވެސް އަމަލެއްގެ ސަބަބުން، އެކަން ރައްދުވާ މީހާއަށް އެ އަމަލުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ އެފަދަ ކަންކަމުގެ ތެރޭގައި، ނުރުހުމުގައި ކުރާ، އަންނަނިވި ކަންކަން ހިމެނެ އެވެ:

  • 1-

    ފޮށުމުގެ ގޮތުން ތުނބުން ފުމުން

  • 2-

    އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން

  • 3-

    ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން

  • 4-

    ބެއްދުން

  • 5-

    ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށް ފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން

  • 6-

    އޮރިޔާން ކާޑު ނުވަތަ ބަދުއަހްލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން

  • 7-

    ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން

  • 8-

    ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުސަތު ލިބޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް

ގާނޫނުގައި ޖިންސީ ފުރައްސާރަ މާނަ ކުރަނީ ވަރަށް ފުޅާކޮށް

އޮފީސްތަކުގައި މަސައްކަތް ކުރާ އިރު ވަރަށް ގިނަ ފަހަރަށް މުވައްޒަފުންނަށް ފުރައްސާރައާ ކުރިމަތިލާން ޖެެހެ އެވެ. ހާއްސަކޮށް ވަޒީފާގައި އުޅޭ އަންހެނުންނަށް މިކަން ކުރިމަތިވެ އެވެ. އޮފީސް ތެރޭގައި އާއްމުކޮށް މިކަން ފަށަނީ ސަމާސާއެއް ނުވަތަ ސަކަރާތަކަށް ހަދައިފަ އެވެ. އެކީގައި މަސައްކަތް ކުރާ މުވައްޒަފުން، ސުޕަވައިޒަރުން، ކަސްޓަމަރުން އަދި ކްލަޔަންޓުންގެ ފުށުން ވެސް މިފަދަ ފުރައްސާރަ ކުރުންތައް އަމާޒުވެ އެވެ.

ވަޒީފާގެ މާހައުލުގައި އެކަށީގެންނުވާ ކަންތައް

ވަޒީފާގެ މާހައުލުގައި އެއްގޮތަކަށް ވެސް ހިނގައިގެން ނުވާނެ ބައެއް ކަންކަން ހުރޭ

ވަޒީފާގެ މާހައުލުގައި ހިނގައިގެން ނުވާނެ އިތުރު ބައެއް ކަހަލަ ކަންކަން ތިރީގައި މިވަނީ އެވެ.

  • 1-

    ރަސްމީ ވަޒީފާގެ ބޭރުން ދެ މީހުން އެކީގައި ތަނަކަށް ދާން ނުވަތަ ވަކިން ބައްދަލު ކުރަން އެދުން 

  • 2-

    ބަދުއަހުލާގީ އަދި ޖިންސީ އަމަލެއް ހިންގުމަށް ދައުވަތު ދިނުން

  • 3-

    މީހެއްގެ ހަށިގަނޑު ނުވަތަ ސިފައާ ބެހޭގޮތުން ވާހަކަ ދެއްކުން

  • 4-

    ވަކި ޖިންސަަކަށް ނިސްބަތްކޮށް ނޭދެވޭ ބަސްމަގެއްގައި ވާހަކަދެއްކުން

  • 5-

    ސަމާސާއެއް ނުވަތަ މަޖަލަކަށް ހަދާފައި ނަމަވެސް، ޖިންސީ އަމަލުތަކާ ގުޅޭ ނުވަތަ ފާހިޝް ވާހަކަތައް އޮފީސް ތެރޭގައި ދައްކައި ހެދުން

  • 6-

    މުވައްޒަފެއްގެ ޒާތީ ގުޅުމަކާ ބެހޭގޮތުން އެހެން މީހުންނާ ވާހަކަ ދައްކައި ކުޑައިމީސްކުރުން

  • 7-

    ޖިންސީ ނިޔަތެއް އޮވެ ހުރަސްއެޅުމާއި ތަން ނުދެއްކުން

ވަޒީފާގެ މާހައުލުގައި މިފަދަ ކަންކަމާ މުވައްޒަފުން ކުރިމަތިލާން ނުޖެހޭ ގޮތަށް ފިޔަވަޅު އެޅުމަކީ ކޮންމެ އޯގަނައިޒޭޝަނެއްގެ ވެސް ޒިންމާ އެކެވެ. މިކަން ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީ އެވެ.

ޖިންސީ ފުރައްސާރައާ ދެކޮޅު ސިޔާސަތެއް

ފުރައްސާރައިގެ ބާވަތްތަކާއި ކުރިމަތިވެދާނެ ގޮތްތައް ހިމަނައިގެން ސިޔާސަތު އެކުލަވާލާށެވެ. މިއީ ގާނޫނުން ލާޒިމްކުރާ ކަމެކެވެ. މިގޮތަށް ލިޔުމުން އޮތުމުން މުވައްޒަފުންނަށް ފުރައްސާރައެއް ކުރިމަތިވެއްޖެ ނަމަ އެކަމަކާ ދެކޮޅަށް ތެދުވަން ފަސޭހަވެ އެވެ. 

މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ފުރައްސާރައާ ދެކޮޅަށް ސާފު، ހަރުދަނާ ސިޔާސަތެއް އެކުލަވާލާށެވެ. އެއްވެސް މުވައްޒަަފަކު އަނެއް މުވައްޒަފަކަށް ފުރައްސާރަ ކުރުމަކީ އޯގަނައިޒޭޝަނުން ބަލައިގަންނާނެ ކަމެއް ނޫންކަން މުވައްޒަފުންނަށް ބުނެދޭށެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމާއި މަސައްކަތުގެ މާހައުލުގައި އެންމެންގެ ހައްގުތައް ހިމަޔާތް ކުރާނެކަން ބުނެދޭށެވެ.

އޮފީހުގައި އުޅޭ އެންމެންނަށް މި ޕޮލިސީއަށް ފަސޭހައިން ރިއާޔަތް ކުރެވޭ ގޮތަށް ކުންފުނީގެ ވެބްސައިޓުގައި ވެސް ފެންނަން އޮތުން މުހިއްމެވެ. މުވައްޒަފުންނަށާއި އެ ތަނަކަށް ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފެންނާނެ ފަދަ ގޮތަކަށް، ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އެ ސިޔާސަތު ބަހައްޓާފައި ހުންނަން ގާނޫނު ލާޒިމް ވެސް ކުރެ އެވެ.

މުވައްޒަފުންނަށް ފުރައްސާރަތައް ކުރިމަތިވެ އެކަމާ މެދު އޯގަނައިޒޭޝަނުން ފިޔަވަޅެއް ނާޅާ ނަަމަ އެއީ ފުރައްސާރަ ކުރާ މީހާ އަށް ލިބޭ އިތުރު ހިތްވަރެކެވެ. އެހެންކަމުން އޯގަނައިޒޭޝަންތަކުގައި އޮންނަންވީ ޒީރޯ ޓޮލަރެންސް ޕޮލިސީ އެކެވެ.

މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ހަރުދަނާ ސިޔާސަތެއް އޮތުން މުހިއްމު

ހުރިހާ މުވައްޒަފުންނަށް ތަމްރީން

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރަ ނައްތާލުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެކަމާ ދެކޮޅަށް ތެދުވަން މުވައްޒަފުންނަށް ތަމްރީން ދިނުމެވެ. މުވައްޒަފުން ހޭލުންތެރިކޮށް ސިޔާސަތަށް އަހުލުވެރިކުރުވައި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަން ކުރަންވީ ގޮތް އަދި އޯގަނައިޒޭޝަނުން އަޅާނެ ފިޔަވަޅު ވަކިން ބުނެދޭށެވެ. 

އެއީ "ނުދައްކާ ވާހަަކައެއް" ނޫނީ "މިތަނަކު ތިކަމެއް ނުހިނގާ" ކަމަށް ބުނެ ބީރު ކަންފަތެއް ދިނުމުގެ ބަދަލުގައި ފުރައްސާރަ ހުއްޓުވުމަށް ކެރެންވީ އެވެ.

މުވައްޒަފުން ބާރުވެރިކުރުން

ވަޒިފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުން އާއްމުވެފައިވާ އިރު، އެކަމާ ދެކޮޅަށް ކަން ކުރަންވީ ގޮތެއް އަދިވެސް ބައެއް މުވައްޒަފުންނަކަށް ނޭނގެ އެވެ. އޯގަނައިޒޭޝަނެއްގެ ތެރޭގައި މިފަދަ ކަމެއް ހިނގާ ނަމަ އަދި ތިމާއަށް ފުރައްސާރަ ރައްދު ނުވިޔަސް އެހެން މީހަކަށް އެފަދަ އަމަލެއް ރައްދުވާ ނަމަ އެތަން ބަލަން ނުތިބެ، އަމަލު ކުރަން ބާރުއަޅާށެވެ.

ފުރައްސާރަ ލިބޭ މީހާ ޖެހިލުންވެ (ނަފްސާނީ ގޮތުން މެދުވެރިވާ ކަމެއް) އެކަމާ ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ތިންވަނަ މީހާއަށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެ އެވެ. މިއީ ފަހަކަށް އައިސް ވަރަށް ގިނަ ބޮޑެތި އޯގަނައިޒޭޝަންތަކުގައި ބޭނުން ކުރާ "ބައިސްޓޭންޑާ" މޮޑެލް އެކެވެ.

އަދި މިކަމަށް މުވައްޒަފުން ހޭލުންތެރިކޮށްފި ނަމަ، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ހުއްޓުވުމަށް ކޮންމެ މުވައްޒަފަކަށް ވެސް ޒިންމާއަކާއި ދައުރެއް އޮންނަކަން އެނގެ އެވެ.

ފުރައްސާރަ ހުއްޓުވުމަށް ހުރިހާ މުވައްޒަފުން ބާރުވެރިކުރުން މުހިއްމު

ފުރައްސާރަކުރުމާ ދެކޮޅު ސަގާފަތެއް

މަތީ މަގާމްތަކުގައި ތިބޭ މީހުން މުވައްޒަފުންގެ ފުށުން ނަޖާއިޒު ފާއިދާއެއް ހޯދަން އުޅުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އަދި ވަޒިފާގެ ބިރަށްޓަކައި، އެފަދަ ކަމެއް ހިނގިޔަސް، ރިޕޯޓް ކުރާކަށް މުވައްޒަފުންނަކަށް ނުކުރެ އެވެ.

ނަމަވެސް ފުރައްސާރައާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރަންވީ މަތީ ފަންތީގައި ތިބޭ މީހުންނެވެ. ސަބަބަކީ ޖިންސީ ގޯނާގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ ތަކުލީފަކީ އެންމެ މީހަކަށް އޭގެ އަސަރު ކުރާ ކަމެއް ނޫނެވެ. މުޅި އޯގަނައިޒޭޝަންގެ އެންމެންނަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސަރު ކުރެ އެވެ. އެއް ބަޔަކު ވަޒީފާއަށް އަންނަން ޖެހިލުންވެ ނުތަނަސްވެ އެވެ. އަދި ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވެ އެވެ.

މީގެ ބަދަލުގައި، މުވައްޒަފުންނަށް ދޭންވާ އިހްތިރާމާ އެކު ޕްރޮފެޝަނަލް މިންގަނޑަށް ބަސްމަގާއި އުޅުން ބަހައްޓާ، މުއާމަލާތް ކުރާ ނަމަ މުވައްޒަފުންގެ ފަރާތުން ވެސް ފެންނާނީ އެކަމެވެ. އަދި އޯގަނައިޒޭޝަންގައި މަސައްކަތް ދާނީ ކުރިއަށެވެ.

މުވައްޒަފުންގެ ޝަކުވާތައް ބަލަން ހަރުދަނާ ނިޒާމެއް

ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ބަލަން ޖެހޭ

ފުރައްސާރައެއްގެ ޝަކުވާ ހިފައިގެން މުވައްޒަކު އަތުވެއްޖެ ނަމަ، ސިޔާސަތުގައި ބަޔާން ކޮށްފައިވާ ޝަކުވާގެ ނިޒާމުގެ ދަށުން އެ ޝަކުވާއެއް ބަލައި ފިޔަވަޅު އަޅާށެވެ. ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފަރާތާ ވަގުތުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި އަދި އެކަމުގެ ނަތީޖާ ބުނެދޭށެވެ.

މިފަދަ ޝަކުވާތައް ބަލައި ތަހްގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި، ގާނޫނުގެ ދަށުން ކޮމިޓީއެއް އުފައްދާފައި އޮންނަން ޖެހެ އެވެ.

މިފަދަ މައްސަލަތައް ބަލާއިރު މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ހާއްސަކޮށް މަސައްކަތް ކުރަންޖެހެ އެވެ. އަދި ފުރައްސާރަ ކުރިމަތިވި ފަރާތަށް އެ މައްސަލަ ރިޕޯޓްކޮށްގެން އިތުރު ފުރައްސާރައެއް ކުރިމަތިވިޔަ ނުނިދުމަށް މަސައްކަތް ކުރަންޖެހޭނެ އެވެ.

ހުރިހާ ތަފްސީލެއް ޑޮކިއުމަންޓް ކުރުން މުހިއްމު

ވަޒީފާގައި އެއްވެސް ކަހަލަ ފުރައްސާރައެއް ކުރިމަތިވާ ނަމަ އެންމެ ފުރަތަމަ އެކަން ރިޕޯޓް ކުރަންވީ އެވެ. މައްސަލަ ބަލާ ފިޔަވަޅު އެޅުން އަވަސް ނަމަ މިފަދަ ކަމެއް ދެވަނަ ފަހަރަކަށް ތަކުރާރެއް ނުވާނެ އެވެ.

މަސައްކަތް ކުރާ ތަނުގެ މުވައްޒަފަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅާ ނަމަ އެކަމެއްގެ ތަފްސީލް ވަރަށް ސާފުކޮށް ބުނެދޭން އެނގެންވާނެ އެވެ. ފުރައްސާރަ ކުރިމަތިވި ހާލަތުގެ ހުރިހާ ތަފްސީލެއް ނޯޓް ކުރާށެވެ. ފުރައްސާރަ ކުރިމަތިވީ ކާކުގެ ފަރާތުން ކަމާއި ކޮން މަގާމެއްގައި ހުރި މީހެއްތޯ އަދި ކޮން ކަހަލަ ފުރައްސާރައެއްތޯ ސާފުކޮށް ބަޔާން ކުރަންވާނެ އެވެ. ތާރީހާއި ގަޑި ވެސް މުހިއްމެވެ. ފޯން ކޯލެއް އަދި މެސެޖެއް ނަމަ އޭގެ ތަފްސީލްތައް ޝަކުވާއާ އެކު ހުށަހަޅާށެވެ. މިއީ މުހިއްމު ކަންކަމެވެ.

ފުރައްސާރަ ކުރިމަތިވެއްޖެ ނަމަ އެކަން ފެނުނު ނުވަތަ އަޑުއިވުނު އެހެން މީހެއް ހެެއްކެއްގެ ގޮތުގައި ހޯދުމުން މައްސަލަ ތަހުގީގް ކުރަން ފަސޭހަ

ހެކިބަސް ދޭނެ މީހެއް ހުރުން މުހިއްމު

މަސައްކަތުގެ މާހައުލުގައި ބައެއް މީހުން ފުރައްސާރަ ކުރަނީ ފާޅުގައި އެހެން މީހުން ކުރިމަތީގަ އެވެ. އަނެއް ބަޔަކު އެކަން ކުރަނީ ވަރަށް ސިއްރުން އެކަހެރިކޮށެވެ. އެކަމަކު މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރާ މީހަކު ނަމަ އޭނާގެ ފުށުން މި ފުރައްސާރަ އެހެން މީހުންނަށް ކުރިމަތިވެފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އިތުރު މުވައްޒަފުންނާ ވާހަކަ ދައްކައި އެފަދަ ކަމެއް ކުރިމަތިވިތޯ ބަލާށެވެ. މައްސަލަ ހުށަހަޅާ އިރު ވަށައިގެން ބަޔަކު ތިބި ނަމަ އެމީހުންނަށް ހެކިބަސް ދޭން ފަސޭހަވާނެ އެވެ.

ކުރިމަތިލާންވީ ޕްރޮފެޝަނަލްކޮށް

ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެއީ ފަސޭހަ ކަމެއް ނޫނެވެ. ފިކުރު ބޮޑުވެ ހާސްވެ އެވެ. ސަބަަބަކީ އެކަމުގެ ސަބަބުން ނަފްސާނީގޮތުން މީހާ އަށް ބޮޑު އަސަރެއް ކުރެ އެވެ. އެކަމަކު ޖިންސީ ފުރައްސާރަ އާއި ގޯނާ އަކީ އެއްވެސް މީހަކު ތަހައްމަލްކުރަންވާނެ ކަންކަމެއް ނޫނެވެ. މިފަދަ ކަމެއް އެއް ފަހަރު ދިމާވެއްޖެ ނަމަ އަލުން އެ މުވައްޒަފުގެ ފަރާތުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާށެވެ.

ވަރަށް ފަސޭހައިން ސޯޝަލް މީޑިއާ އަށް މިފަދަ މައްސަލަތައް ފެތުރިގެން ދެ އެވެ. އޭގެ ބަދަލުގައި، ޝަކުވާ ހުށަހަޅާ ނިޒާމްގެ ތެރެއިން މައްސަލަ ބަލައި ކުރިއަށް ގެންދިއުމަށް އޯގަނައިޒޭޝަނަށް ފުރަތަމަ ފުރުސަތު ދޭށެވެ. ޕްރޮފެޝަނަލްކޮށް އަމަލުތައް ބަހައްޓާށެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ ފުރައްސާރަ ހައްލު ކުރުމުގައި ޕްރޮފެޝަނަލްކޮށް ކުރިއަށް ދިއުން މުހިއްމު

ޝަކުވާއާ ގުޅިގެން ޖަވާބުދާރީ ކުރުވާ

ޝަކުވާ ހުށަހެޅުމުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ނަމަ ދެން އޮތް ހަރުފަތަށް ދާން ޖެހިލުން ނުވާށެވެ. ސަބަަބަކީ ޖިންސީ ފުރައްސާރަ ކުރިމަތިވުން ހުއްޓުމަކަށް ގެންނަން ޖެހޭތީ އެވެ. ފުރައްސާރަ ކުރި މީހާގެ އަމަލުތައް ހުއްޓުމަކަށް އަޔަސް، ޝަކުވާއެއް ހުށަހަޅައިފި ނަމަ ތަހްގީގްކޮށް އެޅި ފިޔަވަޅެއް އޮންނަން ޖެހެ އެވެ.

ޝަކުވާއާ ގުޅިގެން މައްސަލަ ކުރިއަށް ދާ ގޮތް އޮޅުން ފިލުވުމަށް އޮންނަ އުސޫލުތަކާއި ހަމައިން މަސައްކަތް ކުރާށެވެ. އެންމެ ފުރަތަމަ ސުޕަވައިޒަރު ގާތުން އަޕްޑޭޓެއް ހޯދާށެވެ. ދެން މުވައްޒަފުންނާ ގުޅޭ ޑިޕާޓްމަންޓުންނެވެ. އަދި އެފަރާތުން ނުލިބިއްޖެ ނަމަ ލީގަލް ޑިޕާޓްމަންޓުންނެވެ. މަސައްކަތްކުރާ ތަނުގެ ޝަކުވާ ކޮމިޓީން ނިންމާ ގޮތް ގަބޫލުނުކުރެވޭ ނަމަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ ހައްގު ގާނޫނުން ލިބިދެ އެވެ.

ކޮމެންޓް (7)

ވާސިއު

15 ނޮވެމްބަރު 2022
އޮފީސް މާހައުލަކީ އެންމެންނަށް ރައްކާތެރި ތަނެއް ކަމުގައި ހެދޭނީ އެންމެން މަސައްކަތް ކޮށްގެން. އަދި އެ ކަހަލަ ކަންކަން ކުރާ މީހުން ފަލީހަތްކޮށް އަދަބު ލިބިގެން
1 0

ދަލޭކަ

15 ނޮވެމްބަރު 2022
ތީގައި އޮންނަ އެންމެ ރަނގަޅު ގޮތަކީ ބޮޑަށް ތިބޭ މީހުން އެކަމަށް ހޭލުންތެރި ކުރުވާ އެކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުން
2 0

ދޮންބީފާނު

15 ނޮވެމްބަރު 2022
އަހަރެންނާ ދިމާލަށް ވެސް ތި ކަހަލަ އެއްޗެހި ކީ. އަޅާނުލާ ހުރީމަ އިތުރަށް ގޯސްވީ. އޮފީހުން ކެނޑެން އުޅުނީމައި މަންމަ ހިތްވަރު ދީގެން އެ ކަމާ ފައިޓް ކުރީ
1 0

އަފީފް

15 ނޮވެމްބަރު 2022
ތިއީ ހިތާމަ ހުރި ކަމެއް. ހާދަ ގިނަ މީހުންނަކަށް ކުރިމަތިލާން ޖެހޭ ކަމެކޭ.
1 0

މަބޫ

15 ނޮވެމްބަރު 2022
ތި ކަހަލަ ކަންކަމާއި ފޭސް ކުރަން ޖެހެނީ ހަމަ އެކަނި އަންހެނުންނަކަށް ނޫން. ފިރިހެނުންނަށް ވެސް ވަރަށް ގިނައިން ދިމާވާ ކަމެއް ތީ
0 0

ސައިމާ

15 ނޮވެމްބަރު 2022
އަހަރެމެން އުޅޭ އޮފީސް ސްޓާފުން ވަރަށް ރަނގަޅު. ވަރަށް އިހުތިރާމް ކުރާނެ އެކަކު އަނެކަކަށް
1 0

ދޮންދީދީ

16 ނޮވެމްބަރު 2022
@ސައިމާ މަވެސް ވައްދާ ތި އޮފީހަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް