އިދިކޮޅު ޕީޖީން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ސަރުކާރުން މަޖިލިސް ހިސޯރުކޮށްފި؛ ނަޝީދު ވަކިކުރަން ތާއީދެއް ނުކުރަން: އިދިކޮޅު

އިދިކޮޅުން ތުހުމަތު ކުރަނީ މެންބަރުންނަށް "ހާއްސަ ޕެކޭޖުތަކެއް" ދީގެން ސަރުކާރުން މަޖިލިސް ކޮންޓްރޯލްކުރާ ކަމަށް

މުހިންމު ނުކުތާތައް

ނަޝީދާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިޔަސް ޕީޕީއެމް ކޯލިޝަންގެ ތާއީދެއް ނެތް

އިދިކޮޅުން ކަންބޮޑުވާ ކަންކަން ނަޝީދުގެ ރިޔާސަތުގައި އެޖެންޑާކޮށްދެއްވާކަން ފާހަގަކުރެއްވި

މަޖިލިހުގެ ރައީސްގެ ޒިންްމާ އަދާކުރައްވަން ސަރުކާރުން މަގުފަހިނުކޮށްދޭ ކަމަށް ބުނި

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި ހިސޯރުކޮށްފައިވާ ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އެ މަގާމުން ވަކިކުރުމުގެ ބިރު ވެސް އެ މަނިކުފާނަށް އެބަ އޮތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން މިއަދު ބުނެފި އެވެ. އަދި އެފަދަ ހާލަތެއްގައި ނަގާ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ތާއީދު ނުކުރާނެ ކަމަށް ވެސް އިދިކޮޅު ޕީޖީން ބުންޏެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މި ދައުރު މިދިޔަ ހޯމަ ދުވަހު ފެށިއިރު، މިދިޔަ ތިން ދުވަހު މަޖިލީހުގެ ޖަލްސާތަކުގައި މާ ބޮޑު މަސައްކަތެއް ނެތި ޖެހުނީ ކުރުކޮށްލާށެވެ. އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕީޖީން މިއަދު މަޖިލީހުގެ އިދާރާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މަޖިލީހުގައި މަސައްކަތް ކުރުމުގެ މާހައުލެއް ސަރުކާރުން މިހާރު ފަހިކޮށް ނުދޭ ކަމަށާއި މުޅި މަޖިލިސް އޮތީ ސަރުކާރުގެ ބާރުގެ ދަށުގައި ކަަމަށެވެ. އެހެންވެ، މަޖިލީހުގެ މަސައްކަތްތައް ހިނގަން ޖެހޭ ގޮތަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން މަޖިލިސް ރައީސްއަށް އެ ވަނީ މަަސައްކަތް ކުރުމުގައި ޑެޑްލޮކަކަށް އައިސްފައި ނުވަތަ މަރުތަޅު އެޅުވިފައި ކަމަށް ގަބޫލު ކުރެވެނީ. އެމްޑީޕީގެ އިންތިހާބަށް ފަހު ރައީސް [ނަޝީދު] ޖެހިލުންވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޭރުކޮށްފާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފަދަ ހާލަތެއްގައި، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުއްވައިފި ނަމަ، އިދިކޮޅުން އެއަށް ތާއީދު ކުރާނަންތޯ 'ދައުރު'އިން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، ގައުމުގެ މަސްލަހަތަށް ބަލައި އެފަދަ ހުށަހެޅުމަކަށް ތާއީދު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާދަވެރި އޮޕަޒިޝަންގެ ފަރާތުން މަސައްކަތް މި ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް. އެ މަސައްކަތުގައި ރައީސް ނަޝީދު ވަނީ އޮޕަޒިޝަންއަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައި. އަޅުގަނޑުމެން ހުށަހަޅާ ހައްސާސް މައްސަލަތައް އެޖެންޑާ ކުރައްވާ،" ނަޝީދުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.

"އެ ކަންކަމަށް ބަލާއިރު، އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވިސްނާފައި ގައުމީ މަސްލަހަތު އިސްކުރާނަން. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އައި ކަމުގައި ވިޔަސް އޭގެ އެންމެ ރަނގަޅު ގޮތަކީ، މުޅި ގައުމުގެ މަސްލަހަތީ ކޮބާތޯ ބަލައިގެން ކުރިއަށް ދާނީ."

މަޖިލީހުގެ ރައީސް ނަޝީދު ޖަލްސާއެއްގެ ރިޔާސަތުގައި: ނަޝީދު އެ މަގާމުން ވަކިކުރުން ސަރުކާރުގެ މެމްބަރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅުން ތުހުމަތުކުރޭ. (ފައިލް ފޮޓޯ/ މަޖިލިސް)

ނަޝީދު ވަކި ކުރުމަށް ތާއީދުކުރައްވާނަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، އިދިކޮޅުން އަމަލުކުރާނީ "ވަގުތާއި ހާލަތަށް ބަލާއިރު، ގައުމަށް އެންމެ ރަނގަޅު ގޮތަށް" ކަމަށެވެ.

"މުޅި ގައުމަށް އެންމެ ފައިދާ ވާނެ ގޮތަކީ [ނަޝީދު] އެ މަގާމުގައި ބަހައްޓައިގެން ކަމަށް ވާނަމަ، އަޅުގަނޑުމެން ތާއީދު ކުރާނީ އެ ގޮަތަކަށް [ނަޝީދު މަގާމުގައި ބަހައްޓަން]،"  އޭނާ ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ:

  • ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް އެ މަނިކުފާނަށް ރަނގަޅަށް މަސައްކަތް ކުރެއްވުމަށް ހުރަސް އެޅިފައިވާ ކަމަށް

  • ހަމަލާއާ ގުޅިގެން ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުން މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި

  • ނަޝީދަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މާހައުލެއް ސަރުކާރުން ފަހިކޮށެއް ނުދޭ

'މެންބަރުންނަށް ސަރުކާރުން ޕެކޭޖުތަކެއް ދީގެން ކޮންޓްރޯލްކުރޭ'

ސަރުކާރުން މަޖިލިސް ހިސޯރުކުރަން ކުރީ ކޮން ކަމެއްތޯ އެހުމުން ޝަރީފް ވިދާޅުވީ، ސަރުކާރުން މެންބަރުންނަށް ތަފާތު ޕެކޭޖްތައް ދީ، އެ މެންބަރުން ބޭނުންވާ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ކޮންޓްރޯލްގެ އޮތީ ސަރުކާރުގެ އޮތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"[މަޖިލިސް ހިސޯރު ކުރުމަށް] ސަރުކާރުން ކުރަމުންދާ އެންމެ ބޮޑު އެއް ކަމަކީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ މެންބަރުން، ހާއްސަކޮށް އެމްޑީޕީ އަދި އަމިއްލަ ބައެއް މެންބަރުންނަށް ސަރުކާރުން ވަރަށް ބޮޑެތި ޕެކޭޖްތައް ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމަށް ވަޒީފާގެ ފުރުސަތާއި ލޯނުތައް ދިނުން،" އޭނާ ވިދާޅުވި އެވެ.

ޝަރީފް: އޭނާ ތުހުމަތު ކުރެއްވީ ސަރުކާރުން މެންބަރުން ކޮންޓްރޯލް ކުރަމުންދާ ކަމަށް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެގޮތަށް ޕެކޭޖްތައް މެންބަރުންނަށް ދިނުމުން، އެ މެންބަރުން ތިއްބެވީ ދާއިރާއަށް އިންތިހާބުވި ޒިންމާތައް ހަނދާން ނެތި، "ސަރުކާރުގެ މައުތުޕީސްއެއް"ގެ ގޮތުގައި މަސައްކަތް ކުރާ ގޮތަށް ބަދަލުވެފައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން، މިނިވަންކަމާ އެކު މެންބަރުންނަށް މަސައްކަތް ކުރުމުގެ މާހައުލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ސަރުކާރުން، ސަރުކާރު ބޭނުންވާ ގޮތަކަށް މަޖިލިސް ތެރެއިން ކަންކަން ކުރުމަށްޓަކައި މަޖިލިސް މެންބަރުން ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު އެބަދެއޭ. ސަރުކާރުން އެބަ ދެއްވައޭ ބައެއް މެންބަރުން ބޭނުންފުޅުވާ ބޭބޭފުޅުންނަށް ލޯނުތަކާއި މި ހުރިހާ އެއްޗެއް،" ސަރުކާރުން މެންބަރުންނަށް ރިޝްވަތު ދެނީތޯ އެހުމުން ޝަރީފު އިތުރަށް ވިދާޅުވި އެވެ.

"އެ ކަންކަން އެބަހުރި ވަރަށް ރަނގަޅަށް ފެންނަން. އެ ކަންކަމަށް ބަލާއިރު، މަޖިލިސް މެންބަރުން މިއަދު މި ތިބީ ސަރުކާރުން ބޭނުންވާ ގޮަތަކަށް ކޮންޓްރޯލްކޮށްފައި."

އެނގުން މުހިންމު - ސަރުކާރުން މަޖިލީހާއި މެމްބަރުން ކޮންޓްރޯލްކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތުކުރިއިރު، ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ މަޖިލީހުގައި އެ ޕާޓީގެ އަގުލަބިއްޔަތު އޮތްއިރު އެ މަޖިލީހަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ ތުހުމަތެވެ. އެގޮތުން، އޭރުގެ ސަރުކާރުން ފޮނުވި ގިނަ ބިލުތަކާއި މައްސަލަތައް އަވަސް އަރުވާލައިގެން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް