ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

އެކި މީސްމީހުންނަށް އެނގެމުން ގޮސް، ނަތާގެ އުޅުން ހުރިގޮތް އެންމެ ފަހުން ޒުފާނަށް ވެސް އެނގުނީއެވެ. ރައްޓެހިންގެ ޝަކުވާތަކާ ސުވާލުތައް ވެސް ރައްދުވާ ގޮތަށެވެ.
27 އޮކްޓޯބަރު 2022

އެޕިސޯޑް 26

އަހަރެން މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ.  ޒުފާން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެތެރެއަށް ވަނީމެވެ. ސުވާލުން ފުރިފައި ހުރީ މިހާ ދަން ގަޑިއެއްގައި ޒުފާން ހޭލައި އުޅޭތީއެވެ.

"ދަރިފުޅު އަދިވެސް ނުނިދަންތަ؟" އަހަރެން އެހީމެވެ.

"އާނ. ނިދި ނައިސްގެން މިއުޅެނީ،" ޒުފާންގެ މޫނު މައްޗަށް އަރާފައިވާ ކުލަވަރު ފޮރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މޫނުން އަހަރެންނަށް ދޭހަވީ ކަމަކާ ހާސްވެފައި ހުރި ކަމެވެ.

"ކަމެއް ވީތަ؟" އެނދުގައި އިށީންނަމުން އަހަރެން އެހީމެވެ. ޒުފާން ވެސް އަހަރެން ގާތުގައި އިށީނެވެ.

"ބުނެބަލަ. ދަރިފުޅަށް ބައްޕަ ގާތުގައި ނުބުނެވޭ ވަރުގެ ކަމެއް ނޯންނާނެ،" އޯގާތެރިކަމާއެކުގައި ބުނީމެވެ. ޒުފާން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެއްޗެއް ނުބުންޏެވެ.

"ދެބަފައިން ނުވެސް ނިދަންތަ؟" ހުޅުވިފައިވާ ދޮރުމަތީ ހުރީ ނަތާއެވެ.

"ކޮންތާކުން ތި އައީ؟" ކޮޅަށް ތެދުވެ، ރުންކުރުވެފައި އަހަރެންނަށް އަހާލެވުނެވެ. ނަތާ ފޫހި ގޮތަކަށް ބަލާލިއެވެ.

"ބުނީމެއްނު ފްރެންޑްސްއާ އެއްކޮށޭ އުޅުނީ؟" ނަތާ އައިސް ޒުފާން ގާތުގައި އިށީނެވެ.

"އާނ. ބުނި. އެކަމަކު ގަޑިން ވީ އިރެއް ނަތާއަށް އެނގޭތަ؟ ތިއީ މީހެއްގެ އަތްނބެކޭ. ކުރިން އުޅުނު ގޮތަށް..." އަހަރެންގެ ވާހަކަ މެދުކަނޑާލީ ނަތާގެ އިޝާރާތެވެ. ނަތާއާ ޒުވާބު ކުރާކަށް އަދި ދެބަސް ވާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. ހާއްސަކޮށް ދަރިން ކުރިމަތީގައެވެ. އިސްޖަހައިގެން އިން ޒުފާންއަށް ބަލާލެވުނެވެ. ފުން ނޭވައެއް ބޭރުކޮށްލާފައި އަހަރެން ކޮޓަރިން ނުކުތީމެވެ.

"އަހަރެން އިރުކޮޅަކުން އެބަ ދަން." ނަތާ އެހެން ބުނުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ.

"ދަރިފުޅާ. ކީއްވެ ނުނިދާ ތިއުޅެނީ؟" އިސްޖަހައިގެން އިން ޒުފާންއަށް ނަތާ ބަލާލިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ. ޒުފާން ހިފަހައްޓައިގެން އިން ކަރުނަތައް އޮހިގަތީ އެ ވަގުތެވެ. ނަތާ ހާސްވިއެވެ. "ބުނެބަލަ ކިހިނެއް ވީ ތަ؟"

"އަހަރެންނަށްތަ ކަމެއް ވެގެން މި އުޅެނީ؟" އަޑުހަރުކޮށް ދުވަހަކު ވެސް ވާހަކަ ނުދައްކާ ޒުފާންއަށް ކަމެއް ވެއްޖެއެވެ. އެހެން ނޫންނަމަ އެ ގޮތަކަށް އެއްވެސް މީހަކާ ވާހަކައެއް ނުދައްކާނެއެވެ.

"ދެން؟ މަންމައަށް ކަމެއް ކުރެވުނީތަ؟" ހައިރާންވެފައި ނަތާ އެހިއެވެ.

"މަންމަ ތި ދާ ތަންތަން އަހަރެންނަށް އެނގޭ، ގޮސް އުޅޭ ގޮތާ ކުރާ ކަންކަން ވެސް އެނގޭ." ޒުފާން ދެއްކި ވާހަކައިން ނަތާގެ ހިތް އަވަސް ވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ޒުފާންއަށް އެކަންކަން އެނގުނީ ކިހިނެއްތޯ ބަލާކަށް ނަތާ ބޭނުމެއް ނުވިއެވެ. ނަމަވެސް ނަތާގެ ފަސްބައިގައި ހޭކެމުން ދިޔަ ކިލަނބުކަން ފެނުމުން ލަދުގަތެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ދެމައިން ތިބީއެވެ. ޒުފާން ހިތްވަރު ކުރި ނަމަވެސް ހުއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބައެވެ.

ޒުފާން ވާހަކަ ދެއްކީ ހަގީގަތް އެނގި ހުރެކަން ނަތާއަށް ޔަގީންވިއެވެ. އެހެންކަމުން، ދޮގުހަދައިގެން ވާހަކަ އަނބުރާލާކަށް ނަތާ ބޭނުމެއް ނުވިއެވެ.

"ތިއީ މަންމައާ ވާހަކަ ދައްކާ ގޮތެއް ނޫނެއްނު؟" ހިތްހަމަނުޖެހިފައި ނަތާ ބުންޏެވެ.

"މަންމަ އުޅޭ ގޮތުން ވާހަކަ ވެސް ދެއްކޭނީ މިކަހަލަ ގޮތަކަށް. މަންމައަށް އެ ވަރު ނުވިސްނުނީތީ އަހަރެން ހިތާމަ ކުރަން،" ނަތާއާ ދިމާލަށް ބަލާލަމުން ޒުފާން ބުންޏެވެ.

ނަތާއާއި ޒުފާންއާ ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި އަހަރެން ހުރީމެވެ. ގުޑައިލަން ވެސް ނޭނގިފައެވެ. ކޮޓަރިން ބޭރަށް އަޑު ގޮސް ދާނެކަން ނަތާއަށް އެނގެއެވެ. ނަމަވެސް ޒުފާންއަށް އެ ވަރު ނުވިސްނެނީއެވެ.

"މީ ކަންކަން ވާން މަންމަވެސް ބޭނުން ވާ ގޮތެއް ނޫން." ކުށް ގަބޫލު ކުރާ ކަހަލަ ރާގެއްގައި ނަތާ ބުންޏެވެ.

"ދެން ކީއްވެ މަންމަ އުޅޭ ގޮތެއް؟ ބައްޕަ ކިހާ ރަނގަޅު؟ މަންމަ ބުނި ކޮންމެ ކަމެއް ކޮށްދޭ. އަނެއްކާ އާޔާ ވެސް..." ޒުފާން ބުނި އެތި ނަތާއަށް ވިސްނާލެވުނެވެ. އެކަމާ އިތުރަށް އެއްޗެއް ނުބުނީ އެހެންވެއެވެ.

"އަނެއްކާ އެއީ އަހަރެން ކްލާސްމޭޓެއްގެ ބައްޕައޭ. މަންމަ ލަދެއް ވެސް ނުގަނޭތަ؟" ޒުފާން ދަތްކުނޑި ވިކާލާފައި ބުންޏެވެ. އަހަރެންނަށް ދެ ލޯ މަރައިލެވުނެވެ. ދަރިފުޅުގެ ފަރާތުން އިވެން ނުޖެހޭ އަޑުތަކެއް އިވޭތީއެވެ. އެ ހިތަށް ކުރާނެ އަސަރު އަންދާޒާ ކޮށްލެވޭތީއެވެ. އެ ވަރުން ވެސް ނަތާ އުޅުނީ އޮޅުވާލާށޭ ހިތަށް އެރިއެވެ.

"މަންމަ ހިތަށް އަރަނީ މިކަމާ ބެހޭ ގޮތުން ދަރިފުޅު ގާތު ބުނެފައި ނުބުނަންވީ ކޮން ވާހަކައެއް ބާއޭ؟" ނަތާ ވިސްނާލިއެވެ.

"މަންމަ، ބައްޕަ ދެކެ ލޯބި ނުވަނީތަ؟ ދެން ކީއްވެ އެކީގައި ތި އުޅެނީ؟" އުމުރުން ކިތަންމެ ހަގަސް ޒުފާން ސުވާލު ކުރީ ބޮޑު މީހަކު ފަދައިންނެވެ. އަހަރެންނަށް ވިސްނުނީ އެއީ މުހިންމެ ނުކުތާއެއް ކަމަށެވެ. އެއީ ތެދެކެވެ. ލޯބި ނުވަންޏާ އެކީގައި އުޅެންވީ ސަބަބެއް ނުވިސްނުނެވެ.

ކަންކަން ނުދާންވީ ހިސާބަށް ދިޔައީއެވެ. އަހަރެންގެ އަތް ނުފޯރާ ފަށަށް ދާންވާ އިރަށް ފިޔަވަޅެއް އެޅުން ބުއްދިވެރިއެވެ. ދަރިންނަށް އެނގި އެ ކުދިން ލަދުގަންނަން ފެށީއެވެ. އަހަރެން ހިތަށް އެރިއެވެ. ދުނބުރިއެއް ކިތަންމެ ވަރަކަށް ދޮން ކުރިޔަސް އަނބަކަށް ނުވާނެއެވެ. ނަތާއަށް ވިސްނައިދެވިއްޖެއެވެ. ފުރުސަތު ދެވިއްޖެއެވެ. ނަސޭހަތް ވެސް ދެވުނު އަދަދެއް ނޭނގެއެވެ. ދުވަސްކޮޅަކަށް ބަދަލުވެއެވެ. އަނެއްކާވެސް އިހު އުޅުނު ގޮތަށް ރުޖޫއަވެއެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ ނަތާއަކީ މައްސަލައެއް ޖެހުނަސް އެކަން ހައްލުކޮށްގެން އުޅެން ބޭނުންވާ މީހެއް ނޫނެވެ. އެންމެ ދެރަ ކަމަކީ ދަރިފުޅަށް ކުރާ ނޭދެވޭ އަސަރެވެ. ނަތާ ދޫކޮށްލި ނަމަވެސް އެކަމުން ގެއްލުންވާނީ ޒުފާން އަށެވެ. ދަރިންނަށްޓަކައި ދިރިއުޅުން ގުރުބާން ކުރާ މައިންބައިން ވެސް މަދެއް ނޫނެވެ. އެކަމަކު އިންސާނުންނަށް ކެތްކުރެވޭނީ ވެސް ވަކި ވަރަކަށެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.

"ނޫން. މަންމަ ވަރަށް ލޯބިވޭ ދަރިފުޅުގެ ބައްޕަ ދެކެ،" ނަތާ ބުނި އަޑު އިވުނެވެ.

"ދެން ކީއްވެ؟ އޭނަގެ ވެސް ތިން ކުދިން ތިބޭ. އަހަރެން ކުލާސްމޭޓް މިއަދު ވެސް ރޮއިރޮއިފައި އެ ވާހަކަ ދެއްކީ،" ޒުފާން އަސަރާއެކު ކިޔައިދިނެވެ.

"ދަރިފުޅަކަށް ނުވިސްނޭނެ،" ނަތާ އެންމެ ފަހުން ބުންޏެވެ. ހަގީގަތުގައި ނަތާއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ނަތާއަށް އުނިވާ ކަމެއް ނެތެވެ. ބޭނުން އިރަކު ބޭނުން ކަމެއް ކުރަންވީއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނީ އަތް ފޯރާފަށުގައެވެ. މިނިވަންކަން އޮންނާނީ ނަތާ ބޭނުން ގޮތަކަށް ދީފައެވެ. ވުމާއެކު އިތުރަށް ނަތާއަށް ބުނެވޭނެ އެއްޗެއް ނެތެވެ.

ކޮޓަރިން ނުކުންނަން ނަތާ ހިނގައިގަތެވެ. ދޮރު ހުޅުވުނީ އަހަރެންގެ ކުރިމައްޗަށެވެ. ހުރިހާ އެއްޗެއް އަހަރެންނަށް އެނގިއްޖެކަން އަހަރެންގެ ދެ ލޮލުން ހާމަވާން ހުއްޓެވެ. ނަތާގެ ހަރަކާތްތައް އަވަސްވިއެވެ. ޒުފާންއަށް އަހަރެން ބަލާލީމެވެ. އޭނައަށް ކޮށްފައިވާ އަސަރު އަހަރެންނަށް އެނގެއެވެ.

"ނަތާ ބޭނުންވާ ގޮތަކީ ކޮބާ؟" އަހަރެން އަޑަށް ބާރުލާފައި ބުނީމެވެ. ހިތްހަމަނުޖެހިފައި ހުރުމުން ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ނަތާ އެއްޗެއް ނުބުނެ ހިނގައިގަންނަން އުޅުނެވެ. އަހަރެން ނަތާގެ އަތުގައި ހިފެހެއްޓީމެވެ.

"ތި އުޅެނީ މަށަށް އަނިޔާ ކުރަންތަ؟ ދެން ނުވެ އޮތް ކަންތައް ވެސް ކުރަން ދޯ؟" ނަތާގެ ވާހަކަ ދެއްކުން ތަފާތެވެ. މިހާރު ފެންނަން ހުރީ މީގެ އަހަރުތަކެއް ކުރީގެ ނަތާ އެވެ. އަހަރެން ނަތާގެ އަތުން ދޫކޮށްލީމެވެ.

"މިރޭ މިތަނުން ދެވޭނީ ނަތާ ބޭނުންވާ އެންމެ ފަހު ގޮތް ބުނީމަ،" ނަތާގެ ކުރިމައްޗަށް އަރާފައި އަހަރެން ބުނީމެވެ. ނަތާ ދެކޮޅެއް ނުހަދައެވެ. ގަދައެއް ވެސް ނުހެދިއެވެ.

"އެންމެ ރަނގަޅު." ޒުފާން ހުރީ ކޮޓަރި ދޮރުމަތީގައެވެ. ނަތާ ޒުފާންއަށް ބަލާލިއެވެ. "އަހަރެން ބޭނުންވާ ގޮތް ބާއްވާފައި ލިފާން ބޭނުންވާ ގޮތް ހަދާ. އެކަމަކު ވިސްނާލާތި." ނަތާ އެހެން ބުނެފައި ހިނގައިގަތެވެ. އޭނާ އެ ބުނި އެއްޗެއް އަހަރެންނަށް އެނގުނެވެ.

"މަޑު ކުރޭ. އަހަރެން ބޭނުންވަނީ..."

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް