ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

އާޔާ އަށް ދޭ ސަމާލުކަން ޒުފާނަކަށް ނުދެވެއެވެ. ޒުފާން މަޑުމޮޅިވެފައި އެހުރީ އެހެން ވެގެން ހެއްޔެވެ؟ ނޫނެކެވެ. އާޔާއަކީ ކާކުގެ ކުއްޖެއް ކަމާމެދު މީހުން ދައްކާ ވާހަކަ ޒުފާނަށް ވެސް އަޑު އިވުނީއެވެ.
24 އޮކްޓޯބަރު 2022

އެޕިސޯޑް 25

"އެކަމަކު އަހަރެން ބޭނުން މިއީ ކާކުގެ ދަރިއެއް ކަން ބުނަން،" ނަތާ ބުންޏެވެ.

"ނޫން. އަހަރެން ބޭނުމެއް ނޫން އެނގޭކަށް." އެ އަޑު އަހަން އަހަރެންނަށް އުނދަގޫވާނެއެވެ.

އަހަރެންގެ ނިންމުމަށް އާއިލާއިން ނުގަބޫލުވިއެވެ. ހާއްސަކޮށް މަންމައެވެ. މަންމައަކީ މީގެ ކުރިން އަހަރެންގެ ކޮންމެ ނިންމުމަކަށް މަރުހަބާ ކިޔައި، ހިތުން ރުހުމުން އެކަން ގަބޫލު ކުރާ ފަރާތެވެ. ނަމަވެސް މި ކަމަށް މަންމަގެ ފަރާތުން އަހަރެންނަށް ފެނުނީ ހަނު ހުރުމެވެ. އެ ކަމުގެ ފަހަތުގައި މަންމަގެ ނުރުހުން ވާކަން ވިސްނުނެވެ. މަންމަ ދެރަކޮށް، ހިތްހަމަނުޖައްސައި އުޅޭކަށް އަހަރެން ފަހަރެއްގައި ވެސް ބޭނުމެއް ނޫނެވެ. އަދި އެ ގޮތަށް އުޅޭކަށް ފަސޭހައެއް ވެސް ނޫނެވެ.

ބަނޑަށް ނުވަ މަހުގައި ނަތާ ވިހެއެވެ. ވިހެއީ އަންހެން ކުއްޖެކެވެ. ނަތާ ކަހަލަ ލޯބި ކުއްޖެކެވެ. ކިއީ އާޔާއެވެ. އާޔާ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ނަތާ އަހަރެންނަށް އޮޅުވާލި ނަމަވެސް އެ ކުޑަކުޑަ ކުއްޖާގެ އެއްވެސް ކުށެއް އެ ކަމުގައި ނުވެއެވެ. ވީ ކަމެއް ވީ ނަތާ ވަރިކުރި ފަހުންނެވެ. ވީމާ އެކަން ހިތުލައިގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

އާޔާ ގޮވައިގެން އަހަރެން ސައިކަލު ދުއްވަން ދަމެވެ. ހިނގޭ ވަރު ވުމުން ޕާކްތަކަށް ދަމެވެ. އެ މަންޒަރު ރައްޓެހިންނަށް ފެނުމުން މަލާމާތް ކުރެއެވެ. ނުސީދާކޮށާއި ސީދާކޮށެވެ. އަހަރެންގެ ފަރުވާލެއް ނެތެވެ. ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އާއިލާގެ އެކި އެއްވުންތަކުގައި އާޔާ ބާކީ ކުރާކަން އަހަރެންނަށް ފާހަގަވިއެވެ. އެކީގައި ނުކުޅެން ކުދިންނަށް ބުނެދެމުން ދިޔައީ ވިސްނޭ ބޮޑެތި މީހުންނެވެ. އަހަރެން އެކަމާ ޝަކުވާއެއް ނުކުރަމެވެ. ބަދަލުގައި އާޔާއަށް ވިސްނައިދިނީމެވެ. އެކުގައި ކުއްޖަކު ނުކުޅޭ ނަމަ އެކުއްޖަކާ އެކު ނުކުޅުމަށެވެ. ދެރަވާ އެއްޗެހި ބުނާ ނަމަ އެކަމާ ހިތްވަރު ކުރުމަށެވެ. ނަމަވެސް ޅަ ސިކުނޑިއަށް ވިސްނައިދިނުން ވީ އުނދަގޫ ކަމަކަށެވެ.

"ދަރިފުޅު އާޔާ ދެކެ ލޯބިވާކަން މަންމައަށް އެނގޭ. އެކަމަކު އާޔާއަށް ތި ދޭ ސަމަލުކަން ޒުފާންއަށް ވެސް ދޭން ޖެހޭނެ ހެން މަންމައަށް ހީވަނީ. އޭނައާ ހެދި ޒުފާން މަތިން ހަނދާން ނެތޭނެ ކަމަކަށް މަންމަ ހިއެއް ނުކުރަން،" މަންމަ ބުންޏެވެ.

"އަހަރެން ޒުފާން މަތިން ހަނދާނެއް ނުނެތޭ،" އަހަރެން ބުނީމެވެ.

"ޒުފާން މިހާރު ފުރާވަރަށް އެޅީ. މިހާރު އޭނައަށް ދަރިފުޅުގެ އެހީތެރިކަމާއި އެއްބާރުލުން ކަންކަމުގައި ބޭނުން ވާނެ. އެއީ ވަރަށް ނާޒުކު އުމުރެއް. ފިރިހެން ކުއްޖެއް ކަމުން ކޮންމެ ކޮންމެ ވާހަކައެއް މަންމަ ގާތު ނުބުނެފާނެ. ބައްޕަ ޖެހޭނެ އޭނަގެ އެންމެ ގާތް އެކުވެރިއަކަށް ވާން. މި އެއްޗެހި ވިސްނައިދިނުމަކީ މަންމަގެ ވާޖިބެއް. ގަބޫލު ކުރުމާއި ނުކުރުން އެއީ ދަރިފުޅުގެ އަމިއްލަ ކަމެއް." މަންމަ ވާހަކަ ދެއްކި ރާގުން އަހަރެން ކަންބޮޑުވިއެވެ. ކޮންމެވެސް ކަމެއް ވީއޭ އަހަރެންގެ ހިތަށްއެރިއެވެ.

"މަންމާ މަޑުކޮށްބަލަ،" މަންމަ ތެދުވެގެން ދާން ފެށުމުން އަހަރެން ބުނީމެވެ. "ކަމެއް ވީތަ؟"

"ކަމެއް ނުވޭ. އެކަމަކު ކަމެއް ވެދާނެ. ދަރިފުޅުގެ ޒިންމާ ހަނދާން ނައްތައިނުލާތި." މަންމަ ހިނގައިގަތެވެ. އެ ބުނި އެއްޗަކަށް އަހަރެން ވިސްނައިލީމެވެ. އަދި ޒުފާންއާ ވާހަކަ ދައްކަން ހިތަށް އެރިއެވެ.

"ދަރިފުޅާ ޒުފާން،" ކޮޓަރިއަށް ވަންނަމުން ޒުފާންއަށް ގޮވާލީމެވެ. އޭނާ އޮތީ ހެޑްސެޓް ޖަހައިގެން އައިޕެޑާ ކުޅޭށެވެ. އަހަރެން ފެނުމުން އެނދުގައި ހަމަޖެހިލާފައި އެ އެއްޗެހި ބެހެއްޓިއެވެ.

"ދަރިފުޅު ކިޔެވުން ކިހިނެއް؟" އަހަރެން އަހާލީމެވެ. ވަގުތު ވީ ވަރަކުން ޒުފާންގެ ކިޔެވުމުގެ ވާނުވާ އަހަރެން ބަލަމެވެ.

"ރަނގަޅު،" އިސްޖަހާލަމުން ޒުފާން ބުންޏެވެ. ޒުފާންއަކީ މަޑުމައިތިރި މިޒާޖެއްގެ، ބަސްއަހާ ކުއްޖެކެވެ. ތައުލީމަށް ދޭ އަހަންމިއްޔަތުކަން އެނގެނީ ޒުފާންގެ ނަތީޖާތަކުންނެވެ. އެކަމާ އަހަރެން އުފާ ކުރަމެވެ. ދީނީ ކަންކަމަށް ލޯ ހުޅުވި އެކަމަށް ދޭ އިސްކަމަކީ އަހަރެންގެ ބުރަ މަސައްކަތުން ޒުފާންއަށް އައި ކަންކަމެވެ.

"ދަރިފުޅު ކަމަކާ ހިތްހަމަނުޖެހިފައިތަ؟" ޒުފާންގެ މޫނުމަތިން ފެނުނީ ޖެހިލުންވުމެވެ. އަހަރެންނާ ކުރިމަތި ނުލާން އުޅޭހެން ހީވާން ފެށިއެވެ.

"ބައްޕާ. އަހަރެން ސުވާލެއް ކުރަންތަ؟" ޒުފާން އެހިއެވެ. އަހަރެން ބޯ ޖަހާލިމެވެ.

"އާޔާ އެއީ ބައްޕަގެ ދަރިއެއް ނޫންތަ؟" އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ހިނދުކޮޅަކަށް އަނގައިން ބަސް ހުއްޓުނެވެ. ހާސްވެ މީހާގެ ހަރަކާތްތައް އަވަސްވިއެވެ.

"އެއީ ދޮގެއް ދޯ؟" އަނެއްކާވެސް ޒުފާން ސުވާލެއް ކުރިއެވެ. ދޮގު ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަގީގަތަށް ކިޔައިދޭކަށް ވެސް ނުކެރުނެވެ. ނަމަވެސް ޒުފާންއަށް މިއަދު ހަގީގަތް ކިޔައިނުދީފި ނަމަ ކޮންމެވެސް ދުވަހަކުން އޭނާއަށް އެކަން އެނގޭނެއެވެ. އެ ދުވަހަކުން އަހަރެން ދެކެ އޭނާ ރުޅި އަންނާނެއެވެ.

އަހަރެން ވިސްނާލީމެވެ. އަދި ހިތްވަރުކޮށްފައި ޒުފާންއަށް ކިޔައިދިނީމެވެ. ޒުފާންއަށް އެނގެން ޖެހޭ މިންވަރަށެވެ. އޭނާގެ އުމުރާ ގުޅޭނެ މިންގަނޑަށެވެ. އޭނާގެ މަންމައަކީ ވިޔާނުދާ އުޅުމެއް އުޅުނު މީހެއްކަން އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފަހު ވަގުތު ގޯސް ވާނީ އަހަރެންކަން އެނގޭތީއެވެ. އޭރުން ޒުފާން ވެސް އަހަރެން ދެކެ ރުޅި އަންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އާޔާއަކީ ޒުފާންގެ ކޮއްކޮއެވެ. އަހަރެން އޭނާއަށް ނަސޭހަތް ދިނީމެވެ. އާޔާއާ ދޭތެރޭ ދެކޭ ގޮތް ބަދަލު ނުކުރުމަށް ވެސް ބުނެދިނީމެވެ. ޒުފާންއަކީ އަހަރެން ހީކުރި ވަރަށް ވުރެ މާ ހަރުދަނާ ކުއްޖެކެވެ. ވިސްނޭ ކުއްޖެކެވެ.

އެ ރޭ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. ޒުފާންއަށް ވިސްނައިދެވުނު ކަމުގައި ހީވިޔަސް އަހަރެން ބިރުގަންނަން ފެށިއެވެ. އެކަން ޒުފާންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ބުނީ ކާކު ބާވައެވެ؟ ނަތާއާ ވާހަކަ ދައްކަން އަހަރެން އުޅުނީމެވެ. ނަމަވެސް ނަތާ ގެއަކު ނޫޅެއެވެ. ގުޅާލުމުން ބުނީ ރައްޓެހިންތަކަކާ އެކު ކަމަށެވެ. ޗޮކެއް ކަނޑާލާފައި ފޯނު ބޭއްވީމެވެ. ބާރަ ޖެހިއިރު ވެސް ނަތާއެއް ނައެވެ. އަހަރުތަކަކަށް ފަހު އަނެއްކާވެސް އަހަރެންގެ ހިތްތެޅެން ފެށިއެވެ. ހިތަށް އަރުވަން ނުވާ އެއްޗެހި ހިތަށް އަރަން ފެށިއެވެ. މާޒީގެ ކަޅު ސަފުހާތައް ފަހަރަކު ގަނޑެއް އެއްލަން ފެށިއެވެ. ލިޔެވިފައިވާ ކޮންމެ ފޮޅުވަތެއް އަކުރުން އަކުރަށް ކިޔަން ފެށުނެވެ. ދެ މާނަ ހިމެނޭ ޖުމްލަތަކާއި މާނަ ފުން ބަސްތަކެވެ. ހަޔާތުގެ މިހާ ހިސާބަށް އައި އިރު ނަތާއަށް އިތުބާރު ކުރުމަކީ އަހަރެންނަށް ކުރަން އުނދަގޫވި ކަމެކެވެ. ކިތަންމެ ވަރަކަށް އަހަރެން އެކަމާ ވިސްނި ނަމަވެސް ނަތާގެ އުޅުން އިސްލާހުވާނީ އޭނާ އަމިއްލައަށް އެކަން ބަދަލު ކުރީމައެވެ. އަހަރެން ބުނާ ބުނުމަކުން ނުވަތަ ކުރާ އާދޭހަކުން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ދިރިއުޅުމުގައި ލައްކަ ގިނަ ފަހަރު ނަތާއަށް ނަސޭހަތް ދެވިއްޖެއެވެ. ނަތާ ދޮގު ހެދި ނަމަވެސް އެކަން ސާބިތު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނަތާއަކީ ހުޝިޔާރު މީހެކެވެ. ބެދޭ ކޮންމެ މަޅިއަކުން ސަލާމަތްވާނެ ހަތިޔާރު މާ ކުރިން އޭނާ ހުންނާނީ ތައްޔާރު ކޮށްފައެވެ.

ހިޔާލުތައް އެނބުރެން ފެށުމުން ކޮޓަރިން ނުކުތީމެވެ. ކާ ކޮޓަރިއާ ދިމާލަށް ދަނިކޮށް އަހަރެންގެ ހިނގުން ހުއްޓުނެވެ. ޒުފާންގެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެ ބުމަ ދޭތެރެއަށް ރޫތައް ގިނަ ކޮށްލެވުނެވެ. ތަނުގައި ވަނީ ފަނޑު އަލިކަމެކެވެ. އެއްވެސް މީހަކު ހޭލައެއް ނޫޅެއެވެ. ނަމަވެސް ޒުފާންގެ ކޮޓަރީގައި އަލިކަން ހުއްޓެވެ. ދޮރު ދަށުން ފެނުނީ ހިޔަންޏެކެވެ. ބަލާ ބެލުމަށް ހިނގާކަން އެނގެއެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް