Majlis 2024

ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ނަތާ ފޮރުވައިގެން އުޅުނު ހަގީގަތް މާގިނަ ދުވަހެއް ނުވެ ފަޅާ އެރިއެވެ. ނަމަވެސް ނަތާގެ މަގުސަދު އޮތީ އޭރު ހާސިލް ވެފައެވެ. އެކަމުގައި ނަތާއަކީ މާހިރެކެވެ.
20 އޮކްޓޯބަރު 2022

އެޕިސޯޑް 24

އެނދާ ހިސާބަށް ނާދެވިގެން އުޅެނިކޮށް އަރިއަޅާލިއެވެ. އަހަރެން ދުވެފައި ގޮސް ނަތާ ހިފެހެއްޓީމެވެ. އަދި އެނދުގައި ބޭއްވީމެވެ.

"ކީއްވެ މިހާ ވީކް ވީ؟" އެއީ ޑޮކްޓަރުގެ އަޑެވެ. އަހަރެންނާއި މަންމަގެ އިތުރުން ނަތާގެ މަންމަ ވެސް ހުރީ ހޮސްޕިޓަލުގައެވެ. ނަތާ އޮތީ އަވަސް ފަރުވާ ދޭ ކޮޓަރީގައެވެ.

"ދުވަސްކޮޅެއް ވެއްޖެ ނުކައި އުޅޭތާ. އެހެންވެ ކަންނޭނގެ." އަހަރެން ޖަވާބު ދިނީމެވެ.

"އާނ. މިކަހަލަ ދުވަސްވަރު ކާ ހިތެއް ނުވާނެ. އެކަމަކު ކޮންމެވެސް ވަރަކަށް ކައިގެން އުޅެން ވާނީ. އަހަރެން ދޭނަން ވިޓަމިނެއް. އޭރުން ގައިގައި ވަރު ޖެހޭނެ. އެކަމަކު މަދުން ނަމަވެސް ކާ ގަޑިތަކުގައި އޭނައަށް ކާން ދޭން ޖެހޭނެ." ޑޮކްޓަރު ބުނި އެއް ޖުމްލަ އަހަރެންނަކަށް ނުވިސްނުނެވެ. މިކަހަލަ ދުވަސްވަރޭ އެ ބުނީ ކޮން ދުވަސްވަރަކަށް ހެއްޔެވެ؟

އަހަރެން ޑޮކްޓަރާ އެކު އެކަހެރި ވެލީމެވެ. އަދި ސުވާލު ކުރީމެވެ. އެ ވަގުތު މަންމަ ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެ ދެ ލޮލުން އަހަރެންނަށް ފެނުނީ ކަންބޮޑުވުމާއި ހަމްދަރުދީއެވެ.

"ޑޮކްޓަ. ނަތާއަށް ވީ ކިހިނެއް ތޯ؟" އަހަރެން ސުވާލު ކުރީމެވެ.

"ނުކައި އުޅުމުން މާ ބޮޑަށް ލޭ މަދުވެފައި ހުރީ. މި ދުވަސްވަރު ވަރަށް ރަނގަޅަށް ކައި ހަދަން ވާނެ. މާ ބޮޑަށް ލޭ ދަށްވީމަ ބޭބީއަށް ނުރައްކާ ވެދާނެ." އެންމެ ފަހުން ޑޮކްޓަރު ބުނި އެތިން އަހަރެންގެ ބޮލުގައި އެތިފަހަރެއް ޖެހި ހެން ހީވިއެވެ. ދުނިޔެ އެއްކޮޅަކަށް އަރިއަޅާލިއެވެ. ހިތް ހުއްޓުނު ކަހަލައެވެ. ފާރުގައި ލެނގިލެވުނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައި އަހަރެންނަށް ހުރެވުނެވެ. ހަތަރު އުދަރެސް އައިސް އަހަރެން ފިއްތާލާ އިހުސާސް ކުރެވުނެވެ. އެ ހުރިހާ މަންޒަރެއް ބަލަން މަންމަ ހުއްޓެވެ. އެންމެ ފަހުން ކެތްނުވެގެން އައިސް އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ. އޯގާތެރި އެ ފިރުމުންތައް މި ވަގުތު އަހަރެންނަށް މުހިންމެވެ. މަންމަ ބޭނުންވީ އަހަރެން ކެތްތެރިވާށެވެ. ހިތްވަރު ކުރާށެވެ.

ކާރުގައި އިން އިރު ނަތާ އިނީ ބޭރު ބަލަހައްޓައިގެންނެވެ. އަހަރެންނާ ދިމާލަށް ބަލާލަން ނުކެރިފައި ކަމެއް ނުވަތަ ބަލަން ބޭނުން ނުވަނީ ކަމެއް ނޭނގެއެވެ. ކައިވެންޏަށް މިވީ ހަފުތާއެކެވެ. ނަތާގެ ބަޑުގައި އެ އޮތީ އަހަރެންގެ ދަރިއެއް ނޫނެވެ. އެކަން ޑޮކްޓަރުގެ ރިޕޯޓުން އަހަރެންނަށް އެނގުނެވެ. އެއީ ބަނޑަށް ދެ މަސް ވެފައި ވާތީއެވެ. ނަތާއަށް އެފަދަ ކަމެއް ކުރަން ކެރުނީތީ އަހަރެން ހައިރާނެއް ނުވެއެވެ. އޮޅުވާލުމުގައި ނަތާއަކީ މާހިރެކެވެ. ނަމަވެސް އަހަރެންގެ ލޮލުގައި އެޅުވި އަނދުން މިހާ ކުލަގަދަ ވާނެ ކަމަކަށް ހިއެއް ނުކުރަމެވެ.

"ކަލެއަށް މިހާރު އެނގޭނެ ކަލެއާ ނަތާ ކައިވެނި ކުރީ ކީއްވެކަން. ކޮން ކަހަލަ ބަދުނާމަކުން ސަލާމަތްވާން ކަން. އޭރު ވެސް ކަލޭގެ އާއިލާ އާއި ހެޔޮ އެދޭ މީހުން ކިހާ ނަސޭހަތެއް ދިން. އެކަމަކު ކަލޭ ވަނީ ނަތާއާ ހެދި މޮޔެވެފައި. ތި ކަހަލަ ލޯތްބަށް ކިޔަނީ ކަނު ލޯބި. އަންހެނަކާ ހެދި މީހަކު ތިޔަ ވަރަށް މޮޔަވީމާ އެ މީހަކު ލައްވާ ކޮންމެ ފަދަ ކަމެއް ވެސް ކުރުވޭނެ. ރަނގަޅު ބޮނޑިއެއް ލިބިއްޖެއެއްނު. ކަލޭ ތީ ކަތިލަން ތައްޔާރުކޮށްފައި އޮތް ބަކަރިއެއް ފަދަ މީހެއް. ދެން ތި ތަނުން ބޯ ދަމައިގަންނާނެ ގޮތެއް ވިސްނަބަލަ." މިއީ އަހަރެންގެ އަމިއްލަ ނަފުސު އަހަރެންނަށް ކުރި މަލާމާތެކެވެ. އަޑުން އަޑު ނަގައި ރޯން ފަށަން އަހަރެން ބޭނުންވިއެވެ. ދެން ހުއްޓާލާށޭ ކިޔައި ހަޅޭއްލަވައިގަންނަން ވެސް ބޭނުންވިއެވެ.

"ކީއްވެ އަހަރެން؟" އަހަރެން ޝަކުވާގެ ރާގެއްގައި ނަތާ ގާތު އެހީމެވެ. ނަތާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ. ދެރަވުމުގެ އެއްވެސް އަސަރެއް އެ މޫނުމަތިން މިއަދު ނުފެނުނެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެނުނު ނަތާ މިއަދު ވަރަށް ތަފާތެވެ. އަހަރެން ނަތާ ދެކެ ލޯބިވީމެވެ. ވަރަށް ލޯބިވީމެވެ. ނަމަވެސް އެ ލޯބި ނަތާ ބަލައެއް ނުގަތެވެ. ޝުކުރުވެރިއެއް ނުވިއެވެ. ބޭނުން ނަމަ ނަތާ ކިބައިން އަހަރެންނަށް ބަދަލު ހިފިދާނެއެވެ. ކިތަންމެ ގޮތަކަށެވެ. ނަމަވެސް އެއީ އަހަރެން ކުރަން ބޭނުން ކަމެއް ނޫނެވެ. އެއީ ކިހާ ހިތި އެއްޗެއްކަން އެނގޭތީއެވެ.

"ނަތާ ކީއްވެހޭ އަހަރެން؟" އަހަރެން ސުވާލު ކުރީމެވެ. ނަތާ އިސްއުފުލާ ވެސް ނުލިއެވެ. ނަތާ ކުރިމަތީގައި ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ކޮޓަރިން ނުކުތީމެވެ. ގެއިން ވެސް ނުކުތީމެވެ. ސައިކަލަށް އަރައި ދުއްވާލީ ދާނެ ވަކި މިސްރާބެއް ނޭނގިއެވެ. އިރުގެ ހޫނުން މަގުތައް ވަނީ ދޮންވެފައެވެ. މުޅި ހަށިގަނޑުން އާވި ލާން ފެށިއެވެ. ބޮލުން ފެށިގެން ފަޔަށް ހޫނު އަރަން ފެށިއެވެ. ސައިކަލު މަޑު ކުރީ ސުނާމީ ބިނާ ހުންނަ ސަރަހައްދަށެވެ. އަވިގަދަ ގަޑިއެއް ކަމުން އެތަނުގައި ތިބީ ދެތިން މީހެކެވެ. އެންމެ އެކަހެރިކޮށް ހުރި ޖޯލީގައި އަހަރެން އިށީނީމެވެ. ދެން ހަދަންވީ ކިހިނެއްތޯ އަހަރެން ވިސްނީމެވެ. އަނެއްކާވެސް ނަތާ ދޫކޮށްލަންވީ ހެއްޔެވެ؟ ނުވަތަ ނަތާއަށް މައާފުކޮށްފައި ދިރިއުޅުމައިގެން ކުރިއަށް ދާންވީ ހެއްޔެވެ؟ ތިމާއާ ނުވެސް ބެހޭ ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އަޅަންވީ ހެއްޔެވެ؟

އެފަދަ ކަމެއް ކޮށްގެން އަހަރެންނަށް ދެރައެއް ނުލިބޭނެއެވެ. ބައްޕަ ނެތް ކުއްޖަކަށް ބައްޕައެއްގެ ލޯބި ދީ އަމިއްލަ ދަރިއެއް ފަދައިން ދުށުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ކުރެވިދާނެ ކަމެކެވެ. އޭރުން ދެ ދުނިޔޭގައި ވެސް އެކަމުގެ މަންފާ އަހަރެންނަށް ކުރާނެއެވެ. އެއީ ކިހާ މާތް، މަތިވެރި ކަމަކަށް ވާނެ ހެއްޔެވެ؟ ތިމާގެ އުފާ އިސްކުރުމަކީ އަހަރެން ދެކޭ ގޮތެއް ނޫނެވެ. ބައެއް ފަހަރު އެހެން މީހުންނަށްޓަކައި ވިސްނާލަން ޖެހެއެވެ. ތިމާގެ ވިސްނުމާއި އުޅުން ބަދަލު ކުރަން ޖެހެއެވެ. އަހަރެން ބޮޑައެއް ނުވަމެވެ. ނަމަވެސް އަހަރެންގެ ގާބިލިއްޔަތުކަމާ މެދު ސުވާލެއް ނުއުފައްދަމެވެ. އެފަދަ ޒިންމާއެއް އަހަރެންނަށް ނެގޭނެއެވެ. އެ ހިތްވަރު އަހަރެންގެ އެބަ ހުއްޓެވެ. އެކަމަކު ސުވާލަކީ ނަތާގެ އުޅުން އިސްލާހުވާނެ ހެއްޔެވެ؟

ނަތާއާ އެކު އުޅެން އަހަރެން ނިންމީމެވެ. އެކަމާ ނަތާ ހައިރާނެއް ނުވެއެވެ. ހީވީ އޭނައަށް މާ ކުރިން ވެސް އެކަން އެނގިފައިވާ ހެންނެވެ.

"އަހަރެން މިގޮތަށް ނިންމީ ކީއްވެތޯ ވެސް ނާހާނަންތަ؟" ނަތާއާ އަހަރެން ސުވާލު ކުރީމެވެ.

"އެނގޭ ކީއްވެކަން،" ނަތާ ސާބިތުކަމާ އެކު ބުންޏެވެ.

"އެނގެންޏާ ބުނެބަލަ،" އަހަރެން ބުނީމެވެ.

"އަހަރެން ދެކެ ލޯބިވާތީ" ނަތާ ޖެހިލުމެއްނެތި ބުންޏެވެ. ހީވަނީ އެކަމާ ނަތާ ފަހުރުވެރި ވާހެންނެވެ.

"ޒުފާންއަށްޓަކައި. ނަތާގެ ބަނޑުގައި ތި ވާ މައުސޫމް ކުށެއް ނެތް ދަރިއަށްޓަކައި." އެއީ ހަގީގަތެވެ. މިއިން ކޮންމެ ކަމެއްގައި ވެސް އެ ދެ ކުދިންގެ ކުށެއް ނެތެވެ. ވުމާއެކު އެކުދިންނަށް މިކަމުގެ އަދަބު ލިބެންވީ ކީއްވެ ހެއްޔެވެ؟ ނަތާ އެއްޗެއް ބުނުމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް އެ ފުރުސަތެއް އަހަރެން ނުދެމެވެ.

"އަދި މަޑު ކުރޭ. އަހަރެން ދައްކާ ވާހަކަ އަޑުއަހާ!" އަހަރެން އެދުނީމެވެ. "މިފަހަރު އަހަރެން ނަތާއާ ގުޅުނީ ވަރަށް ވިސްނާފައި. އެކަމަކު ވިސްނަންވީ ވަރަށް ނުވިސްނުނީމަ ވީ ގޮތް މިއީ. އަހަރެން ބޭނުމެއް ނޫން ތިއީ ކާކުގެ ދަރިއެއްތޯ ބަލާކަށް. މިއަދުން ފެށިގެން ތިއީ އަހަރެންގެ ދަރިއެއް."

"އެކަމަކު އަހަރެން ބޭނުން މިއީ ކާކުގެ ދަރިއެއް ކަން ބުނަން،" ނަތާ ބުންޏެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް