މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ

ޕީޕީއެމް

ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަން ފަށައިފި

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ނަހުލާގެ ދެމައިން ދަނީ ޕާޓީއާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކަމުން

ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕޭންކޮށް ޕާޓީ ބަދުނާމުކޮށް ވާހަކަ ދައްކާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، އައިމިނަތު ލީލާގެ ސުލޫކީ މައްސަލައެއް އެ ޕާޓީން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ޕީޕީއެމްގެ އެތެރެއިން ހުރަސްތަކާއި ނުފޫޒު ކުރިމަތިވާ ކަމަށް ވިދާޅުވެ، ނަހުލާ ރޭ ދަންވަރު ވަނީ، ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދައްކާވަފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި:

  • ކޮމެޓީގެ ބައި އިލެކްޝަނަށް އޭނާ ހުށަހެޅުއްވި ނަން ވަނީ ކެންޑިޑޭޓް ލައްވައި ނަންގުވާފައި

  • އަދި ސުޖާއު ބޭނުންވާ ކެންޑިޑޭޓަށް ޓިކެޓް ދިން ކަމަށް ވިދާޅުވި 

  • ނަހުލާ ވިދާޅުވި ގޮތުގައި ސުޖާއު ދަނީ، ޕީޕީއެމް ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ނުވެއްޖެ ނަމަ، ޕާޓީއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދެމުން 

ނަހުލާގެ އެ ތުހުމަތުތައް، ޕީޕީއެމުން މިއަދު ވަނީ ދޮގުކޮށްފަ އެވެ.

ނަހުލާ (މެދުގައި) އޭނާގެ ދާއިރާގެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ

ބުނީ ކީކޭ؟ - އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ނަހުލާ އެފަދަ ވާހަކަތަކެއް ދައްކަވަނީ، ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓާ ދެކޮޅަށް، އެންޓި ކެމްޕޭންކޮށް، އިދިކޮޅު ކެންޑިޑޭޓަށް ވޯޓު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިގެން، އެކަން ޕާޓީގެ ސުލޫކީ ކޮމިޓީއިން ބަލަން ފެށުމުން ކަމަށެވެ.

އޭގެ އިތުރުން، ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީންގެ ނަން ބޭނުންކުރައްވައި، ދޮގު ވާހަކަތައް ދައްކަވައި، މެމްބަރުންގެ މެދުގައި ފިތުނަ އާއި ނުތަނަވަސްކަން ފެތުރުއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރި އެވެ.

އެކަމުގައި ނަހުލާއާ އެކީ އޭނާގެ މަންމަ ލީލާ އާއި މިހާރު ޕާޓީން ވަކިވެފައިވާ އޭނާގެ ކޮއްކޮ ބައިވެރިވާ ކަމަށް ޕީޕީއެމުގެ ބަޔާނުގައި ބުންޏެވެ.

"އެހެންވެ، ނަހުލާގެ އިތުރުން ލީލާގެ ވެސް ސުލޫކީ މައްސަލައެއް ޕާޓީއިން މިހާރު ގެންދަނީ ބަލަމުންނެވެ،" ޕީޕީއެމުގެ ބަޔާނުގައި ބުންޏެވެ.

ނަހުލާގެ ރައްދު: ޕާޓީން އެއްބާރުލުމެއް ނުލިބޭ

ޕީޕީއެމުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ނަހުލާ މިއަދު ވިދާޅުވީ، ޕާޓީގެ އިސް ސަފުގައި ވެސް ހިމެނިވަޑައިގަންނަވާ ސުޖާއު، އޭނާ ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރުދީ، އޮފީހަށް ވަޑައިގަތުމުން ވެސް އުނދަގޫ ކުރާ ކަމުގެ ޝަކުވާ، މިދިޔަ މަހު 20 ގައި ޕާޓީގެ ލީޑާޝިޕާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ޔާމީނަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މި ޝަކުވާ ލީޑާޝިޕަށް ހުށަހެޅުމުން، ތިއީ އަމިއްލަ ކަމެއް ކަމަށް ވިދާޅުވެ، މާބޮޑު ސަމާލު ކަމެއް ނުދޭ،" ފޭސްބުކްގައި ނަހުލާ ލިޔުއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި:

  • ޕީޕީއެމުން ބަޔާން ނެރުުނީ ވެސް ސުޖާއުގެ ނުފޫޒުން

  • އަންހެން ކައުންސިލަރަކަށް ބިރުދައްކާއިރު ވެސް، ސުޖާއުގެ މައްޗަށް ފިޔަވަޅު އަޅާފައި ނުވާތީ ހިތާމަ ކުރައްވާ

ނަހުލާ ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ސިޔާސީ ލީޑަރަކީ ޔާމީނެވެ. އެކަމަކު ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން އޭނާއަށް ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް