ޝާހު އިސްމާއިލްއަށް އެފްއޭއެމްގެ ފައުންޑޭޝަންގެ އެމްބެސެޑަރުގެ ލިއުން ހަވާލުކުރަނީ: އޭނާއަށް މިހާރު ވަނީ ދިވެހި ލީގުގެ ޑިރެކްޓަ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ދީފައި.

ޝާހު އެނބުރި އެފްއޭއެމަށް؛ އަޒުމް އަންނަނީ 1991ގެ ސާފް ގޭމްސް އިން

ސާފް ގޭމްސްގައި 1991 ގައި ރިހި މެޑެލް ހޯދި ޓީމުން އަމިއްލައަށް ބޭރުވުމަކީ މިއަދު ވެސް ޝާހުގެ ހިތާމައެއް
23 ސެޕްޓެމްބަރު 2021

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލި 1991ގެ ސާފް ގޭމްސްއަށް ނެގި ގައުމީ ޓީމުން ޝާހު އިސްމާއިލަށް ފުރުސަތު ލިބުނެވެ. އެކަމަކު ކޯޗު މިކޮލަސް ޓެމިސްވާރީ އޭނާ ލައްވާ ކުޅުވަން ބޭނުންވީ ފަހަތަށެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ބޮޑާހާކާފައި ޓީމުން ވަކިވި އެވެ. ފުރަތަމަ ފަހަރަށް އެ ޓީމު ސާފް ގޭމްސްގެ ފައިނަލަށް ދިޔަ އެވެ. ގައުމު އުތުރިއަރައިގަތެވެ. ކުޅުންތެރިންނަށް ބަތަލުންގެ ދަރަޖަ ލިބުނެވެ.

މި ހުރިހާ މަންޒަރެއް ޓީވީން ބަލަމުން، ޝާހު، ވަނަމެއްގެ ގޮތުން ސާޔާ، ދިޔައީ ހިތާމައާ އެކު އެވެ. އެ ދުވަހު އޭނާ އަޒުމް ކަނޑައެޅި އެވެ: ގައުމީ ޖާޒީ ލައިގެން ގައުމަށް ހިދުމަތްކުރަން ލިބޭ ފުރުސަތު ދުލެއް ނުކުރާނަމެވެ.

ޝާހު އިސްމާއިލް: ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވަޑް

މިއަދު އޭނާ ގަބޫލުކުރާ ގޮތުގައި އަނެއްކާވެސް މި ލިބުނީ އެފަދަ ފުރުސަތެކެވެ. ފުޓްބޯޅައާ ދުރުގައި އަށެއްކަ އަހަރު ހޭދަކުރެއްވި ފަހުން، އެފްއޭއެމުން ޝާހު ވަނީ، ދިވެހި ޕްރެމިއަ ލީގުގެ ޑައިރެކްޓަ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ހަވާލުކޮށްފަ އެވެ. މިއީ 2013ގައި އޮތް އިންތިހާބުގައި، ޝާހު ނިސްބަތްވި އޭރުގެ ރައީސް އަލީ އާޒިމްގެ ޓީމު ބަލިވި ފަހުން އެފްއޭއެމްގެ ރަސްމީ ވަޒީފާއެއްގައި ނުކުންނަވާ ފުރަތަމަ ފަހަރެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް،" މަގާމު ލިބުނު ކަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް އިއުލާންކުރެއްވި ފަހުން 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މިއީ އެކަކަށް ކުރެވޭނެ މަސައްކަތެއް ނޫން. ބައްސާމްގެ ވިޝަން އެބަ އެނގޭ. ގެންދަން ބޭނުންވާ މިސްރާބު ވެސް. ފުޓްބޯޅައިގެ މުޅި ފެމިލީގެ ސަޕޯޓް ބޭނުންވާނެ."

އެފްއޭއެމްގެ ވިސްނުމަކީ ދިވެހި ޕްރެމިއަ ލީގު މުޅި ރާއްޖެއަށް ފުޅާކޮށް، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމެވެ. އެގޮތަށް ފަށަން ކަނޑައަޅާފައި ވަނީ 2023ގަ އެވެ.

ކުރީގެ ތަޖުރިބާ

ކުރިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަކީ ސީދާ ސަރުކާރުން ކަނޑައަޅާ ބަޔަކު ތިބޭ އިދާރާތަކެކެވެ. ނަމަވެސް ދުނިޔޭގެ ކުޅިވަރުގެ މައި އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އިންތިހާބުކުރަން ހަމަޖައްސައި، އެ ބަދަލު 2008 ގައި ގެނަ އެވެ. އެ ހުރިހާ ކަމަކަށް އެސޯސިއޭޝަންގެ ހިންގާ ގަވާއިދު ބަދަލުކޮށް، އުސޫލުތައް ކަނޑައަޅަން ފީފާ އިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާ ނެންގެވީ ޝާހު، 49، އެވެ. އަދި އެންމެ ފުރަތަމަ އިންތިހާބު އާޒިމް ކާމިޔާބުކުރައްވައި، ދާއިމީ ޖެނެރަލް ސެކްރެޓަރީއަކަށް ގެންނެވީ ވެސް އޭނާ އެވެ.

އެފްއޭއެމްގެ ފުރަތަމަ އިންތިހާބުގައި ޝާހު ވާހަކަ ދައްކަވަނީ: ކުޅުމަށް ފަހު އިދާރީ ގޮތުން ވެސް އަމަލީ ގިނަ މަސައްކަތްތަކެއް ކުރެއްވި

"ރަނގަޅު ގަވަނެންސެއް ހަދަން ރަނގަޅު އެހީތެރިކަމެއް ދެވުނު. އެފްއޭއެމް ކުރިއަށް ގެންގޮސް، ކޮޅަށް ޖަހަން، ޑިމޮކްރެޓިކް ގޮތަށް ހިންގަން ލިބުނު ފުރުސަތެއް އެއީ، އޭރު،" ޝާހު ވިދާޅުވި އެވެ.

ޗެލެންޖާ ކުރިމަތިލާން އޭނާ ފަސްޖެހިވަޑައިގަތުމެއް ނެތެވެ. އެކަމަކު މިއަދު ރާއްޖޭގެ ފުޓްބޯޅަ އޮތީ 1991ގައި، މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު، ގިނަ މީހުން، ނިއު ރޭޑިއަންޓް، ވެލެންސިއާ، ވިކްޓަރީ، ލެގޫންސް ކަހަލަ ޓީމެއްގެ ސަޕޯޓަރަކަށް ވާން މަޖުބޫރުކުރުވިހާ ފޯރިއަކު ނޫނެވެ. އަދި 1993 ގައި ތައާރަފުވި ސާފް ޗެމްޕިއަންޝިޕް އުފަންވެ، ސަރަހައްދުގެ ފުރަތަމަ ފުޓްބޯޅަ ތަށި 2008 ގައި ކާމޔާބުކޮށް ޓީމު މާލެ ފޭބި އިރު މުޅި މާލެ ރަތްވެ، ޖުމްހޫރީ މައިދާން ފުރުނު ފަދަ ރޫހެއް ވެސް، ފެންނަ ފެނުމުގައި އަދި ނެތެވެ.

މި ބޮޑު ވެއްޓުމުން ފުޓްބޯޅަ ނެރެ، އާ ދިރުމެއް ގެނެވޭނެތޯ ކުރާ ސުވާލަށް ޝާހު ޖަވާބު ދެއްވީ، އޭނާގެ ހުނަރުވެރި، ހިތްގައިމު އަދި މޮޅު ފޯވަޑެއްގެ ގޮތުން ހޯދި ތަޖުރިބާއިންނެވެ.

"ޑްރިބްލް ކުރަނިކޮށް ވެއްޓި، އަނެއްކާ ތެދުވެ ދުއްވައި ނުގަންނަ މީހަކަށް ފޯވަޑަކަށް ނުވެވޭނެ،" ޝާހު ވިދާޅުވި އެވެ.

"ބޯޅަ ހިފައިގެން ދަނިކޮށް ވެއްޓުނަސް، އަލުން ތެދުވެ ދުއްވައިގަންނަން އަޅުގަނޑަށް ދަސްވީ. ހަމަ އެގޮތަށް އެހެން ކަންކަން ވެސް އޮންނާނީ."

ޝާހު1991 ގައި ކަނޑައެޅި އަޒުމް އަދިވެސް އޮތީ ހަމަ އެގޮތުގަ އެވެ. ގައުމީ ޖާޒީގައި ނެތަސް، ގައުމީ ކޮންމެ ފުރުސަތަކީ އެފަދަ މަސްއޫލިއްޔަތެއް ކަމަށް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުގެ އަޒުމަކީ ގާބިލްކަން ހުރި އެންމެ މައްޗަކަށް ހިދުމަތްކުރުން. މި މަގާމު ވެސް އަދާކުރަނީ އެ އުއްމީދުގައި،" ޝާހު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް