އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ކ) ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯތައް/މަޖިލިސް)

ޑަބްލިއުޑީސީ އާއި ކައުންސިލުގެ ފަރަގު ކުޑަކުރުމާ ގުޅޭ ބަހުސެއް

ކޮމިޓީގެ ބައްދަލުވުމުގައި އެ ދެ މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހިނގީ، އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން
20 ސެޕްޓެމްބަރު 2022

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީތަކުގެ) މެންބަރުން އިސްތިއުފާ ދެއްވުން ގިނަވެ، އެ ގޮނޑިތަކަށް މީހުން އިންތިހާބު ކުރުމަށް ގިނަ ގިނައިން އިންތިހާބުތައް ބާއްވަން ޖެހޭ މައްސަލަައިގައި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއާ ދެމެދު އިއްޔެ ހިޔާލު ތަފާތުވުންތަކެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ އެކު އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި އެ ދެ މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހިނގީ، އަންހެނުންގެ ކޮމިޓީތަކާ ގުޅޭ ގޮތުން ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - ކޮމިޓީގައި ވާހަކަދައްކަވަމުން ވަހީދު ވަނީ، ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އަންހެނުންގެ ކޮމިޓީއެއް އޮތުމުގެ މަގްސަދު ހާސިލުނުވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ:

  • ކޯޓާގެ ދަށުން ސީދާ ކައުންސިލަށް ހޮވުނު އަންހެން ކައުންސިލަރުން ތިއްބަވާއިރު، އަންހެނުންގެ ކޮމިޓީއެއް ވަކިން އޮތުމަކީ ފުށުއަރާ ކަމެއް ކަމަށް

  •  އަންހެން ކައުންސިލަރުންނާއި ކޮމިޓީ މެމްބަރުންނާ އެއްވެސް ގުޅުމެއް ނޯވޭ

  • ހަރަދު ބޮޑު ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ

ކޮމިޓީ އުފައްދާފައި އޮތް މަގުސަދު ހާސިލު ނުވާއިރު، އެ ކޮމިޓީތައް މިހާރު ވެސް އޮތް ގޮތަށް ބާއްވަން ޖެހޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެއަށް ވުރެ އަޅުގަނޑަށް މާ މުހިންމޭ މި ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ކޯޓާގައި މި ތިބަ އަންހެން ބޭފުޅުން އެމްޕަވާކުރަން އެ ބޭފުޅުންނަށް ބޮޑަށް މަސައްކަތް ފުޅާ ވާނެ ގޮތަކަށް މިކަން ކުރެވިއްޖިއްޔާ،" ވަހީދު ވިދާޅުވި އެވެ.

އަންހެނުންގެ ކޮމިޓީތައް އެކުލެވޭ ގޮތް ބަދަލުކުރަން ވަހީދުގެ ހުށަހެޅުއްވުން:

  • އަންހެން ކައުންސިލަރުން ކޮމިޓީގައި ހިމެނުން

  • ބައި-އިލެކްޝަންތައް އަތޮޅު ފެންވަރުގައި ބާއްވާ ގޮތަށް ހަދައި އިލެކްޝަންސް ކޮމިޝަނަށް އެ އިންތިހާބުތައް އޮބްޒާވް ކުރެވޭ ގޮތް ހެދުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާކުރުމަށް އެލްޖީއޭއާ އެކު އިއްޔެ ބޭއްވި ބައްދަލުވުން. (ފޮޓޯ/ މަޖިލިސް)

މައްސަލައިގެ ފެށުން - އަންހެނުންގެ ކޮމިޓީތަކުގެ މެންބަރެއްގެ މަގާމު ހުސްވުމާ އެކު، ކޮންމެ ފަހަރަކު އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ވަރަށް ގިނައިން ބައި-އިލެކްޝަންތައް ބާއްވަން ޖެހި، ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން މަޖިލީހުގައި ވަނީ ކޮށްފަ އެވެ. ލާމަރުކަޒީ ކޮމިޓީގައި މިހާރު ދިރާސާ ކުރަމުން އަންނަނީ، ބައި-އިލެކްޝަންތަކުގެ މައްސަލަ ހައްލު ކުރުމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލެވެ.

އެ ބިލުގައި ބުނެފައިވަނީ:

  • ބައި އިލެކްޝަންތައް ބޭއްވުމުގެ ބާރު އަތޮޅު ކައުންސިލަށް ދިނުމަށް

  • ކޮމިޓީތަކުގެ ކޯރަމް ނުގެއްލޭހާ ހިނދަކު، އެ ކޮމިޓީއެއްގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމަށް

ތަފްސީލް - އަންހެނުންގެ ކޮމިޓީތައް އުވާލުމަށް ވަހީދު ސީދާ ގޮވައެއް ނުލައްވަ އެވެ. އެކަމަކު، ވަހީދުގެ ވާހަކަތައް ހުރި ގޮތުން ހިސާން ކޮމިޓީގައި ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ވަގުތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ "އުވާލާ" ބަހުސް ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.

"ކައުންސިލްތަކުގައި އަންހެނުންގެ ހިއްސާ %50އަށް ތުރެ މަތިވީމަ، އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް ޑަބްލިއުޑީސީގެ ދައުރެއް އޮންނަން ޖެހޭތޯ ނޫނީ ނޫންތޯ އެ ކޮންވަޒޭޝަން ފަށަން ޖެހޭ ހިސާބަކީ ވެސް،" ހިސާން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައި ވާކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ އެގޮތަށް ކޯޓާ ކަނޑައެޅީ ސިޔާސަތު ކަނޑައަޅާ މޭޒުގައި އަންހެނުންނަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީތައް އުފެއްދީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި ކަމަށް ވާއިރު، އެއިން އެއްވެސް ތަނެއް އުވާލައިގެން އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން، އަންހެން މެމްބަރެއްގެ ހައިސިއްޔަތުން ވެސް ކޮންވަޒޭޝަން ހިންގަން ވެސް އޮބްޖެކްޓް ކުރާ ވާހަކަ ހަމަ ރެކޯޑަށްޓަކާ ދަންނަވަން،" ހިސާން ވިދާޅުވި އެވެ.

ހިސާންގެ ވާހަކަ ނިންމާލެއްވުމުން ވަހީދު އެންމެ ފަހުން ވަނީ ހިސާން ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވާފަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ކައުންސިލާއި ކޮމިޓީތަކުގެ މެދުގައި ހުރި ފަރަގުތައް ކުޑަކުރުމަށާއި ކައުންސިލްތަކުގައި އަންހެނުންގެ ޖާގަ އިތުރު ކުރުމަށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ފަސް މަންޒަރު - އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަގްސަދު ހާސިލު ނުވާ ވާހަކައަކީ، އަބަދުވެސް މެމްބަރުން މަޖިލީހުގައި ދައްކަވާ ވާހަކައެކެވެ. އެގޮތުން، މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އަންހެން ކައުންސިލަރުންނަށާއި ކޮމިޓީތަކުގެ މެމްބަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް އެސެސްމެންޓް ހެދުމަށް ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. 

އެ ގަރާރުގައި އަންހެން ކައުންސިލަރުންނާއި ކޮމިޓީ މެމްބަރުންނަށް ކުރިމަތިވާ ދަތިތައް ކަމަށް އީވާ ފާހަގަކުރެއްވީ:

  • މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުން

  • މަޝްވަރާތަކުގައި ބައިވެރިނުކުރުން

  • ހަމައެކަނި ކެއްކުން ފަދަ މަސައްކަތް ހަވާލުކުރުން

  • ހަމައެކަނި މެހެމާނުންނަށް މަރުހަބާކިޔަން ސަފަށް އެރުވުން؛ ގިނަ ފަހަރު ސަފުން ވެސް ޖާގަ ނުލިބޭ

  • ބަޖެޓުގެ ދަތިކަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް