ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާއަށް އޮތީ ދެ ގޮތެވެ. ސާދާ އާއި ސިޔާމްގެ ދެމެދުގައި މައްސަލައެއް ޖެއްސުމެވެ. ނޫނީ ހަތިޔާރު ބެހެއްޓުމެވެ.

އެޕިސޯޑް 4

ސާނިޔާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ.

ސާނިޔާ ފޮށި ހިފައިގެން ނުކުތީ ފެންޑާއަށެވެ. އެ ވަގުތު މަންނާނާއި ނާހިދާ ތިބީ އުނދޯލީގައި ދުފާށެވެ. ދެ މީހުން ހައިރާންވެފައި އެކަކު އަނެކަށް ބަލާލިއެވެ. ނާހިދާ ފުންމައިގެން ތެދުވެ ސާނިޔާ ގާތަށް ދިޔައެވެ.

"ސާނިޔާ. ކިހިނެއް ވީ؟ ތިއީ ކޮން ކަމެއް؟ ކޯސް އެއްކޮށް ނުނިމެއެއްނު؟" ނާހިދާ ހާސްވެފައި ބުންޏެވެ.

"އާނ. އެކަމަކު ދެން އަހަރެންނަކަށް ނުކިޔެވޭނެ." ސާނިޔާގެ މޫނުމަތިން ރުޅިވެރިކަން ނޫން އިތުރު އެއްޗެއް ނުފެނެއެވެ. މަންނާނު ވެސް އިން ތަނުން ތެދުވެގެން ސާނިޔާ ގާތަށް އައެވެ.

"ކިހިނެއް ވީ؟ މީހަކު އެއްޗެއް ބުނީތަ؟ ކަމެއް ކުރީތަ؟" މަންނާނު އެހިއެވެ.

"އަހަރެން މި ވަގުތު ބޭނުންވަނީ ރަށަށް ފުރަން." ސާނިޔާ ހުރީ ދޮރޯއްޓާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"އެކަމަކު ކިހިނެއް ކުއްލިއަކަށް ފުރާނީ؟ އެކަނި ނުދެވޭނެއެއްނު؟ ބައްޕައަށް އަންގަންދެން މަޑު ކުރަންވީނު." ނާހިދާ ސާނިޔާގެ އަތުގައި ހިފެހެއްޓިއެވެ. "ނޭނގެ ފުރާ ދޯންޏެއް މިކޮޅުގައި އޮތް ކަމެއް ވެސް."

ދެވަނަ ވިސްނުމަކަށް ދާން ސާނިޔާއަށް މަޖުބޫރުވިއެވެ. ނާހިދާ އެބުނީ ތެދެކެވެ. ހިފައިގެން ހުރި ފޮށި ބިންމަތީގައި ބެހެއްޓިއެވެ. އަދި އިސްދަށަށް ޖެހިއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނާހިދާ ވެސް ފަހަތުން ދާން ހިނގައިގަތެވެ. ނަމަވެސް މަންނާނުގެ އިޝާރާތަށް ނާހިދާ މަޑު ކުރިއެވެ.

ދުވަހުގެ އިރު އެރުމާއެކު ސާނިޔާ އެނދުން ތެދުވިއެވެ. ހީވަނީ ރޭ ހަތަރު ދަމު ހުރީ ހޭލާ ހެންނެވެ. ވިސްނަމުން ދިޔައީ ސިޔާމް އާއި ސާދާގެ ކައިވެންޏާ ދޭތެރޭގައެވެ. ސާނިޔާއަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އެ ކައިވެނި ކުރިޔަ ނުދީ މައްސަލައެއް އުފެއްދުމެވެ. އޭރުން ސިޔާމްގެ ހިތް ހޯދަން ސާނިޔާއަށް ފަސޭހަ ވާނެއެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ދެވަނައަށް އޮތް ގޮތަކީ ހިތްވަރު ދޫކޮށްލާފައި ރަށަށް ދިޔުމެވެ. އެކަމަކު އޭރުން ސިޔާމް ގެއްލޭނެއެވެ. އަދި މާލެ އައި މަގުސަދު ވެސް ގެއްލުނީއެވެ. ސާނިޔާ ހިތަށް އެރިއެވެ. ބޭނުން ވާ ގޮތަށް ކަންކަން ނުވެއްޖެ ނަމަ ސިޔާމް އާއި ސާދާ އެކުގައި އުޅޭ މަންޒަރު ބަލާކަށް ކެތެއް ނުވާނެއެވެ.

ސާނިޔާ ރީތި ވެލައިގެން ކޮޓަރިން ނުކުތެވެ. ގޭތެރެ އޮތީ ފަޅު ކޮށެވެ. ހަމަ ހިމޭންކޮށެވެ. ކާ ކޮޓަރި ތެރެއިން ދަންނަ އަޑެއް އިވޭތީ ސާނިޔާ މިސްރާބު ހުރީ އެ ދިމާލަށެވެ. ބަލާލި އިރު ސައިބޯން ތިބީ ސާދާ އާއި ސިޔާމްއެވެ. ކައިރީގައި އަމީނާ އާއި ނާހިދާ ވެސް ތިއްބެވެ. ނަމަވެސް ކޮޅަށެވެ. ސާނިޔާގެ މޫނު މައްޗަށް ފޫހިކަން އިތުރު ވިއެވެ. ތުން ފިއްތާލާފައި އެތަނުން ދާން ހިނގައިގަތެވެ. ހިތަށް އެރިއެވެ. ހީވަނީ ކައިވެނި ކޮށްގެން އުޅޭ ބައެއް ހެންނެވެ. އެހެނަސް ސާދާ އެއީ އަދި ކައިވެނިކުރާ އުމުރުގެ ކުއްޖެއް ވެސް ނޫނެވެ.

ސިޔާމް އާއި ސާދާގެ ގުޅުން ބަދަހި ކުރަން ކުރެވުނުހާ މަސައްކަތެއް ކުރަން އެންމެ ފޯރީގައި އުޅެނީ ނާހިދާއެވެ. އިތުރަށް ގުޅުން ވަރުގަދަވާން ފެށިއެވެ. ސައި ހަދާފައި ގެންނަން ފެށީ އަވަސް އަވަހަށެވެ. ސާދާ ގޭގައި އުޅޭ ގަޑިތައް ބަލައިގެންނެވެ. ސިޔާމްގެ ލޮލުގައި ސާދާއަށް ދެވިފައިވާ ލޯބި ސާފުކޮށް ފެންނަން ފެށީ ވެސް ނާހިދާއަށެވެ. ނާހިދާ އުފަލުން ފުރުނެވެ.

އަނެއް ކޮޅުން ސާނިޔާ ހަތިޔާރު ބެހެއްޓިއެވެ. ސިޔާމްގެ ހިތް އަތުލަން ކުރަމުން އައި މަސައްކަތް ހިތްވަރު ކޮށްފައި ހުއްޓާލިއެވެ. ފުރަތަމަ ކަމަކީ ސާނިޔާ، ސިޔާމް ދެކެ ލޯބި ނުވާތީއެވެ. ސާނިޔާއަށް ސިޔާމް ހަމައެކަނި ކަމުދަނީއެވެ. ސިފަ އާއި ސިޔާމްގެ މައިންބަފައިންގެ ތަނަވަސްކަމެވެ. ލޯބިވާން އަދި ދުވަސް ނަގާނެއެވެ. އެހެނަސް ސާނިޔާ ކަހަލަ ކުއްޖަކަށް މީހަކު ދެކެ ލޯބި ވެވޭނީ ވަރަށް އުނދަގުލުންނެވެ. ސާނިޔާއަކީ އަބަދުވެސް އަމިއްލަ އެދުން އިސްކުރާ ކުއްޖެކެވެ.

ދެތިން ދުވަސް ފަހުން ސާނިޔާ ރަށަށް ދިޔުމަށް ފުރިއެވެ. ކޯސް ނުނިންމައެވެ. ވީ ގޮތެއް ނާހިދާ އާއި މަންނާނު ގާތުގައި ނުބުނެއެވެ. ސާނިޔާ ގޮތް ދޫ ނުކުރުމުން މަންނާނު ސިޓީއެއް ލިޔުނީ ހާރޫނަށެވެ. ނަމަވެސް ސިޓީ ލިބެން ވާ އިރަށް ސާނިޔާ ރަށަށް ދިޔައެވެ. ސިޓީ ލިބުނީ އޭގެ ފަހުންނެވެ. އޭގައި އޮތީ ސާނިޔާއަށް ވީ ކީއްކަން ނޭނގޭ ކަމަށެވެ. ކިޔެވުން ފުރިހަމަ ނުކުރާ ކަމަށެވެ.

ސާނިޔާ ފެނުމުން ހާރޫނު އުފާވިއެވެ. އެހާ ދުވަސް ކޮށްފައި އެންމެ ލޯބިވާ ދަރިފުޅު ފެނުމުންނެވެ. ނަމަވެސް ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. ކުއްލިއަކަށް ރަށަށް އައުމުންނެވެ. ކިޔަވައި ނުނިންމީމައެވެ. ހާސްވާން ޖެހޭ ފަދަ ކަމެއް ދިމާވީތޯ ވެސް އެހިއެވެ. ނަމަވެސް ސާނިޔާ މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ބަދަލުގައި އެތަނަކުން ތެދުވެގެން ދަނީއެވެ. މޫނުމަތިން އަބަދު ފެންނަނީ ރުޅިވެރިކަމާއި ހިތްހަމަނުޖެހުމެވެ. ވީ ކިހިނެއްތޯ ބަލަން ހާރޫނާއި ހަދީޖާ ވަރަށް ހިތްވަރުކުރިއެވެ. ނަމަވެސް ކާމިޔާބު ނުވުމުން ކޮންމެ ފަހަރަކު މާޔޫސްވެފައި ހަނު ތިބެނީއެވެ. މަންނާނަށް އެތައް ސިޓީއެއް ފޮނުވިއެވެ. ވީ ކޮންކަމެއްތޯ އަހާފައެވެ. ނަމަވެސް މަންނާނު ވެސް ދެނީ ތަކުރާރުކޮށް އެއް ޖަވާބެކެވެ. އެންމެ ފަހުން ހާރޫނަށް ގޮތެއް ވިސްނުނެވެ.

"ހަދީޖާ! މަށަށް ފެންނަނީ އެ މަންޖެ މީހަކާ ދެވަން. އޭރުން އެ ހުރިހާ ބޭކާރު ވިސްނުންތަކެއް ފިލާފާނެ،" އަނބު ގަސް ދަށުގައި ހުރި ޖޯލިފަތީގައި އޮށޯވެލަމުން ހާރޫނު ބުންޏެވެ. ހަގަށް ލިބުނު ސޮރު ނިންދަވަން ހަދީޖާ އިނީ އުނދޯލީގައެވެ.

"ތިއީ ރަނގަޅު ވާހަކައެއް. އެކަމަކު ސާނިޔާއަށް ކަމުދާ ސޮރެއް ހޯދުމަކީ އުނދަގޫ ކަމެއް،" ސާނިޔާގެ މިޒާޖު އެންމެ ގާތުން އެނގޭ ހަދީޖާ ބުންޏެވެ.

"އާނ. ތިބުނީ ވެސް ތެދެއް. ދެން އެކަމަކު އުޅެބަލަ މިކަން ވޭތޯ ބަލަމާ ދޯ؟ ހަދީޖާ އަޅެ އަހާލަބަލަ ސާނިޔާ ގާތު ކައިވެންޏެއް ކުރަން ބޭނުންތޯ،" ހާރޫނު ބުންޏެވެ. "އަހަރެންގެ ހިޔާލުގައި އެބަ ހުރި ރަނގަޅު ސޮރެއް. ފަތުހިއްޔާގެ ދޮށީ ދަރި ފިރާގު. އެވެސް ކިޔަވައިގެން ހުރި ރަނގަޅު ސޮރެއް. ރަށު އޮފީހުގައި އުޅެނީ ވެސް."

ހަދީޖާ އެއްބަސްވިއެވެ. ނަމަވެސް ހިތުގައި އޮތީ ޔަގީންކަމެވެ. ސާނިޔާ އެއްބަސް ނުވާނެކަމުގެއެވެ. އެހެން ވިޔަސް ހާރޫނު ބުނުމުން އެކަން ކުރަން އާނ ބަސް ބުނީއެވެ.

"ފިރާގޭ؟ އެއީ ވަރަށް ރުންކުރު މީހެއް. އަހަރެން ވަރަށް ފޫހިވާ މީހެއް،" ވަގުތުން ސާނިޔާ ބުންޏެވެ. ހަދީޖާ ހައިރާނެއް ނުވިއެވެ. ސާނިޔާ އެކަމަށް އިޖާބަ ނުދޭން ވެގެން ދެއްކުނުހާ ބަހަނާއެއް ދެއްކިއެވެ.

"ދެން މަންމަ ވެސް ދޯ؟ އޭނަ ހުންނަނީ ވަރަށް ތަލަ ވެފައި. އަނެއްކާ ބަނޑު ވެސް ލާފައި. ހީވަނީ ޅަ ދުވަހު މުސްކުޅިވެފައި ހުރިހެން." ސާނިޔާ އިނީ ކަނަމަދު ކާށެވެ. ހަދީޖާ ހުރީ ރޯނުގައި ހިކިފައި ހުރި އަންނައުނުތައް ނަގާށެވެ.

"އެކަމަކު ދަރިފުޅާ. މީހަކާ ވެސް އިންނަން ޖެހޭނެއެއްނު؟ މިހާރު ދަރިފުޅު ތި ހުރީ އެ އުމުރަށް އަޅާފައި. އެ ސޮރުގެ ސިފަ ކަމުނުދިޔަ ނަމަވެސް އެއީ އަހުލާގު ރަނގަޅު، ކިޔަވައިގެން ހުރި ސޮރެއް. އަނެއްކާ ބަރާބަރަށް ނަމާދުކުރޭ. ވިޔާނުދާ އުޅުން އުޅޭ ސޮރެއް ނޫން،" ހަދީޖާ ކުރެއް ނުކުރިއެވެ.

"އެ ނިމުނީ؟ ހެޔޮތަ އޭނަ އަހަރެންނަށް ކަމު ނުދިޔަޔަސް؟" ހަދީޖާ ފިރާގުއޭ ކިޔައިގެން ކީ ސަނާ ތައުރީފަކުން ކުރި ފައިދާއެއް ނެތެވެ.

ސާނިޔާ އެންމެ ފަހުން ބޮލަށް އުނދަގޫ ވާންފެށިއެވެ. ހަދީޖާ އާއި ހާރޫނު ކުރެއް ނުކުރިއެވެ. ކައިވެނީގެ ވާހަކަ ދައްކަނީއެވެ. ނަމަވެސް ސާނިޔާއަށް ކަމުދާ ވަރުގެ ފިރިހެނެއް މުޅި ރަށުގައި ވެސް ނެތެވެ. މީހުން އެ ވާހަކަ ދައްކަން ފެށިއެވެ. މަލާމާތުގެ ގޮތުގައެވެ.

އަހަރެއް ފާއިތުވެދިޔަ އިރު ވެސް ސާނިޔާ ހުރީ އެގޮތުގައެވެ. ކުރިން ރައްޓެހިވާން އެހި ފިރިހެނުން މީހުންނާ އިނދެ ނިމިއްޖެއެވެ. ސާނިޔާއާ އެއް އުމުރެއްގެ ކުދިން ވެސް މީހުންނާ އިންނަނީއެވެ. ރަށު ތެރޭގައި ސާނިޔާ މަޝްހޫރުވީ ބޮޑާ މީހެއްގެ ގޮތުގައެވެ. ގޮތްދޫނުކުރާ މީހެއްގެ ގޮތުގައެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް