ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާގެ އެކަހެރި ދިރިއުޅުމަށް ބަދަލު އަންނަން ފެށީ ދޮރާށި ކުރިމަތިން ދިމާވި ޒުވާނާގެ ސަބަބުންނެވެ. އޭނާގެ އިންތިޒާާރުގައި ނުކުމެ ހުންނަން ފެށުމުންނެވެ.

އެޕިސޯޑް 3

ގެއަށް ދިޔުމަށް ދޮރާށިން ނުކުންނަން ދިޔަ ދެމައިންނަށް ހުއްޓެވުނެވެ.

ގެއަށް ވަންނަން އައި ސާނިޔާ އާއި ސިޔާމް ޖެހުނީ ކުއްލިއަކަށެވެ. ސާނިޔާގެ އަތުގައި ހުރި ފޮތްތައް ބިންމައްޗަށް ވެއްޓުނެވެ. ސާނިޔާ އައީ ފަހަތް ބަލަމުންނެވެ. ވުމާއެކު ސިޔާމް ނުފެނުނެވެ. ބިންމަތީގައި ހުރި ފޮތްތައް ނަގަން ތިރިވެފައި ހިތްހަމަނުޖެހިފައި ސިޔާމްއަށް ބަލާލިއެވެ. ސާނިޔާގެ މޫނުމައްޗަށް ވެރިވި ހިތްހަމަނުޖެހުން ބަދަލު ކޮށްލީ ސިޔާމްގެ ޖާދުވީ ދެ ލޮލެވެ. އެ ދެ ލޮލަށް ކިތަންމެ ގިނަ އިރަކު ވެސް ބެލިދާނެއެވެ. ސާނިޔާ އިނީ ހުއްޓިފައެވެ. ސިޔާމް އާއި އަމީނާ އެކަކު އަނެކަކަށް ބަލާލިއެވެ.

"މައާފު ކުރޭ،" ސިޔާމް އެހެން ބުނެފައި ހިނގައިގަތެވެ. ފަހަތުން އަމީނާ ވެސް ނުކުތެވެ. ސާނިޔާ ތެދުވެފައި ފަހަތް ބަލާލިއެވެ. ސިޔާމް ވަނީ ކުރިމަތީގައި ހުރި ގެއަށެވެ. ސާނިޔާ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި އިށީނެވެ. ހިތުގައި ހިނގަމުން ދިޔައީ ދެންމެ ފެނުނު ޒުވާނާއެވެ. ލޮލުގައި ކުރެހެމުން ދިޔައީ އެ ސޫރައެވެ. ސިކުނޑި ނަސޭހަތް ދެމުން ދިޔައީ އެ ޒުވާނާއާ ބައްދަލުކޮށްލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. ސާނިޔާއަށް ލޯ މަރާލެވުނެވެ. ސާނިޔާއަށް ސިޔާމް ކަމުދިޔައީ ބަޔާން ކޮށްދޭން ވެސް ނޭނގޭ ވަރަށެވެ.

ކުރީ ދުވަހު ވެސް ސިޔާމް ފެނުނު ގަޑިއަށް މިއަދު ވެސް ސާނިޔާ ނުކުތެވެ. ދޮރާށި ކައިރީގައި އިންތިޒާރުގައި ހުއްޓެވެ. ސިޔާމްގެ ހަބަރެއް ވޭތޯއެވެ. އެ ސޫރަ ފެނިލާތޯއެވެ. އެ މަންޒަރު މަންނާނަށް ފެނުމުން ނާހިދާއާ ސުވާލު ކުރިއެވެ.

"ކިހިނެއް ވެފަ ސާނިޔާ އެތަނުގައި އެ ހުންނަނީ؟" ބޭރު ފެންޑާގައި އިން ނާހިދާ ގާތު މަންނާނު އެހިއެވެ.

"ނޭނގެ. ރައްޓެހި ކުއްޖެއްގެ އިންތިޒާރުގައި ކަންނޭނގެ." ނާހިދާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

"ނާހިދާ އޭނަ އުޅޭ ނޫޅޭ ގޮތް ބަލާތި އިނގޭ. ކަމެއް ވާނީ ބުނެފައެއް ނޫން،" މަންނާނު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

"މަންނާނުތަ އަހަރެން ގާތު ތިހެން ތި ބުނަނީ؟ އެއީ އަހަރެން އެކަނި ޒިންމާ ނަގައިގެން ގެނައި ކުއްޖެއް ނޫން. މަންނާނު ތިހާ ކަންބޮޑުވަންޏާ ގޮސް އަހާލަބަލަ." ނާހިދާގެ ޖަވާބު ދިނީ ހިތްހަމަނުޖެހިގެންނެވެ.

"އަހަރެން ހަނދާން އެބަ ހުއްޓޭ އަހަރެން ވެސް ޒިންމާ ނަގަން ޖެހޭކަން. އެކަމަކު އެ ގޮތަށް ގެންނަ ކުދިންނާ އަހަރެން އެހާ ގިނައިން ވާހަކަ ދެއްކުން މާ ބުއްދިވެރިއެއް ނުވާނެ. އޭރުން ނަތީޖާ މާ ރަނގަޅެއް ނުވާނެ. ކަންނުވެ ނަން ވެދާނެ." މަންނާނު އިނީ އަދިވެސް ސާނިޔާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދޮރާށި ހުރީ ހުޅުވާފައިކަމުން ސާނިޔާ ހުރީ ފެންނާށެވެ.

"ސާނިޔާ އެގޮތަށް ދޮރާށި ކައިރީ ހުއްޓާ އަހަރެން އަދި ނުދެކެން. އެހެންވެ އެހެން މި ބުނީ،" މަންނާނު މިހެން ބުނެފައި ގޭތެރެއަށް ވަނެވެ. ނާހިދާ ވިސްނާލިއެވެ. ތެދެކެވެ. މީގެ ކުރިން ސާނިޔާ އަބަދުވެސް އޮންނާނީ ކޮޓަރީގައެވެ. ނުވަތަ ދާނީ ކުލާހަށެވެ. އެވެސް ގަޑި ޖެހެން ދެތިން މިނެޓަށް ވުމުންނެވެ. ސާނިޔާ ކިޔަވަން ދާ ތަން ހުންނަނީ ގެއާ ދާދި ކައިރީގައެވެ.

ސާނީޔާ ކޮޅަށް ހުރެހުރެ ފައި ވަރުބަލިވިއެވެ. ނަމަވެސް ސިޔާމް ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން މާޔޫސްވެފައި ހުރެ ގެއަށް ވަނެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން ސާނިޔާ ފަހަތް ބަލާލިއެވެ. އެއީ އެ ޒުވާނާއެވެ. ސާނިޔާ ހިތްއެދޭ ޒުވާނާއެވެ. މޮޅިވެރިވެފައިވާ ހިތަށް ހަމަޖެހުމާއި ތުންފަތަށް އުފާވެރިކަން ގެނެސްދިނެވެ.

ސާނިޔާގެ ހިތަށް އެރިއެވެ. އިއްޔެއަށް ވުރެ ވެސް މިއަދު މާ ރީއްޗެވެ. އިއްޔެ ހުރީ ޔުނިފޯމުގައެވެ. މިއަދު ހުރީ ފަޓުލޫނަކާއި ގަމީހެއް ލައިގެންނެވެ. ސިޔާމްގެ ހަށިގަނޑަށް ކޮޅުންކޮޅަށް ސާނިޔާ ބަލާލިއެވެ. ސިޔާމް ވާހަކަ ދައްކަން ފެށިއެވެ.

"އެ ތަނުގައި ހުރީ އަހަރެންގެ އިންތިޒާރުގައިތަ؟"

"އާނ. ކަލާގެ އިންތިޒާރުގައި. ކިހިނެއް އެނގުނީ؟" ސާނިޔާއަށް ބުނެވުނެވެ.

ސާނިޔާގެ ހުއްޓިފައިވީ ދެ ލޮލާ ދިމާލަށް އަތް ދެކޮޅަށް ހޫރުވާލީ ސިޔާމެވެ.

"ކީކޭ ތި ކިޔަނީ؟ އަހަރެން މި އަހަނީ ސާދާ އެބަ އުޅޭހޭ؟" ސިޔާމް ހައިރާންވެފައި އެހިއެވެ. ސާނިޔާ ސިއްސައިގެން ދިޔައެވެ. އަދި ލަދުގަތެވެ. މީގެ ހިނދުކޮޅެއް ކުރިން ސިޔާމް އެ ކުރި ސުވާލަކީ ސާނިޔާގެ ހިޔާލެކެވެ. ހިޔާލީ ދުނިޔެއަށް ޣަރަގުވެފައި ވުމުން ވާނުވާ ނޭނގުނީއެވެ.

ސިޔާމް ސުވާލު ތަކުރާރު ކުރިއެވެ. އެ ވަގުތު އުފާވެ، ތާޒާވެފައިވާ ސާނިޔާގެ މޫނަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެވިގެން ދިޔައެވެ. ސާދާ ހޯދުމަށް ސިޔާމް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ ސިޔާމްއަށް އެއްވެސް ޖަވާބެއް ނުދީ ކޮޓަރިއަށް ވަނުމަށް ދިޔަ ސާނިޔާ ހުއްޓުނީ ސާދާ ނުކުތުމުންނެވެ. ސިޔާމް ފެނުމާއެކު ސާދާގެ މޫނު މައްޗަށް ވީ ގޮތް ސާނިޔާ ދާދި ގާތުން ބެލިއެވެ. އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ނަމަވެސް ކޮޓަރީގެ ތަޅުގައި ހިފަހައްޓައިގެން ބަލަހައްޓައިގެން ހުރީ އެ ދެ މީހުންނާ ދިމާލަށެވެ. އޭރު ސިޔާމް އާއި ސާދާ ނުކުމެގެން ގޮސް ގޭގެ ފެންޑާގައި ހުރި އުނދޯލީގައި އިށީންނަނީއެވެ. ދެ މީހުން މަޑުމަޑުން ވާހަކަ ދައްކަދައްކާފައި ހެނީއެވެ. އެ މަންޒަރު ބަލާކަށް ސާނިޔާއަށް ކެތެއް ނުވިއެވެ. އައި ރުޅީގައި ކޮޓަރިއަށް ވަދެ ދޮރުފަތް ވަރަށް ބާރަށް ލެއްޕިއެވެ.

ސާނިޔާއަށް ބަދަލުތަކެއް އަންނަ ކަން ފާހަގަ ވާން ފެށީ މަންނާނަށެވެ. ނަމަވެސް ނާހިދާ ގާތުގައި އެ ވާހަކަ ދައްކާނެ ގޮތެއް ނޭނގުނެވެ. ނަގާފާނެ މާނައެއް ނޭނގޭތީއެވެ. ދެ ފިކުރެއްގައި ހުރެފައި މައުލޫއުގެ ސުރުހީ އަޅާލީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ކާ ކޮޓަރީގައި ތިބީ ނާހިދާ އާއި މަންނާނު އެކަންޏެވެ.

"ކޮބާތަ މިރޭ އެހެން ކުދިން؟ އެއްވެސް ކުއްޖެއް ނުކަނީ ތަ؟" ތައްޓަށް ބަތް އަޅަމުން މަންނާނު ބުންޏެވެ.

"ސާދާ ވީ އަމީނާމެން ގޭގަ. ސާނިޔާ ބުނީ ބަނޑުހައެއް ނުވެއޭ. ދެތިން ފަހަރު ބުނީމަ ވެސް ކާން ނުނިކުތް. ދެން އުޅޭ ދެ ކުދިން ވީ ރަށަށް ގޮސް. އިއްޔެ ޗުއްޓީ ފެށިއްޖެ،" ގަރުދިޔަ ތަށި މަންނާނުއާ ކައިރިއަށް ލައިދެމުން ނާހިދާ ބުންޏެވެ.

"އަހަރެން އަދި ހަނދާން ނެތިފައި މި ހުންނަނީ. އަމީނާމެން ވަރަށް ބޭނުންވޭ ސާދާ އާއި ސިޔާމްއާ ގުޅެން. މަންނާނު ކީކޭ މި ކަމާ ބުނަނީ؟" ނާހިދާ އެހިއެވެ. ނަމަވެސް މަންނާނުއަކަށް އެއަޑެއް ނީވުނެވެ. ބަތްފުށްތަކާ ކުޅެން އިނީ އެހެން ޚިޔާލެއްގައެވެ.

"މަންނާނު؟" ނާހިދާ މަންނާނުގެ ކޮނޑުގައި ޖަހާލިއެވެ.

"އޭނ؟ ކީކޭ؟" މަންނާނު އަވަސް އަވަހަށް ބުންޏެވެ.

"ކޮން ކަމަކާތަ ތި ވިސްނަނީ؟ އަހަރެން މި ބުނީ ސިޔާމް އާއި ސާދާއާ ދެ ކުދިން ގުޅެން މަންނާނު ގަބޫލުހޭ؟ އަމީނާމެންނަކީ ކިހާ މުއްސަނދި ބައެއް؟ ހަމަގައިމު ވެސް އަހަރެން އެކަމާ ވަރަށް ގަބޫލް. ސާދާއަކީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު. އޭނައަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އަހަރުމެންނަށް ކުރެވުނު ހުރިހާ ކަމެއް ވާނެ ކުރަން. އަނެއް ކޮޅުން ސާދާ އުޅޭނީ ވެސް އަހަރެމެންނަށް ފެންނަ ހިސާބުގައި މިތާ ކުރިމަތީގައި. އަމީނާމެންނަކީ އެންމެ ކުރިން ފެށިގެން އަހަރެމެންނަށް ގޮތް ބާވަތް އެނގޭ ބައެއް. ދެން މި ވަރުގެ ނަސީބެއް އެ ގޮއްޔެއަށް ލިބޭނީ. ނޫންތަ؟" ނާހިދާ އެއްފައްޗަކަށް އަމުނާލިއެވެ.

މަންނާނު އިތުރު އެއްޗެއް ނުބުނެ ބޯޖަހާލިއެވެ. ހަގީގަތުގައި މަންނާނު ވިސްނަމުން ދިޔައީ ސާނިޔާއާ މެދުގައެވެ. ނަމަވެސް ސާދާއާ ބެހޭ ގޮތުން އެ ދެއްކި ވާހަކައަށް މަންނާނު ވެސް ލޮލުން ބޮލުން ރުހި ގަބޫލެވެ.

ކާ ކޮޓަރި ތެރޭގައި ދެއްކި ވާހަކަ ސިއްރުން އަޑު އަހަން ހުރީ ސާނިޔާއެވެ. ސިކުނޑިއަށް ވެރިވި ރުޅިވެރިކަމާއި ހިތުގައި ޖަހައިލި އަވަސް ވިންދާއެކު ސިއްސައިގެން ދިޔައީ މީހަކު ފަހަތުން ގޮވާލީމައެވެ. އެއީ ސާނިޔާ ކުލަ ޖައްސަމުން ފަވަމުން ދިޔަ ހުވަފެން ބިލާހަކަށް ހަދަން އަތުކުރި އޮޅާލައިގެން ހުރި ސާދާއެވެ. އިހުނަށް ވުރެ ސާދާ ދެކެ ރުޅިއައެވެ. އެއްވެސް އެއްޗެއް ނުބުނެ ސާނިޔާ ދިޔައީ ކޮޓަރިއަށެވެ. ސާދާ ދެ ކޮނޑު އަރުވާލާފައި ކާ ކޮޓަރިއަށް ވަނެވެ.

ސާނިޔާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް