ހުޅުމާލެ

ހުޅުމާލެއަށް 25 އަހަރު: ކުރެހި މަންޒަރު މުޅިން ފުރިހަމައެއް ނުވި

ހުޅުމާލެ އުފަންކުރުވި ހާއްސަ ރިޕޯޓްގައި ރާއްޖޭގެ އެހެން ސަރަހައްދުތަކެއް ތަރައްގީ ކުރަން ވެސް ހުށައެޅި
16 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ހުޅުމާލެއާ އެކު އެހެން ސަރަހައްދުތަކެއް އުފެއްދި ނަމަ މާލެއަށް ތޮއްޖެހުން ކުޑަކުރެވުނީސް

ހުޅުމާލޭ ބިން ހިއްކަން ފެށިއިރު މާލެ ސަރަހައްދުގައި ގެދޮރަށް ޖެހިފައި ތިބީ 6،000 މީހުން

މާޒީން އިބުރަތް ނުހޯދައިފި ނަމަ ހުޅުމާލެ ވެސް ދެވަނަ މާލެއަކަށް ބަދަލުވުން ކައިރި

"ޕަބްލިކް ވާކްސް މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ދެއްވާށެވެ. އަޅުގަނޑު މަސައްކަތް ފައްޓާނަމެވެ. އަދި ކުރިއަށް ގެންދާނަމެވެ."

މިއީ މިދިއަ އަހަރު އަވަހާރަވި ގައުމީ އަގުހުރި ހިދުމަތްތެރިއެއް ކަމަށްވާ އުމަރު ޒާހިރު، އެ މަނިކުފާނުގެ ހަޔާތްޕުޅާ ބެހޭ ގޮތުން، ކަށިމާ އަހުމަދު ޝާކިރު ލިއުއްވި ފޮތުގައި، ވިދާޅުވި ވާހަކައެކެވެ.

އެ 10 މިލިއަން ރުފިޔާއަކީ ހުޅުލޭ ފަޅުގައި ހުޅުމާލެ ތަރައްގީކުރަން ބިން ހިއްކަން ސަރުކާރުން އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ދެއްވަން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓްގައި، އުމަރު ޒާހިރު އެދިވަޑައިގަތް އެދިވަޑައިގަތުމެވެ.

ނަމަވެސް މާލެ ވަރުގެ، 188 ހެކްޓަރުގެ ބިމެއް ހިއްކޭވަރުގެ މާލީ އަދި މަސައްކަތްކުރުމުގެ ގާބިލްކަމާ މެދު ބައެއް މިނިސްޓަރުން ސުވާލު އުފެއްދެވި އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޭރުގެ މާލޭ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑުން ތައްޔާރުކުރި ދިރާސާ ރިޕޯޓް ކެބިނެޓަށް ހުށައެޅިތާ ދެ އަހަރު ވާން ކައިރިވި އިރު ވެސް މަސައްކަތް ނުފެށި އޮތް އެއް ސަބަބަކީ އެ އެވެ. 

ހުޅުމާލެ ވުޖޫދުވާން ތައްޔާރުކުރި ރިޕޯޓް އެކުލަވާލި ކޮމިޓީގެ އެއް މެމްބަރު، އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް ރަފީގު، 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަރުކާރުގެ ބައެއް އިސް ވެރިންގެ ޝައްކު އެގޮތަށް އެނބުރުނު ނަމަވެސް 16 އޮކްޓޯބަރު 1997 ގައި، މައުމޫން އެ މަޝްރޫއު ފައްޓަވައިދެއްވި އެވެ. އަދި އޭރުގެ ގާބިލްކަން ހުރި ނިސްބަތުން މަސައްކަތް ކުރިއަށް ގެންގޮސް، ފަސް އަހަރުގެ ތެރޭގައި، 2002 ގައި ބިން ހިއްކާ ނިންމި އެވެ.

މިހާރު އެއީ ރާއްޖޭގެ އެންމެ ޒަމާނީ ސިޓީ އެވެ. އެންމެ ރީތި ސިޓީ އެވެ. އުޅެން އެންމެ ހިތްގައިމު ސިޓީ ވެސް މެ އެވެ.

ފުރަތަމަ ފިޔަވަހިން ނުވެގެން މިހާރު އެ ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެވަނަ ފިޔަވައްސެއް ވެސް، 244 ހެކްޓަރުގެ ބިމާ އެކު ހިއްކައިފަ އެވެ. އެ ފިޔަވަހީގައި ހަމަ އެމަނިކުފާނުގެ ވެރިކަމުގައި، ބިޔަ އިމާރާތްތަކެއް ހިމެނޭ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ފެށި އެވެ. އެ މަޝްރޫއުގައި ހެދި 7،000 ފްލެޓްގައި އެތައް ހާސް ބަޔަކު އެ ގެންދަނީ ދިރިއުޅެމުންނެވެ.

ހުޅުމާލެއަކީ މައުމޫންގެ ވެރިކަމުގެ އެންމެ ކާމިޔާބު އެއް މަޝްރޫއު އެވެ. އެކަމަކު އެ ކާމިޔާބު، އޭރުގެ ދިވެހި ޓެކްނިކަލް ޓީމުން ތައްޔާރުކުރި ރިޕޯޓްގައި މަންޒަރުކޮށްފައި އޮތް އެންމެ ފުރިހަމަ ގޮތަށް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.

ހިޔާލުގެ ފެށުން

ކުރު ނަމުން ނަމަ 'އާބަން ބޯޑަށް' ސަރުކާރުން ހުށައެޅީ މާލޭގެ ބޯހިޔާވަހިކަން ހައްލުކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށެވެ. ސަރުކާރުގެ ކަމާ ބެހޭ އެކި މިނިސްޓްރީތަކުގެ މަންދޫބުން ވެސް ހިމެނޭ ގޮތަށް އެކުލަވާލި ކޮމިޓީއަކުން އެ ގޮތްތައް 37 ސަފުހާގެ ރިޕޯޓްގައި ލިއުނެވެ. އޭރު މާލޭގައި ގެދޮރަށް ޖެހިފައި ތިބި މީހުންގެ އަދަދު އަރަނީ 6،000 އަށެވެ. މި އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދޭން ހުޅުލޭ ފަޅު ހިއްކުމުގެ އިތުރުން ރިޕޯޓްގައި ސަރުކާރަށް ވަރަށް މުހިންމު އެހެން ކަމެއް ހުށައެޅި އެވެ: ރާއްޖޭގެ އެހެން ސަރަހައްދުތަކެއް ވެސް، އެކުއެކުގައި، ތަރައްގީކުރުމެވެ. 

ރިޕޯޓްގައި އޮންނާނެ ހުޅުމާލޭ "ފުރަތަމަ ފޭސް ޑިވެލޮޕްކުރަން ފެށިގެން އަންނައިރު އެއާ އެއްކޮށް ރީޖަނަލް ގްރޯތު [ތަރައްގީ] ވަރަށް ރަނގަޅަށް ގެންދަން ޖެހޭނޭ،" ރިޕޯޓް ތައްޔާރުކުރި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އޭރުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ ޑިރެކްޓަރު، އިބްރާހިމް ރަފީގު ވިދާޅުވި އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކަން ކޮންނަ ބޯޓުގެ ހޮޅި އަޅާފައި: މަޝްރޫއުއަށް 22 މިލިއަން ޑޮލަރު ހަރަދުވި (ފޮޓޯ/އަލީ ރަފީގް)

ރާއްޖޭގެ އެހެން ސަރަހައްދުތަކެއް ރަނގަޅަށް ތަރައްގީނުކުރެވިއްޖެ ނަމަ މާލެ ތޮއްޖެހުން ދެން ވެސް ބޮޑުވާނެކަން އޭރު ވެސް އެނގެ އެވެ. ރަފީގު ވިދާޅުވި ގޮތުގައި އެފަދަ މަޝްރޫއުތައް ބިނާވަނީ ކުއްލިއަކަށް ބޮޑުކޮށް ފަށައި، ދެތިން އަހަރުގެ ތެރޭގައި ނަތީޖާއެއް ނުކުންނާނެ ކުރު މުސްތަގުބަލުގެ ވިސްނުމަކަށް ނޫނެވެ.

"ސިޔާސަތުތަކެއް ހުރި. އެހެންނަމަވެސް ޕްރެކްޓިކަލީ [އަމަލީ ގޮތުން] އެބައި އެންމެ ފޯކަސްޑް ގޮތަކަށް ނޫން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެވެސް މަސައްކަތްތަކެއް ސަރުކާރުން ފެށި އެވެ. ނަމަވެސް އެއީ މާލެއަށް މީހުން ޖަމާވުން ހުއްޓުވޭނެ ފަދަ ފުޅާ ތަރައްގީއެއް ނޫނެވެ. ހުޅުމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ ގާބިލްކަން ވެސް ސަރުކާރުގައި ނެތް ކަމަށް ދައުލަތުގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރެއްވި ދުވަސްވަރެއްގައި، މާލެ ކަހަލަ އެހެން ސަރަހައްދުތަކެއްގެ ތަރައްގީއާ މެދު އެ ބޭފުޅުންގެ ހިޔާލު، އެހާ މައްޗަށް ހުރުން ދުރެވެ.

ހުޅުމާލެ ޑިވެލޮޕްކުރަމުން ދާއިރު މާލެއަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބޭނެ ކަމަށް ވިސްނީ.

އިބްރާހިމް ރަފީގު، ހުޅުމާލެ ހަދަން ތައްޔާރުކުރި ރިޕޯޓް އެކުލަވާލި ކޮމިޓީގެ މެމްބަރެއް

އެކަމަކު ހުޅުމާލެ ފޭސް އެކެއްގެ ތަރައްގީއަކީ، ދުރު މުސްތަގުބަލަކަށް ވިސްނާ ނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކެއްގައި ވެސް ކުރިއަށް ގެންދެވިދާނެ މިސާލެއް ކަމަށް، އާބަން ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވެ އެވެ. މާލެއާ ޖެހިގެން އޮތް އިރު ވެސް ހުޅުމާލެއަށް ފުރިހަމަ ދިރުން އައީ ލަސްލަހުންނެވެ. ވިޔަފާރިވެރިން އެތަނުގައި ފިހާރަ ހުޅުވަން ޖެހިލުންވި އެވެ. ބިން ގަންނަން ޖެހިލުންވި އެވެ. ދިރިއުޅުން ބަދަލުކުރަން ވެސް ޖެހިލުންވި އެވެ.

ރަފީގު ވިދާޅުވި ގޮތުގައި ރަނގަޅު ރަށެއް ތަރައްގީކުރެވޭނީ ގިނަ ދުވަހުންނެވެ. އޭގެ ބަދަލުގައި ކުރު މުއްދަތުގެ ހައްލު ހޯދަން އުޅެންޏާ އެ ހައްލުތަކެއް ނާންނާނެ އެވެ.

"ކޮންޓިނިއުޓީ [ހުއްޓުމެއް ނެތި] ބޭނުންވަނީ ރަނގަޅަށް ގެންދަން. ހުއްޓިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރަނގަޅު ސިޓީއެއް ގާތްގަނޑަކަށް "20 އަހަރުން ނޫނީ އޭގެ ޒާތުގައި ހިނގައެއް ނުގަންނާނެ."

ދެވަނަ ފިޔަވަހި ހިއްކާކަށް ނުޖެހުނީސް

މީގެ 27 އަހަރު ކުރިން ހުށައެޅި ރިޕޯޓްގެ އަނެއް މަންޒަރަކީ 'މުސްކުޅި މާލެ' ވެސް ރައްޔިތުންނަށް ހަމަ ނޭވާއެއް ލެވޭ ގޮތަށް އަލުން ޕްލޭންކުރުމެވެ. ހުޅުމާލެއަކީ އެކަމަށް އޮތް އެއް ވަސީލަތެވެ. އެއީ މާލޭގައި މިހާރު މި ފެންނަ ގޮތަށް އެހާ އުސް އިމާރާތްތައް މަދު ދުވަސްވަރެކެވެ. މައްޗަށް ނަގާފައި ހުންނަ ގިނަ އިމާރާތްތައް ހުރީ، ދެ ބުރި ނުވަތަ ތިން ބުރިއަށެވެ.

ރިޕޯޓްގައި އެކަން ކުރާނެ ސީދާ ތަފުސީލުތަކެއް ނުދެ އެވެ. އެކަމަކު މާލޭގެ ބައެއް ހިސާބުތަކުން މީހުންނަށް ހުޅުމާލެއިން ގޮތެއް ހޯދައިދީފައި، އެ ހިސާބުތައް ސަރުކާރުން ބޭނުންވާ ޕްލޭނަކަށް ތަރައްގީކުރެވިދާނެ އެވެ.

"ފުރަމާލެ ރީޕްލޭން ކުރެވިގެން ތަނަވަސްކޮށްގެން އުޅެވެން ޖެހޭނެއޭ އޭރު ވިސްނުމުގައި އޮތް،" ރަފީގު ވިދާޅުވި އެވެ.

"ހުޅުމާލެ ޑިވެލޮޕްކުރަމުން ދާއިރު މާލެއަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބޭނެ ކަމަށް ވިސްނީ."

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުރަތަމަ ހެދި ފްލެޓް: އެހެން ބިންތައް ހުސްކޮށް

އެކަމަކު އެގޮތަށް ނުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އެ ބަދަލު ނުގެނެވުމުންނެވެ. އެހެން ހިސާބުތަކުގެ މީހުން މާލެ އައުން ނުހުއްޓުވިގެންނެވެ. އެހެންކަމުން މިދިއަ 25 އަހަރުގެ ތެރޭގައި ހުޅުމާލެ ތަރަައްގީވީ މާލެ އިތުރަށް ތޮއްޖެހޭ ވަރަށް އެކި ރަށްރަށުން މީހުން ހިޖުރަކުރުމުގެ ތެރޭގަ އެވެ. މާލޭގެ ކުދިކުދި ބިންތައް އުސްވަމުން، 10 ބުރީގެ އިމާރާތްތައް ގިނަވެގެންނެވެ.

ރިޕޯޓްގައި އޭރު ހިމެނި މަންޒަރު ދެން މާލެއަށް ގެނެވޭކަށް ވެސް ނެތެވެ. ރަފީގު ވިދާޅުވި ގޮތުން ނަމަ "މިހާރު އެ ފުރުސަތު ގެއްލިއްޖެ" އެވެ.

އޭނާ ލަފާކުރައްވަނީ ރާއްޖޭގެ ކޮންމެވެސް ދެ ސަރަހައްދެއް ތަރައްގީކުރެވުނު ނަމަ ހުޅުމާލޭ ދެވަނަ ފިޔަވަހި ވެސް ހިއްކަން އަދި ނުޖެހޭނެ ކަމަށެވެ.

ދެން އޮތީ މާލެއަށް ވީ ގޮތް ނުވުން

މާޒީގެ ތެރެއިން ލިބުނު ފިލާވަޅުގެ ބޭނުން ރަނގަޅަށް ހިފޭ ކަމަށް ވަންޏާ ހުޅުމާލެ ތޮއްޖައްސަން ހެޔޮނުވާނެ އެވެ. އެކަމަކު އެ ތަރައްގީ ފެންނަނީ އެ މަގަށް މިސްރާބު ޖަހާފައި ހުރި ތަނެވެ. މާލޭގައި މިހާރު ވެސް އަމިއްލަ ބޯހިޔާވަހިކަން ބޭނުން މީހުންގެ އަދަދު 23،000 އަށް ވުރެ މައްޗެވެ. ސަރުކާރުން މިހާރު ވެސް މާލެ ސަރަހައްދުގައި އެތައް ހާސް ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ މާލޭ ރައްޔިތުންނަށް އަމާޒުކޮށް ދޭން ޕްލޭންކޮށްފައިވާ 5،000 ގޯތީގެ އިތުރުންނެވެ.

މައުމޫންގެ ފަހު ރިޔާސީ ދައުރުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރުކަން ވެސް ކުރެއްވި ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ އެކުލަވާލި ރިޕޯޓްގައި އޮތް ގޮތަށް ހުރިހާ ކަމެއް ކުރުން ލާޒިމް ނޫން ކަމަށެވެ. ބައެއް ކަންކަމަށް ބަދަލު އަންނާނެކަން އޭނާ ގަބޫލުކުރައްވަ އެވެ. އެކި ސަރުކާރުތަކުން އެކި ސިޔާސަތު ވެސް ގެންގުޅޭނެ އެވެ.

ދުރުން، ތޮއްޖެހިފައިވާ މާލެ: ހުޅުމާލެ ހެދުމަކުން މާލޭގެ ތޮއްޖެހުމަށް އައި ލުޔެއް ނެތް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ހުޅުމާލެ ފުރަތަމަ ޑިޒައިންކުރީ ރަށުގެ ދެ ފަރާތުގެ އިމާރާތްތައް ތިރިކޮށް، މެދުގައި ހަދާ އިމާރާތްތައް އުސްކުރާ ގޮތަށެވެ. މިހާރު ވެސް ކޮންމެވެސް ވަރަކަށް އެ އުސޫލު ހިފަހައްޓަ އެވެ. އެކަމަކު އެންމެ ފުރަތަމަ ކަނޑައެޅި ގޮތަށް ވުރެ ބައެއް ސަރަހައްދުތަކުގެ އިމާރާތްތައް މިހާރު އުސްކުރެވެ އެވެ.

ކަންބޮޑުވާން ޖެހޭ ކަމަކީ، ރަފީގު ވިދާޅުވި ގޮތުގައި، އެކަށީގެންވާ ވަރަށް ވުރެ ގިނަ ބަޔަކު ދިރިއުޅެވޭ ގޮތަށް ބައެއް ނިންމުންތައް ނިންމުމެވެ. އޭގެ ނަތީޖާއަކަށް ވާނީ، އަވަސް ކުރިމަގެއްގައި ނޫނަސް، ދިގު މުއްދަތަކަށް ބަލާ ނަމަ، އަނެއްކާވެސް މާލެއެއް އުފެދުމެވެ.

"ކޮންމެ ތަނެއްގައި ވެސް އަކަ ކިލޯމީޓަރަކަށް ވަކި ވަރަކަށް މީހުންނަށް ހަމަޖެހިގެން އުޅެވޭނީ. ކެރީން ކެޕޭސިޓީ [ގިނަވެގެން މީހުން އުޅެވޭނެ ވަރަށް] މަސައްކަތްކުރުން ވަރަށް މުހިންމު،" ރާއްޖޭގައި އެންމެ ފުރަތަމަ ސިވިލް އިންޖިނިއަރިން އާއި އާބަން ޕްލޭނިންގެ ދާއިރާއިން ކިޔަވާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރަފީގު ވިދާޅުވި އެވެ.

މީގެ 25 އަހަރު ކުރިން، އެ ބުރާސްފަތިދުވަހު، އޭރުގެ ރައީސް މައުމޫން ހުޅުލޭ ފަޅުގައި ފެއްޓެވީ މާލޭގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިލާނެ މާހައުލެއް އުފެއްދުމުގެ މަސައްކަތެވެ.

"ﷲގެ ރަހުމަތްފުޅާ އެކު މަސައްކަތް ކާމިޔާބު ކޮށްފައި ދައްކާނަމޭ އެ ދުވަހު ވެސް އަޅުގަނޑުގެ ހިތަށްއެރި އެވެ،" އުމަރު ޒާހިރުގެ ފޮތުގައި ލިއުއްވި އެވެ.

ހުޅުމާލެއަކީ ކާމިޔާބު މަޝްރޫއުއެކެވެ. އެކަމަކު ހުޅުމާލެ އުފައްދަން ތައްޔާރުކުރި ރިޕޯޓްގެ ބޮޑު މަންޒަރު ފުރިހަމައެއް ނުވި އެވެ.

ރާއްޖޭގައި އެހެން ސަރަހައްދުތަކެއް ތަރައްގީއެއް ނުކުރެވުނެވެ. މާލެ ފަދަ ބޮޑު ތޮއްޖެހުމަކަށް ހިތްގައިމު ހުޅުމާލެ ވެސް ބަދަލުވަމުން ދިއުން ނުހުއްޓުވުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް