ތިނަދޫގެ މަގެއްގެ މަތިން ކުއްޖަކު ބައިސްކަލްގައި ދަނީ

އޯ ލެވެލް ނިމިއްޖެ، ދެން ކުރާނީ ކީއް؟

އޯ ލެވެލް އަށް ފަހު ލިބޭ ވަގުތު ހުހަށް ދޫކޮށްލުމުގެ ބަދަލުގައި ހޯދަންވީ ތަޖުރިބާ

މުހިންމު ނުކުތާތައް

މިއީ ހުނަރު ދަސްކުރަން ލިބޭ ރަނގަޅު ފުރުސަތެއް

ޕާޓް ޓައިމް ވަޒީފާއެއް ހޯދުން އެއީ ކުރެވިދާނެ މުހިއްމު ކަމެއް

ދަރުމައަށް މަސައްކަތް ކުރުމުން ވެސް މީހާ އަށް ހެޔޮ ބަދަލުތަކެއް އަންނާނެ

މި އަަހަރުގެ އޯ ލެވެލް އިމްތިހާނު މިދިޔަ ހަފްތާގައި ނިންމާލި 6،000 އެއްހާ ދަރިވަރުން ހަމަ ނޭވާލާން ވަގުތުކޮޅެއް ނަގާނެ އެވެ. އެކަމަކު އޯ ލެވެލް ނިންމާލުމާ އެކު އަންނަނީ ހަޔާތުގައި ދެން ކުރިއަށްދާންވީ މަރުހަލާއާ މެދު ފުންކޮށް ވިސްނާލައި އެ ދަތުރަށް ތައްޔާރުވާންވީ ވަގުތެވެ. އޯ ލެވެލް ނިންމާލުމަށް ފަހު ކުރާ ކަމަކީ މުސްތަގުބަލުގެ ޗާޓު ކުރަހާ އިރު މުހިއްމު ކަމަކަށް ވެ އެވެ.

2019 ވަނަ އަހަރުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އެކު ފޮޓޯއަކަށް ހުއްޓިގެން

އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އައުމާ ދެމެދު މި ލިބޭ ވަގުތުކޮޅުގައި ކުޑަ ހިތްވަރެއް ލައި، ކުރާ ބައެއް ކަންކަމުގެ ސަބަބުން އޯ ލެވެލް ނިންމާ އެހެން ކުދިންނާ އަޅާ ބަލާއިރު ބޮޑު ތަފާތެއް ގެނެވިދާނެ އެވެ. ފުރުސަތުތަކަށް ލޯ ހުޅުވި، ވަޒީފާ އަށް އިތުރު ތަޖުރިބާތަކެއް ހޯދި ދާނެ އެވެ.

ހަމަޖެހިލަން ވަގުތުކޮޅެއް ހޯދަން ޖެހޭ

އޯ ލެވެލް އަށް ބިޒީކޮށް ކިޔެވުމަށް ފަހު އެކުވެރިންނާއި އާއިލާއާ އެކު ހޭދަ ކުރުމަށް ވަގުތުކޮޅެއް ހޯދުން މުހިއްމެވެ. މޫދަށް ދިއުން، ދަތުރު ދިއުން އަދި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރުމަކީ އޯ ލެވެލް ނިންމާލުމަށް ފަހު އުފާ ފާޅުކުރުމަށް ގިނަ ދަރިވަރުން ކޮށް އުޅޭ ކަންކަމެވެ. އެކަމަކު ހުރިހާ ވަގުތެއް މި ކަންކަމަށް ދޫކޮށްލުން ވެސް ރަނގަޅެއް ނޫނެވެ.

ބުރަކޮށް ކިޔެވުމަށް ފަހު ހުސް ވަގުތުކޮޅެއް ހޯދުން މުހިއްމު (ފޮޓޯ/އާއިޝަތު ޝާމިލާ)

އެންމެ މުހިއްމީ ވަޒީފާއެއް ހޯދުން

އޯ ލެވެލް ނިންމާލައި ހަމަޖެހިލުމަށް ވަގުތުކޮޅެއް ހޯދުމަށް ފަހު، ޕާޓް ޓައިމް ވަޒީފާއެއް ހޯދުން މުހިއްމެވެ. އާމްދަނީ ލިބޭ މަސައްކަތެއް ކުރުމަކީ މީހާ ހަރުދަނާވާން ދަސްކޮށްދޭ ކަމެކެވެ. ވަޒީފާ އަކަށް ގޮސް، ފައިސާ ހޯދައި އަދި ވަޒީފާގެ މާހައުލު ތަޖުރިބާ ކޮށްލުމަށް މިއީ ރަނގަޅު ދަނޑިވަޅެކެވެ. ވަޒީފާއިން ލިބޭ ތަޖުރިބާ މުހިއްމެވެ. ވަޒީފާގެ ބާޒާރުގެ ވާދަވެރިކަން ބޮޑުވެ، ވަޒީފާއެއްގައި ކުރިން އުޅެފައި ނެތް ނަމަ ވަޒީފާ ހޯދަން އުނދަގުލެވެ. އޯ ލެވެލް ނިންމާ ގޮތަށް އަދާކުރާ ވަޒީފާގެ ތަޖުރިބާ މުހިއްމެވެ.

ވަޒީފާ އިން ހުނަރު ދަސްކުރުން

ކުޅުދުއްފުށީގައި ކޯޑު ކުރަން ދަސްކުރި އަންހެންކުދިންތަކެއް (ފޮޓޯ/ ދިރާގު)

ސްކޫލުގައި ފޮތުގެ ދެލިގަނޑުން ބޭރުން ހުނަރު ދަސްކުރަން ލިބެނީ ކުޑަ ފުރުސަތެކެވެ. އޯ ލެވެލް ނިންމާލުމަށް ފަހު އޮންނަ ދުވަސްކޮޅު މިއީ މިކަން ދަސްކުރަން އެންމެ ރަނގަޅު ވަގުތެވެ. އެޑްމިން މަސައްކަތް ކުރަން ޖެހޭ ޕާޓް ޓައިމް ވަޒީފާއެއް ހޯދައިފި ނަމަ މި ކަންކަން ފަސޭހައިން ދަސްވެ އެވެ. ޕާޓް ޓައިމް ވަޒީފާ އިން އަންނަނިވި ހުނަރުތައް ދަސްކުރެވިދާނެ އެވެ.

  • މައިކްރޮސޮފްޓް އޮފީސް، އެޑޯބީ، ގޫގުލް ޑޮކްސް ކަހަލަ ބޭސިކް ކޮމްޕިއުޓަ ޕްރޮގްރާމްތަކަށް އަހުލުވެރިވުން

  • އީމެއިލް ކުރަން އަދި އީމެއިލް އަށް ޖަވާބު ދޭން ދަސްވުން

  • އޮފީސް މާހައުލެއްގައި އުޅެންވީ ގޮތުގެ ސުލޫކު ދަސްވުން

  • ޝެޑިއުލް ރާވާ އަދި ބައްދަލުވުންތައް ރާާވާ ހާޒިރުވުން

  • ރިޕޯޓް ލިޔުން

  • ފައިލިން ސިސްޓަމެއްގައި ރެކޯޑް ބަލަހައްޓަން ދަސްވުން

  • މީހުންނާ މުއާމަލާތް ކުރަން ދަސްވުން

މި ކަންކަމުގެ އިތުުރުން ކޯޑު ކުރުމާއި ޑިޒައިން މަސައްކަތް ފަދަ ކަންކަން ދަސްކުރުމަށް ވަގުތު ހޭދަ ކުރެވިދާނެ އެވެ.

ޝައުގުވެރިވާ ދާއިރާ ހޯދުން

އެމްއެންޔޫގެ 'ފަހި ބާޒާރު'ގެ ސްޓޯލްއެއްގައި ކާއެއްޗެހި ވިއްކަން ބަހައްޓާފައި

އޯލެވެލް އަށް ފަހު ކުރިއަށް ދާން ޝައުގުވެރިވާ ދާއިރާ އިން ވަޒީފާއެއް ހޯދި ދާނެ އެވެ. ފަހުން ކެރިއަރު ބިނާކުރުމުގައި އެ ދާއިރާ އިން ހޯދި ތަޖުރިބާގެ ބޭނުންހިފޭނެ އެވެ. އޮފީހެއްގެ މޭޒު ކައިރީ ހުރެ ހޯދާ ތަޖުރިބާއަށް ވުރެ ފީލްޑަށް ނުކުމެ ހޯދާ ތަޖުރިބާ މުހިއްމުވެ އެވެ. ފަތުރުވެރިކަމުގެ ދާއިރާ އިން ކުރިއަށް ދާން ބޭނުން ނަމަ އެ ދާއިރާއާ ސީދާ ގުޅޭ ވަޒީފާއެއް ހޯދިދާނެ އެވެ.

އޮފީހެއްގެ މޭޒު ދޮށަށް ދިޔުމުގެ ބަދަލުގައި ޓިއުޝަން ދިނުން، ބޭކް ކުރުން، ފެހުން، އާޓް މަސައްކަތް އަދި ވޮކޭޝަނަލް މަސައްކަތްތައް ވެސް ކުރެވިދާނެ އެވެ.

ނުވަތަ ޑައިވް ކުރަން ދަސްކުރުމާއި އާ ބަހެއް ދަސްކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. މި ނޫން ވެސް ކަންކަން އަމަލީ ގޮތުން ތަޖުރިބާކުރެވިދާނެ އެވެ.

ލިބެން ހުރި ފުރުސަތުތައް ދެނެގަންނަން ޖެހޭ

އެމްއައިޓީ އިން ގަހަނާ ހަދަން ދަސްކޮށްދިން ކޯހެއްގެ ބައިވެރިންތަކެއް ސެޓްފިކެޓް ދިނުމުގެ ޖަލްސާގައި (ފޮޓޯ/އެމްއައިޓީ)

ރާއްޖޭގައި އޯ ލެވެލް ނިންމާލާ ދަރިވަރުންނަށް ކުރިއާ ހިލާފަށް މިހާރު ރަނގަޅު ފުރުސަތުތަކެއް އެބަހުއްޓެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ހުނަރު ތަރައްގީ ކުރާ ކޯސްތައް އެބަހުއްޓެވެ. އެންމެ މުހިއްމު ކަމަކީ މި ހުރިހާ މައުލޫމާތަކާއި ފުރުސަތުތައް ދެނެގަތުމެވެ. އަދި ބައިވެރިވާން ބޭނުންވާ ކޯހެއް އޮތް ނަމަ އެއާ ގުޅޭ މައުލޫމާތު ހޯދައި ކޯސް ހިންގާ މަރުކަޒާއި ކޯހަށް ކުރިމަތިލާން ޖެހޭ ސުންގަނޑި އެނގިފައި އޮތުން މުހިއްމެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި ތަމްރީން ފުރުސަތުތައް ހޯދަން ބޭނުންވާ މީހުންނަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުން މައުލޫމާތު ލިބޭނެ އެވެ.

ކުރު އަދި ހުނަރު ދަސްކޮށްދޭ ކޯހެއް ހަދަން ބޭނުން ނަމަ، މޯލްޑިވްސް ޕޮލިޓެކްނިކް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން އެކި ދާއިރާތަކަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގެ ކޯސްތައް ހިންގަ އެވެ. މި ކޯސްތަކުގައި ދަސްކޮށްދެނީ އެ މަސައްކަތް ކުރުމުގެ ހުނަރުތަކެވެ.

ދަރުމައަށް މަސައްކަތް ކުރެވިދާނެ

ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން އިވެންޓެއްގައި ހަރަކާތްތެރިވަނީ

ދަރުމައަަށް މަސައްކަތް ކުރުމަށް ވަކި ވަގުތެެއް ނޯވެެ އެވެ. އެކަމަކު އޯ ލެވެލް ނިންމާލުމަށް ފަހު ލިބޭ ހުސްވަގުތަކީ މިކަން ކުރަން އެންމެ ރަނގަޅު އެއް ވަގުތެވެ. މި ކަމުން ޓީމްވޯކް ދަސްކޮށްދީ ތަފާތު ގިނަ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަން ފުރުސަތު ލިބެ އެވެ. އަދި މުޖުތަމައު އަށް އެއްޗެއް އަނބުރާ ދިނުމުގެ މުހިއްމުކަން ދަސްވެ، މިފަދަ މަސައްކަތް ކުރާ މީހުންގެ ފަރާތުން ރަނގަޅު ނަމޫނާތައް ނަގައިގަނެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް