މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ: ސަރުކާރަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު އިތުރުވުމުން އެ ބައި ހަމަޖައްސަން ޖެހެނީ ޓީބިލް ވިއްކައިގެން

2 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ވިއްކާލަނީ؛ މި އަހަރު 3 ބިލިއަން ދައްކަން ޖެހޭ

މިހާތަނަށް ސަރުކާރުން ވިއްކައި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމްލައަކީ 62.7 ބިލިއަން ރުފިޔާ

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިސާ ހޯދުމަށް 2 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީއިން މިއަދު އިއުލާންކޮށްފި އެވެ. މިފަހަރު ވިއްކަން އިއުލާން ކުރީ ކުރު މުއްދަތުގައި ސަރުކާރުން އަނބުރާ ފައިސާ ދައްކަން ޖެހޭ ޓީބިލް އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނި ގޮތުގައި އަންނަ އާދިއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޓީބިލްތަކުގެ ޖުމްލަ އަގު 1.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެގޮތުން ވިއްކާ ޓީބިލްތަކަކީ:

  • 1-

    923.8 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓުގައި 28 ދުވަހުން (18 ޖުލައި 2022ގައި)އަނބުރާ ދައްކަން ޖެހޭ 

  • 2-

    240 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓްގައި 98 ދުވަހުން (26 ސެޕްޓެމްބަރު 2022ގައި) އަނބުރާ ދައްކަން ޖެހޭ

  • 3-

    324.7 މިލިއަން ރުފިޔާގެ ޓީބިލް: %4.23 އިންޓަރެސްޓްގައި 182 ދުވަސް (15 އޮގަސްޓް 2022ގައި) އަނބުރާ ދައްކަން ޖެހޭ

  • 4-

    439.1 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓްގައ ި364 ދުވަސް (19 ޖޫން 2023ގައި) އަނބުރާ ދައްކަން ޖެހޭ

އެ ޓީބިލްތައް ގަންނަ ފަރާތްތަކުން އަންނަ ހޯމަ ދުވަހު ފައިސާ ދައްކާ ނިންމަން ޖެހެ އެވެ.

މި އަހަރު އަދި ޓީބިލަށް 3.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރުން ވިއްކާ އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމްލައަކީ 62.7 ބިލިއަން ރުފިޔާ އެވެ. އެގޮތުން އެތެރޭގެ މާކެޓަށް ވިއްކާފައިވާ ޓީބިލްތަކުގެ އަދަދަކީ 52.6 ބިލިއަން ރުފިޔާ އެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް 10.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ.

ވިއްކާފައިވާ ޓީބިލްތަކުގެ ތެރެއިން ކުރު މުއްދަތުގައި ފައިސާ ދައްކަން ޖެހޭ ޓީބިލްތަކުގެ އަދަދު ނިސްބަތުން ގިނަ އެވެ. އެގޮތުން ޓީބިލްތަކަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދުތަކަކީ:

  • 2.1 ބިލިއަން ރުފިޔާ: އެއް މަސްތެރޭ ދައްކަން ޖެހޭ

  • 2.9 ބިލިއަން ރުފިޔާ: ތިން މަސްތެރޭ ދައްކަން ޖެހޭ

  • 3.4 ބިލިއަން ރުފިޔާ: މި އަހަރު ނިމުމުގެ ކުރިން (ހަ މަސް ތެރޭ ދައްކަން ޖެހޭ)

  • 24.5 ބިލިއަން ރުފިޔާ: އެއް އަހަރު ތެރޭ ދައްކަން ޖެހޭ

13 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާނެ

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުގައި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ހަރަދުތައް ހަމަޖެއްސުމަށް މި އަހަރު 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގަން ޖެހެ އެވެ.

13 ބިލިއަން ރުފިޔާ ބެހިފައިވާ ދާއިރާތައް:

  • ބަޖެޓް ޑެފިސިޓަށް: 9.7 ބިލިއަން ރުފިޔާ

  • ލޯނު އަނބުރާ ދެއްކުމަށް: 2.9 ބިލިއަން ރުފިޔާ

  • އެހެނިހެން ހަރަދުތަކަށް: 805 މިލިއަން ރުފިޔާ

އެ ފައިސާ ހޯދުމަށް ރާއްޖޭގެ އެކި ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ފަރާތްތަކުން 7.5 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާނެ އެވެ.

ދަރަންޏަށް ފައިސާ ނަގަން ރާވާފައިވާ ގޮތްތަކަކީ:

  • ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން: 200 މިލިއަން ޑޮލަރު

  • މަޝްރޫއުތަކަށް ނަގާ ލޯނު: 187 މިލިއަން ޑޮލަރު

  • ގްރީން/ބްލޫ ބޮންޑެއް ވިއްކައިގެން: 50 މިލިއަން ޑޮލަރު

  • ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި ޕްރައިވެޓައިޒޭޝަނުން: 771 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް