އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު (ފޮޓޯ/އީސީ)

ޕާޓީތަކުން އީސީއަށް ހުށަހަޅާ ފޯމުތަކުގެ ލިސްޓު އާންމުކުރަން ނިންމައިފި

އެއީ 'ވަގު ފޯމު' ހުށަހެޅުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މެމްބަޝިޕް ފޯމުތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ނިންމި ނިންމުމެއް
4 އޭޕްރީލު 2022

ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބާޝިޕް ފޯމުތަކުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅާ ފޯމުތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކުރަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މީހުންނަށް ނޭނގި އެމީހުން ޕާޓީތަކަށް ވެއްދުމަކީ އަބަދުވެސް ހިނގާ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އެ މައްސަލަ ބޮޑުވެ، ފިޔަވަޅުތަކެއް އެޅުމަށް އީސީން މަސައްކަތް ފެށި އެވެ.

ތަފްސީލް - ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އީސީން ނިންމީ، ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރުމަށެވެ. އެ ނިންމުމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު 'ދައުރު' އަށް ވިދާޅުވީ އެގޮތަށް އަމަލުކުރާކީ މި މަހުން ފެށިގެން ހުށަހަޅާ ފޯމުތަކަށް ކަމަށެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އާންމު ކުރާނީ:

  • ފުރިހަމަ ނަން

  • އައިޑީ ކާޑުގެ ފަހު ތިން އަދަދު

އެނގުން މުހިންމު - ކޮމިޝަނުގައި ދަފްތަރު ކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެމްބަރުންގެ ލިސްޓު އަންނަ އޯގަސްޓު މަހުގެ ފުރަތަމަ ދުވަހު ވެބްސައިޓްގައި އާންމުކުރަން ވެސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

ބުނީ ކީކޭ؟ - ފުއާދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ނަމުގައި ފޯމު ހުށަހެޅީ ކޮން ޕާޓީއެއްކަން އެނގޭނެ ކަމަށާއި، އެއީ "ވަގު" ފޯމަކަށްވާ ނަމަ އީސީއަށް އެކަން އަންގައިދިނުމުން، ޕާޓީގެ ދަފްތަރުގައި އެމީހެއްގެ ނަން ނުހިމަނާނެ ކަމަށެވެ.

އެފަދަ ޝަކުވާތައް ލިބޭނަމަ، އެކަމަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. 

"ބޭނުމަކީ މީސްމީހުންނަށް ނޭނގި މީސްމީހުންގެ ނަމުގައި ހުށަހަޅާ ފޯމުތައް ހުއްޓުވުން،" ފުއާދު ވިދާޅުވި އެވެ.

'ވަގު ފޯމުގެ މައްސަލަ އިންތިހާއަށް ބޮޑުވެއްޖެ'

ފުއާދު ވިދާޅުވީ މީހުންނަށް ނޭނގި ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ މިހާ ބޮޑުވެފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ކަމަށެވެ. އޭގެ ކުރިން މަހެއްގެ މައްޗަށް ލިބެނީ އެވްރެޖްކޮށް ދެތިން ޝަކުވާ ނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް ދެތިން ޝަކުވާ ލިބޭ ކަމަށެވެ.

ވަގު ފޯމުގެ މައްސަލައިގައި ވަރަށް ގިނަ ބަޔަކު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާ ކަމަށާއި އަދި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް ވެސް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގު ފޯމު ހުށަހެޅުން އިތުރުވެގެން އުޅޭ ކަމަށް ބެލެވޭ ތިން ސަބަބެއް ފުއާދު ވިދާޅުވެދެއްވި އެވެ.

  • 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭތީ، އެ އަދަދު ހަމަކުރުމަށް

  • 3000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވިގެން ހިނގައިދާނެ ކަމުގެ ބިރަށް 

  • އަލަށް އުފައްދަން މަސައްކަތް ކުރާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ އަދަދު ހަމަކުރުމަށް  

ފުއާދު ވިދާޅުވީ އަލަށް އުފައްދަން މަސައްކަތް ކުރާ ހަތަރު ވަރަކަށް ޕާޓީ އެބަ އުޅޭ ކަމަށެވެ. ނަމަވެސް އެ ހުރިހާ ޕާޓީއަކުން ވަގު ފޯމު ހުށަހަޅާ ކަމަށް ދެންނެވެން ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މެމްބަރުން ހަމަކުރުމުގެ މަސައްކަތް ޕާޓީތަކުން ހަވާލުކުރާ މީހުން ދަންނަ މީހެއްގެ ނަމުގައި ފޯމު ހުށަހެޅުމުން ޕާޓީތަކުން ވެސް ފޯމުގެ ސައްހަކަން ކަށަވަރުނުކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް