އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު (ފޮޓޯ/އީސީ)

ވަގު ފޯމުގެ މައްސަލަތައް ބޮޑުވެ، އީސީން ޕާޓީތަކަށް ފިޔަވަޅު އެޅުމާ ދިމާލަށް

މަޝްވަރާ ކުރަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ވަގު ފޯމަކަށް 5،000ރ އިން އެ ޕާޓީއެއް ޖޫރިމަނާ ކުރަން ހިމޭ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ހަދަން ވަގު ފޯމުތައް ހުށައެޅުން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުތަކެއް އަޅަން ނިންމައި، އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީހުންނަށް ނޭނގި އެމީހުން ޕާޓީތަކަށް ވައްދަމުން ދާތީވެ، އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. އެންމެ ފަހުން މިއަދު ފެންމަތިވީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނިސްބަތްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް އޭނާގެ މަސްލަހަތު ހިމެނޭ އާރުސީސީން ފްލެޓްތަކެއް ގަންނަން ކުރިމަތީލީ މީހުން އެ ޕާޓީއަށް ވައްދަމުންދާ ކަމުގެ މައްސަލަ އެވެ. އެކަމަކު އެމްއެންޕީ އާއި ނާޒިމް ވެސް އެކަން ދޮގުކުރައްވަ އެވެ.

ވަގު ފޯމްތަކުގެ މައްސަލައާ ގުޅިގެން ފުއާދު 'ދައުރު'އަށް ވިދާޅުވީ އެފަދަ ފޯމްތައް ހުއްޓުވަން އެޅިދާނެ ފިޔަވަޅުތަކާ މެދު ޕާޓީތަކުގެ އިތުރުން ކޮމިޝަންގެ މެންބަރުންގެ މެދުގައި ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - ފުއާދު ވިދާޅުވި ގޮތުގައި މީގެ ކުރިން އީސީގެ ރައީސަކަށް އޭނާ ހުންނެވި އިރު ވެސް އެ މައްސަ ބޮޑުވެގެން އެފަދަ ކޮންމެ ފޯމަކަށް 5،000ރ އިން ޕާޓީތައް ޖޫރިމަނާ ކުރަމުން ދިޔަ ކަމަށެވެ.

"ނަމަވެސް ފަހުން އައި [އީސީ]އަށް އައި މެންބަރުން ވަނީ އެ އުސޫލު ބަދަލުކޮށްފައި،" ފުއާދު ވިދާޅުވި އެވެ.

"އެކަމަކު އަލުން އެގޮތަށް ޖޫރިމަނާ ކުރުމަށް ވިސްނުން އެބަހުރި." 

މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާއާ އެކު ތިން ކަމެއް ހިމެނެ އެވެ. އެއީ:

  • 1-

    ވަގު ފޯމު ހުށަހަޅާ ޕާޓީއެއް ކޮންމެ ފޯމަކަށް 5،000ރ އިން ޖޫރިމަނާކުރުން

  • 2-

    ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގައިވާ މީހުންގެ ނަމާއި ވަންނަން އެދޭ ޕާޓީ ހިމެނޭ ގޮތަށް ދަފްތަރެއް އީސީގެ ވެބްސައިޓުގައި އާންމުކޮށް، ވަކި މުއްދަތެއް ވަންދެން ޝަކުވާއަށް ހުޅުވާލުން

  • 3-

    ސީދާ އެމީހަށް ވަކިވަކިން ގުޅުން

ފުއާދު ވިދާޅުވީ ގިނަ ފަހަރު ހުށަހަޅާ ފޯމުތަކުގައި ގުޅޭނެ ނަންބަރަކަށް ވެސް އޮންނަނީ އެމީހަކާ ގުޅޭ ނަންބަރެއް ނޫން ކަމަށެވެ. އެހެންކަމުން އީސީން މަސައްކަތް ކުރަނީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ހިމެނޭ މައުލޫމާތު ބޭނުންކޮށްގެން އެމީހަކަށް ގުޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާނީ ކޮން އިރަކުތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ ކޮމިޝަންގެ ވިސްނުމަކީ މިހާރު ކޮމިޝަނަށް ލިބިފައި ހުރި ފޯމުތައް ޕްރޮސެސްކުރުމަށް ފަހު، މިކަމާ ގުޅޭ ގޮތުން ގަވައިދެއް އެކުލަވާލުމެވެ. ނަމަވެސް ވަކި ތާރީހެއް އޭނާ ނުދެއްވަ އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ، ޕާޓީތަކުން ވެސް އަދި އާންމު މީހުން ވެސް މިފަދަ ކަންކަން ނުކުރުމަށް. މިއީ ކޮމިޝަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް