ހުޅުމާލޭގައި ހަދާ ކޮންޓެއިނާ ޕާކް: މި ޕާކްގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި (ފޮޓޯ/އެޗްޑީސީ)

ހުޅުމާލެ

ހުޅުމާލޭ ކޮންޓެއިނަރު ޕާކްގެ ފުރަތަމަ ދައްކާލުމާ އެކު ތަރުހީބު

މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ މި ތަނަކީ އިޖުތިމާއީ ގުޅުން ރަނގަޅުކޮށް ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަރަށް އެކަށޭނަ ސިޓީ ޕާކަކަށް ވާނެ ކަމަށް އެޗްޑީސީ އިން ބުނޭ

މުހިންމު ނުކުތާތައް

ޕާކު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި ތިބި ކަމަށް ބުނެ އާއްމުން ހިޔާލުފާޅުކުރި

އެކި ޑިޒައިންތަކަށް ކޮންޓެއިނަރު އަތުރައި ބޭރުގައި އެކި ކުލަކުލަ ވަނީ ލާފައި

މި ޕާކުގައި މައުރަޒުތަކާއި އެއްވެލުންތައް ބޭއްވުން އަދި ކެފޭ/ރެސްޓޯރެންޓް ހިމެނޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޗްޑީސީއިން މި އަހަރުގެ ކުރީކޮޅު ތަރައްގީ ކުރަން ފެށި ކޮންޓެއިނަރު ޕާކްގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފި އެވެ. ކޮންޓެއިނަރު ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ފުރަތަމަ ޕާކްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ފޮޓޯތައް އެޗްޑީސީ އިން ޓްވިޓާގައި ރޭ ވަނީ އާންމުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ފޮޓޯތައް އާންމުކުރަމުން އެޗްޑީސީއިން ބުނީ ޕާކްގެ މަސައްކަތުގެ %89 މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ޕާކަށް ބޭނުންވާ ޔުޓިލިޓީގެ ހިދުމަތްތައް ގާއިމްކުރުމާއި ބިންގަނޑު އެއްވަރުކޮށް ޑިޒައިންކުރުމާއި ލަކުޑި ބޭނުންކޮށްގެން ކޮންޓެއިނަރުތަކުގެ އެތެރޭގައި އެކި މަސައްކަތްތައް ކުރުން ކަމަށް އެޗްޑީސީއިން ބުންޏެވެ.

ހުޅުމާލޭގައި ހަދާ ކޮންޓެއިނާ ޕާކް: މި ޕާކްގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި (ފޮޓޯ/އެޗްޑީސީ)

ތަފްސީލް - އެޗްޑީސީއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މީގެ ކުރިން އާންމުކުރި ޑިޒައިންގައިވާ ގޮތަށް ކޮންޓެއިނަރުތައް މިހާރު ވަނީ އެކި ދިމަދިމާލުގައި އަތުރައިފަ އެވެ. އެގޮތުން ހަތަރު ވަރަކަށް ކޮންޓެއިނަރު އެކި ޑިޒައިންތަކަށް އަތުރައި ބޭރުގައި ވިލު ނޫކުލަ، ރަތް ކުލަ އަދި ރީނދޫ ކުލަ ވަނީ ލައިފަ އެވެ.

ކޮންޓެއިނާ ޕާކް ހުންނާނެ ގޮތުގެ ކުރެހުމެއް: މި ޕާކަކީ ދިވެހިންނަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް އެޗްޑީސީއިން ބުނޭ (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީއިން ބުނީ މިއީ ރާއްޖެއަށް އަންނަ ވަރަށް ތަފާތު ކޮންސެޕްޓަކަށް ވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ އިޖުތިމާއީ ގުޅުން ރަނގަޅުކޮށް ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަރަށް އެކަށޭނަ ސިޓީ ޕާކަކަށް ކޮންޓެއިނަރު ޕާކް ވާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އެޗްޑީސީގެ އާކިޓެކްޓުން ޑިޒައިންކޮށްފައިވާ އެ ޕާކް ހާއްސަކުރާނީ:

  • އާޓް މައުރަޒުތައް ބޭއްވުމަށް

  • ކޮންޓެއިނަރުގެ ޓެރަސް، ކެފޭ އަދި ރެސްޓޯރަންޓް ހިންގުމަށް

  • ކުދިކުދި އިވެންޓްތަކާއި އެއްވެލުންތައް ބޭއްވުމަށް

  • ކޯވޯކިންއަށް ހާއްސަ ސަރަހައްދެއް

"މި ޕާކަކީ ސިޓީއެއްގެ އިހުސާސް ކުރެވޭ ގޮތަށް ތަރައްގީ ކުރާ ހިތްފަސޭހަ އަދި ދިވެހިންނަށް އާ ތަޖުރިބާއަކަށް ވާނެ،" އެޗްޑީސީއިން ބުންޏެވެ.

ހުޅުމާލޭގައި ހަދާ ކޮންޓެއިނަރު ޕާކް: މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި (ފޮޓޯ/އެޗްޑީސީ)

މި ޕާކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް އާ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އެގޮތުން އެ ޕާކްގައި ދޭން ރާވާފައިވާ ހިދުމަތްތައް ދިނުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް އެޗްޑީސީއިން ވަނީ ނިންމައިފަ އެވެ. 

'ޕާކަށް ދާން ކެތްމަދުވެއްޖެ'

ޕާކްގެ ފޮޓޯތައް އާންމު ކުރުމާ އެކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި އާންމުން ބުނީ އެ ޕާކް ނިންމައި ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ. އަދި އިންތިޒާރު އެހާ ދިގުލައިގެން ނުދާނެ ކަމަށް އުންމީދު ކުރާ ކަމަށް ބައެއް މީހުން ބުންޏެވެ.

އަނެއް ބަޔަކު ބުނީ އެ ޕާކްގެ ތަފާތުކަން މިހާރު ވެސް އިހުސާސް ކުރެވޭ ކަމަށެވެ. އަދި ނިމުމުން އެއަށް ވުރެ ހިތްގައިމު ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ. ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި ދުޅަހެޔޮ ސިޓީއެއް ތަރައްގީ ކުރުމުގައި މި ޒާތުގެ ތަންތަން ހުޅުމާލޭގައި ހުރުން ވަރަށް މުހިންމެވެ.

ކޮންޓެއިނާ ޕާކް: މިއީ ތަފާތު ޕާކަކަށް ވާނެ (ފޮޓޯ/އެޗްޑީސީ)

"މިތަން ފެނިފައި އެކްސައިޓްވެއްޖެ. އުންމީދަކީ އަވަހަށް މިތަން ހުޅުވުން. އެކަމަށް ކެތްމަދުވެފައި މި ހުރީ،" ހިޔާލުފާޅުކުރި ޒުވާނަކު ބުންޏެވެ.

އެނގުން މުހިންމު - އެޗްޑީސީއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ މި އަހަރުގެ ރޯދައިގެ ކުރިން ޕާކް ހުޅުވާށެވެ. އެކަމަކު އެކި ކަހަލަ ދަތިތައް ކުރިމަތިވެގެން މަސައްކަތް ނިންމާލެވޭ ގޮތް ނުވީ އެވެ.

އެޗްޑީސީއިން ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ފުރަތަމަ މިޔުޒިކަލް ފައްވާރު ވެސް މިދިޔަ އަހަރުގެ ތެރޭގައި ހުޅުވައިފަ އެވެ. އެ ތަނަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ކޮންޓެއިނަރު ޕާކް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: މި ތަނުން ގިނަ ހިދުމަތްތަކެއް ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް