ޕްރައިމަރީ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރ. މީދޫގައި: މިއީ ރާއްޖޭގެ ރައީސަކު އަމިއްލަ ޕާޓީގެ ޕްރައިމަރީއެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރު

ރިޔާސީ ކޮންމެ އިންތިހާބެއް ދިވެހިންނަށް މުޅިން ތަފާތު

އާ ގާނޫނުއަސާސީގެ ދަށުން 2008 އިން ފެށިގެން ބާއްވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ފަހަރަކު ވެސް ފެންނަނީ ސިޔާސީ ވަރަށް ބޮޑެތި ތަފާތުތަކެއް
8 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

2008ގައި ފުރަތަމަ ފަހަރަށް ގިނަ ކެންޑިޑޭޓުންގެ އިހުތިޔާރު ރައްޔިތުންނަށް ލިބުނު

2013ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން ލިބުނު ހިތްވަރާ އެކު އެމްޑީޕީ ގަދަކޮށް ނުކުތް

2018ގައި އިންތިހާބުގައި ވާދަކުރައްވަން ތިއްބެވި ގިނަ ކެންޑިޑޭޓުންނަށް ހުކުމް އިއްވައި، ޝަރުތު އުނިވި

ދިވެހިން ހަމަ ތަފާތީ އެވެ. އަދި ދިވެހިރާއްޖެ ތަޖުރިބާކުރަން ޖެހޭ ކަންކަން ވެސް ހަމަ ތަފާތީ އެވެ.

އާ ގާނޫނުއަސާސީއަށް 15 އަހަރު ފުރެން ކައިރިވި އިރު، އެ ސާފު އޮނިގަނޑުގެ ތެރެއިން ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ދިވެހިންނަށް މި ފެންނަނީ ތަފާތު މަންޒަރުތަކެކެވެ.

ފުރަތަމަ 2008 އެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް އައި އިންތިހާބަށް ދިވެހިން ވޯޓުލީ ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި ވާދަވެރި ފުރަތަމަ ރިޔާސީ އިންތިހާބުގެ ގޮތުގަ އެވެ. އޭގެ ކުރިން ދިވެހިންނަށް ވޯޓު ލާން ލިބެނީ އެންމެ ނަމެކެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކުރާ އެ ނަމަށް، ދިވެހި ރައްޔިތުންނަށް ބުނަން ޖެހިފައި އޮންނަނީ، އޭނާ ރައީސްކަމަށް އިސްކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ އެވެ. ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް 1968ގައި ފެށި ފަހުން، 2008އާ ހަމައަށް ދިވެހިންނަށް ފާހަގަ ޖަހަން ޖެހުނީ އެންމެ ދެ ނަމުގަ އެވެ: ރައީސް އިބްރާހިމް ނާސިރު، (1973،1968) އާއި ރައީސް މައުމޫން (2003،1998،1993،1988،1983،1978) އެވެ.

ފުރަތަމަ ވާދަވެރި އިންތިހާބު، 2008ގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވައި ތިން ވަނަ ހޯއްދެވި ޑރ. ހަސަން ސައީދު، ވޯޓު ލައްވަނީ (ފޮޓޯ/ހަވީރު)

ރައްޔިތުންނަށް އެކަކަށް ވުރެ ގިނަ ނަންތަކެއް ލިބުނު 2008ގެ އިންތިހާބުގެ ވާދަވެރިކަން ބޮޑެވެ. ކެމްޕޭންގެ ފަހު ދުވަހު މާލޭގެ މަގުތައް ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުން ގޮނޑަކަށް ހަދާލި އެވެ. ފުރަތަމަ ބުރުގެ ތަރުތީބުން ނަމަ މައުމޫނާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި، އަމިއްލަ ކެންޑިޑޭޓް ޑރ. ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާދަ އެވެ. ދެ ވަނަ ބުރުގައި، މައުމޫނާ ދެކޮޅަށް، ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަނެއް ހުރިހާ ކެންޑިޑޭޓުން އަރުއްވައި، އިންތިހާބު ކާމިޔާބުކުރި އެވެ.

އެ ދައުރު ނިމި، 2013ގެ ރިޔާސީ އިންތިހާބު އައިިއިރު ރާއްޖެ އޮތީ މުޅިން ތަފާތު ހާލަތެއްގަ އެވެ؛ ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓި، އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުން ދޮންކުރި އިންތިހާބުގެ ފޯރިއާ ދެކޮޅަށް، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ދެވަނަ ރިޔާސީ އިންތިހާބު 2013ގެ ކެމްޕޭން ފަހު ހިނގާލުމުގައި އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް ނަޝީދު (ފޮޓޯ/އެމްޑީޕީ)

ފުރަތަމަ ބުރުގެ ނަތީޖާގައި ނަޝީދު އޮތީ މާ ބޮޑަށް ކުރީގަ އެވެ. ދެ ވަނާގައި ޔާމީން، ތިން ވަނާގައި ގާސިމް އެވެ. އެކަމަކު އެހާ ހިސާބުން ސުޕްރީމް ކޯޓު އޭގެ ތެރެއަށް ވަނެވެ. އެއް ބަޔަކު ބުނާ ގޮތުން ގާސިމްގެ ނުފޫޒުގައި، އޭނާއަށް ދެވަނަ ހޯދައިދިނުމުގެ މަގުސަދެވެ. ނަމަވެސް ވޯޓު އޮޅުވާލުމުގެ ސާބިތު އެއްވެސް ހެއްކެއް ސުޕްރީމް ކޯޓަކަށް ނުދެއްކުނެވެ. ނަމަވެސް އިންތިހާބުގައި އަމަލްކުރަން ޖެހޭނެ އުސޫލުތަކެއް ކަނޑައެޅި އެވެ.

ދެ ވަނަ ފަހަރަށް އިންތިހާބުގެ ފުރަތަމަ ބުރު ބާއްވައިގެން ވެސް ހަމަ އެ ނަތީޖާ އެވެ. ގާސިމް އެރުއްވީ ޔާމީންގެ ފަހަތްޕުޅަށެވެ. ނަޝީދަށް ނާކާމިޔާބީ އެވެ.

އޭގެ ފަސް އަހަރު ފަހުން 2018ގައި، ރައީސް ޔާމީންގެ ވަކިހިއްޕާލުން ދައުލަތުގެ ހުރިހާ ދިމާއެއްގަ އެވެ. ރިޔާސީ އިންތިހާބަށް ނުކުންނަވަން ތިއްބެވި އިދިކޮޅު ހުރިހާ ލީޑަރުންނަށް ޖަލު ހުކުމެވެ. ނަޝީދާއި ގާސިމް، ރާއްޖެއިން ބޭރަށް އަރުވާލެއްވިގެންނެވެ. ޕީޕީއެމްއިން ޕްރައިމަރީއަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދިނެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހަމައެކަނި ނަޝީދު ކުރިމަތިލެއްވުމުން، އެ ނަންފުޅަށް ޕާޓީގެ މެމްބަރުންގެ ތާއީދު އޮތްތޯ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރިޔާސީ ޓިކެޓް ރަސްމީކުރި އެވެ.

ރައީސްގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި 2018ގެ އިންތިހާބުގެ ކެމްޕޭން ހިނގާލުމެއް (ފޮޓޯ/މިހާރު)

ނަމަވެސް ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ހުކުމަކާ އެކު ނަޝީދަށް ކުރިމަތިލެއްވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓަކަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅައި، އުމުރާނީ ބޮޑު ތަރައްގީއެއްގެ ބާނީ ޔާމީން ބޮޑު ތަނުން ބަލިކުރި އެވެ.

އެ ފަސް އަހަރަށް ފަހު މި އޮތީ އަނެއްކާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށިފަ އެވެ. މުޅިން ތަފާތު ހާލަތެކެވެ. ބާރުގަދަ ކުރީގެ ރައީސް ޔާމީން އެ ހުންނެވީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ކްރިމިނަލް ކޯޓުން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ރައީސްކަން ބީވީއްސުރެ އެމަނިކުފާނު އުޅުއްވަނީ، އަމިއްލަ ވެރިކަމުގައި އެމްއެމްޕީއާރުސީން ހިންގި ބޮޑު ހިޔާނާތުގައި ހިމެނޭ ބައެއް މުއާމަލާތްތަކުން ރިޝްވަތަށް ބައި އެޅުނުކަމުގެ ތުހުމަތުގައި، ކޯޓުތަކުގަ އެވެ.

ކޮންމެ ފަސް އަހަރެއް ވަކިން ޖައްސަވާ. ކޮން ކަމެއްތޯ އަޅުގަނޑުމެންނަށް ނުކޮށްދެވެނީ؟ އިރާދަކުރެއްވިއްޔާ މި މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ދާނަން. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނ. ކެނދިކުޅުދޫގައި

އާއެނކެވެ. ޕީޕީއެމް އާއި ޔާމީންގެ ސަޕޯޓަރުންނަށް އެއީ މުޅިން ވެސް ސިޔާސީ ޝަރީއަތްތަކެވެ. އެބައި މީހުން އެންމެ ފަހުގެ ހުކުމް ސިފަކުރަނީ 'ހަރާމް ހުކުމެއް'ގެ ގޮތުގަ އެވެ.

ތިން މިލިއަން ޑޮލަރު ހިމެނޭ ތިން ދައުވާއަކާ ކުރިމަތިވެވަޑައިގެން ހުންނެވި ނަމަވެސް (ފުރަތަމަ ދައުވާ ސާބިތުނުވާ ކަމަށް 2021ގައި ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.) ޕީޕީއެމް އާއި އެ ޕާޓީގެ ހިޔަނި ޕީއެންސީގެ ކޯލިޝަނުން ރިޔާސީ ޓިކެޓް ވަނީ ރަސްމީކޮށް ޔާމީނަށް އަރުވައިފަ އެވެ. އެހެންކަމުން މިހާރު މި އޮތީ 2018ގައި އޭރުގެ އިދިކޮޅަށް ދިމާވި މައްސަލައާ ޔާމީނާއި ޕީޕީއެމް ކުރިމަތިލައިފަ އެވެ.

ނ. ވެލިދޫގައި ރޭ އޮތް ޖަލްސާގައި ރައީސް ސޯލިހު، މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ދެން މިހާރު މި ފެންނަ ތަފާތު މަންޒަރަކީ، ވާދަވެރި ޕްރައިމަރީއަކަށް ރައީސް ނުކުންނެވި ތަނެވެ. ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށެވެ. ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ނުވަތަ ކުރީގެ ރައީސަކަށް އެހެން ކެންޑިޑޭޓަކާ ވާދަކުރައްވަން ޖެހިވަޑައިގެންނެވި ޕްރައިމަރީއެއް ރާޢްޖޭގައި މީގެ ކުރިން ބާއްވާފައެއް ނެތެވެ.

އެމްޑީޕީ ތަފާތެވެ. އެއް އިރެއްގައި އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. ނަމަވެސް މިހާރު އެއް ޕާޓީއެއްގެ ތެރޭގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނެވެ. ރައީސް ސޯލިހުގެ އަތްޕުޅުން ރިޔާސީ ޓިކެޓް އަތުލެއްވުމުގެ އުއްމީދުގައި ނަޝީދު ނުކުންނަވައިގެން އެ ހުންނެވީ، ފާޑުކިއުމުގެ ގޮތުން ވެސް ނުވަތަ ސިޔާސީ ހަތުރެއްގެ ގޮތުން ވެސް ތަންފުކެއް ދޫދެއްވާ ގޮތަކަށެއް ނޫނެވެ.

އަޅުގަނޑު ވޯޓަށް މި އެދެނީ އަޅުގަނޑު ކަންބޮޑުވާތީ. އަޅުގަނޑުމެންގެ މިސްރާބު ގެއްލޭތީވެ، މީޒާން އޮޅޭތީވެ، ރާސްތާ އިން އަޅުގަނޑުމެން ކައްސާލާތީ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދ. ކުޑަހުވަދޫގައި

ރައީސް ސޯލިހު ވިދާޅުވި ގޮތުން ނަމަ އެމަނިކުފާނުގެ ސަރުކާރުގެ ކުރީކޮޅުން ފެށިގެން، ރައްޔިތުންގެ މަޖިލިހުން އައީ ހުރަސްތައް ކުރިމަތިކުރަމުންނެވެ. އެ ވާހަކަފުޅުގެ މާނައަކީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް ނަޝީދު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ޕާޓީއެއްގެ ސިފަ ދެއްކުމެވެ.

ނަޝީދު މިހާރު ގެންދަވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި މައުމޫންގެ ވެރިކަމުގެ ސިފަތައް ޖެހެމުންދާ ކަމަށް ވެސް ވިދާޅުވަމުންނެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރަސީއާ ދުރު، އަޅުގަނޑު ދަންނަވާނީ މައުމޫނީ ފިކުރެއް އެބަ ވަދެއޭ،" ޕްރައިމަރީ ކެމްޕޭންގައި ދ. ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވީ މި ސަރުކާރުން ބައެއް ކަންކަން ކޮށްދެނީ މައުމޫންގެ ވެރިކަމުގައި ފެނުނު ގޮތަށް ވަޒީރުން ރުއްސައިގެން ކަމަށް ދައްކަވަން ވެގެންނެވެ.

ރަސްދޫގައި ބޭއްވި ކެމްޕޭން އެއްވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ޓްވިޓާ)

"އަޅުގަނޑު ވޯޓަށް މި އެދެނީ އަޅުގަނޑު ކަންބޮޑުވާތީ. އަޅުގަނޑުމެންގެ މިސްރާބު ގެއްލޭތީވެ، މީޒާން އޮޅޭތީވެ، ރާސްތާ އިން އަޅުގަނޑުމެން ކައްސާލާތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ރައީސް ސޯލިހުގެ މައިގަނޑު ވާހަކައަކީ މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރަށްރަށަށް ނާންނަ ތަރައްގީ އެމަނިކުފާނުގެ ސަރުކާރުން ގެންނަ ކަމެވެ. ރަށުގެ އާބާދީއަށް، ރަށުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި އެވެ.

"ކޮންމެ ފަސް އަހަރެއް ވަކިން ޖައްސަވާ. ކޮން ކަމެއްތޯ އަޅުގަނޑުމެންނަށް ނުކޮށްދެވެނީ؟ އިރާދަކުރެއްވިއްޔާ މި މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ދާނަން،" ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން، ތައުލީމީ، ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ހަގީގަތުގައި އިދިކޮޅުގެ ހަރަކާތަށް ވުރެ މިހާރު ބޮޑީ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވާދަވެރިކަމެވެ. އެމްޑީޕީގެ ތެރެއިން ދެ ރައީސުން އެއް ރައީސް އަނެއް ރައީސްގެ މޮޅުކަމާއި ދެރަކަމުގެ ބަހުސް އެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، ރައީސް ސޯލިހު އާއި ނަޝީދު ސިފަކުރެއްވީ ކުކުޅާއި ވެލާގެ މިސާލުންނެވެ. އޭނާ ހުންނެވީ ރައީސް ސޯލިހު ފަޅީގަ އެވެ.

"ކުކުޅު އެންމެ ބިހެއް އަޅާފައި ހިސާބުގަނޑު އެންމެންނަށް އުނދަގޫވާ ވަރަށް އެތައް އިރެއް ވަންދެން ހަޅޭފަޅޭއް ލަވަން ފެށީމައި ވެލާ އޮވެފައި ބުނެޔޯ، ކިހާ ބޮޑު އުނދަގުލެއްހޭ، އެންމެ ބިހެއް އެޅިގެންހޭ ތި ހަޅޭއްލަވަނީ، ތިމަންނާ އެބަ އަޅަމޭ އަޅާ ކޮންމެ ފަހަރަކު 100، 150، ކުކުރާނުލާ،" އީސަ ވިދާޅުވި އެވެ.

އެ މިސާލުގެ ބޭނުމަކީ ނަޝީދުގެ ވެރިކަމުގައި ކޮށްދެވުނު ކަންކަމާއި ރައީސް ސޯލިހުގެ ވެރިކަމުގައި ކުރަމުން އަންނަ ކަންކަން ދެއްކެވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ނަޝީދަށް މާ ބޮޑު ކަމެއް ނުކޮށްދެވުނު ވާހަކަ އެވެ.

އީސަ ވިދާޅުވި ގޮތުން ނަމަ ރައްޔިތުން ގުނަން ޖެހޭނީ "އަޅާފައި ހުރި ބިހާއި އަޅަމުންދާ ބިހު"ގެ އަދަދެވެ. މާނައަކީ ރަށްރަށަށް ގެންނަ ތަރައްގީގައި ރައީސް ސޯލިހު މާ ކުރީގައި އުޅުއްވާ ކަމެވެ.

ދިވެހިންގެ ތެރެއިން މި ފެންނަނީ ހަމަ މުޅިން ތަފާތު ކަންކަމެވެ. ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިހާބުގެ އާދަޔާ ހިލާފު މަންޒަރުތަކެވެ. މި އަހަރުގެ ހަގީގީ ފިލްމު އަދި މި އުޅެނީ ކިރިޔާ ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް