އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު. ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައި. (ފޮޓޯ/ރައީސް އޮފީސް)

ހައި ކޯޓު

ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލެއް ނުކުރެވޭނެ: ހައިކޯޓު

ދައުލަތުގެ ފަރާތްތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެ ތަނެއް ތަމްސީލްކުރާނީ ސީދާ އެ ފަރާތަކުން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ
9 ސެޕްޓެމްބަރު 2021

ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ، ލޯކަލް ކައުންސިލްތަކަށް އެފަދަ މައްސަލަތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ އެޓާނީ ޖެނެރަލް ކަމަށް ހައިކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ހައިކޯޓުން މިގޮތަށް ނިންމާފައި ވަނީ، އދ. ފެންފުށީ ބަންޑާރަގޯއްޗަކާ ގުޅިގެން، މ. އުމާން، އައްބާސް އަލީކަލޭފާނުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް އަދި ފެންފުށި ކައުންސިލްގެ އިދާރާ އެވެ.

ތަފްސީލް - ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނުއަސާސީގެ 322 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ ފަރާތްތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި އެ ތަންތަނަށް ރައްދުވާ ގޮތަށް ހުށަހަޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބުކަމަށް ސުޕްރީމް ކޯޓުގެ އާންމު ސިޓީއަކުން ކުރިން ކަނޑައަޅާފައިވެ އެވެ.

ފެންފުށީ ބަންޑާރަގޯއްޗާ ގުޅޭ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅިއިރު އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނާފައި އޮތީ ދިވެހި ދައުލަތެވެ. ނަމަވެސް މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަހުން ސުޕްރީމް ކޯޓުގެ އާންމު ސިޓީ ބާތިލުކޮށް، ދައުލަތުގެ ފަރާތްތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެ ތަނެއް ތަމްސީލްކުރާނީ ސީދާ އެ ފަރާތަކުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ފެންފުށި ކައުންސިލުގެ ބަސް - މި މައްސަލައިގައި ޖަވާބުދާރީވުމަށް ފެންފުށި ކައުންސިލަށް ހައިކޯޓުން އެންގުމުން، އެ ކައުންސިިލުން ބުނީ:

  • އެ މައްސަލައިގައި ދަށު ކޯޓުގައި ޖަވާބުދާރީވެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަމަށް 

  • ހައިކޯޓު ފަދަ ކޯޓުތަކުގައި މައްސަލަތަކަށް ވަކާލާތުކޮށް ޖަވާބުދާރީވާނެ ފަންނީ އަދި މާލީ ގާބިލުކަން ކައުންސިލްގައި ނެތް ކަމަށް

އޭޖީ އޮފީހުގެ ބަސް - އެ މައްސަލައިގައި އޭޖީގެ އެހީތެރިކަން ހޯދުމަށް އެދުމުން، އޭޖީ އޮފީހުން އަންގާފައިވަނީ:

  • ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެއް ކަމަށް 

  • އެހެންވެ، ހައިކޯޓުގައި ކައުންސިލް ތަމްސީލުކޮށް އޭޖީއަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް

ހައިކޯޓުގެ ބަސް - ދައުލަތް ތަމްސީލުކުރުމާ ގުޅޭގޮތުން ހައިކޯޓުން ބުނީ ދައުލަތުގެ މުއައްސަސާއަކަށް ރައްދުވާ ގޮތަށް ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގައި ދައުލަތް ތަމްސީލު ކުރެވޭނެ ގޮތް ނުވަތަ އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަސައްކަތް ފަނޑިޔާރުގެ ކުރިމަތީގައި ކުރާނެ ފަރާތެއް ހޯދުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ. 

ސަބަބަކީ، ހުށަހެޅިފައިވާ މައްސަލައިގައި ދައުލަތަކީވެސް ހަސްމެއް ކަމަށްވާތީ، އެއް ހަސްމެއްގެ ފަރާތުން ކޯޓުގައި ތަމްސީލުކުރާނެ ފަރާތެއް ކޯޓުން ހޯދައިދިނުމަކީ އަދުލުވެރި ގޮތެއް ކަމަށް ނުބެލެވޭތީ އެވެ.

ހައިކޯޓުން ބުނީ:

  • މި މައްސަލައަކީ އާންމު ފަރުދަކު ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށްވެފައި، ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނެތިގެން މައްސަލަ ކޯޓުން ބޭރުވެގެން ނުވާނެ ކަމަށް 

  • ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނެތިގެން މައްސަލަ ކޯޓުގައި ނުބޭއްވޭނެ ކަމަށް

  • އެހެންވެ، ދައުލަތަށް ރައްދުވާ ގޮތަށް ކޯޓަށް ހުށަހެޅޭ މިބާވަތުގެ މައްސަލަތަކުގައި، ދައުލަތް ތަމްސީލުކުރާނީ ކޮން ފަރާތަކުންތޯ ބަލަން ޖެހިއްޖެ ކަމަށް

ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން. ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް.

ހައިކޯޓު

ގާނޫނުއަސާސީގެ 353 ވަނަ މާއްދާ:

  • މިގާނޫނުއަސާސީގައި އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި ދައުލަތުގެ ނަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައްޔާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައްޔާއި، އަދި މިނޫންވެސް ތަންތަނުގައި ދިވެހިދައުލަތުގެ ނަމުގައި ދަޢުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު، ވެރިކަން ހިންގާ ފަރާތަށް ލިބިގެންވެ އެވެ.

ގާނޫނުއަސާސީގެ 322 ވަނަ މާއްދާގެ (ނ):

  • ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ހައްގު ބަންޑާރަނައިބަށް ލިބިގެންވެ އެވެ. އަދި މި ގާނޫނުއަސާސީގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހެކެވެ.

ލާމަރުކަޒީ ގާނޫނުގެ 22 ވަނަ މާއްދާ:

  • މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށް ގާއިމުކުރެވޭ ރަށު ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެކެވެ.

ހައިކޯޓުން ބުނީ ކައުންސިލަކީ ގާނޫނީ ޝަހްސަކަށް ވިޔަސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައި ނެތް ކަމަށެވެ.

"ހަގީގަތަކީ، ރަށު ކައުންސިލްގެ އިހްތިސޯސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެ ބާރު ލިބިދީފައި ނެތްކަމެވެ،" ހައިކޯޓުން ބުންޏެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އޮތީ ދިވެހި ދައުލަތަށް ކަމަށް ވާއިރު، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ނޫނީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށް ހުކުމްގައިވެ އެވެ. އަދި ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫނެވެ. ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކެވެ. އެހެންވެ، ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ، ދައުލަތުގެ މަސްލަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި އަދި ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫނެވެ،" ހައިކޯޓުން ނިންމާފައިވެ އެވެ.

ނިންމުން - އެހެންކަމުން، ހައިކޯޓުން ނިންމާފައިވަނީ:

  • އޭޖީއަށް ދައުލަތް ތަމްސީލުކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ގާނޫނަށް ދިން ތަރުޖަމާއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށް 

  • ދައުލަތުގެ އާންމު މަސްލަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި އޭޖީ އާއި ކައުންސިލްތަކާ ދެމެދުގައި އޮންނަންޖެހޭ އިދާރީ ގުޅުން ތަންޒީމުކުރުމަކީ އެ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަންޖެހޭ ކަމެއް ކަމަށް

އެންމެ ފަހުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ، އޭޖީގެ ފަރާތުން އައްޔަންކުރި ދައުލަތުގެ ވަކީލަކާއި ފެންފުށީ ކައުންސިލްގެ ހާޒިރުގަ އެވެ.

އެނގުން މުހިންމު - ހައިކޯޓުން އިއްޔެ ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ، އޭޖީ އޮފީހުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފަ އެވެ. އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސެއިން ހަސަން 'ދައުރު' ނޫހަށް ވިދާޅުވީ އަންނަ ހަފްތާގައި އެ ނިންމުން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށާއި އެކަމާ ގުޅޭ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް