ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވަނީ (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފިސް)

ކުންފުނިތަކާއި އިދާރާތަކުގެ ވެރިން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން ފަސްޖެހޭ ނަމަ ބަދަލުކުރާނަން: ރައީސް

ކުންފުނިތަކުގެ ވަޒީފާގައި ތިބި އެމްޑީޕީގެ މެންބަރުން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭ ކަމަށާއި ވަޒީފާގެ ޔަގީންކަން އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި
22 ޖެނުއަރީ 2023
1

ގދ. ތިނަދޫ - ސަރުކާރުގެ ކުންފުންޏެއް ނުވަތަ ސަރުކާރުގެ އޮފީހެއްގައި ހުންނަ ބޭފުޅެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލުގެ ސަބަބުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ފަސް ޖެހޭ ނަމަ ގެންނަން ޖެހޭ ބަދަލު ގެންނާނެ ކަމަށް ވިދާޅުވެ، ސަރުކާރާ އެކު ތިބި ކުންފުނިތަކުގެ މުވައްޒަފުން ވިސްނުން ބަދަލުނުކޮށް އެގޮތަށް ތިއްބެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

އެނގުން މުހިންމު - ރައީސް ސޯލިހު އެ ގޮތަށް ވިދާޅުވި އިރު، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހުގެ ވާދަވެރިޔާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައި ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ނަޝީދު ގެންދަވަނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބަދަލުގައި ކޯލިޝަންގެ ސިޔާސަތުތައް ކަމަށާއި އެކަން އެ ގޮތަށް ވަނީ ސަރުކާރުގައި އެހެން ޕާޓީތަކުގެ ބޭފުޅުން ގިނަވުމުން ކަމަށް ވިދާޅުވަމުންނެވެ.

ބުނީ ކީކޭ؟ - ތިނަދުއަށް މިއަދު ވަޑައިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންނާ ގުޅޭ ވަރަށް ގިނަ ސިޔާސަތުތައް ތަންފީޒުކުރަން ހަވާލުކޮށްފައި ވަނީ އެސްޓީއޯ އާއި އެ ކުންފުނީގެ ދަށުން ހިންގާ މިފްކޯއާ ކަމަށެވެ. އެއަށް ފަހު ރައީސް ވިދާޅުވީ:

  • ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އަދި އެއްވެސް މުވައްޒަފަކު ވެސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ފަސްޖެހިގެން ނުވާނެ ކަމަށް 

  • ސަރުކާރުގެ ކުންފުނިތަކާއި އޮފިސްތަކަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން ޖެހޭ ތަންތަން 

  • އެކަން ކުރަން ފަސް ޖެހޭ ނަމަ، ގެންނަން ޖެހޭ ބަދަލު ގެންނާނަން 

  • އެފަދަ ކުންފުނިތަކުގެ ވަޒީފާގައި ތިބި އެމްޑީޕީގެ މެންބަރުން އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭ؛ ވަޒީފާގެ ޔަގީންކަން އޮންނާނެ

"އެއްވެސް ކުންފުންޏަކުން ސަރުކާރުގެ މަޝްރޫއުތައް، ސިޔާސަތުތައް ތަންފީޒުކުރުން ލަހެއް ނުކުރާނެ. ކުންފުންޏެއްގެ ވެރިއަކު ނުވަތަ މުވައްޒަފެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ. އަޅުގަނޑުމެން ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެންނާނެ. އެއްވެސް މުވައްޒަފަކު ފިކުރު ބޮޑު ނުވޭ. އަޅުގަނޑުމެން މަޝްރޫއުތައް ކުރިއަށް ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފިސް)
ރައީސް ސޯލިހު މިއަދު ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް ސޯލިިހުގެ ކެމްޕޭން އޮފިސް)

އެހެން ރަށްރަށުގައި ވެސް ތަކުރާރުކުރައްވައި ގޮތަށް މި ރަށުގައި ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީން ވަކާލާތުކުރި ކަންކަން ތަންފީޒުކުރަން މި އޮތީ ޕާޓީއަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ފުރުސަތު ގެއްލުވާލައި އަލުން މަގުމައްޗަށް ދިއުމުގެ ބަދަލުގައި އެމްޑީޕީގެ ސިޔާސަތުތައް ރާއްޖޭގައި ތަންފީޒުކޮށް ވެރިކަން ދެމެހެއްޓުން މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު އުޅެ ބޮޑުވި މީހުންނާ ހިޔާލު ތަފާތުވުމުން ވެސް ނިކުމެ ހުންނެވީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގެ ވޯޓްލާއިރު އެކަމަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މި ތަރައްގީ ދަމަހައްޓާނީތޯ ނުވަތަ މަގުމަތިވެފައި ތިބޭނީތޯ މިއީ އަޅުގަނޑުމެން 28 ވަނަ ދުވަހު ނިންމަން ޖެހޭ ނިންމުން. އެކީގައި އުޅެ ބޮޑެތިވި ބޭފުޅުން ދެން ވެސް އެ ތިއްބެވީ. ނަމަވެސް، މި ރާއްޖެ ގެންނަން ބޭނުންވާ ތަރައްގީ ގެނައުމުގައި އެ ބޭފުޅުންނާ އަޅުގަނޑާ ހިޔާލު ތަފާތު،" ރައީސް ވިދާޅުވި އެވެ.

ރައީސް މި ރަށަށް ވެސް ޔަގީންކަން ދެއްވި ގޮތުގައި ސަރުކާރުން ގެންނަ ތަރައްގީގައި މި ރަށް އޮންނާނީ ކުރީގަ އެވެ.

ކޮމެންޓް (1)

އަލިފު

22 ޖެނުއަރީ 2023
ކޮބާ މިއޮށް ބިރުދައްކާން ފެށީ..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް