މަރުކަޒީ ބޭންކް، އެމްއެމްއޭ. (ފޮޓޯ/ސަން އޮންލައިން)

އެމްއެމްއޭއިން ބިޓްކޮއިންއާ ގުޅޭ މަޝްވަރާތަކެއްގައި ބައިވެރިވަނީ

މިއީ ރަސްމީ ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރަން ފެށި ދުނިޔޭގެ ފުރަތަމަ ގައުމު، އަލް ސެލްވަޑޯގެ ރައީސް އިންތިޒާމް ކުރައްވާ ކޮންފަރެންސެއް

ރަސްމީ ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރަން ފެށި ދުނިޔޭގެ ފުރަތަމަ ގައުމު، އަލް ސެލްވަޑޯގެ ރައީސް އިންތިޒާމް ކުރައްވާ ބިޓްކޮއިންއާ ގުޅޭ މަޝްވަރާ ބައްދަލުުވުމެއްގައި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - އަލް ސެލްވަޑޯގެ ރައިސް ނަޖީބް ބުކެލޭ ޓްވިޓާ މެދުވެރިކުރައްވައި މިއަދު އިއުލާން ކުރެއްވި ގޮތުގައި، މާދަމާ އެ ގައުމުގައި ބާއްވާ ކޮންފަރެންސްގައި 32 ގައުމެއްގެ މަރުކަޒީ ބޭންކުންނާއި 44 ހަތަރު ގައުމަކަށް ނިސްބަތްވާ 12 މާލީ އިދާރާއަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ކޮންފަރެންސްގައި ބައިވެރިވާ 32 ގައުމެއްގެ މަރުކަޒީ ބޭންކްތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނެ އެވެ. އެމްއެމްއޭއިން ބުނީ އެ މަޝްވަާތަކުގައި އެމްއެމްއޭ ތަމްސީލް ކުރައްވާނީ އެ ބޭންކުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓާ ހައްވާ ލަތީފް ކަމަށެވެ.

ދެން އެ ކޮންފަރެންސްގައި މި ސަރަހައްދުން ބައިވެރިވާ ގައުމުތަކަކީ:

  • ނޭޕާލްގެ މަރުކަޒީ ބޭންކް ރަސްތްރާ ބޭންކް

  • ސްޓޭޓް ބޭންކް އޮފް ޕާކިސްތާން

  • ބަންގްލަދޭޝް ބޭންކް

އެ މަޝްވަރާތަކުގައި، މިސްރާއި އުރުދުން އަދި ނައިޖީރިއާ ފަދަ ބޮޑެތި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ބައިވެރިވާނެ އެވެ. މީގެ އިތުރަށް ވެސް ކުރިއަރަމުން އަންނަ ވަރަށް ގިނަ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އެ މަޝްވަރާތަކުގައި ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.

އަލް ސަލްވެޑޯގެ ރައީސް ކުރެއްވި ޓްވީޓް

ބުނީ ކީކޭ؟ - ރައީސް ބުކެލޭގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ، އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ:

  • މާލީ ނިޒާމުގައި ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުން އިތުރުކުރުން

  • ޑިޖިޓަލް އިގްތިސާދު

  • ބޭންކިން ނިޒާމަށް ގިނަ މީހުން އަހުލުވެރިކުރުވުން

  • އަލް ސެލްވެޑޯގެ ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހެދުމުން ލިބޭ ފައިދާތަކާ ބެހޭ މައުލޫމާތު ހިއްސާކުރުން

އެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އެމްއެމްއޭ ބައިވެރިވާތީ ބައެއް މީހުން އަންނަނީ ޓްވިޓާގައި އެ ކަމަށް މަރުހަބާ ކިޔަމުންނެވެ. ހިޔާލު ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، އެފަދަ މަޝްވަރާތަކުގައި އެމްއެމްއޭ ބައިވެރިވުމުން އެނގިގެން ދަނީ ރާއްޖޭގެ މާލީ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް އެމްއެމްއޭއިން ސީރިއަސް ވިސްނުންތަކެއް ގެންގުޅޭ ކަމެވެ.

އެނގުން މުހިންމު - ރާއްޖޭގައި ޑިޖިޓަލް ފައިސާއިން މުއާމަލާތް ކުރުމާ ގުޅޭ އެއްވެސް ގާނޫނެއް އަދި ގަވައިދެއް މިހާތަނަށް ހަދާފައެއް ނުވެ އެވެ. އެހެން ވުމުގެ ސަބަބުން އޮންލައިން ޓްރޭޑިން އާއި ބޭރުން ރާއްޖެއަށް ފައިސާ ފޮނުވުން ފަދަ ކަންކަމުގައި ވަނީ ހުރަސް އެޅިފަ އެވެ.

ކޮމެންޓް (1)

ހަސަނަ

16 މޭ 2022
ތީކީ ކޮންމެހެން އެމްއެމްއޭ ކްރިޕްޓޯ ކަރަންސީއަށް ސީރިއަސްވެގެން ބައިވެރިވާ ފޯރަމެއް ނޫން. ދެކޮޅު ޓިކެޓާ ހުރުމާ ބޮޑު އެލަވަންސެއް ދޭތީ ދަނީ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް