ގާޑިޔާ ކެފޭގެ އެތެރެ: މާލޭގައި ކުރިން ހުރި ގާޑިޔާތަކުގެ ކޮންސެޕްޓަށް ތަން ހެދިޔަސް، ދިވެހިންގެ ދިރިއުޅުމުގެ އިހުގެ ހަނދާންތައް ވެސް ވަނީ ހިމަނާފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުޑް

"ގާޑިޔާ ކެފޭ" މި ގެނެސްދެނީ ހަނދާންތަކެއް، ވާހަކަތަކެއް

ކުރިން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިޔާތަކުގެ ކޮންސެޕްޓަށް ތައްޔާރުކުރި ޒަމާނީ މި ކެފޭއިން ދިވެހިންނާ ގުޅޭ ބަސްމަގު ވެސް ދައްކައިދޭ
13 ސެޕްޓެމްބަރު 2021

މާލޭގެ ރިންގް ރޯޑް ހުޅުވުމުގެ ކުރި އެވެ. ބޮޑުތަކުރުފާނު މަގުގައި ފައްޗަކަށް ދަމާލާފައި އޮންނަ ގާޑިޔާތައް ކައިރި އޮންނަނީ ފުރިފަ އެވެ: ކުރުނބަޔަކުން ހަށިގަނޑަށް ފިނިކަން ގެނެސްދޭށެވެ. "މޮޅު ބިލެތްގަނޑަކުން" ހިތްހަމަޖައްސާލާށެވެ. މަސްކާށިން ދިވެހިންގެ ކުރީގެ ކެއުމުގެ ރަހަ ލިބިގަންނާށެވެ. އަނބު ނުވަތަ ފަޅޮލާ އެކު ރިހާކުރާޢި މިރުސް ހިމެނޭ "މަޖާގަނޑަކުން" ވަގުތު ދުއްވާލާށެވެ.

އެކަމަކު އެ ދުވަސް މާޒީ ވެއްޖެ އެވެ. މިހާރު އަތުޖެހިފައި މި އޮތީ، އެއަށް ވުރެ ޒަމާނީ ގާޑިޔަލެކެވެ: "ގާޑިޔާ ކެފޭ" އެވެ.

ބޮޑުތަކުރުފާނު މަގުގައި ކުރިން އަތުރާލާފައި ހުރި ގާޑިޔާތައް: އޭރު ގިނަ ބަޔަކު އެ ގާޑިޔާތަކުން ހިދުމަތް ހޯދި. (ފޮޓޯ/ފޯސުކެއާ)
އޭރުގެ "މޮޅު ބިލެތްގަނޑެއް": ގާޑިޔާތައް ނެގީ ސިނަމާލެ ބްރިޖް އަޅާއިރު މުޅި ބޮޑުތަކުރުފާނު މަގަށް ވެސް ބަދަލު ގެންނަން ޖެހޭތީ. (ފޮޓޯ/ފޯސުކެއާ)

ހޫނު ދުވަހެކެވެ. ހެންވޭރު ކަޅުހުރާ މަގުން ދަނިކޮށް ލޮލުގައި އަޅައިގަތީ މި ބުނާ "ގާޑިޔާ ކެފޭ" އެވެ. ބިއްލޫރިގަނޑުން އެތެރެ ބަލައިލި އިރު މެދުގައި ބަހައްޓާފައި ހުރީ ކުޑަ ގާޑިޔަލެކެވެ. އޭގެ ތެރޭގައި ކުރުނބާ އިހާތަކެވެ. ވަދެ ރަނގަޅަށް ނަޒަރު ހިންގާލި އިރު، އެ ގާޑިޔަލުގައި، ކުރުނބާ ހަދަން ބޭނުންކުރަން ދަގަނޑު ދައްޗެއް ވެސް ހަރުކޮށްފައި ހުއްޓެވެ.

ތޮއްޖެހިފައިވާ މާލޭގައި ހުރި ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ ހުރި ގާޑިޔާ ކެފޭ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފު ޖުނެއިދު)

އެކަމަކު އެހާ ހިސާބުން މި ކުޑަ ކެފޭގެ "ތަފާތު ވާހަކަތައް" ނުނިމެ އެވެ. ފާރުގައި ވަށައިގެން ހަރުކޮށްފައި ހުރި ލިއުންތަކުން ހިނިފަޅައިގެންދިޔަ އެވެ. ނަސޭހަތާއި ހަރުބަހެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވާހަކަ ދައްކާ ރާގަށް ބިނާކޮށް ބުނެލާފައި ހުރި ޖުމްލަތަކެވެ.

މަގުމައްޗަށް ވާ ގޮތަށް ހުރި ބައިގައި އުސް ގޮނޑިތައް ބަހައްޓާފައި ހުރީ، 1980ގެ އަހަރުތަކާއި އޭގެ ކުރިން، މާލޭގެ އެންމެ މަޝްހޫރު، އެކަމަކު އަތްމަތި ތިޔާގި ބަޔަކަށް ނޫނީ ނުނަގެނޭވެނެ "ރެލީ ބައިސްކަލް"ގެ ހަނދާންތައް ގެނުވައިދޭ ކަހަލަ ބައިސްކަލެކެވެ. "ޑާހޯން" ބްރޭންޑްގެ ޒަމާނީ ޖީލުގެ ބައިސްކަލް، 1990ގެ އަހަރުތަކުގެ ކުރީކޮޅު، މާލެއަށް ތައާރަފުވެ، "ރެލީ"ގެ ދުވަސް ދުއްވާލި ގޮތް، ބައެއް މީހުންގެ ސިކުނޑިއަށް، މި މަންޒަރުން ވަނުން އެކަށީގެންވެ އެވެ.

ގާޑިޔާ ކެފޭ އިން ވަގުތުން ކުރުނބާ ކަނޑާލާފައި ދޭ. (ދައުރު ފޮޓޯ)
ކުރުނބާ ހަދާ ހާއްސަ ދަތި ޑިޒައިންކުރީ ތަނުގެ ވެރިންގެ އަމިއްލަ ހިޔާލަށް. (ދައުރު ފޮޓޯ)

ދިވެހިންގެ ކުރީގެ ދިރިއުޅުމުގެ ފޮނި އެހެން ހަނދާންތަކެއް ވެސް އާލާވެ އެވެ. ފެންވަރަން އޭރު ބޭނުންކުރި ކުޑަ ދާންޏެކެވެ. ފެން އަޅާ ރުނބައަކާއި ފެން ބޯން ބޭނުންކުރި ކަހަލަ ދަގަނޑު ދަޅުތަކެވެ. ބަތްޕޮޅިއަކާއި ބަންޖާއި މިހެންގޮސް ދިވެހިންގެ ކުރީގެ އާންމު ދިރިއުޅުމާ ގުޅިފައި ހުރި އާލާތްތަކުން ތަން ޒީނަތްތެރިކޮށްދެ އެވެ.

މިއީ މާލޭގައި ގިނަވެ، ހިޔާރުކުރަން ވެސް އުނދަގޫވާ މިންވަރަށް ހަދަމުން އަންނަ ކެފޭތަކާ ތަފާތު ތަނެކެވެ.

އިހުގެ ރެލީ ބައިސްކަލްގެ ހަނދާންތައް އާކޮށްދޭ ގޮތަށް ބަހައްޓާފައި ހުރި ބައިސްކަލެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

އަޅި ކުލައިގެ ސިމެންތި ފާރުތަކުގައި، ނަސޭހަތާއި ހަރުބަސްތަކުގެ އިތުރުން ގާޑިޔާ ކެފޭއިން ލިބެން ހުރި އެއްޗެހި ލިޔެފައި ހުއްޓެވެ. އޭގެ ތެރޭގައި މަޖާ، މަސްކާށި މޮޅު ބިލެތްގަނޑު ވެސް ހިމެނެ އެވެ. ލަކުޑިން ކަނޑާ ނަގައި، ޒަމާނީ އާޓިސްޓިކް ސްޓައިލަކަށް ހުރި އަހެއްގެ ކައިރީގައި ބޮޑު އަކުރުން ލިޔެފައި ވަނީ "އަސް ވިއްކިޔަސް ލަގަން ނުވިއްކާށޭ" އެވެ. އިބުރަތްތެރި ފިލާވަޅެކެވެ.

ގާޑިޔާ ކެފޭ ހިންގުމާ ހަވާލުވެ ހުރި އަބްދުﷲ ނޫރު ބުނީ "މިއީ ވަރަށް ގިނަ މީހުންގެ ދިރިއުޅުމުގެ ގިނަ ކަންކަމާ ގުޅޭ ހަރުބަހެއް" ކަމަށެވެ.

"މި ކެފޭގައި ބޭނުންކުރުމަށް މުނާސަބު ބަހަކަށް ފެނުނު އެއް ބަސް މިއީ،" އޭނާ ބުންޏެވެ.

ގާޑިޔާ ކެފޭގެ މެނޫގައި ހުންނަ ތަކެތި: ޒަމާނީ ކެއުންތަކުގެ ބަދަލުގައި ހުރީ މިފަދަ އެއްޗިއްސާއި ކޮފީ ކަހަލަ ބުއިންތައް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ފާރުތަކުގެ އެހެން ހިސާބެއްގައި ހަރުކޮށްފައި ހުރި "އަންނަގަ މަޖާ ކައިލަން" ފަދަ ބަސްތައް ހިމެނޭ ފޮޓޯ ލޯގަނޑުތަކުން، ރާއްޖޭގެ ތަފާތު ބަހުރުވަ ނަގައިގަނެވެ އެވެ.

ނޫރު ބުނާ ގޮތުން މިއީ އޭރު މާލޭގައި ހިންގި ގާޑިޔާ ކޮންސެޕްޓަށް ހެދި ތަނެކެވެ. ގާޑިޔާ ކެފޭ ހުޅުވީ ލޮކްޑައުންގައި ޓޭކްއަވޭ ކޮފީއަށް އޮތް ޑިމާންޑަށް ބަލާފަ އެވެ. އެކަމަކު މިހާރު އެތަން ތަފާތުވަނީ "ލިބެން ހުރި ދިވެހިވަންތަ ބާވަތްތަކުގެ ސަބަބުން" ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އާއްމުކޮށް ކެފޭތަކުގައި ހުންނަ ނާސިގޮރެންއެއް މިތާކުން ނުލިބޭނެ. އެކަމަކު ކޮންމެ ގަޑިއެއްގައި އަޔަސް ޑިސްކާއި ކުޅި ރިހާކުރު ލިބޭނެ،" ނޫރު ބުންޏެވެ.

  • ދިވެހިން ހިތްހަމަޖައްސާލަން ބޭނުންކުރާ ތަފާތު ރަހަތައް ލިބެން ހުރޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ފާރުގައި ބަހައްޓާފައި ހުރި ތަފާތު ލިއުންތަކުން ތަފާތު ހަނދާންތައް އާކޮށްދޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ކުރުނބާ ހަދަން ބޭނުންކުރާ ބޮޑު ދަތި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ބުނި ގޮތުގައި މުޑިކާއްޓާއި ދިޔާ ހަކުރު ލިބެން ހުރުމަކީ ވެސް ކެފޭގެ ތަފާތު ކުލައެކެވެ. މިހާރު އާންމުކޮށް ބޭނުންނުކުރިޔަސް ދިޔާ ހަކުރަކީ ދިވެހިންގެ ވަރަށް ތަފާތު ކާނާއެކެވެ.

ނޫރު ބުނީ ކުރުނބާ ހަދަން ގެންގުޅޭ، ބޮޑު ފޯއްވަޅިއެއް ކަހަލަ ދަތި ހެދީ އަމިއްލަ ޑިޒައިނަކަށް ކަމަށެވެ. އާންމުކޮށް ކުރުނބާ ހަދާއިރު އެތައް ފަހަރެއްގެ މަތިން ވަޅި ބޭނުންކުރިޔަސް، މި ދަތިން އެއް ފަހަރުން އެކަން ނިންމާލަ އެވެ.

ގާޑިޔާ ކެފޭގެ މުޅި ކޮންސެޕްޓް ބިނާކުރީ، އޭނާ ބުނި ގޮތުގައި، ސާފުތާހިރު، ދިވެހިންގެ ބައެއް މަޖާ ވާހަކަތައް ވެސް ހަނދާންވާ އަދި ކޮފީއެއް ބޯން އިންނަ އިރު ވެސް އިބުރަތެއް ލިބޭ ކަހަލަ މަންޒަރުތަކެއް ދައްކާލާށެވެ. 

"ދިވެހި ބަހުން މިގޮތަށް ފާރުތައް ޒީނަތްތެރިކުރަން ނިންމި ސަބަބަކީ ދިރިއުޅުމުގެ ކަންކަމާ މެދު ވިސްނާ އިރު ވަރަށް ގިނައިން އެކި ކަހަލަ ކޯޓްސްއަށް ހުރި ޝައުގުވެރިކަން. ދިވެހި ބަހުން އެކަހަލަ ބަސްކޮޅުތަކެއް ލައިފިއްޔާ މީހުންގެ ސަމާލުކަން ލިބޭނެ ކަމަށް ބަލާފައި،" ނޫރު ބުންޏެވެ.

 އެތަން ފެނިއްޖެ ނަމަ، ނުވަތަ އެތެރެއަށް ވަދެ ބަލާލައިފި ނަމަ، އެ ބުނާ ސަމާލުކަން ނުލިބިއެއް ނުދާނެ އެވެ. މިއީ މުޅިން ތަފާތު މާހައުލެކެވެ. އަހަރެމެންގެ ހަނދާނުން ކެހިފައި ހުރި ދުވަސްތައް އަލުން ފެންނަ ފަދަ އެވެ.

"ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް މިތަނަށް ވަދެއުޅޭ،" އެންމެ ފަހުން ނޫރު ބުނެލި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް