މި އޮޕަރޭޝަންގެ ތެރެެން މިދިޔަ އަންގާރަ ދުވަހު ފުލުހުން ގދ. ހޯނޑެއްދޫގައި ހަރަކާތްތެރިވަނީ.

ހޯނޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ ޑްރަގު ހޯދައިފި

މި އޮޕަރޭޝަންގެ ތެރެއިން ހޯނޑެއްދޫން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައި
28 އޮކްޓޯބަރު 2022
1

ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދުމީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ މަސްތުވާތަކެތި ހޯދާފައި ވަނީ، ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިންނެވެ.

ތަފްސީލް - ފުލުހުން އެންމެ ފުރަތަމަ ބުުނީ އެ މަސްތުވާތަކެތި ފެނުނީ ގދ. އަތޮޅުގެ ފަޅުރަށަކުން ކަމަށެވެ. ނަމަވެސް، ފުލުހުން ފަހުން ފޮނުވި މެސެޖެއްގައި ބުނީ އެ ތަކެތި ހޯދާފައިވަނީ ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށެވެ.

"މި އޮޕަރޭޝަން ފެށީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ،" ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.

"މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ."

ނަމަވެސް، އަތުލައިގަތީ ކިހާ އަދަދެއް އަދި ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ފުލުހުން ހޯދާފައި ވަނީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހޯނޑެއްދޫން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ވަޅުލާފައި ހުރި މަސްތުވާތަކެއްޗެވެ.

"ހޯނޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތް ވަގުތުތަކުގައި ފުލުހުން ބަލައި ފާސްކުރާނެ،" ހަމީދު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - މި އޮޕަރޭޝަންގެ ތެރެއިން ހޯނޑެއްދޫން އަބްދުﷲ ރަަޝީދު، 43، ސުވޯން/ގދ. ހޯނޑެއްދޫ، ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ހާއިރު ހައްޔަރުކުރި އެވެ. އަދި އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ ލޯންޗުމަތީގައި ކަމަށްވެ އެވެ.

އާއިލާ އިންނާއި މަންޒަރު ދުށް މީހުން ތުހުމަތުކުރާ ގޮތުގައި، އަބްދުﷲ މަރުވީ މެއަށް ތަދެއް އަރާތީ ސިއްހީ ފަރުވާ ދޭން އެދުމުން ވެސް ފުލުހުން އަޅާނުލައި ގިނައިރުކުރުމުންނެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ އިތުރުން، ނެޝެނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމިޝަނަރު ހަމީދު މިއަދު ވަނީ އަބްދުﷲގެ މަރާ މެދު ހިތާމަ ފާޅުކުރައްވައި އެކަމާ ގުޅިގެން ފަށާފައިވާ  ތަހުގީގުތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

28 އޮކްޓޯބަރު 2022
ވަލުތެރެއިން ހޯދާ ތަކެތީގެ ބެލެނި ވެރި ފަރާތަކަށްވާނީ ރަށު ކައުންސިލް! އަވަހަށް ރައީސް ހައްޔަރުކޮށްލާ! ހައްޔަރު ކުރި މީހުން ބަންދުގައި ބައިތިއްބާފައި ފުލުހުން އެކަނި ގޮސް ތިއެއްޗެއް ހޯދީ! ފުރަތަމަ ބުނީ ފަޅު ރަށަކުންނޭ ފަހުން ތަންވެސް ބަދަލުވީ! ހިނބަޅިދޫ އޮޕަރޭޝަން ހަމަ! މުޅިންވެސް ޑްރާމާ! ފުލުހަކަށް އިތުބާރެއްނެތް! އިހުމާލުން މީހަކު މަރުވީމާ އެއްޗެކޭ ކިޔަނީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް