މަންތާ ކުންފުނީގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާާއު)

ދ. ކުޑަހުވަދޫ

ހަމަނުޖެހުމާ ގުޅިގެން ދާލު އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

އެއާޕޯޓު ހިންގާ މަންޓާ އިން ބުނިގޮތުގައި ފްލައިޓް ކެންސަލްކުރަން ޖެހުމުން ރޭ 12 ފަތުރުވެރިއަކު އެއާޕޯޓުގައި ތާށިވި

ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުގައި އެ ރަށު މީހުން ރޭ އިރާކޮޅުން ފެށިގެން މުޒާހަރާކުރުމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސް، ފަތުރުވެރިންގެ ބަޔަކު "ހައިޖެކްވި" ކަމަށް އެ އެއާޕޯޓު ހިންގާ ދާލު ހޯލްޑިންސް ކުންފުނިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކުޑަހުވަހުދޫ އެއާޕޯޓުގައި ރޭ 7:30 ހާއިރު މުޒާހަރާ ކުރަން ފެށީ ބަލި މީހަކު މަންޓާގެ ފްލައިޓްގައި މާލެ ނުފޮނުވިގެންނެވެ. އޭރުން ފެށިގެން އަދިވެސް އާންމުން ދަނީ އެއާޕޯޓަށް ޖަމާވެ، އަޑުއުފުލަމުންނެވެ. އޭގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތައް އަދިވެސް އޮތީ ހުއްޓިފަ އެވެ.

ތަފްސީލު - މި މުޒާހަރާއާ ގުޅިގެން މާގިރި ހޮޓަލުގައި ދާލު ހޯލްޑިންސް ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަހްމަދު ހަލީލު ވިދާޅުވީ އެ އެއާޕޯޓަށް އޮޕަރޭޓުކުރާ އަދި އެ ކުންފުންޏާ ގުޅުން އޮންނަ މަންޓާ އެއާގެ މަތިންދާބޯޓުތަކަކީ ސްޓްރެޗަރުގައި ބަލިމީހުން އުފުލާ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓުތަކަކަށް ނުވާތީ، އެފަދަ ބަލިމީހުން ނުއުފުލޭ ކަމަށެވެ

"ސްޓްރެޗާ ޕޭޝަންޓެއް ވިއްޔާ ދަތިތަކެއް ހުރޭ ގެންދަން. އެކަމަކު ދުވާލުގެ ވަގުތެއްގައި ނަމަ އަޅުގަނޑުމެން ވާނެ ސީޕްލޭންގައި ބަލިމީހުން ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވިގޮތުގައި ބަލިމީހަކު އުފުލަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ ކުންފުންޏަށް އަންގާފައެއް ވެސް ނެތެވެ.

އެނގުން މުހިއްމު - މަންޓާ އިން ނުފޮނުވުނު ބަލިމީހާ މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިއަދު ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.

ހަލީލު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.(ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާާއު)

ބަލިމީހުން އުފުލުމަށް ސަރުކާރުން މޯލްޑިވިއަން އާއި އެމްއެންޑީއެފްއާ އެކު އާސަންދައިގެ ދަށުން އެއްބަސްވުމެއް ހާދާފައިވާކަން ފާހަގަކޮށް، ހަލީލް ވިދާޅުވީ، މީގެ ކުރިން ވެސް ދާލު އެއާޕޯޓުން ސްޓްރެޗަރުގައި ބަލިމީހުން އުފުލާ އިރު ބޭނުން ކުރަނީ މޯލްވިއަންގެ މަތިންދާބޯޓު ކަމަށެވެ. ނަމަވެސް ރޭ އެކަން ލަސްވީ، އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްވިއަންއިން އެ އިންތިޒާމް ހަމަނުޖެހިގެންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ބައެއް ބޭފުޅުން އެބަ ހީކުރޭ މޯލްޑިވިއަން އިން އެ ތަނަށް [ދާލު އެއާޕޯޓަށް] ދިޔުން އަޅުގަނޑުމެން މަނާކޮށްފައި އޮންނަނީއޭ. ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދު އޮންނަ ގޮތުން އެއްވެސް އެއާޕޯޓަކަށް ޑޮމެސްޓިކް އެއާލައިނެއް ދިޔުން މަނައެއް ނުކުރެވޭނެ. އަޅުގަނޑުމެން މަނައެއް ނުކުރަން. ޗާޖެސްތަކެއް ވެސް ބޮޑެއް ނުކުރަން. އަޅުގަނޑުމެން އެންކަރޭޖް ވެސް ކުރަން އެމީހުން އެ ތަނަށް ދިޔުމަށް،" ބަލިމީހަކު އެ ގޮތަށް އެ ކުންފުނިން ދޫކޮށްނުލާނެކަން ފާހަގަކޮށް ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަލިމީހާ ނުގެންދެވިގެން އުޅޭކަން ވެސް އެނގުނީ ހަމަނުޖެހުން ހިންގުމާ ގުޅިގެން ކަމަށާއި އެކަން އެނގުމާއެކު ސީޕްލޭނެއް ހަމަޖެއްސި ކަމަށެވެ. ނަމަވެސް ސީޕްލޭނަށް އެ ދަތުރު ނުކުރެވުނީ ރޭގަނޑުގެ ވަގުތަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިން 6 ގަޑިއިރު އެއާޕޯޓުގައި ތާށިވެފައި

ކުޑަހުވަދޫ އެއާޕޯޓުގައި ރޭ މުޒާހަރާކުރަނީ.

ހަލީލް ވިދާޅުވި ގޮތުގައި މި ހަމަނުޖެހުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަން އެއްކޮށް ހުއްޓި، އެ ތަނުގައި އެ ވަގުތު ތިބި ފަތުރުވެރިން ވެސް ތާށިވީ އެވެ. އަދި މިއަދު ވެސް ހަތަރު ފްލައިޓް ކެންސަލްކުރަން ޖެހުނެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި މަންޓާއަށް ލިބުނު ގެއްލުމެއް ނޫން ކަމަށެވެ.

"މި ދައްކަނީ އެތައް ބައިވަރު ޕެސެންޖަރުންނަކަށް އިމްޕެކްޓް އައި ވާހަކަ. ރިއު ހޮޓެލްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން. އެ މީހުންގެ އެތަކެއް ސަތޭކަ ޕެސެންޖަރުން މައްސަލަ ޖެހިގެން އުޅޭ ވާހަކަ މި ދައްކަނީ. މިއަދު ވެސް އަޅުގަނޑަށް އެތައް ފަހަރަކު [އެ ކުންފުނީގެ ވެރިޔާ] ގުޅައިފި، ތިމަންމެންގެ ކްލަޔަންޓުން ސޭފް ހެއްޔޭ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސޭފްޓީ،" ގިނަ ރިސޯޓުތަކެއްގެ ފަތުރުވެރިން ދަތުރުކުރާ ދާލު އެއާޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި ހަލީލް ވިދާޅުވި އެވެ.

"މިއީ މުޅި އިންޑަސްޓްރީއަށް އަދި މުޅި ރާއްޖެއަށް ވެސް ވަރަށް ނުބައި މެސެޖެއް. މިއަދުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް އެ ހުރީ ހުއްޓިފައި. ... ޓޫރިޒަމަށް ވެސް މީގެ އިމްޕެކްޓް އަންނާނެ."

ރޭ ދަންވަރު 1:30 އިން ފެށިގެން މިއަދު ހެނދުނު 7:30 ވަންދެން 12 ފަތުރުވެރިން އެއާޕޯޓުގައި ތާށިވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

"ނުހުންނާނެ އެ ތަނުގައި ނިދޭނެ ގޮތެއް ވެސް. އެ ތަނުގައި ހުންނަ ލައުންޖު ތެރޭގައި ބައިތިއްބައިގެން ހެނދުނު [މާލެއަށް] ގެންދެވުނީ،" އޭނާ ވިދާޅުވި އެވެ.

"ޕީސްފުލް މުޒާހަރާ ކުރުމަކީ އެ މީހެއްގެ ރައިޓެއް. އެ ހައްގު ބޭނުން ކުރަން ވާނެ. އެކަމަކު އެ ހައްގު ބޭނުންކޮށްގެން މިކަހަލަ ކަންތައް ކުރީމަ ކަމަކު ނުދާނެ. އިންސާނުންތަކެއް ހައިޖެކް މި ކުރެވުނީ."

ހަލީލް ދެން ވިދާޅުވީ، މި ހާދިސާއިން ފިލާވަޅު ލިބިގަނެގެން، މީހުން ދިރިއުޅޭ ރަށްތަކުގައި އެއާޕޯޓު ހެދުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ހަލީލު އިތުރަށް ވިދާޅުވީ:

  • ކުރިއަށް އޮތް ތާނގައި ސްޓްރެޗަރު ޖެހޭ ބޯޓުތައް ގެންނާނެ ކަމަށް

  • ސީޕްލޭންތަކުގައި ފުރޮޅު ލުމަށް ފަހު ބަލިމީހުން އުފުލުމުގެ ހުއްދައަށް މީގެ ކުރިން އެދިފައިވާނެ؛ ނަމަވެސް އަދި އެ ހުއްދައެއް ނުލިބޭ 

އެކަކު ހައްޔަރުކޮށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

 ފުލުހުންގެ ތަރުޖަމާނަކު 'ދައުރު' އަށް ވިދާޅުވީ، ދާލު އެއާޕޯޓަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ބަޔަކު އިހްތިޖާޖު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު، އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މި އިހްތިޖާޖާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔުމުން، އެ ސަރަހައްދަށް ފުލުހުން ވަނުމަށް ހުރަސް އެޅުމުން [ފުލުހުން] ވަނީ ބާރުގެ ބޭނުންކޮށްފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

"މި އިހްތިޖާޖާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް