ގޭސް އުނދުނުގައި ބަށި ފިހެފައި

ފުޑް

ބަށި ފިހަން ގޭސް އުނދުން ވަރެއް ނެތް

ތެއްޔެއް އުދާހެން އުނދުންމަތީ ބަށި ބާއްވައިގެން ރޯފިލުވުމުން، އަލިފާނުން ފިހެފައި ހުންނަ އެއްޗެހީގައި ލާ ކަހަލަ މީރު ރަހައެއް ހުރޭ
16 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ބައްޓަކީ ދިވެހި ރަހައަކަށް ފައްކާ ތަރުކާރީއެއް

މިގޮތަށް ފިހެލައިގެން ބަށި ހިކިކޮށް ނުވަތަ ބަށި މަސްހުނި ތައްޔާރުކޮށްލެވިދާނެ

ބަށީގައި ފައިބަރު ގިނަވެފައި ކެލޮރީ މަދު

ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ބައްޓަކީ ރާއްޖޭގައި ހެދޭ އަދި ދިވެހިން ކެއުމުގައި ވަަރަށް އާއްމުކޮށް ހިމަނާ ބާވާތެކެވެ. ބަށި މަސްހުނި ރޯދަމަހުގެ ސުފުރާއިން އާއްމުކޮށް ފެންނަ އިރު ބަށި ހިކިރިހަ ތައްޔާރު ކުރުމަކީ ވަރަށް އާއްމުކޮށް މެންދުރު އަދި ރޭގަނޑުގެ ކެއުމުގައި ހިމެނޭ ބާވަތެކެވެ. މަސްހުނި ނުވަތަ ހިކިކޮށް ތައްޔާރު ކުރާ އިރު ވަރަށް ގިނަ ފަހަރަށް ބަށި ފެނުކައްކާ މަޑު ކުރެ އެވެ. މީގެ ބަދަލުގައި ބަށި ފިހުމަކީ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެންނާނެ ކަމެކެވެ.

މިގޮތަށް ބަށި ކެއްކުމުން އޭގައި މީރު ފިހުނު ރަހައެއް ހުރެފައި އޭގެ އެތެެރެ ހުންނަނީ ރަނގަޅަށް ރޯފިލާފަ އެވެ. 

ބަށި ފިހުމުން ޑިޝްގެ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ

 ކުދި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ އިރު އަބަދު އަވަން ނަގާފައި ވަގުތުން ޖެއްސޭ ގޮތަށް ބެހެއްޓިފައި ނުހުރެދާނެ އެވެ. އެކަމަކު މީރުކޮށް ބަށި ތައްޔާރުކުރުމަށް އަވަނުން ބަށި ފިހެވެން ނެތަސް ދެރަވާނެ ކަމެއް ނެތެވެ. އަވަނުން ނުފިހުނަސް، ގޭސް އުނދުން މަތީގައި ބަށި ބާއްވާލައިގެން ހެޔޮވަރު ވަރަކަށް ފިހެވިދާނެކަން، ޓިކްޓޮކުން ތިޔަ ބަލާ ނެށުންގަނޑުތައް ދޫކޮށްލައި، ކައްކާ ރެސިޕީތައް ބަލައިފިއްޔާ ފެންނާނެ އެވެ. މި ދުވަސްވަރު ވަކިން ހާއްސަކޮށް ބަށި މިގޮތަށް ތައްޔާރު ކުރާތަން ޓިކްޓޮކްގައި އާއްމެވެ. ސޯޝަލް މީޑީއާގައި ބައެއް ދިވެހިން ވެސް މިގޮތަށް ބަށި ތައްޔާރު ކުރާތަން ފެންނާނެ އެވެ.

އުނދުންމަތީގައި ބަށި ފިހާނީ މިހެން

ގޭސް އުނދުނުގައި ބަށި ފިހާ އިރު ބަށި ކޮށާކަށް ނުޖެހެ އެވެ. އުނދުން މައްޗަށް ލަނީ ބަށި އޮތް ގޮތަށެވެ. އެންމެ ފުރަތަމަ ހެޔޮވަރު ބައްޓެއް ގަނެ، ދޮވެލާށެވެ. އެއަށް ފަހު ބަށީގެ ހުރިހާ އެކި ދިމަދިމާލަށް އޫ ހަރާލާށެވެ. މިގޮތަށް ހަދަނީ ބަށި ފަޅައިގެން ދިޔަ ނުދިނުމަށެވެ.

އުނދުނުގައި ބާއްވައިގެން ފިހުމުގެ ކުރިން އުލަކުން ބަށީގެ އެތަންމިތަނުގައި ލޯވަޅު އަޅަންވާނެ

ގޭސް އުނދުން މައްޗަށް ބަށި ލުމުގެ ކުރިން، ބޭނުން ނަމަ، ތިރީގައިވާ ފޮޓޯގައިވާ ގޮތަށް އުނދުނުގައި ފޮއިލް އެޅިދާނެ އެވެ. މަގްސަދަކީ އުނދުން ހަޑިވިޔަ ނުދިނުމެވެ. އުނދުނުން ފިހާ އިރު ސަމާލުވާންވީ ބަށިތައް އުނދުނަށް ލާފައި އަބަދުވެސް ކައިރީގަ ހުރުމަށެެވެ.

އުނދުނުގައި ބަށި ފިހާ އިރު ހަޑިވިޔަ ނުދިނުމަށް ފޮއިލް ބޭނުން ކުރެވިދާނެ

އުނދުން މައްޗަށް ތެއްޔެއް އުދާ ގޮތަށް ބަށި ލާށެވެ. އަދި އުނދުނުގެ ހުޅު މެދު މިންވަރެއްގައި ބަހައްޓައިގެން 20-30 މިނެޓު ވަންދެން ބަށި ފިހާށެވެ. ބޮޑު ބައްޓެއް ނަމަ ފިހެވޭނީ ގިނަ އިރުންނެވެ. ސަމާލުވާންވީ ބަށީގެ ހުރިހާ ތަނެއް އެއްވަރަަކަށް ފިހެއުމަށް ބަށި މަޑުމަޑުން އެނބުރުމަށެވެ.

ތެެއްޔެއް އުދާހެން އުނދުން މަތީ ބަށި ބާއްވާލައިގެން ފިހެވިދާނެ
ބަށި ފިހެވުމުން ތޮށި މަށާލާ އިރު އެެތެރެ ހުންނާނީ ރޯފިލާފައި

ފިހެވުމުން ބަށީގެ ތޮށިގަނޑު ނޮޅާލާށެވެ. މިހާރު ހުންނާނީ މަސްހުނި، އަދި ހިކިކޮށް ހަދަން ބަށި ބޭނުންވާ ވަރަށް ރޯފިލާފަ އެވެ. ތިރީގައި މިވަނީ އިންސްޓަގްރާމް އިން ފެންނަ ޖުމާ ފާއިޒް މި ގޮތަށް ބަށި ފިހުމަށް ފަހު ވަޅޯމަސް ލައިގެން ދިވެހިވަންތަ ގޮތަކަށް ބަށި ތައްޔާރުކޮށްލާ ވީޑިއޯކޮޅެކެވެ.

ގޭސް އުނދުން ބަށި ފިހެގެން ދިވެހިވަންތަ ގޮތަކަށް ތައްޔާރު ކުރާ ވީޑިއޯއެއް

ބައްޓަކީ ފައިބަރު ގިނަ، ކެލޮރީ މަދު ތަރުކާރީ އެކެވެ. އަބަދު ބަށީގެ ތޮށި ނޮޅައިގެން ކެއުމުގެ ބަދަލުގައި ތޮއްޓާ އެކު ވެސް ބައެއް ފަހަރު ކާންވާނެ އެވެ. ބަށީގެ ތޮށީގައި އެންޓިއޮކްސިޑަންޓްސް ގިނަ އެވެ. ބަށީގެ ތޮށީގައި ހިމެނެނީ އެންތިއޯސިއެނިން ކިޔާ ފައިޓޯ-ކެމިކަލްތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުން ދުވަސްވުމާއި، ކެންސަރާއި، ދުޅަތަކާއި، އަދި ނާރުގެ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު މި އެންޓިއޮކްސިޑެންޓްތަކަށް ލިބިގެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް