އެމެރިކާގެ ސެނެޓްގައި 2020ގައި ފައުސީ ވާހަކަ ދައްކަވަނީ -- ފޮޓޯ/ އޭއެފްްޕީ

އެމެރިކާ

ޑރ. އެންތޮނީ ފައުސީ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެ

ކޮވިޑްގެ ބީއޭ.4 އާއި ބީއޭ.5 އަންނަނީ ފެތުރެމުން

އެމެރިކާގެ ސައިންސްޓިސްޓް އަދި ކޮވިޑް 19ގެ ޕެންޑަމިކާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޑރ. އެންތޮނީ ފައުސީ ކޮވިޑް19ގެ ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމެރިކާގެ ނޭޝަނަލް އިންސިޓިއުޓް އޮފް ހެލްތު (އެންއައިއެޗު) އިން އިއްޔެ ބުނީ ފައުސީ މަސައްކަތް ކުރައްވަނީ ގޭގައި ހުންނަވައިގެން ކަމަށާއި އޭނާގެ ގައިގާ ހުރީ ވަރަށް މަދު މިންވަރެއްގެ އަލާމާތްތައް ކަމަށެވެ.

ފައުސީ،81، ރައީސް ޖޯ ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރެޕިޑް އެންޓިޖެން ޓެސްޓެއް ހެދުމުންނެވެ. އެންއައިއެޗުން ބުނީ ފައުސީ ވަނީ ކޮވިޑް ވެކްސިން ޖެހުމުގެ އިތުރަށް ދެ ފަހަރަށް ބޫސްޓަރު ވެސް ޖަހާފައި ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ރައީސް އާ ބައްދަލުވެފައި ނުވާ ކަމަށެވެެ.

ފައުސީ އަކީ ކޮވިޑް ޕެންޑަމިކްގެ ކުރީ ކޮޅު އެ ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މާސްކް އެޅުމާއި ވެކްސިން ޖެހުމަށް ހިންގާ ކެމްޕޭންތަކާ ދެކޮޅު ހަދާ މީހުންނަށް ހެޔޮ ގޮތް ވިސްނައިދިނުމަށް މަސައްކަތް ކުރެއްވީ ވެސް ފައުސީ އެވެ. މިދިޔަ އަހަރު އޮމިކްރޯން ވައިރަސް އެންމެ ގަދައަށް ފެތުރުނީ ވެސް ވެކްސިން ނުޖަހައި މާސްކް ނާޅައި އުޅުނު މީހުންގެ މެދުގަ އެވެ.

ކޮވިޑްގެ ބީއޭ.4 އާއި ބީއޭ.5 އަންނަނީ ފެތުރެމުންނެވެ.

ފައުސީއަކީ ކޮންމެ ގެއެއްގައި ވެސް އާންމު ނަމެކެވެ. އޭނާވަނީ 1984 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ހިނގި ކޮންމެ ބޮޑު ބަލިމަޑުކަމެއްގައި ކުރީ ސަފުގައި ހުންނަވައިގެން މަސައްކަތް ކުރައްވައިފަ އެވެ. އަދި އެންއައިއެޗުގެ ޑިރެކްޓަރެވެ.

އެޗުއައިވީ - އެއިޑްސް ފުރަތަމަ ފެތުރުނު އިރު އެ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ޝަރަފު ވެސް ފައުސީއަށް ލިބެ އެވެ.

ޕެންޑަމިކްގެ ކުރީ ކޮޅު ފައުސީ ޓީވީއަށް އެރުމަކީ މީހުންނަށް ލިބޭ ޔަގީންކަމެކެވެ. އެހެން ނަމަވެސް އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން ނުކިއްސަރު ޖަވާބު ދިނުމަށް މެދުވެެރިވި ކަމެއް ވެސްމެ އެވެ.

ރައްޔިތުން އިތުބާރު ކުރާ ގޮތަށް މައުލޫމާތު ދެއްވި ބޭފުޅަކީ ވެސް ފައުސީ އެވެ. އަދި އޭނާ ވަނީ ސަރުކާރުން ކަންކަން ކުރާ ގޮތާ ދެކޮޅަށް ފާޑުވިދާޅުވެފަ އެވެ. އެކަން ވެގެން ގޮސްފައި ވަނީ ޓްރަމްޕް އާއި އޭނާގެ ގުޅުން ގޯސްވާން ވެސް ދިމާވި ކަމަށެވެ.

ވިހިވިހީގެ ކެމްޕޭންގައި ޓްރަމްޕް ވަނީ ސައިންސް އެޑްވައިޒަރަށް ބަހުގެ ހަމަލާދީ ރައްދު ވެސް ދެއްވައިފަ އެވެ. އަދި އެއް ފަހަރަކު ވިދާޅުވީ ޓްރަމްޕްއަށް ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ ފައުސީ މަގާމުން ވެސް ވަކި ކުރާނެ ކަމަށެވެ. 

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޓޭޝަނުން މި އަހަރުގެ ފެބްރުއަރީ މަހު ހެދި އެންޓި ބޮޑީ ސާވޭއަކުން ދެއްކި ގޮތުގައި އެމެރިކާގެ %60 މީހުންގެ ހަށިގަނޑުން ވައިރަސް ފެނުނެވެ. އެ އަދަދު މިހާރު އެތައް ގުނައެއް މަތިވާނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް