ޝީއިންގެ އޯޑަރުތަކެއް: ޝިޕިން ފީގެ އަގުބޮޑުވުމާ އެކު އެ ވެބްސައިޓުން ދިވެހިން ވިޔަފާރިކުރުން މިހާރު ވަނީ ގާތްގަނޑަކަށްހެން ހުއްޓިފައި. (ފޮޓޯ/ޕަބްލިކްއައި.ކޮމް)

ޝީއިންގެ ބޮޑު ފީއާ އެކު ކުދި ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް

ޝީއިން އިން މުދާ ގެނެސްގެން ރާއްޖޭގައި ވިޔަފާރި ކުރާ ގިނަ ބަޔަކު އުޅޭ؛ ޝިޕިން ފީއަށް ގެނައި ބަދަލާ އެކު އެ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައި

ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮންލައިން ވިޔަފާރި، ޝީއިން އިން ޝިޕިން ޗާޖުގެ ގޮތުގައި އަލަށް ބޮޑު ފީއެއް ނަގަން ފެށުމާ އެކު، އެ ކުންފުނިން މުދާ ގެނެސްގެން ރާއްޖޭގައި ތަކެތި ވިއްކާ ވިޔަފާރިތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ފެށުން - މި ފަހުން ގިނަ ދިވެހިންގެ ތެރޭގައި މަގުބޫލުވި ޝީއިން އިން ތަކެތި ގެނެސްގެން ވިޔަފާރި ކުރާ ގިނަ ބަޔަކު މިހާރު ރާއްޖޭގައި އުޅެ އެވެ. އަގުހެޔޮކޮށް، ފެންވަރު ރަނގަޅު އެއްޗެހި ވިއްކާ ޝީއިންއިން ތަކެތި ގަނެގެން، ގިނަ މީހުން ވިއްކަނީ އޮންލައިންކޮށް ޕޭޖުތައް ހަދައިގެންނެވެ.

  • މީގެ ކުރިން ޝީއިންއިން ރާއްޖެއަށް ތަކެތި ފޮނުވަނީ، 200 ޑޮލަރުން ދަށުގެ އޯޑަރެއް ނަމަ ޝިޕިން ފީގެ ގޮތުގައި 24 ޑޮލަރު ނަގައިގެން

  • 200 ޑޮޮލަރުން މަތީގެ އޯޑަރެއް ނަމަ، ޝިޕިން ފީއެއް ނުނަގާ 

  • އެހެންވެ، އެއްފަހަރާ މާ ގިނަ ތަކެތި ގަންނަން ބޭނުން ނުވާ މީހުން، އާއްމު ގޮތެއްގައި ވިޔަފާރި ކުރަނީ އެ ތަކެތި ރާއްޖެ ގެނައުމުގެ ވިޔަފާރިކުރާ މީހުން މެދުވެރިކޮށް

ޝީއިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިހާރު ކޮންމެ އަދަދަކުން ވިޔަފާރި ކުރި ނަމަވެސް ޝިޕިން ފީގެ ގޮތުގައި 30 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި އިތުރަށް ނަގާ ކޮންމެ އެއްޗަކުން 5 ޑޮލަރު ޗާޖު ކުރެ އެވެ.

ވީ ކިހިނެއް؟ - ކޮވިޑް-19ގެ ބަންދުން ފެށިގެން ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ހިޔާރުކުރި އެއް ގޮތަކީ ޝީއިން ފަދަ އަގުހެޔޮކޮށް މުދާ ވިއްކާ ތަންތަނުން ތަކެތި ރާއްޖެ ގެނެސް، އޮންލައިންކޮށް ވިޔަފާރި ކުރުމެވެ.

ޝީއިން އިން ޕްރީ އޯޑާކޮށްގެން މުދާ ގެނެސްދޭ 'ޑިޒަޔާ އެމްވީ'ގެ އިޝްތިހާރެއް.

އެ ވިޔަފާރި އެކި މީހުން ކުރަނީ އެކި ގޮތަށެވެ. އެގޮތުން:

  • ސޯޝަލް މީޑިއާގައި އެކައުންޓުތައް ހުޅުވައިގެން، ތަކެތި ގެނެސްގެން އަދި ޕްރީ އޯޑާކޮށްގެން ވިއްކާ

  • މީހުން ބޭނުންވާ ތަކެތި ޝީއިން އިން ގެނައުމަށް ހުޅުވާފައިވާ އެކައުންޓުތައް ވެސް ގިނަ؛ މިފަދަ ޕޭޖުތަކުން އާއްމު ގޮތެއްގައި އެފަދަ ވިޔަފާރި ކުރަނީ މީހުން ބޭނުންވާ ތަކެތީގެ ލިންކު ދިނުމުން ކުޑަ ޗާޖަކާއެކު އެ ތަކެތި ރާއްޖެ ގެނެސްދީގެން. އަދި ބައެއް މީހުން ގެއާ ހަމައަށް އެ ތަކެތި ޑެލިވާކޮށްދޭ

  • ބޭނުންވާ ތަކެތި ބައެއް މީހުން އަމިއްލައަށް ވެސް ގަނޭ 

މިފަހުން އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ މީހުން އެދޭ ތަކެތި، ޕްރީ އޯޑާކޮށްގެން ގެނެސްދިނުމެވެ. 'ދައުރު'އިން ބެލި ބެލުމުން، އެފަދަ 100އެއްހާ ޕޭޖު ސޯޝަލް މީޑިއާގައި އުޅެ އެވެ. ގިނަ ތަންތަނަކީ ކުދި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

ފީ ބޮޑު ކުރި ފަހުން، މި ތަންތަން ވަނީ ދެން އޯޑަރު ނުނަގާނެ ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.

ބުނީ ކީކޭ؟ - މި ވިޔަފާރި ވަރަށް ފުޅާކޮށް އިންސްޓަގްރާމްގައި ކުރަމުން އަންނަ 'ޑިޒަޔާއެމްވީ'އިން ބުނި ގޮތުގައި، މިވަރުގެ ބޮޑު ފީއެއް ނަގައިގެން، ކުދި ވިޔަފާރީގެ ގޮތުގައި އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވޭނެ ކަމަށެވެ.

އެ ތަނުގެ ވެރިޔާ ހައްސާން އަފީފް ބުނި ގޮތުގައި، ކޮންމެ ދުވަހަކު ވެސް މީހުން 'ޑިޒަޔާއެމްވީ' މެދުވެރިކޮށް، ޝީއިން އިން ތަކެތި ގެނެ އެވެ. އެ ތަކެތި ޑެލިވަރީކުރުމަށް، މުސާރަ ދީގެން ދެ މީހުން އޭނާ ގެންގުޅެ އެވެ.

"އަޅުގަނޑު އެހެން ވަޒީފާއަކަށް ނުގޮސް، މި ވިޔަފާރިން ލިބޭ އެއްޗަކުން މި އުޅެމުން އައީ. ދެ މީހުންނަށް މުސާރަ ދީފައި ވެސް ރަނގަޅު އެއްޗެއް ލިބޭ،" ހައްސާން ބުންޏެވެ.

"އެކަމަކު މިހާރު މިކަން ވެސް ހުއްޓުމަކަށް މި އައީ."

އެނގުން މުހިންމު - ޝީއިންއިން ފީއަށް ބަދަލު ގެނައި ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު މި ގޮތަށް ފީއަށް ބަދަލު މި ގެނައީ ރާއްޖެއަށް އެކަންޏެވެ.

އޮންލައިންކޮށް މި ވިޔަފާރި ހިންގާ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ކުއްލިއަކަށް މިހާ ބޮޑު ފީއެއް ނެގުމުގައި، ފިހާރަތައް ހިންގާ ދިވެހި ވިޔަފާރިވެރިންގެ ނުފޫޒު އޮތުން އެކަށީގެންވެ އެވެ. އެންމެ ބޮޑު ސަބަބަކީ ޝީއިން އިން ޕްރީ އޯޑާކޮށްގެން މުދާ ގެނެސްގެން ވިއްކުމުން ފިހާރަތަކަށް އޮންނަ ޑިމާންޑު ކުޑަވުމެވެ.

"އަޅުގަނޑުމެން މި ގޮތަށް ވިޔަފާރި ކުރަން ފެށީއްސުރެ ފިހާރަތައް ހިންގާ މީހުންގެ ޝަކުވާ ހުސް ނުވޭ. އީދު ފަދަ ދުވަސް ދުވަހު އެ ތަންތަނަށް މީހުން ނުދާ ކަމަށް ބުނެ،" ޝީއިން އިން މުދާ ގެނެސްގެން އޮންލައިންކޮށް ވިޔަފާރި ކުރާ އެހެން މީހަކު ބުންޏެވެ.

މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ޝިޕިން މައްސަލަތައް މުޅި ދުނިޔޭގައި ވެސް ކުރިމަތިވެފައިވާތީ ޝިޕިންގެ އަގުބޮޑުވެ، އެކަން ކުރަން އުނދަގޫ ވެސް ވަނީ ވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް