މުސްއަބް އަބްދުﷲ (ފޮޓޯ/މިހާރު)

މުސްއަބަށް ބަދަލު ދިނުމާ މެދު ގޮތް ނިންމުން ސުޕްރީމް ކޯޓަށް

މި މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، ބަދަލު ދޭން ހައިކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރަން ސިވިލް ސާވިސް ކޮމިޝަނުން އެއްބަސްވެފައި ވަނިކޮށް
22 ޑިސެމްބަރު 2022

ސިއްރު ލިޔުންތަކެއް އާންމުކުރި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް ބަދަލު ދޭން ހައިކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

މައްސަލައިގެ ފެށުން - އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 2017ގައި އައްޔަން ކުރި މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހެޅި ހަތަރު މައްސަލައެއް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރީ ސެޕްޓެމްބަރު 2019ގަ އެވެ. ވަޒީފާއިން ވަކިކުރުމާ ގުޅިގެން:

  • މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ނިންމީ މުސްއަބާ ދެކޮޅަށް

  • މި ހުކުމް އިސްތިއުނާކުރުމުން ހައިކޯޓުން މައްސަލަ ނިންމީ މުސްއަބާ އެއްކޮޅަށް

  • ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ 14 ދުވަހުގެ ތެރޭގައި ދޭން ހުކުމް ކުރި

  • މި ހުކުމާ އެއްގޮތަށް ފައިސާ ނުދީގެން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި 

  • ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ނޮވެމްބަރު މަހު އެ ކޯޓުން  އަމުރުކުރި

  • އެ އަމުރަށް ވެސް އިޖާބަ ނުދީގެން އަނެއްކާ ހައިކޯޓަށް މައްސަލަ ހުށަހެޅި

ވީ ކިހިނެއް؟ - މުސްއަބުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކީ، މިހާރު ހައިކޯޓުުގައި ކުރިޔަށްދާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މަޑުޖެހޭނެ އެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި އަމުރު ނެރުނީ، ހައިކޯޓުގައި ހިނގަމުންދާ މައްސަލައިގެ އަޑުއެހުމެއްގައި، ބަދަލު ދޭން ކުރި ހުކުމް ތަންފީޒުކުރަން ބޭނުންވާ ކަމަށް ސީއެސްސީން ކޯޓުގައި ހާމަކުރި ފަހުންނެވެ.

ތަފްސީލް - ހައިކޯޓުގައި ހިނގަމުންދަނީ ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ސިވިލް ކޯޓުން ނެރުނު އަމުރު ސީއެސްސީން އިސްތިއުނާފުކުރުމުން ކުރިޔަށްދާ މައްސަލަ އެވެ. މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ސީއެސްސީގެ ވަކީލުން ފާހަގަކުރި ގޮތުގައި:  

  • ކޮމިޝަނުގެ މެމްބަރުން ބޭނުންވަނީ މައްސަލަ އަނބުރާ ގެންދަން

  • އަނބުރާ ގެންދަނީ ގާނޫނީ ގޮތުން ހުކުމް ތަންފީޒުކުރަން އިތުރު ހުއްޖަތެއް ދެއްކެން ނެތުމުން

ދިވެހި ރާއްޖޭގެ ހައިކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެގޮތަށް ސީއެސްސީގެ ސްޓޭންޑް ބަދަލުވީ ސަބަބާ ގުޅިގެން އެ ދުވަހު ހައިކޯޓުގެ ފަނޑިޔާރުން ވެސް ސީއެސްސީގެ ވަކީލުންނާ ގިނަ ސުވާލުތަކެއް ކުރިމަތިކުރި އެވެ. އަދި މައްސަލަ އަނބުރާ ގެންދަން ބޭނުންކަމަށް ބުނި ނަމަވެސް، ކޯޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި މައްސަލަ ލަސްކުރުމާ ގުޅޭ ގޮތުން ވެސް ސުވާލުތައް ކުރިމަތިކުރި އެވެ.

ޖަވާބުގައި ސީއެސްސީގެ ވަކީލުން ވިދާޅުވީ ހައިކޯޓުގެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި އިސްތިއުނާފުކުރީ އެ ކޮމިޝަނަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން ކަމަށެވެ. އެ ހައްގު މިގޮތަށް ބޭނުންކުރުމަކީ މައްސަލަ ލަސްކުރުން ކަމުގައި ނުދެކޭ ކަމަށާއި އެފަދަ އެއްވެސް ނިޔަތެއް ކޮމިޝަނުގެ ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ސީއެސްސީން މައްސަލަ އަނބުރާ ގެންދަން ބޭނުންވި ނަމަވެސް، މުސްއަބު ވަނީ އެކަމާ، އެ އަޑުއެހުމުގައި ދެކޮޅު ހަދައިފަ އެވެ. އޭނާގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނު ރަނގަޅަށް ތަންފީޒުކުރަން، ސީއެސްސީގެ ދެކޮޅު ހެދުންތަކާ މެދު ކޯޓުން ގޮތެއް ނިންމުން މުހިންމު ކަމުގައި ދެކޭ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުންތައް ނިންމާލީ، ފަހުގެ ތާރީހެއްގައި މައްސަލާގައި ގޮތެއް ކަނޑައަޅާނެ ކަމަށް ނިންމަމުން ކަމަށެވެ.

ސީއެސްސީގެ ސްޓޭންޑް ބަދަލުވީ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކީ، މިހާރު ސުޕްރީމް ކޯޓުގައި ކުރިޔަށްދާ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވޭތޯ 'ދައުރު'އިން ސުވާލުކުރުމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު (ފޮޓޯ/ސީއެސްސީ)

"ހައިކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެއިން، ބަދަލު ދޭން ކުރި ހުކުމް ތަންފީޒުކުރަން އެއްބަސްވީ މަދަނީ އިޖުރާއަތުގެ ގާނޫނަށް ބޯލަނބަން. [ބަދަލު ދިނުމާ މެދު] ޕޮޒިޝަން ބަދަލެއް ނުވޭ،" ނާސިހު ވިދާޅުވި އެވެ.

ހައިކޯޓުގައި ދެއްކި ވާހަކަތަކާ ގުޅިގެން ނާސިހު އިތުރަށް ވިދާޅުވީ، އޭރު ވެސް ސީއެސްސީގެ ވިސްނުމަކަށްވީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން މަޑުކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ހައިކޯޓުގައި ހުކުމް ތަންފީޒުކުރަން ބޭނުންވާ ކަމަށް ބުނީ ސީއެސްސީން އެދުނު ގޮތަށް ސުޕްރީމް ކޯޓުން، އެހާތަނަށް، ވަގުތީ އަމުރެއް ނެރެދީފައި ނުވާތީ އެވެ. މިހާރު އެ އަމުރު އޮތުމާ އެކީ ދެން ކުރިޔަށް ދާނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް