އުތުރުގެ އަތޮޅުތަކުގައި މަޝްހޫރު ހެދިކާގެ ބާވަތެއް ކަމަށްވާ ފެނު ގުޅަ (ފޮޓޯ/އާމިނަތު މަރީޝާ)

ފުޑް

އުތުރުގެ މަޝްހޫރު ފެނު ގުޅަ މުޅިން ތަފާތު

މިއީ އާއްމުކޮށް ދިވެހިން ކައިއުޅޭ ތެލުލި ގުޅައަށް ވުރެ ހަށިގަނޑަށް ރަނގަޅު ބާވަތެއް
30 އޭޕްރީލު 2022
1

ދިވެހި ކާނާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަ ރަހަތައް ހުރެ އެވެ. އަދި ދަންނަ ރަހަތައް ވެސް، ތައްޔާރު ކުރުމަށް ގެންގުޅޭ ގޮތްތަކުން، ބަދަލުކޮށްލަ އެވެ. މި ރޯދަމަހު ލޮލުގައި އަޅައިގަތް މިފަދަ އެއް ބާވަތަކީ ހއ. އަތޮޅުގެ މީހުން ހަދާ ފެނު ގުޅަ އެވެ.

އަހަރެމެންނަށް އާއްމުކޮށް ފެންނަ ފުށް ގުޅަ އާއި މުރަނަކަމުން ދަތްކޮޅު ފައިބާާ ވަރުވާ ހަނޑޫ ގުޅަ އާއި ދެކުނުގެ ކުދި ގުޅައާ ފެނު ގުޅަ ތަފާތެވެ. ބައްޓަމުގެ ގޮތުންނާއި ތައްޔާރުކުރާ ގޮތުންނެވެ.

ބާރަށު ފެނު ގުޅައިގެ ބައްޓަން ތަފާތު. އަދި ގުޅަ ތެެލުލުމުގެ ބަދަލުގައި ހުންނަނީ ފެނު ކައްކާފައި (ފޮޓޯ/އާމިނަތު މަރީޝާ)

ރަނގަޅަށް އޮޅުންފިލުވައި ބަލައިލުމުން ފެނު ގުޅައަކީ އުތުރުގެ ރަށްރަށުގެ ހާއްސަ ހެދިކާއެއް ކަން އެނގުނެވެ. އަދި ހއ.ގެ ވެރިރަށް ދިއްދޫ މީހުން ފެނު ގުޅަ ދެކެނީ ފަހުރެއްގެ ގޮތުގަ އެވެ. 

އެކަމަކު ފެނު ގުޅަ އަހަންނަށް ތައާރަފުކޮށްދިނީ ބާރަށު ޒުވާނެކެވެ. ކެއްކުމަށް ޝައުގުވެރިވާ އާމިނަތު މަރީޝާ އެވެ. ބާރަށު ސްކޫލުގެ ޓީޗަރު މަރީޝާގެ ހުސް ވަގުތުތައް ހޭދަކުރަނީ ކޮންމެވެސް މީރު ކެއުންގަނޑެއް ތައްޔާރުކުރުމުގަ އެވެ. 

މަރީޝާ، 25،  ބުނިގޮތުގައި ހުސް ވަގުތުގައި ރަށުތެެރޭގައި ކުރާނެ އިތުރު ކަމެއް ނެތުމުން މަންމަ ކައިރިން ކައްކަން ދަސްކޮށް، އެކި ކަހަލަ މީރު ކެއުންތައް ތައްޔާރުކުރަނީ އެވެ. އަމިއްލަ ފޮޓޯ ނެގުމާ ދުރު ނަމަވެސް އޭނާގެ ބަތް ތަށީގެ ފޮޓޯތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިނގަ އެވެ.

މަރީޝާ ފެނު ގުޅައާ ބެހޭގޮތުން ކޮށްފައިވާ ޓްވީޓެއް

ފެނު ގުޅައިގެ މަސްގަނޑު ވެސް ތެލުލި ގުޅައާ ތަފާތެވެ.

"ފިޔާ، މިރުސް، ހުނި އަޅައިގެން ފުނޑާފައި މަހާ އެއްކޮށްގެން، ގުޅަ ހަދާ ގޮތަށް ހަދާފައި ފަތާކޮށްލާފައި ފުށްގަނޑު ފެނު ކައްކާނީ. ދިރި، ކޮތަނބިރި ދައިން ފުނޑައިގެން މަސްގަނޑަށް ހަވާދުކޮޅެއް ވެސް ލާނެ،" މަރީޝާ ކިޔައިދިނެވެ.

މަރީޝާ މި ގުޅަ ހަދަނީ ފަތާކޮށް ނަމަވެސް، އެހެން ރަށްރަށުގައި ފެނު ގުޅަ ވެސް ހަދަނީ ވަށްކޮށެވެ. މި ގުޅަ މީގެ ކުރިން ހަދަމުން އައީ ހަށިގަނޑުގައި ފަސޭހައިން ވަރުޖެހޭ ބާވަތެއް ކަމަށްވާ ބިންބި ފުށުންނެވެ. ފަހުން ހަނޑޫ ފުށުން ހަދަމުން އައިސް މިހާރު ގޮދަން ފުށުން ވެސް ފެނު ގުޅަ ހަދަ އެވެ.

މަރީޝާ ބުނިގޮތުގައި ބޮޑު ތިލަދުންމަތީގައި ފެނު ގުޅަ އާއްމުކޮށް ހަދަނީ ދިއްދު އާއި ބާރަށުގަ އެވެ. އޭނާގެ އާއިލާ މީގެ ދެ ޖީލު ކުރިންސުރެ ފެނު ގުޅަ ތައްޔާރުކުރާ ގޮތް މަރީޝާ 'ދައުރު' އަށް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި ބާރަށުގައި ފެނު ގުޅަ ހަދަނީ އެހެން ރަށްރަށާ ތަފާތުކޮށެވެ. އެހެންކަމުން މިއީ ބާރަށުގެ ހާއްސަ ރެސިޕީ އެވެ.

ބާރަށުގައި އިހުގައި ފެނު ގުޅަ ހަދަނީ ބިންބި ފުށާއި ހަނޑޫ ފުށުން ކަމުގައި ވިޔަސް މިހާރު އާއްމުކޮށް އެ ގުޅަ ހަދަނީ ގޮދަން ފުށުގައި (ފޮޓޯ/އާމިނަތުމަރީޝާ)

ފެނު ގުޅަ ތައްޔާރު ކުރާނެ ގޮތް

މަސްގަނޑު ހެދުމަށް ބޭނުންވާ ތަކެތި

  • 5 ހިިކި މިރުސް

  • 1 މޭޒުމަތީ ސަމުސާ ކޮތަނބިރި 

  • 1 ސައި ސަމުސާ އަސޭމިރުސް

  • 1 ސައި ސަމުސާ ކުދި ދިރި 

  • 1 ސައި ސަމުސާ ނުމުގުރާ ދިރި 

  •  1  ފިޔާ (މެދު ސައިޒު) 

  •  2 އަރި ލޮނުމެދު

  • 2 ކޯޅި ހިކަނދިފަތް

  • 1 ގިތެޔޮ މިރުސް

  •  1 މޭޒުމަތީ ސަމުސާ ރީީނދޫ 

  •  2 ކާފޫރު ތޮޅި

  •  1 އިންޗީގެ ފޮނިތޮށިކޮޅެއް 

  •  4 ކަރަންފޫ 

  •  ރަހަލާ ވަރަށް ލޮނުކޮޅެއް 

  • 1.5 ޖޯޑު ހުނި 

  •  1 ލުނބޯ (ބޮޑު)

  • 1 ވަޅޯ މަސްގަނޑު

ފުށްގަނޑު ހަަދަން

  • 2 ޖޯޑު ފުށް

  • އެއް ޖޯޑު ހުނި

  • ފެން

  • ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ފުށްގަނޑު ހެދުމަށް ފުށް، ލޮނު އަދި ހުނި އެއްޗަކަށް އަޅައި ފެން އަޅައިގެން މޮޑޭށެވެ.

މަސްގަނޑު ތައްޔާރު ކުރުމަށް ލުނބޯހުތާއި މަސް ފިޔަވައި އެހެން ހުރިހާ އެއްޗެއް މިކްސަރުން މުގުރައި ހިމުންކޮށްފައި ވަޅޯމަހާ އެއްކޮށްލުމަށް ފަހު ލުނބޯހުތް ޖަހައިގެން މޮޑެލާށެވެ. އެއަށް ފަހު، ގުޅަ ހަދާ ގޮތަށް، ފުށްގަނޑު ތެރެއަށް މަސްކޮޅު ލާށެވެ. ފެނު ގުޅަ ހުންނަނީ ވަށްކޮށެއް ނޫނެވެ. މަސްކޮޅު ލުމަށް ފަހު ފަތާކޮށްލަނީ އެވެ. ދެން 15 މިނެޓު ވަންދެން ފެނުކައްކާލާށެވެ. ހިހޫވުމުން ކާށެވެ.

އާއްމުކޮށް ދިވެހިން ކާ ތެލުލި ހެދިކާގެ ބާވަތްތަކާ ހިލާފަށް ހެލްތީ އޮޕްޝަނަކަށް ވާތީ ގުޅައިގެ މި ރެސިޕީ ވަކިން ބޮޑަށް ކަމުދެ އެވެ. 

ކޮމެންޓް (1)

އިބްރާހީމްސ

30 އޭޕްރީލު 2022
ދިއްދޫ ހޮޓަލުން އަބަދުވެސް ވަރަށް މީރު ފެނުކެއްކި ގުޅަ ލިބޭނެ. ވަރަށް މީރު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް