ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

31 އޮކްޓޯބަރު 2022

އެޕިސޯޑް 27

"މަޑު ކުރޭ. އަހަރެން ބޭނުން ވަނީ..." ނަތާ ހުއްޓުނެވެ.

"ނަތާ ވަރިކުރަން." ހިފަހައްޓައިގެން ހުރި ނޭވާ އަހަރެން ބޭރު ކޮށްލީމެވެ. ޒުފާންއަށް ބަލާލި އިރު ހުރީ ދެ ލޯ މަރައިގެންނެވެ.

"ޒުފާންއަށް ވާނެ ގޮތެއް ވިސްނާލިންތަ؟" ނަތާގެ ލޮލުން ބަބުޅަމުން ދަނީ ކެހިވެރިކަމެވެ. ސަބަބަކަށް ޒުފާން ދައްކައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ.

"އޭނައަށް ވިސްނާފައި މި ގޮތަށް މި ނިންމީ. ތިކަހަލަ މަންމައިންގެ ސަބަބުން ދަރިންނަށް މާ ނޭދެވޭ އަސަރު ކުރާނެ. އެއަށް ވުރެ މާ ރަނގަޅު ވާނެ ތިކަހަލަ މަންމައިންގެ ވަސް ވެސް ނުޖެހޭ ހިސާބަށް ދަރިން ދުރުކުރުން. އޭރުން އެ ކުދިންނަށް ވާނީ ގެއްލުމެއް ނޫން. ފައިދާ،" އަހަރެންގެ އަޑު ގަދަވިއެވެ. ގޭގައި ނިދާފައި ތިބި އެހެން މީހުން ހޭލައިގެން ނުކުތެވެ. މަންމަގެ މޫނުމަތީ އެތަކެއް ސުވާލެއް ކުރެހިފައި ވެއެވެ.

"އަހަރެން ވަރިކުރިޔަސް ޒުފާން ދާނީ އަހަރެންނާ އެކު، އަދި އާޔާ ވެސް. ލިފާންއަށް އަހަރެމެންނާ ނުލައި އުޅެވޭނެތަ؟" ނަތާގެ މަގުސަދު ސާފެވެ. އަހަރެންނަށް ކުޑަ ވެސް އުފަލެއް ލިބުމަކަށް ނަތާ ނޭދެއެވެ. އަހަރެންނާ މެދު އެ ގޮތަށް ކަންތައް ކުރަނީ ކީއްވެބާވައެވެ؟ ނަތާ ބޭނުންވާ ކޮން ކަމެއް ނުކޮށްދެވެނީ ބާވައެވެ؟ އެންމެންގެ ނުގަބޫލުގައި ވެސް ނަތާ ގަބޫލު ކުރީމެވެ. އެހެން މީހެއްގެ ފާފައެއް އަހަރެން ހިތުން ރުހުމުން ބަލައިގަތީމެވެ. ނަތާއަށްޓަކައެވެ. ނަތާ ދެކެ ވާ ލޯތްބަށްޓަކައެވެ. އަހަރެންގެ އާއިލާގެ ނުގަބޫލުގައި ނެގި ހުރިހާ ހިރާހަކުން އަހަރެންނަށް ވީ ގެއްލުމެވެ. ރައްޓެހިން ދިން ނަސޭހަތް ބޮލާލައި ޖެހުމުން އަހަރެންނަށް ލިބުނީ ހިތާމައާއި ހިތްދަތިކަމެވެ. އަހަރެންގެ އަމިއްލަ ނަފުސު ވެސް މިއަދު އަހަރެންނަށް މަލަމާތް ކުރެއެވެ. ހިތް ބުނަމުން ދިޔައެވެ. މިއީ އެވަގުތެވެ. ތެދުވާށެވެ. ހިތްވަރު ކުރާށެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ހަށިގަނޑުގައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެން އަހަރެން ވާހަކަ ދެއްކީމެވެ.

"ނަތާއަށް އެއްވެސް ގެއްލުމެއް ނުވަތަ ދެރައެއް ދޭކަށް ބޭނުމެއް ނޫން. އަބަދުވެސް ދުއާއަކީ ނަތާ އުފަލުގައި ލެހެއްޓެވުން. ނަތާ ބޭނުންވާ ހުރިހާ ކަމެއް ފުރާފުރިހަމަވެފައި ހުރުން. ނަތާ ބޭނުންވާ ހުރިހާ އެއްޗެއް ނަތާއަށް މިންވަރުކޮށްދެއްވުން." އަހަރެން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.

"އަހަރެން ވަރަށް ކެތްކޮށްފިން. ނަތާއަށް ކިތަންމެ ފުރުސަތެއް ދީފިން. އަތްނބެއްގެ މަގާމުގައި ނަތާ ބަހައްޓައިގެން އަހަރެން އުޅުނީ ނަތާ ދެކެ އިންތިހާއަށް ލޯބިވާތީ. އެކަމަކު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި. ހިލޭ ފިރިހެނުންގެ ދާންތަކުގައި ރޭތައް ގުނަމުން ދިޔަ އިރު އެންމެ ފަހަރަކު ވެސް ހިތަށް ނާރާ ތިއީ މީހެއްގެ އަތްނބެކޭ. އެރޭތައް ފަޅުފިލުވަމުން ދިޔައިރު ހިތަށް ނާރާ ތިއީ ކުއްޖެއްގެ މަންމައެކޭ. ހެއްދެވި ފަރާތަށް ބިރުގަތުމެއް ނެތި ނަތާ ދިޔައީ ވަގުތީ އުފާތައް ހޯދަމުން." އަހަރެން ދައްކާ ވާހަކަތައް އަޑު އަހަން އެންމެން ތިބީ ހައިރާންވެފައެވެ. މީގެ ކުރިން ދުވަހަކު ވެސް އެފަދަ ގޮތަކަށް ވާހަކައެއް ނުދައްކަމެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ދީންވެރި، ހުލްގުހެޔޮ އަތްނބެއް ލިބުމަކީ މީހާގެ ނަސީބު. އެ މީހަކަށް ދެ ދުނިޔޭގައި ވެސް ކާމިޔާބު ލިބޭނެ ކަމެއް. އަހަރެން ބޭނުންވީ ތިމާއަށް ވުރެ ދޮށީ މީހުންނަށް އަޅައިލާ އިހުތިރާމް ކުރާ އަދި ތިމާއަށް ވުރެ އުމުރުން ހަގު ކުދިން ދެކެ ލޯބިވާ އަތްނބެއް. ފިރިމީހާއަށް ކިޔަމަންތެރި، ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބައިވެރިއެއް. ދިރިއުޅުމުގެ ކޮންމެ އަޑިގުޑަނެއްގައި އެހީތެރިވާނެ މަދަދުގާރެއް. ދުނިޔެވީ ކަންކަމަށް ލޯ ހުޅުވި އެކަންކަމަށް ހެއްލި، ގެއްލިގެން ނުދާނެ ފަރާތެއް. ނަތާއާ ކައިވެނި ކުރި އިރު މިކަންކަން ނެތް ނަމަވެސް އަހަރެން ހިތަށް އެރީ މަޑުމަޑުން އެ ސިފަތައް އަންނާނެ ކަމަށް."

"ނަތާގެ ހުރިހާ ކަމެއް އެނގި ހުރެ އަހަރެން އެއްވެސް އެއްޗެއް ނުބުނަން. އަމުރެއް ނުކުރަން. އެއްވެސް މީހެއް ގާތު އެކަހަލަ ވާހަކައެއް ނުވެސް ދައްކަން. ނަތާ ބަދުނާމު ވެދާނެތީ. ނަތާ މުޅި ދުނިޔެއަށް ގިނަ ވެދާނެތީ. ނަތާއަށް އަމިއްލައަށް ވިސްނޭތޯ. އެކަމަކު ދުވަހެއް ދުވަހަކަށް ދިޔައީ ނަތާގެ އުޅުން ބަދަލުވަމުން، ގޯސްވަމުން. ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ގޮސް ދުނިޔޭގައި ލެއްވިހާ ފާފަތަކަށް އަރައިގަތީ. އެއް ފަހަރު ވެސް ހިތަކަށް ނާރާ މިއީ ނަތާގެ ފިރިމީހާއޭ. އަހަރެންގެ އިހުސާސްތަކެއް ވާނޭ. ނަތާގެ ޒިންމާތަކެއް ވާނެއޭ. އަހަރެންގެ އާދޭސްތަކާއި ނަސޭހަތްތަކަށް ދިނީ ބީރު ކަންފަތެއް. ނަތާ އަހަރެންގެ ބޭނުން ހިފާލީ ތުންފުހެލާފައި އެއްލާލާ ޓިޝޫއެއް ފަދައިން. ކިހާ ވަރަކަށް ކެތްކުރިން. ކިހާ ވަރަކަށް ބަރުދާސްތު ކުރިން. މީހުން އަހަރެން ގާތު ކީހާ އެއްޗެއްސަށް ލަދުގަތް، ދެރަވެސް ވި. ވަރަށް އަސަރު ކުރި. އަހަރެން ދެ ލޮލުން އެ މަންޒަރު ފެނުނު ދުވަހަކީ..." ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ބޭއިހުތިޔާރުގައި އޮހިގަތެވެ. ނުރޯން މަސައްކަތްކުރި ނަމަވެސް އެ ހަނދާންތަކަކީ ދުވަހަކު ވެސް އަހަރެންގެ ހިތުން ފުހެވޭނެ ކަންކަމެއް ނޫނެވެ.

"ނަތާ ގަބޫލު ކުރީ އަހަރެންނަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް. ނުވަތަ ބޭނުން ޖެހުމުން ބޭނުން ކޮށްލާފައި ބޭނުން ފުދުމުން އެއްލާލާ އެއްޗެއް ކަމަށް. އެންމެ ކުޑަމިނުން ގޮސް ނަތާ އުޅުނީ އަހަރެންގެ ނުކުޅެދޭކަމާއި ނާގާބިލްކަން ވިސްނައިދޭން. އަހަރެން ކޮށްދީފައިވާ ކަންކަމާއި ނުކޮށްދެވި ހުރި ކަންކަން ތިލަފަތަށްލީ. ބަރުވީ ކޮން ކޮޅެއް؟" ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލީމެވެ.

"ނަތާ ހިތަށް އަރުވާލަބަލަ، އެއް ފަހަރު ވެސް އަހަރެން އެހެން އުޅުނު ނަމަ ނަތާއަށް ކުރެވޭނެ އިހުސާސް. އަހަރެން ކެތްކުރި ވަރަށް ކެތްވާނެތަ؟ ހިލޭ އަންހެނެއް ނުވަތަ ދެވަނަ އަތްނބެއް އަހަރެން ހޯދި ނަމަ ނަތާ ހަދާނީ ކިހިނެއް؟ ނަތާއާ އެކު ހޭދަކުރި އަހަރުތަކުގައި ގިނައީ ހިތާމަ ކުރަން ޖެހުނު ދުވަސްތައް. ދެރަވެ ރޯން ޖެހުނު ދުވަސްތައް. އެކަމަކު ވެސް އަހަރެން ދުށީ ތިއީ އަހަރެން ލޯބިވާ އަނބިމީހާ ކަމަށް. ހިތްނޭދޭ، ހިތްފަޅައިގެން ދާ ވަރުގެ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހުނު. އެކަމަކު ވެސް ކެތްކުރީ އަދި ރަނގަޅު ވާނެ ކަމަށް ހިތަށް އަރާތީ. ނަތާއަށް އަހަރެންގެ ހިތް އެދޭތީ. ލޯބިވާ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމް ނުކުރަން ވެގެން. ދެމަފިރިންގެ ގުޅުމުގައި އެންމެ މުހިންމު ކަމަކީ އިތުބާރާއި ލޯބި. އެކަކު އަނެކެއްގެ އިހުސާސްތަކަށް ކުރާ އިހުތިރާމް. ކައިވެންޏަކީ ކިހާ މާތް، މަތިވެރި ގުޅުމެއް ކަމެއް ނަތާއަކަށް ނުވިސްނުނު. މި ދުނިޔޭގައި ނަތާއަކީ އަހަރެންގެ ވަފާތެރި އަތްނބަކަށް ވީ ނަމަ، ދެ ދުނިޔޭގައި ވެސް އަހަރެން އެދޭނީ ނަތާއަށް. އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލު ވެއްޖެ."

"މި ވަގުތުން ފެށިގެން ނަތާއަކީ އަހަރެންގެ އަތްނބެއް ނޫން،" ލޯ މަރާލަމުން އަހަރެން ބުނީމެވެ. ހުރިހާ އެންމެންނަށް އެ އަޑު އިވުނެވެ. ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް އަހަރެން ނަތާއާ ކައިވެންޏެއް ނުކުރާނަމެވެ. އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔައީމެވެ.

"ނަތާ މިހާރު ތިއީ މިނިވަނެއް،" ކޯޓުން ނުކުމެފައި އަހަރެން ބުނީމެވެ. ކޯޓުގެ ދޮރުމަތިން ދެ މީހުން ވަކިވީއެވެ. ނަތާ ދިޔައީ ފަސްއެނބުރި ބެލުމެއްނެތިއެވެ. މަގުގެ ކޮޅަށް ގޮސް އޮބާލަންދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ނަތާ ހިތްހަމަޖައްސައިދީ، ފަސޭހަކޮށްދީ، ލުއިކޮށްދޭން ދުރާލައި ކަންކަން ރޭވީ އަހަރެންނެވެ. އަހަރެންގެ ވިސްނުމުންނާއި އަމަލުތަކުންނެވެ. ލޯބި ދިނީ ފުދި އިތުރުވާ ވަރަށެވެ. ނަމަވެސް ނަތާގެ ދެ އަތުން އެ ހުރިހާ ކަމެއް ވެއްޔާ މޮޑެލީއެވެ. ހިނދުހިނދުކޮޅުން ލަސްލަހުންނެވެ.

ޒުފާން އާއި އާޔާ ތިބީ އަހަރެން ގާތުގައެވެ. އެ ކުދިން ހޯދާކަށް ނަތާއެއް ނޫޅެއެވެ. އޭނައަށް މުހިންމުވީ އޭނަގެ ވަގުތީ އުފާތަކާއި މިނިވަންކަމެވެ. ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އަހަރެން އަތުކުރި އޮޅާލީމެވެ. މަންމަގެ ލޯބިން ދަރިން މަހުރޫމްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރީމެވެ. އެ ކުދިންނަށް ރަނގަޅު ގޮތް ބުނެދޭން ބޭނުންވެއެވެ. ކަންކަން އެނގެން ޖެހޭ މިންވަރަށް ހަމަ ބުއްދި ލިބުނީމައެވެ. އެހެން ނޫން ނަމަ ކުދިންގެ ނަޒަރުގައި ގޯސް ވާނީ އަހަރެންނެވެ. އަހަރެންގެ ކުށަކީ ދަރިންނަށް ހެޔޮލަފާ މަންމައެއް ހޯދައިނުދެވުނު ކަމެވެ. އެކަމަކު އަހަރެންނަކީ ވެސް ފުރާ ފުރިހަމަ މީހެއް ނޫނެވެ. އެ ދުވަހަކުން އެ ކުދިން ބައްޕައަށް މައާފު ކުރާނެއެވެ. އަހަރެންގެ އުންމީދަކީ ދަރިން އަހަރެންނަށް ހިތްބަރު ނުކުރުމެވެ. އަހަރެންގެ އެދުމަކީ އަހަރެން ނެތް ދުނިޔެއެއްގައި ވެސް އަހަރެންގެ މައްޗަށް ހެޔޮ ދުއާކޮށް، ހުލްގު ހެޔޮ ކުދިންނަށް ވުމެވެ. ތަގުދީރުގައި ލިޔެވިފައިވާ ކަންކަން ބަދަލު ކުރަން އަހަރެން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

- ނިމުނީ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް