މަކުނުދޫގައި ކުޑަކުދިންގެ ފުޓުބޯޅަ މެޗެއްގައި ޝަވަން (މ) އިއްޔެ ފުޓުބޯޅަ ކުޅެނީ: އޭނާ ދެއްކި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުން

ކުޑަކުދިން

މި ކުއްޖާ ސާބިތުކޮށްދިނީ ކުރެވޭނެކަން، ތަފާތެއް ނެތްކަން

އުމުރުން 7 އަހަރުގެ ޝަވަންއަކީ އެއް ފައި ކަކުލާ ހަމައިން ބުރިވެފައިވާ ކުއްޖެއް؛ ނަމަވެސް މުބާރާތެއްގައި ފުޓުބޯޅަ ކުޅެގެން އޭނާ ވަނީ ގިނަ ބައެއްގެ ތައުރީފް ހޯދާފައި

އުމުރުން 7 އަހަރުގެ އަހުމަދު ޝަވަން މުހައްމަދަކީ ގޭ ދޮށުގައި ވެސް މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ.

އެހެންވެ، ނުކުޅެދުންތެރިކަން ހުންނަ ޝަވަން ސްކޫލުގެ އިންޓަހައުސް ފުޓުބޯޅަ މުބާރާތުގައި ކުޅެން ބޭނުންވާ ކަމަށް މަންމަ އައިޝަތު ވިޝާހު ގާތުގައި ބުނުމުން، އެކަމަށް ހުއްދަ ދިނީ އުފަލުންނެވެ. ދަރިފުޅުގެ ކަނާތުފައި ކަކުލާ ހަމައިން ބުރިވެފައި އިން ނަމަވެސް، އެފަދަ މުބާރާތެއްގައި ޝަވަންއަށް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.

އިއްޔެ ހަވީރު ހދ. މަކުނުދޫގެ ޓާފް ދަނޑުގައި އޮތް އެ ރަށު ސްކޫލުގެ ފުޓުބޯޅަ މުބާރާތް ބަލަން ވިޝާހު ހުރީ ފެންކަޅިވެފަ އެވެ. އޭނާއަށް ފެނުނީ، ހުރި ހަމައެކަނި ދަރިފުޅު ވަރުބަލިކަމެއް ނެތި އެހެން ކުދިންނެކޭ އެއްގޮތަށް ދަނޑުމަތީގައި ކުޅެނިކޮށެވެ. އެއް ފައިގެ އެހީގައި ބާރުބާރަށް އޭނާ ދުވެ އެވެ. ދެން ތިބި ކުދިންގެ ތެރެއަށް ވަދެ އަމިއްލައަށް ބޯޅަ ހޯދަން މަސައްކަތް ކުރެ އެވެ. ބޯޅަ އަތުޖެހުމުން، ބުރިވެފައިވާ ފައިގެ މައްޗަށް ބެލެންސް ވެލައި، އަނެއް ފައިން ބޯޅަ ޖަހަ އެވެ. މާބޮޑަށް ވަރުބަލިވެއްޖެ ނަމަ، ކަކޫމައްޗަށް ތިރިވެ، ވަރުބަލި ފިލުވާލައިގެން އަނެއްކާވެސް ތެދުވެ ދުއްވައިގަނެ އެވެ.

ޝަވަމް 41 ނަމްބަރު ޖޯޒީގައި. އޭނާގެ ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރޭ

މިއީ ވިޝާހަށް އާ މަންޒަރެއް ނޫނެވެ. ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހަދައިގެން ނެގި ޝަވަން ބޮޑުވަމުން އައިއިރު، ކަނާތުފައި ވަކި ހިސާބަކުން ބުރިވެ އަތުގެ ބައެއް އިނގިލިތައް އެކުވެފައި ހުރުން ފިޔަވައި، އެހެން ތަފާތެއް އެ ކުއްޖާގެ ފަރާތަކުން ނުފެނެ އެވެ. ޝަވަން ފިރުކުނީ ވެސް އަމިއްލައަށެވެ. ބެލެންސް ކުރަން ދަސްކޮށް، ހިނގަން ފެށީ ވެސް އިތުރު މީހެއްގެ އެހީއާ ނުލައި އެކަންޏެވެ.

ދެން އިސާހިތަކު ވިޝާހަށް ފެނުނީ، އެ އުމުރުގެ އެހެން ކުދިން ވެސް އުޅޭ ގޮތަށް އުޅޭ ހަލަނި ކުއްޖެކެވެ. ގެ ކައިރީ މަގުމަތީގައި ކުޅެ، ގަސްގަހަށް އަރާ، ތަންތަނުން ފުންމާ ކުއްޖެކެވެ.

"އޭނާއަކީ އުފެދުމުގައި ވަކި ގޮތަކަށް ހުރި ކުއްޖެއް ނަމަވެސް، ދުވަހަކު ވެސް އަޅުގަނޑުމެން އޭނާއަށް އެކަން އިހުސާސް ވިޔަކަ ނުދެން،" ޒުވާން މަންމަ ބުންޏެވެ.

"އޭނާ ބޭނުން ކަމެއް ކުރެވޭނެ. އޭނާއަކީ ވަކި ކަހަލަ ކުއްޖެކޭ ބުނެ ދުވަހަކު ވެސް ނުހިފަހައްޓަން."

ޝަވަން ތުއްތުއިރު: އޭނާއަކީ ބަނޑަށް 5 މަހުގައި އުފަންވި ކުއްޖެއް
ޝަވަން ތުއްތުއިރު: އޭނާއަކީ ބަނޑަށް 5 މަހުގައި އުފަންވި ކުއްޖެއް

"މޭގެ އެތިކޮޅެއް" ކަމަށް ސިފަ ކުރާ ދަރިފުޅު، އެންމެ ކުޑައިރު، އެއް ފައި މައްޗަށް އެހެން ފުންމަމުން ދުވާތަން ބެލުމަކީ ވިޝާހަށް ހިތްދަތިކަމަކަށް ވި އެވެ. ދަރިފުޅަށް ތަދުވެދާނެތީ، ނޫނީ ވަރުބަލި ވެދާނެތީ، އެހީއެއްގެ ގޮތުން ބޭނުން ކުރަން އަސައެއް ދިނީ އެހެންވެ އެވެ. އެކަމަކު ވިޝާހުގެ ޖަވާބަކަށްވީ، އެ ބޭނުން ކުރުމުން މާ އަވަހަށް ވަރުބަލިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން އޭނާ އުޅޭނެ ގޮތަކަށް ދޫކޮށްލީ. އާއްމުކޮށް އުޅޭނީ ވާތު ފައިމައްޗަށް ފުންމަމުން. އެކަމަކު ތަންކޮޅެއް ލަހުން ތަނަކަށް ދާން ބޭނުން ނަމަ ކަކޫ ޖަހައިގެން ހިނގާނެ،" ވިޝާހު ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި، ރަށުގެ އެންމެން ބަލަން އެއްވާ ފުޓުބޯޅަ މެޗަކަށް އަރަން ދަރިފުޅު ބޭނުންވީ ވެސް، އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތުމުންނެވެ. އަދި އެ ޔަގީންކަން ލިބުނީ، އަމިއްލަ ނަފްސުގެ މުހިއްމުކަމާއި އެއީ ވެސް ބޭނުންތެރި ކުއްޖެއްކަން ދަރިފުޅަށް އެންމެ ކުރިއްސުރެ ވިސްނައިދެވިފައި އޮތުމުން ކަމަށް އޭނާ ދެކެ އެވެ. 

ތަފާތުކުރުމެއް، ގަނާ ކުރުމެއް ނެތް، ކަންކަމުގައި ބައިވެރިކުރުވާ

އިއްޔެ ހަވީރު މަކުނުދޫގައި އެ ކުޅުނީ ވަރަށް ހަގު ކުދިންތަކެއްގެ، އާދައިގެ މެޗެކެވެ.

އެކަމަކު އެ މެޗަށް ކުއްލިއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ނުކުޅެދުންތެރިކަމަކާ އެކު ވެސް، ގޮތުގައި ހުރި، ހިތްވަރު ދައްކަމުން އައި ކުއްޖަކު ފެނުމުންނެވެ. ޝަވަން ފުޓުބޯޅަ ކުޅޭ ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ގިނަ ބަޔަކު، އެއީ  ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައި ސިފަކުރި އެވެ. އަނެއް ބަޔަކު، ސްކޫލުން އެފަދަ ކުއްޖަކަށް ފުރުސަތު ދިނީތީ ވެސް ތައުރީފް ކުރި އެވެ.

"މިއީ ބަލާލަން ހިތަށް ފިނި، އުފާވެރި މަންޒަރެއް،" ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

"މި ކުޑަކުއްޖާ ސާބިތުކޮށްދިނީ، ހިތްވަރު ހުރެއްޖެ ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެކަން."

"ސްކޫލުން ވެސް ތަފާތުނުކޮށް، ހުރިހާ ކުދިން ވެސް ބައިވެރިކޮށްގެން ކަންކަން ކުރެވޭނެކަން ސާބިތުކޮށްދީފި،"  އެހެން މީހަކު ކޮމެންޓު ކުރި އެވެ.

އިއްޔެ މަކުނުދޫގައި ކުޑަކުދިންގެ ފުޓުބޯޅަ މެޗެއްގައި ޝަވަން ބޯޅައިގައި ފައިން ޖެހުމަށް މަސައްކަތް ކުރަނީ

ވިޝާހު ބުނިގޮތުގައި އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ޝަވަން އަކީ ކަންކަން ކުރެވޭނެ ކުއްޖެއްކަން އޭނާ ކިޔަވާ ސްކޫލާއި މުޖުތަމައުން ވެސް ގަބޫލު ކުރެ އެވެ.

"ޝަވަން ވަރަށް ކިޔަވާ ހިތްވާނެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހިތް ވެސް ވާނެ. އެ ހުރިހާ ކަމަކަށް ސްކޫލުން ވެސް މަގުފަހިކޮށްދޭ،" އޭނާ ބުންޏެވެ.

"އެހެން ކުދިންނެކޭ ޝަވަންއެކޭ ތަފާތެއް ނުކުރޭ."

މިފަދަ ކުއްޖެއްގެ ހުނަރު ފުޓުބޯޅަ މެޗެއްގައި ދައްކާލުމަކީ ނުވާނެ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް، މަކުނުދޫ ސްކޫލުން ޝަވަންއަށް އެ ފުރުސަތު ދިނީ، އެއީ ކޮންމެ ދަރިވަރަކަށް ވެސް އޮތް ހައްގެއް ކަމަށް ގަބޫލުކުރަމުންނެވެ. ކޮންމެ ކަހަލަ އައިބެއް ހުރި ކަމުގައި ވިޔަސް، ހުރިހާ ކުދިންނަށް، ހަމަހަމަކަމާ އެކު ފުރުސަތު ދިނުމަކީ އެ ސްކޫލުން ގަބޫލު ކުރާ އުސޫލެއް ކަމަށް ވާތީ އެވެ. 

ނުކުޅެދުންތެރިކަމެއް ހުރި ނަމަ، މަލާމާތާއި ގަނާ ކުރުމަކީ އަދިވެސް މުޖުތަމައުގެ ތެރޭގައި ނުފިލާ އޮތް ކަމެކެވެ. އެކަމަކު ޝަވަންގެ ތަޖުރިބާ ތަފާތެވެ. އޭނާގެ މަންމަ ބުނިގޮތުގައި ދަރިފުޅަށް، އެ އުމުރުގެ އެހެން ކުދިންނާއި މުޖުތަމައުގެ ތެރެއިން ވެސް އެއްވެސް ކަހަލަ އުނދަގުލެއް ނޫނީ މަލާމާތެއް ކުރިމައްޗެއް ނުވެ އެވެ. އޭގެ ބަދަލުގައި، އެ އުމުރުގެ ކުދިންގެ ފަރާތުން ވެސް ފެންނަނީ އޯގާތެރިކަމާއި އަޅާލުން ކަމަށް ވިޝާހު ބުންޏެވެ.

ޝަވަން ސްކޫލުގައި: ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ކަންކަމުގައި އޭނާ ފަހެއް ނުޖެހޭ

"ކްލާސްކުދިން ވެސް، ވަރަށް ހެލްޕްފުލްވާނެ. ޝަވަންއަށް ނުކުރެވޭތީއެއް ނޫން، އެކަމަކު އެ ކުދިން ބޭނުންވާނެ އޭނާއަށް ލުއިކޮށްދޭން. ކޮންމެވެސް އެހީތެރިކަމެއް ވެދޭން،" ވިޝާހު ބުންޏެވެ.

ފުޓުބޯޅަ މެޗެއްގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ޝަވަން ވަނީ އިއްޔެ އޭނާގެ މަންމަ ފަހުރުވެރިކޮށްދީފަ އެވެ. ނުކުޅެދުންތެރިކަމެއް ހުރުމަކީ، ފުރުސަތުތަކެއް ނޫނީ ހުނަރުތަކެއް ގެއްލޭނެ ނޫނީ ބާކީވާން ޖެހޭނެ ކަމެއް ނޫންކަން އޭނާ އެ ވަނީ ސާބިތުކޮށްދީފަ އެވެ.

ކޮމެންޓް (2)

😭😭😭

9 ނޮވެމްބަރު 2022
ހުރިހާ ރަށެއްގައި ވެސް ސުކޫލު ތަކުގައި ތަފާތު ނުކުރާނަމަ ތިކަހަލަ މަންޒަރުތައް ފެންނާނެ
4 0

އިއްބެ

9 ނޮވެމްބަރު 2022
ރާއްޖޭގެ ވިޔަފާރި ވެރިއަކު ޝަވަން އަށް ފަޔެއް ޖަހަން އެހީތެރިކަން ފޯރުކޮށްދޭން ގޮވާލަން. އިތުރަށް ހުނަރު ތަރައްގީވެ ގައުމަށް ފައިދާކުރަނިވި ކުއްޖަކަށް ހެދިދާނެ.. މެންބަރ ރާއީ އަށް ގޮވާލަން ޝަވަން ގައުމަށް ހިދުމަތް ކުރާނެ ރަގަނޅު ލީޑަރޝިޕެއްގެ ސިފަ މިހާރުވެސް ފެންނަ ޝަވަން މުސްތަގުބަލަށް އެހީއެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް .. އަޅުގަނޑަކީ ރާއްޖޭގެ ދެކުނު މީހެއް.. އެހެންނަމަވެސް ޝަވަން އަށް ވަރަށް ސާބަސްދެން ތިޔަ ދައްކާ ހިތްވަރަށް.. މާތްﷲ އިރާދަ ކުރެއްވިއްވިއްޔާ ޝަވަން އާއި ބައްދަލުވާނެ
60 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް