އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 25 ސެޕްޓެމްބަރު 2021 ގައި ކުރިއަށް ގެންދަނީ: ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕް މަގާމްތަކުގައި އަންހެނުން ހަމަހަމައަށް ތަމްސީލްވާކަން ކަށަވަރުކުރުމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރަން ސީޑޯ ކޮމިޓީން ވަނީ ހުށަހަޅާފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަންހެނުން

ސިޔާސީ ޕާޓީތަކުގެ އިންތިހާބުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައަޅަން ސީޑޯ ކޮމިޓީން ގޮވާލައިފި

ސީޑޯ ކޮމިޓީން ވަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް ވަގުތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ބާރުއަޅައިފައި

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އަންހެނުންނަށް ވަކި އަދަދަކަށް މަގާމުތައް ހާއްސަކުރަން ލާޒިމްވާ ގޮތަށް ގާނޫނީ އިސްލާހުތައް ގެނައުމަށް، އަންހެނުންނާ މެދު ކުރާ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދގެ މުއާހަދާ (ސީޑޯ)ގެ ކޮމިޓީން ދިވެހި ސަރުކާރަށް ހުށަހަޅައިފި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އަންހެނުންނަށް ކޯޓާ ކަނޑައަޅަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.

ވީ ކިހިނެއް؟ - ސީޑޯ ކޮމިޓީން ރާއްޖޭގެ ހާލަތު ބެލުމަށް ފަހު ފާސްކޮށް، އާއްމުކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ވަނީ ސިޔާސީ ދާއިރާ އާއި އާއްމު ހިދުމަތުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ލިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ވަގުތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ބާރުއަޅައިފަ އެވެ. ލޯކަލް ކައުންސިލްތަކުގެ %33 އަންހެނުންނަށް ހާއްސަކުރުން ފިޔަވައި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި ވެސް އަންހެނުންނާ މެދު ތަފާތުކުރުން ހުއްޓުވުމަށް، ހާއްސަ ފިޔަވަޅެއް ރާއްޖެ އިން އަޅާފައި ނުވާތީ ކޮމިޓީން ކަންބޮޑުވުން ފާޅުކުރި އެވެ.

  • އެނގުން މުހިއްމު - ޖެންޑާ އީކުއަލިޓީ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ، އެކަމަކު ވަރަށް ބޮޑަށް ލަސްވެފައި އޮތް ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން މި އަހަރު ތަންފީޒުކުރަން ފަށަން އިސްކަން ދޭ ކަމަށް، ސަރުކާރުން ސީޑޯ ކޮމިޓީގައި ވަނީ ބުނެފަ އެވެ. އެއީ 2021-2025 އަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. ސީޑޯ ކޮމިޓީން ވަނީ އެކްޝަން ޕްލޭނަށް އަމަލުކުރަން ފެށުން އަވަސްކުރުމަށް ގޮވާލައިފަ އެވެ. އަދި އޭގައި ހިމެނޭ ވަަގުތީ ހާއްސަ ފިޔަވަޅުތައް ތަންފީޒުކުރަން ލަފާދީފަ އެވެ.

ސީޑޯ ކޮމިޓީން ސަރުކާރާ ސުވާލުކުރުމުން ސަރުކާރުގެ ފަރާތުން ޔަގީންކަން ދިން ގޮތަށް، ވަގުތީ ހާއްސަ ފިޔަވަޅުތައް ތަންފީޒުކުރުން ސީޑޯގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އޭގެ ތެރޭގައި:

  • ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމަށް ގާނޫނަށް އިސްލާހުތައް ގެނައުން

  • އަންހެނުންގެ ކެމްޕެއިންތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުން

  • އަންހެން ކެންޑިޑޭޓުންނަށް ލީޑަޝިޕް ހުނަރުތަކުގެ ތަމްރީން ދިނުން

  • ސިޔާސީ މައިދާނުގައި އަންހެނުންގެ ހަމަހަމަ ބައިވެރިވުން ޕްރޮމޯޓްކުރުމުގެ ގޮތުން އަންހެނުންނަށް މީޑިއާ އިން ހަމަހަމަ ފުރުސަތު ލިބޭކަން ކަށަވަރުކުރުން

  • ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ނިންމުންތައް ނިންމާ ފެންވަރުގަ އާއި ލީޑަޝިޕްގެ މަގާމްތަކުގައި އަންހެނުން ހަމަހަމައަށް ތަމްސީލްވާކަން ކަށަވަރުކުރުމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުން

  • ރައްޔިތުންގެ މަޖިލީހުން އަންހެނުންނަށް ކޯޓާ ކަނޑައެޅުމަށް މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކުރުން

  • ވަގުތީ ހާއްސަ ފިޔަވަޅެއްގެ ގޮތުގައި، ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރާ އަންހެނުން އިތުރުކުރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ސެޕްޓެމްބަރު 10، 2021ގައި މާލޭގައި ކުރި މުޒާހަރާގައި އަންހެނުން ބައިވެރިވަނީ. (ފޮޓޯ/ޓްވިޓާ/ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)

ވަގުތު ކަނޑައެޅިފައިވާ އަމާޒުތަކަކަށް ގޮވާލި

ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ އަދަދު އިތުރުކުރުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ސަރުކާރުން ގެނައި ބަދަލުތަކަށް ސީޑޯ ކޮމިޓީން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ރަށު ކައުންސިލްތަކުގެ ބަޖެޓުގެ %5 އަންހެނުންގެ ކޮމިޓީތަކަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަން ވެސް ފާހަގަކުރި އެވެ.  

އެކަމަކު ސީޑޯ ކޮމިޓީން ބުނިގޮތުގައި ލީޑަޝިޕް މަގާމްތަކާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޖުޑިޝަރީ އާއި ސިވިލް ސާވިސްގެ މަތީ ފެންވަރުގައި އަންހެނުން މަދުވުމަކީ ކަންބޮޑުވުމެކެވެ. އަދި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި އަންހެނުންނަށް ހަރުދަނާ ގޮތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ހާއްސަ ވަގުތީ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށް ކޮމިޓީން ބުންޏެވެ.

އަންހެނުންގެ ހިއްސާ ކުޑަ އަދި އަންހެނުންނަށް ވީތީ ކުރިއެރެން ނެތް ހުރިހާ ދާއިރާތަކަކުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ގާއިމްކުރުން އަވަސްކުރުމަށް، ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ އަމާޒުތަކެއް ކަނޑައެޅުމަށް ސީޑޯ ކޮމިޓީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ސަރުކާރުން ހުށަހެޅި ހަވަނަ ސީޑޯ ރިޕޯޓު ރިވިއުކޮށް، މިދިޔަ މަހު ކޮމިޓީން ވަނީ ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. ސީޑޯ ކޮމިޓީގެ ރެކޮމެންޑޭޝަންތައް ފާސްކުރީ އެ ރިޕޯޓާއި ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ދިން ޖަވާބުތަކާއި ސިވިލް ސޮސައިޓީގެ ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށެވެ.

ކޮމެންޓް (1)

އުމޭއްތަ

22 ނޮވެމްބަރު 2021
ހަމަ އެގޮތަށް މަސް ދޯނިތަކުންވެސް ކޯޓާ ދިނުމަށް ހުށަހަޅަން. އަދި ކޯޓާއާ އެއްގޮތަށް ފަޅުވެރިން ނުނަގައި މަހަށް ދިއުން މަނާ ވާން ޖެހޭ. މިގޮތަށް އެމްޕީއެލް ގެ ކޮންޓެއިނަރ ހުސް ކުރާ މަޖޫރީންނާއި ކޮންސްޓްރަކްޝަން ސައިޓުތަކަށްވެސް ކޯޓާ ކަނޑައަޅަން ޖެހޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް