ބޯހިޔާވަހިކަން

'ވަރަށް ސަޅި، ވަރަށް ހިތްގައިމު'އޭ އެ ބުނަނީ ސަބަބެއް އޮވެގެން

ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުދިގެން އަންނަނީ ދިވެހިންނަށް 'ހައްގު މިންވަރު' ލިބިގެން ކަމަށް މިހާރު ފެނުނު ނަމޫނާ ފްލެޓްތަކުން ދައްކައިދޭ
26 ޖެނުއަރީ 2023
3

މުހިންމު ނުކުތާތައް

އެފްޑީސީން އުއްމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން ބައެއް ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް

ތަން ޑިޒައިންކޮށްފައި ހުރީ މުހިންމު ގިނަ ކަންތައްތަކެއް ފުރިހަމަވާ ގޮތަށް

ޒިޔާރަތްކުރާ މީހުންގެ ޝުއޫރުތަކުން އެފްޑީސީއަށް ލިބެނީ އިތުރު ހިތްވަރެއް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މާކެޓިން އެސިސްޓެންޓް މެނޭޖަރު މުހައްމަދު އައްފާން (އަފޫ)އާ އެކު އަޅުގަނޑު ގޮސް އެ ފްލެޓަށް ވަނީމެވެ. ދޮރުން ފައި އަޅާފައި، އެ ތަނަވަސް ސިޓިން ރޫމަށް ނަޒަރެއް ދޫކޮށްލެވުނެވެ. އެއަށް ވުރެ ކުރިއަށް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އައްފާންއަށް އަޅުގަނޑު ބުނީމެވެ؛ "ދިވެހިންނަށް ހައްގު މިންވަރަކީ މިއީއޭ، މި އޮތް ހުރިހާ ދުވަހަކު އަހަރެން ކިޔަމުން މި އަންނަނީ، މިކަހަލަ ތަނަކަށެ"ވެ.

މި ދައްކާ ވާހަކަ އޮޅުވާނުލައި، އެހެން ގޮތަކަށް މާނަނުކޮށް، އިހަށް ކިޔާލުން އެދެމެވެ. ބޯހިޔާވަހިކަމުގައި 'ދިވެހިންނަށް ހައްގު މިންވަރު' ކަމަށް އަޅުގަނޑު މި ބުނަނީ ލަގުޒަރީ ފެންވަރަށް ފެތޭ، ބޮޑެތި ފްލެޓްތަކަކަށް ނޫނެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާއިލާއާ އެކު އުޅޭ މީހުންގެ އަދަދާއި އުޅޭ ގޮތަށް ބިނާކޮށް، އެ ދިރިއުޅުމަށް ފަސޭހަވާނެ ފަދަ ތަނެކެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަން ނުވަތަ އެފްޑީސީއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގައި، އާންމުންނަށް ފުރަތަމަ ދައްކާލި ތިން ކޮޓަރީގެ ދެ ފްލެޓުން ކުރަހާލަދިނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެހެން ސިފަތަކެކެވެ.

 އެފްޑީސީން ހުޅުމާލޭގައި ނިންމާފައި ހުރި ފްލެޓެއްގެ ކޮޓަރިއެއް: މި ފްލެޓްތަކުގެ ތަނަވަސްކަން ބޮޑު (ދައުރު ފޮޓޯ)

މިދިއަ ހުކުރުދުވަހު ރައީސް ސޯލިހު އެތަނަށް ވަޑައިގަތެވެ. ބޯހިޔާވަހިކަމަށް މި ސަރުކާރުން ވީ ވައުދު ނުފުއްދޭތީ، އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނީ އެމަނިކުފާނަށެވެ. އެހެންކަމުން 18 ބުރީގެ އެ ޓަވަރުގައި ނަމޫނާއަކަށް ދައްކަން ހަދާފައި ހުރި ތަނެއް ނަމަވެސް، އެ ފްލެޓުން ފެނިވަޑައިގެންނެވި މަންޒަރުތަކުން، ރައީސް ސޯލިހުގެ ހިތްޕުޅު ވެސް 'ފުރި ބަންޑުންވި' ފަދަ އެވެ.

"ތަކުރާރުކޮށް ވިދާޅުވި، ވަރަށް އުފާވެއްޖޭ، ވަރަށް އުފާވެއްޖޭ،" ރައީސްގެ ޒިޔާރަތްކުރެއްވުމުގެ ތަޖުރިބާ ކިޔައިދެއްވިދާނެތޯ 'ދައުރު'ން ކުރި ސުވާލަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު، ވިދާޅުވި އެވެ.

'ވަރަށް ސަޅި، ވަރަށް ހިތްގައިމު'

ނަމޫނާ ފްލެޓްތައް ނިސްބަތްވަނީ އެފްޑީސީން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 137 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ލޯނެއްގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާ ހަވާލުކޮށް ހަދާ 2،000 ފްލެޓް ހިމެނޭ މަޝްރޫއުއަށެވެ. އެ މަޝްރޫއުގެ ޓަވަރުތަކަށް ދީފައިވާ ނަމަކީ 'އުދަރެސް' އެވެ. އެފްޑީސީން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ކިޔަނީ 'އަމާން' އެވެ. އާންމުންނަށް ދައްކާލަން ނިންމި ދެ ފްލެޓް ހުރީ، ފުރަތަމަ ބްރިޖުން ހުޅުމާލޭ ދެވަނަ ފޭސްއާ ގުޅިފައިވާ ބޮޑު މަގުގެ ހުޅަނގު ފަޅީގައި ހަދަމުން އަންނަ 'އަމާން އުދަރެސް'ގެ 12 ވަނަ ޓަވަރުގަ އެވެ. މިއީ މި ވަގުތު އެންމެ ބާރަށް މަސައްކަތް ކުރިއަށް ދާ ޓަވަރު ވެސް މެ އެވެ.

މިހާތަނަށް އެތައް ބަޔަކު އެ ފްލެޓްތަކަށް ޒިޔާރަތްކޮށް ތަޖުރިބާކޮށްފި އެވެ. މި ސަރުކާރުގެ 'ގެދޮރުވެރިޔާ' ޕްރޮގްރާމަށް ފޯމު ހުށައަޅައި، އާ މަޝްރޫއުން ފްލެޓެއް ލިބޭނެކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކަށް، ކުރިމަގުގެ 'ހުވަފެންތަކެއް'ގެ ތެރެއަށް ވެސް ވަދެވިއްޖެ އެވެ.

'އަމާން އުދަރެސް'ގެ ޓަވަރެއް: މި އަހަރު ނިމުމުގެ ކުރިން ބައެއް ތަންތަނަށް ވަދެވޭވަރު ކުރަން އެފްޑީސީން ބޭނުންވޭ (ފޮޓޯ/ރައީސް އޮފީސް)

"ފީޑްބެކް ވަރަށް ޕޮޒިޓިވް. ބުނަނީ ވަރަށް ސަޅި، ވަރަށް ހިތްގައިމު، މިހާރު ވެސް ވަންނަން ބޭނުން،" އާންމުން ފާޅުކުރި ހިޔާލުތަކާ ބެހޭ ގޮތުން ސަލްފިއްޔާ ވިދާޅުވި އެވެ.

"ތަނުގެ ލޭއައުޓާއި ފަސޭހަކަމާއި ވައި ވަންނާނެ ނިޒާމްތައް ހުރެފައި، [އަވި] ލިބުމުގެ ކަންކަން [ހުރި ގޮތުން] ހުރިހާ އެންމެން ވެސް ވަރަށް އެޕްރިޝިއޭޓްކުރި." 

އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އާންމުންނަށް ލިބުނު ފްލެޓްތަކަށް ބަލާ ނަމަ ގޯސް ތައުރީފެއް ނޫންމެ އެވެ. ނަމަވެސް އެހެން މަޝްރޫއުތަކަށް ފާޑުކިއުމުގެ އެއްވެސް ވިސްނުމެއް އެފްޑީސީގެ ނެތެވެ. އެ ކުންފުނީގެ ވިސްނުން ދޫކޮށްލާފައި ވަނީ މިހާރު ހަދަމުން އަންނަ ފްލެޓްތައް ރަނގަޅު ފެންވަރެއްގައި އާންމުންނަށް ދޫކޮށްލެވޭނެ މިސްރާބަށެވެ.

މިހާރު ނިންމާފައި ހުރި ފްލެޓެއްގެ ސިޓިން ރޫމް: ކުރީގެ ފްލެޓްތަކަށް ވުރެ ޑިޒައިން ތަފާތު (ފޮޓޯ/ރައީސް އޮފީސް)

ސަލްފިއްޔާ އާއި އޭނާގެ ޓީމުން 'އަމާން' ފްލެޓްތަކާ ބެހޭ ގޮތުން ދޭ ޔަގީންކަން ބޮޑެވެ. ސަބަބަކީ މިހާ ހިސާބަށް މި މަޝްރޫއު އައުމުގައި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދު ވެސް ލިބިގެން، އެފްޑީސީން ކުރި މަސައްކަތުގެ މައިގަނޑު ވިސްނުން އޮތީ އާންމުންގެ ހިތްހަމަޖެހުމަށް ކަމަށް ވުމެވެ. އެހެންވެ ތަނުގެ ޑިޒައިން އާއި ދިރިއުޅޭ މީހުންނަށް ލިބޭނެ ފަސޭހަތަކަށް ވަރަށް ބޮޑަށް ސަމާލުވި އެވެ.

މިސާލުތައް ނަގަމާ ހެއްޔެވެ؟ ބަދިގެ ވަކިންނެވެ. އެއްޗެހި ދޮންނަ ބައި ވަކިންނެވެ. ސިޓިން ރޫމަށް ދިން ބޮޑު ޖާގަ އެވެ. ފަރުނީޗަރު އަތުރާއިރު ފަސޭހަވާނެ ގޮތަށް ކޮޓަރިތަކުގެ ދޮރާއި ކުޑަދޮރުތައް ވެސް ހުރުމެވެ.

"ފުލް ފޯކަސްއަކީ ޑިޒައިން ސްޓޭޖްގައި އެންމެ ރަނގަޅު އެތި، އެންމެ ހިތްގައިމު، އުފާވެރި އަދި ފަސޭހަ ގޮތުގައި ތަން ބޭނުންކުރެވޭނެ ގޮތަށް ޑިޒައިންކުރެވޭނެ އެއްޗަކަށް [ހެދުން]،" ސަލްފިއްޔާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓްގެ ކޮންމެ ސްޓޭޖެއްގައި ވެސް ސަރުކާރާ އެކު މަޝްވަރާކުރަމުން މިދިޔައީ. ޑިޒައިން ވިޔަސް، [މަޝްރޫއުއަށް ހިނގާ] އަގު ވިޔަސް، ހުރިހާ ކަމަކަށް."

މި ވާހަކަ ނިމެން ޖެހޭ ހިސާބު

ސަލްފިއްޔާއަކީ މިކަހަލަ މަޝްރޫއުތަކަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ފުރަތަމަ ޑިގްރީ ހެއްދެވީ އާކިޓެކްޗާގެ ދާއިރާއިންނެވެ. މާސްޓާސް ޑިގްރީގެ ހާއްސަ ބަޔަކީ އާބަން ޕްލޭނިން އެވެ. އެޗުޑީސީގައި 12 އަހަރު، 2004 އިން 2016 އަށް، ހޭދަކުރެއްވި އެވެ. އެހެންކަމުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން މި ސަރުކާރުން އުފެއްދި އެފްޑީސީގެ އެމްޑީގެ މަގާމަކީ އޭނާ ލޯބިކުރައްވާ ދާއިރާއިން ގައުމަށް ހިދުމަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތެކެވެ.

ކަން ދިމާކުރި ގޮތުން އުއްމީދުކުރި ވަރަށް ވުރެ ނަތީޖާ ނެރުން ދިގުލައިފި އެވެ. އެކަމަކު އެއީ އޭނާ އާއި އޭނާގެ ޓީމުގެ މައްސަލައެއް ނޫނެވެ؛ ކޮވިޑް-19ގެ ބަލިމަޑުކަމެވެ.

"މުޅި ދުނިޔެ ބަންދުވުމާ އެކު އެކި ގޮތްގޮތުން ފަހަތަށް ޖެހެވުނު،" މަޝްރޫއަށް ކުރިމަތިވި ހުރަސްތަކާ ބެހޭ ގޮތުން ސަލްފިއްޔާ ވިދާޅުވި އެވެ.

އެކަމަކު މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން މި އަހަރުގެ ތެރޭގައި 16 ޓަވަރެއްގެ ސްޓްރަކްޗާގެ ހުރިހާ ކަމެއް ނިންމޭނެ ހިސާބަށް އާދެވުނީ، އޭނާ ވިދާޅުވި ގޮތުގައި، 2019 ގައި އުފެއްދި ކުންފުނީގެ މުވައްޒަފުން، ކޮވިޑް-19ގެ ތެރޭގައި ގޭގައި ތިބެގެން ވެސް ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.

'އަމާން އުދަރެސް' ޓަވަރުތައް

  • ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ): އިމާރާތްކުރާ ކުންފުނި

  • 137 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

  • 2،000: ފްލެޓްގެ އަދަދު

  • 3 ކޮޓަރި (900 އަކަފޫޓު)ގެ 1،400 ފްލެޓް

  • 2 ކޮޓަރި (650 އަކަފޫޓު)ގެ 600 ފްލެޓް

  • 23% މަސައްކަތް ނިމިފައި (ޑިސެމްބަރު 2022ގެ ނިޔަލަށް)

'އަމާން'ގެ ދެވަނަ މަޝްރޫއު

  • އެންބީސީސީ ލިމިޓެޑް (އިންޑިއާ): އިމާރާތްކުރާ ކުންފުނި

  • 130 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

  • 2،000 ފްލެޓް

  • 3 ކޮޓަރި (900 އަކަފޫޓު)ގެ 1،400 ފްލެޓް

  • 2 ކޮޓަރި (650 އަކަފޫޓު)ގެ 600 ފްލެޓް

  • 18% މަސައްކަތް ނިމިފައި (ޑިސެމްބަރު 2022ގެ ނިޔަލަށް)

'އަމާން'ގެ ތިން ވަނަ މަޝްރޫއު

  • އަޝޯކާ ބިލްޑްކޮން (އިންޑިއާ): އިމާރާތްކުރާ ކުންފުނި

  • 140 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

  • 2000 ފްލެޓް

  • 3 ކޮޓަރި (900 އަކަފޫޓު)ގެ 1،500 ފްލެޓް

  • 2 ކޮޓަރި (650 އަކަފޫޓު)ގެ 500 ފްލެޓް

  • މިހާރު ކުރިއަށް ދަނީ ޑިޒަައިންގެ މަސައްކަތް

އެ ބަންދު ތެރޭގައި "މަސައްކަތްކުރެވުނީތީވެ މިއަދު މި ހިސާބަށް އާދެވުނީ،" ސަލްފިއްޔާ ވިދާޅުވި އެވެ.

އަމާން އުދަރެސްގެ ޓަވަރުތައް ކުރިއަށް ދަނީ ރާއްޖޭގައި އާންމުކޮށް އިމާރާތްކުރުމުގައި ބޭނުންކުރާ ގޮތްތަކާ ތަފާތުކޮށެވެ. ޝީޓެއް އަޅާނިމޭ އިރު މުޅި ފްލޯގެ ފާރުތައް ވެސް ކޮންކްރީޓުން ނިންމާލަ އެވެ. މިވަގުތު ފްލޯއަކަށް ނަގަނީ، އެފްޑީސީގެ ޕްލޭނިން އެންޑް ޕްރޮޖެކްޓްސްގެ މެނޭޖަރު ހަސަން މާނިހު އުމަރު ވިދާޅުވި ގޮތުގައި، 13 ދުވަހެވެ.

"އެކަމަކު އަޅުގަނޑުމެން މި އުޅެނީ އެ މުއްދަތު 10 ދުވަހަށް ޖައްސާލެވޭތޯ،" 18 އާއި 17 ބުރި ހިމެނޭ ގޮތަށް ޑިޒައިންކޮށްފައިވާ ޓަވަރުތަކުގެ މަސައްކަތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އާންމުންނާ ފްލެޓްތައް ހަވާލުކުރާނީ ތަޅުދަނޑި ލިބުމާ އެކު ދިރިއުޅުން ފެށޭނެ ވަރަށް ކަންކަން ނިންމާފަ އެވެ. އެގޮތުން ތަށިމުށި ޖަހައި، ކުލަ ލައި، ދޮރުތައް ވެސް ހަރުކޮށްފަ އެވެ.

'އަމާން އުދަރެސް'ގައި މިހާރު ނިންމާފައި ހުރި ނަމޫނާ ފްލެޓަކަށް ރައީސް ސޯލިހު ޒިޔާރަތްކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަން ދޫކުރާނެ އަގެއް އަދި ކަނޑައެއް ނާޅަ އެވެ. އެކަން ބިނާވެފައި އޮތީ ސަރުކާރުގެ ސިޔާސަތުގެ މައްޗަށެވެ. އެކަމަކު އެފްޑީސީން މަސައްކަތް ފެށީ ވެސް އަތްފޯރާ ފަށެއްގައި އަގުތައް ބަހައްޓަން އަމާޒު ހިފައިގެންނެވެ. 

އެފްޑީސީގެ ހެޑް އޮފް ފަންކްޝަން، ޕްލޭނިންގެ މަގާމުގައި ހުންނެވި އަހުމަދު ހައްސާން ވިދާޅުވި ގޮތުގައި 'ދިރިއުޅޭ ބަޔަކަށް ލިބޭ ހިތްހަމަޖެހުމަކީ' ބަރާބަރަށް ފައިސާ ދައްކަން އޮތް ހިތްވަރަކަށް ވެސް ވާނެ އެވެ.

"ޕްރޮޑަކްޓް ފެނުނީމާ [މީހުންގެ ނުތަނަވަސް ހިޔާލުތައް] ބަދަލު ވެސް ވެދާނެ. ތަނާ މެދު ހިތްހަމަޖެހުނީމާ ލާރި ދައްކަން ފަސް ނުޖެހޭނެތާ،" ހައްސާން ވިދާޅުވި އެވެ.

މި ވާހަކަ ދެކެވުނީ މިހާރު ވެސް ހުޅުމާލެއިން ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ފްލެޓްތަކަށް ފައިސާ ނުދައްކާ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރުމުންނެވެ. މާލޭގެ ކުލީގެ ނިސްބަތަށް ބަލާ ނަމަ އެ ފްލެޓްތަކުގެ އަގުތައް ވެސް ކުޑަ އެވެ.

އެފްޑީސީން ހިފާފައި ހުރީ މި އަހަރުގެ ތެރޭގައި އަށް ޓަވަރު މުޅިން ނިންމާލެވޭތޯ އެވެ. ސިޔާސީ މައުލޫއުގެ ތެރެއަށް ވަންނަވަން އެފްޑީސީގެ ވެރިން ބޭނުން ނުވިޔަސް ހަގީގަތަކީ ރައީސް ސޯލިހުގެ އެންމެ މުހިންމު އެއް ވައުދުގައި، ރިޔާސީ އިންތިހާބުގެ ކުރިން، ކުލަ ޖެހުން ކައިރި ކަމެވެ. އަދި މިހާރު ނިންމާފައި ހުރި ނަމޫނާ ފްލެޓްތަކަށް ބަލާ ނަމަ، އިޖުތިމާއީ ބޯހިޔާވަހިކަމުގައި މިހާތަނަށް އެންމެ ހިތްފަސޭހަ ތަނެއް އާންމުންނަށް ފޯރުކޮށްދިން ރައީސަކަށް އެމަނިކުފާނު ވެވަޑައިގަތުން ވެސް ކައިރިމެ އެވެ.

އެފްޑީސީން ބޭއްވި މައުލޫމާތު ދިނުމުގެ ދުވަހެއްގައި މުވައްޒަފުން ހަރަކާތްތެރިވަނީ: ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ޅަ ކުންފުންޏަށް އޮތް ޒިންމާ ވަރަށް ބޮޑު (ފޮޓޯ/ފަހި ދިރިއުޅުން)

މިދިއަ ހުކުރުދުވަހު ރައީސް ސޯލިހަށް އެ ތަނުން ފެނިވަޑައިގެންނެވި މަންޒަރުތަކުން އެ ޔަގީންކަން އެމަނިކުފާނަށް ވެސް މިހާރު އޮންނާނީ ލިބިވަޑައިގެންފަ އެވެ. 

ސަލްފިއްޔާ ވިދާޅުވި ގޮތުގައި ރައީސްގެ މޫނުފުޅުން ފެނިވަޑައިގެންނެވި ހިތްހަމަޖެހިވަޑައިގަތުމުގެ އަސަރުތަކަކީ، އޭނާ އާއި އޭނާގެ ޓީމަށް އޮތް ހިތްވަރެކެވެ. 

"އަދި މިހާ ހިސާބުން ނިމުނީކީ ނޫން. ދެން އޮތީ ޑެލިވަރީގައި [އާންމުންނަށް ފްލެޓްތައް ދޫކުރުން] ހިފަން ޖެހޭ ހިސާބު. އެ ސްޓޭޖަށް ދެވޭ ހިސާބު،" އޭނާ ވިދާޅުވި އެވެ.

"އެންމެ އުފާވާނީ މިތަންތަން ނިމި އާންމުން ވަންނަ ދުވަސް."

މުޅި ދުނިޔެ ބަންދުވި އަދި އޭގެ ސަބަބުން އިގުތިސާދީ ހަރަކާތްތައް ހުއްޓުވާލި ދެ އަހަރަށް ފަހު މިހާ ބޮޑު މަޝްރޫއުއެއް ފަށައި، އޭގައި އަމަލީ ސިފަ ޖެހެމުން ދިއުމަކީ ވެސް ކާމިޔާބީއެކެވެ. ހަމަ އެގޮތަށް ބޯހިޔާވަހިކަމުގައި ދިވެހިންނަށް 'ހައްގު މިންވަރު'ގެ ތަނެއް ފޯރުކޮށްދިނުމުގެ ދަތުރުގެ މިސްރާބު މި ފެންނަނީ ރަނގަޅަށެވެ. އާއެނކެވެ. ފާޑުކިއުންތަކުން ސަލާމަތެއް ނުވެވޭނެ އެވެ. އެކަމަކު ނަމޫނާ ފްލެޓަށް އަޅުގަނޑަށް އެޅުނު ފުރަތަމަ ފިޔަވަޅާ އެކު، މިއީ ބޯހިޔާވަހިކަމުގެ މުޅިން ތަފާތު މަޝްރޫއެއްކަމުގެ ޔަގީންކަން ލިބުނެވެ.

އޮޅުވާނުލުން އެދެމެވެ. މި ދައްކަނީ ދިވެއްސަކު (އަޅުގަނޑު) ދިވެހި އެހެން ރައްޔިތުންގެ ކުރިމަގުގެ އުފަލާއި ހަމަޖެހުމާއި އުއްމީދާ މެދު ދެކޭ ގޮތުގެ ވާހަކަ އެވެ. އެ ވާހަކަ ނިމެން ޖެހޭނީ، ދައުލަތުގެ މިހާރުގެ މުއްސަނދިކަމާ އަޅާބަލާއިރު، 'އަމާން އުދަރެސް'ގެ 12 ވަނަ ޓަވަރުގެ ދެ ވަނަ ފަންގި ފިލާގައި އެ ހުރި ނަމޫނާ ފްލެޓްތަކާ ހަމައިންނެވެ.

ކޮމެންޓް (3)

ޙމމމ1

26 ޖެނުއަރީ 2023
1.2 މިލިޔަން އަކަފޫޓުން ކިހިނެއްތަ 1000 ގޯތި ދެނީ؟ އެކްސްޕްލެއިން ދެޓް
0 0

ސަމްސާ

28 ޖެނުއަރީ 2023
@ޙމމމ1 1200 އަކަފޫޓުގެ 1000 ގޯތި ދެވޭނެ ދޯ
0 0

ޙަހަހަ

26 ޖެނުއަރީ 2023
ނަމޫނާ ފްލެޓެއް ހެދިގެން ތިވަރު ވީމަ ކަލޭމެންގެ ފެންވަރު އިނގޭ ވަރަށް ރަނގަޅަށް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް