ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޕީޕީއެމް އިން ހަމަނުޖެހުން ރޭވި ކަމަކަށް އަދި ނުނިންމަން: ޕޮލިސް

ހަމަނުޖެހުން ރާވައި ހިންގުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ޕީޕީއެމް އިން ބުނޭ

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގުމަށް ރޭވުމުގައި ޕީޕީއެމް އިން ރަސްމީ ސިފައެއްގައި ބައިވެރިވި ކަމަށް އަދި ނުނިންމާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

އެނގުން މުހިންމު - ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމަށެވެ. ނަމަވެސް ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއަކުން ރަސްމީ ސިފައެއްގައި ބައިވެރިވެފައިވާ ކަމަށް އަދި ނިންމާފައި ނުވާ ކަމަށް ރިޔާޒު މިއަދު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "ޖުމްލަކޮށް އަދި އަޅުގަނޑުމެން ތަހުގީގުގައި ކޮންކްލޫޑެއް ނުއެއް ކުރަން ސީދާ ސިޔާސީ ޕާޓީއެއްގެ ރަސްމީ ސިސްޓެމެޓިކް މެކޭނިޒަމްގެ ތެރެއިން ރޭވިގެން މިކަން ހިންގި ކަމަކަށް އަދި އެއް،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ރިޔާޒް މިއަދު ވިދާޅުވީ، ފުލުހުންގެ ސަފު ފޫ އަޅުވާލައި އެތެރެއަށް ވަދެގަނެ، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބުނީ އެ ތަނުގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކު ދެއްކި ވާހަކަތަކެއްގެ ސަބަބުންކަން މިހާތަނަށް ހޯދިފައިވާ ކަމަށެވެ.

ހަމަ އެއާ އެކު، ހަމަނުޖެހުން ހިންގުމުގެ ދެތިން ދުވަސް ކުރިން ވެސް، ޔޯގާ ހަރަކާތް ހުއްޓުވުމަށް ކޮންމެވެސް ކަހަލަ ކަންތައްތަކެއް ހިންގުމުގެ ވިސްނުންތަކެއް ގެންގުޅުނު ކަމުގެ މައުލޫމާތު ވެސް މިހާރު ތަހުގީގަށް ލިބިފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ ހަމަނުޖެހުން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ހަތަރު މީހަކު ކަމަށެވެ.

ޕީޕީއެމްގެ ބަސް - ޕީޕީއެމް އިން މީގެ ކުރިން ބުނެފައި ވަނީ، ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނީ ޕީޕީއެމް އޮފީހުން ގެންދިޔަ ދިދަތަކަކަށް ވިޔަސް، އެއީ އެކަމަށް އެހީތެރިވުން ނޫން ކަމަށާއި އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް