އެޗޭސިއާ އަބަދުވެސް ބޭނުންވަނީ އަމިއްލަވަންތަކަން ދަމަހައްޓަން

މިއުޒިކް

އެޗޭސިއާ: އަމިއްލަ އުފެއްދުންތަކުން އެތައް ބައެއްގެ ލޯބި

ވިލިމާލޭގެ ކަންމައްޗަކުން ފެށި ބޭންޑްގެ 'ލޮލާ ލޯ' ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި
25 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

އެޗޭސިއާ އިން ކުޅެމުން އަންނަނީ މުޅިން ވެސް އަމިއްލަ ލަވަތައް

އަމިއްލަވަންތަކަށް ދަމަހައްޓަން ބޭންޑުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ

ޗަނާޗާގައި މުޅިން އާ ލަވައެއް ކުޅެން ވެސް އަންނަނީ ތައްޔާރުވަމުން

ލޮލާ ލޯ ދިމާވާ ގޮތުން ދެން މަގޭ ޖާނު ދޭނަން

ފިދާވާށޭ މިހިރީ ތި ޖަޒުބާތުގައި އުމުރު ދަންދެން...

މިއީ ދިވެހި ބޭންޑް 'އެޗޭސިއާ'ގެ އެންމެ ހިޓު އެއް ލަވައިގެ ކަޑިއެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި 'ޗަރުކޭސް'ގައި ފޭނުން މި ބޭންޑަށް ދިން ލޯބި ގާތުން ބަލައިލެވުނެވެ. ބޭންޑުން މި ލަވަ ކުޅުމާ އެކު ޝޯ ބަލަން ގޮސް ތިބި އޯޑިއަންސް އެއްކޮށްހެން ކަހަލަ ގޮތަކަށް އުތުރިއަރައިގަތެވެ. އެއް ބަޔަކު އަތުގައި އޮތް ފޯނު ދިއްލައިލާ، މައްޗަށް ނަގާ އަތް ހޫރުވަން ފެށި އެވެ.

އެޗޭސިއާގެ ހުރިހާ މެންބަރުން ވެސް އިއްތިފާގު ވަނީ މިއީ ފޭނުންގެ އެންމެ ފެވަރިޓް ލަވަ ކަމަށެވެ.

ބޭންޑްގެ ލަވަތަކުގެ ތެރެއިން ރީތީ ހަމައެކަނި މި ލަވައެއް ވެސް ނޫނެވެ. ލަވަކިޔުންތެރިޔާ ހުސެއިން އިންފިތާހް (ފިއްތި) އޭނާގެ ވަރުގަދަ އަޑުން ކިޔާލާ 'ބޮޑާކަން' އަކީ ވެސް ފާހަގަކޮށްލެވޭ އަދި މާނަ ފުން ވަރުގަދަ ލަވައެކެވެ. އެޗޭސިއާ އިން ވަނީ މިހާތަނަށް އެއް އަލްބަމާއި ތިން ސިންގަލްސް ނެރެފަ އެވެ.

އިންފިތާހު 'ބޮޑާކަން' ހުަށަހަޅަނީ

މާލެ ސަރަހައްދުގެ އެންމެ ހިތްފަސޭހަ ވިލިމާލޭގެ ކަންމައްޗަކުން ދިމާވި އިންފިތާހު އާއި  ލީޑް ގިޓާ ކުޅޭ އިބްރާހިމް ޔާފިއުއަކީ ބޭންޑްގެ ބާނީންނެވެ. އެ ދެ މީހުން ދިމާވެގެން މި ބޭންޑް ހިންގާތާ މިހާރު 10 އަހަރަށް ވުރެ ގިނަވެދާނެ އެވެ. އެއަށް ފަހު ބޭންޑާ ގުޅުނީ ބޭސިސްޓް މުހައްމަދު ޔަމާން (ޔައްމު) އާއި ޑްރަމަރު އަހުމަދު ނަލީފް އެވެ.

ބޭންޑްގެ މި ހަތަރު މެންބަރުން ހުނަރުގެ ގޮތުން، މިޒާޖުގެ ގޮތުން އަދި މިއުޒިކްގެ ކަމުދާ ރަހައިގެ ގޮތުން ތަފާތެވެ. ޑްރަމަރު ނަލީފް ފެންނަނީ އަބަދުވެސް އޭނާގެ ރަސްމީ ލުކްގަ އެވެ. ހުސް ގަޔާ، ހަމައެކަނި ޖީންސް ލައިގެން ޑްރަމް ޖަހާ ނަލީފް، އަކީ ކުރީގެ މަޝްހޫރު ބޭންޑް 'އިލްސައިޓް'ގެ ޑްރަމަރެވެ. މިއުޒިކުގެ އިތުރުން މާލެއާ ވެސް ދުރުގައި ދުވަސްގަނޑެއް ވަންދެން އުޅުނު ނަލީފަށް އެޗޭސިއާގެ 'ލޮލާ ލޯ' އަޑުއިވުމާ އެކު އޭނާއަށް ދިރުން ގެނަ އެވެ.

ނަލީފް ހުސް ގަޔާ އިނދެ ޑްރަމް ޖަހަނީ: މިއީ އޭނާގެ ސްޓައިލް

ދިވެހި އެހެން މިއުޒިޝަނުން 'ލޮލާ ލޯ'ގެ ކަވާތައް ކުޅުނު ގޮތަށް ނަލީފަށް ވެސް އެ ލަވަ ކަމުގޮސް އެއަށް ޖޭމް ކުރަން ފެށި އެވެ. އެކަމަކު ބޭންޑާ ގުޅުނު އިރު އޭނާއަށް އެއީ އެޗޭސިއާގެ ލަވައެއް ކަމެއް ވެސް ނޭނގެ އެވެ.

"އެޗޭސިއާ ބޭންޑް ނޭނގެނީސް ދުުރު ރަށެއްގައި ހުރެ ޑްރަމް ޖެހި މީހެއް ނަލީފަކީ. ދުރުން ކަނެކްޓްވެފައި މި އޮތީ. މިހާރު މި އޮތީ ސަޅި ބޮންޑެއް،" އިންފިތާހް ބުންޏެވެ.

މި މަހު 29 ގައި ހުޅުމާލޭ ޓްރެކް ދަނޑުގައި އޮތް ޗަނާޗާ ޝޯގައި ބައިވެރިވާން އެޗޭސިއާ އާއި ބައިސްކޯފާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެސް ނަލީފް ފެނުނީ އޭނާގެ ރަސްމީ ލުކްގައި ހުއްޓަ އެވެ. 

ޗަނާޗާގައި ބައިވެރިވާ ފަންނާނުންނާ އެކު ބައިސްކޯފުން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އެޗޭސިއާ ބޭންޑްގެ މެންބަރުން

ނަލީފް ބުނި ގޮތުގައި އޭނާ ހުސްގަޔާ ހުންނަނީ މަތިން އެއްޗެއް ނުލައި ހުރެ މިއުޒިކް ކުޅެން ފަސޭހަކަމުންނެވެ. ކުރީގައި އެ ސަަބަބާ ހެދި ޓީވީއަށް އެރުން އޭނާއަށް ހުރަހަކަށް ވި އެވެ. ނަމަވެސް މިހާރު އެއީ އޭނާގެ ޓްރޭޑްމާކެވެ.

އުފެއްދުންތެރިކަމަށް ބޮޑު ލޯތްބެއް

އެޗޭސިއާއަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކަށް ލޯބި ކުރާ، އަމިއްލަވަންތަ ގޮތްގަނޑު ދަމަހައްޓާ ބޭންޑެކެވެ. ލަވަތައް ލިޔުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަނީ އިންފިތާހް އެވެ. އޭނާ ބުނާ ގޮތުން ދިވެހި ބަހުގެ ލޯބީގެ ލަފުޒުތައް 'ކްރިންޖް'އެއް ނޫނެވެ. ތިލަކޮށް ސާދާކޮށް އެ އިހްސާސްތައް ލަވަޔަކަށް ބަންޑުންކޮށްލަން މާ ފަސޭހަ އެވެ.

އިންފިތާހް ބުނިގޮތުގައި ދިވެހި ލަވަތައް އޯޑިއަންސް ބަލައިގަނެ އެވެ. 

"ލަވަތައް ހަދާފައި ހުރީ ރަނގަޅަށް ކަމުން ކަމަށް ލަފާކުރެވެނީ. އެ މަސައްކަތަކީ އުނދަގޫ ކަމެއް ނޫން،" އިންފިތާހު ބުންޏެވެ.

ޔާފިއު އާއިި އިންފިތާހު އެކީގައި މިއުޒިކް ކުޅޭތާ 10 އަހަރެއްހާ ދުވަސް ވެދާނެ

ގިނަ ލަވަތަކުގައި ހުންނަނީ އާއްމުކޮށް ބޭނުންކުރާ ކަހަލަ ބަސްތަކެއް ކަމަށް ވިޔަސް އެ މީހަކަށް ފެންނަ މާނައެއް ލަވަތަކުން ނެގިދާނެކަން ނަލީފް ފާހަގަކުރި އެވެ.

"ލަވައިގެ ލިރިކްސް އިން ބޭނުން ކޮންޓެކްސްޓެއް ކޮންމެ މީހަކަށް ވެސް ނެގިދާނެ،" އޭނާ ބުންޏެވެ.

ލަވައިގެ ސަބަބުން ދިވެހި ބަސްތައް ދިރުވޭ ކަމަށް ވެސް ބޭންޑުން ގަބޫލުކުރެ އެވެ. 

އިންފިތާހު ކިޔައިދިންގޮތުގައި ބޭންޑުން ލަވަތައް ހަދަން ގެންގުޅޭ އުސޫލަކީ:

  • ފުރަތަމަ މެލޮޑީ

  • އޭގެ ފަހުން ޅެން

  • ދެން އެންމެން އެކުގައި އެއަށް މިޔުޒިކް

"ހަތަރު ވައްތަރުގެ ޕާސަނަލިޓީއެއް އަދި ހަތަރު މީހުންގެ މިއުޒިކް ޓޭސްޓް ތަފާތު. ދެން ރަނގަޅު އެއްޗެއް މި އަންނަނީ،" އޭނާ ބުންޏެވެ.

ނަލީފް ބުނި ގޮތުގައި ހުރިހާ ލަވައެއް ކޮމްޕޯޒް ކުރުން އެހާ ފަސޭހައެއް ނޫނެވެ. އެގޮތުން އޭނާ ފާހަގަކުރީ މިހާރު ހަދަމުން އަންނަ ލަވައެއްގެ ވާހަކަ އެވެ.

"ކުޑަކޮށް ޗެލެންޖިން ލަވައެއް. ސޯޝަލް އިޝޫއަކާ ގުޅުވާ ލަވައެއް އެއީ. ނަފްސާނީ ބައްޔާ ގުޅޭ ލަވައެއް ކަމުން ދޭން ޖެހޭ އިންޕުޓް ކުޑަކޮށް ބޮޑު،" އޭނާ ބުންޏެވެ.

މަގްސަދަކީ ނަފުސާނީ މައްސަލަތަކާ މެދު އެ ލަވަ މެދުވެރިކޮށް އާންމުންނަށް ކަންކަން ވިސްނައިދިނުމެވެ.

މިހާރު މަދީ ޝޯ؛ އަމިއްލަ އުފެއްދުން ގިނަ

ހުސެއިން އިންފިތާހު (ފިއްތި) ބައިސްކޯފު ސްޓޫޑިއޯގައި ޗަނާޗާއަށް ތައްޔާރުވަނީ 

މިއުޒިކް ކުޅެން ބޮޑެތި ސްޓޭޖްތައް މާލޭގައި ކުރިން ހަދާފައި ހުރި އިރު ގިނަ ޝޯތަކެއް ވެސް އައީ ބާއްވަމުންނެވެ. ދިވެހިންގެ ކަންފަތުގައި ދިވެހި ފަންނާނުންގެ މިއުޒިކާއި ލަވައިގެ އަޑު ޖެހުނެވެ. މާފަންނު ސްޓޭޑިއަމްގައި ކުރިން އޮތް ދިވެހި ފަންނާނުންގެ މިޔުޒިކީ އީދެވެ. އޭގެ ފަހުން އާ ހާބަރު ސަރަހައްދުގައި 'ހަފްތާ ނިންމުން' ގެނެސްދިނެވެ. 

އެކަމަކު އޭރު ދިވެހިންގެ އަމިއްލަ އުފެއްދުންތަކަށް ލިބޭ ތަރުހީބަށް ވުރެ ބޮޑީ ހިންދީ އާއި އިނގިރޭސި ލަވަތައް ކުޅޭ ގްރޫޕްތަކަށް ލިބޭ ތަރުހީބެވެ. އެކަމަކު މިހާރު ތަރުހީބު ބޮޑީ އަމިއްލަ އުފެއްދުންތަކަށެވެ.

އެޗޭސިއާގެ ބޭންޑްގެ އެންމެ މަގްބޫލު ލަވަޔަކީ 'ލޮލާ ލޯ'

"ކުރީގައި ނޯންނަނީ އަމިއްލަ އުފެއްދުމަށް ސަޕޯޓް. އޭރު ޝޯ ދިނުމުގައި ކޭޓާކުރީ އޯޑިއަންސަށް. މިހާރު މި ހަދާ ކަހަލަ އޮރިޖިނަލް އެއްޗެހި ނެރޭކަށް ނޫޅޭ،" ނަލީފް ބުންޏެވެ.

"މިހާރު މިއުޒިކަލީ އިންސްޓްރުމެންޓްތަކަށް ބެލިޔަސް، ޓެކްނިކަލީ ކަންތައްތަކެއް އެޑްވާންސް ވެއްޖެ. އަހަރެމެންނަށް ބައެއްގެ ކައިރިއަށް ރެކޯޑިން ސްޓޫޑިއޯއަކަށް ނުދިޔަސް އަމިއްލައަށް މިކަން ކުރެވޭ. ލަވަތައް ރެކޯޑްކޮށްލެވޭ މިހާރު. އުނދަގުލެއް ނޫން އޭރާ ބަލާފައި."

އަރަމުން އަންނަ ދިވެހި ފަންނާނުންނަށް އެހީތެރިވެދޭން އެޗޭސިއާ އިން ބޭނުންވެ އެވެ. އަލަށް ނުކުންނަ ޒުވާން މިއުޒިޝަނުންނާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުން އެކަކު އަނެކަކާ ކުރިން ދުރެވެ. އޭރު ސޯޝަލް މީޑިއާއެއް ނެތެވެ. މިހާރު އެންމެން އެންމެންނާ ވަނީ ގުޅިފަ އެވެ.

އިންފިތާހް ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭންޑަށް އަބަދުވެސް އެކި ސުވާލުތަައް އަމާޒުކުރާ ކަމަށެވެ.

ދާއިރާއަށް ނުކުންނަމުން އަންނަ އާ ޖީލުން އެޗޭސިއާގެ ލަވަތައް ކުޅުމަކީ ފަހުރެއް ކަމަށް ބޭންޑް ދެކޭ

މިސާލަކަށް "ސޯޝަލް މީޑިއާގައި ބޭސިސްޓް ޔައްމުއަށް ވަރަށް ސުވާލު އަމާޒުވޭ. ފަހުރުވެރިވޭ ވަރަށް ހަގު އާޓިސްޓުން މި ބޭންޑްގެ ލަވަތައް ކުޅެ، ކަވާ ހަދަން ޝައުގުވެރިވާތީ. ދަސްކުރަން އަހާތީ. ކުރީގައި އުނދަގޫ އަސްލު [އާންމުންނާ ހަމައަށް] ރީޗް ވާން. ނުވެސް ކެރެނީ އަސްލު،" އޭނާ ބުންޏެވެ.

 ޗަނާޗާއާ އެކު ބޮޑު އުފަލެއް

ޗަނާޗާއަށް ތައްޔާރުވުމުގެ ތެރެއިން އެޗޭސިއާ ބޭންޑް ބައިސްކޯފުގެ ސްޓޫޑިއޯގައި

ކުރިއަށް އޮތް ޗަނާޗާ ޝޯއަށް ބަލާއިރު، އެޗޭސިއާއަށް އޮތް އެންމެ ބޮޑު އެއް އުފަލަކީ ހުސް އަމިއްލަ އުފެއްދުންތައް ކުޅޭ ބޭންޑްތަކާ އެކު ތަމްސީލްކުރެވޭތީ އެވެ. ބޭންޑާ އެކު ވަކިން މަސައްކަތްކުރާ ވަރަށް ތަފާތު ދެ ފަންނާނަކު ވެސް މި ޝޯގައި ފެންނާނެ އެވެ. އޭގެ ތެރޭގައި 'ދެތިކި ޕީ' ލަވައިން މަޝްހޫރުވި ވަން ނައިޓް ސްޓޭންޑްގެ މެންބަރެއް ކަމަށް ވާ މުހައްމަދު ރީހާން ހިމެނެ އެވެ. އޭނާގެ އިތުރުން ރޮކް ޕޭޕާ ސިޒާސްގެ ޔަސްބިކް އިސްމާއިލް (ޔަޝޫ) ވެސް އެޗޭސިއާއާ އެކު އަރާނެ އެވެ.

"ވަރަށް އުފަލުން މި ތިބީ މިފަދަ ޕްލެޓްފޯމެއް ލިބުނީމަ،" ބޭންޑްގެ މެމްބަރުން އެއްފަހަރާހެން ބުނެލި އެވެ.

"ހުޅުމާލެ ދުވާ ޓްރެކަށް ޗަނާޗާއަށް ކޮންމެހެން ވެސް ދުވާ އެއްޗެހި ލައިގެން އަންނަންވާނެ." 

ދިވެހި އުފެއްދުންތަކުގެ ޖާދޫގައި ޖެހިލަން އެއީ ރަނގަޅު ފުރުސަތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް