ސްރީ ލަންކާގައި ބަޔަކު ތެޔޮ ގަތުމަށް ޕެޓްރޯލް ޝެޑެއް ކައިރީ ކިޔޫ ހަދައިގެން: ލަންކާ ވަނީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި

އިގްތިސާދު

ލަންކާގެ ބޮޑު ތަދުން ރާއްޖެއަށް އޮތީ ކޮން ފިލާވަޅެއް؟

ރާއްޖެއިން ވެސް އަންނަނީ ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ރިކަރަންޓް ހަރަދުތައް ކުރަން ވެސް ނަގަމުން؛ ރާއްޖޭގެ ޖުމްލަ ދަރަނި އުފެއްދުންތެރިކަމުގެ %117.8 އަށް މި އަހަރު އަރާނެ
6 އޭޕްރީލު 2022
1

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ނޮވެމްބަރު 2019ގައި ގޯތާބާޔަ ރާޖަޕަކްސާ އެޅުއްވި ފިޔަވަޅަކީ ސްރީ ލަންކާގައި ނަގަމުން އަންނަ ގިނަ ޓެކްސްތަކުން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ކަނޑާލެއްވުމެވެ. ރިޔާސީ ވައުދާ އެއްގޮތަށް އެ ފިޔަވަޅު އެޅުމުގެ ބޭނުމަކީ އޭރު ބޯމަތިވެފައި އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑި ކާމިޔާބުކުރެއްވުމެވެ. ގޯތާބާޔަގެ އެ ފިޔަވަޅާ މެދު ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ (ސީބީއެސްއެލް)ގެ އިސް އޮފިޝަލުން ވެސް ހައިރާންވި އެވެ. އެ ފިޔަވަޅުތައް ރައީސް އެޅުއްވީ އެ އިދާރާއާ މަޝްވަރާކުރެއްވުމެއް ވެސް ނެތި ކުއްލި ގޮތަކަށެވެ. 

އޭރު ލަންކާ ސަރުކާރުން ބުނީ ފިޔަވަޅުތަކުގެ ބޭނުމަކީ އާންމުންނަށް ހަރަދުކުރުުމުގެ ފުރުސަތު ދީ، ވިޔަފާރިތަކާއި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނައުން ކަމަށެވެ. ގައުމުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. މިއީ ލަންކާގެ ދާހިލީ ހަނގުރާމަ 2009 ގައި ނިމުނު ފަހުން އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ގޯތާބާޔަގެ ބޭބެ އަދި ސިޔާސީ ގޮތުން އެ ގައުމުގައި ނުފޫޒުގަދަ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސާ ވެސް އެޅުއްވި ފަދަ ފިޔަވަޅެކެވެ. އެ ފިޔަވަޅު އޭރު ކާމިޔާބުވެ އިގްތިސާދަށް ހެޔޮ އަސަރުތައް ކުރުމުން ރާޖަޕަކްސަގެ ކޮންޓްރޯލް އޮތް އާ ސަރުކާރުން އަނެއްކާވެސް ނިންމީ އެކަން ތަކުރާރުކޮށް އާންމުންގެ މަގުބޫލުކަން ބޮޑުކުރާށެވެ.

'ނުބައި ވަގުތެއްގައި އެޅި ނުބައި ފިޔަވަޅެއް'

އެކަމަކު ނަތީޖާ މިފަހަރު ނުކުތީ ވަރަށް ހިތި ގޮތަކަށެވެ. ލަންކާއިން ބޭރަށް ދައްކަން ޖެހޭ ދަރަނި ވަރަށް ބޮޑުވެފައި ވަނިކޮށް ސަރުކާރުން ޓެކްސްތައް ކަނޑާލުމުން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި އެވެ. އަދި ގެއްލުނު އާމްދަނީ ފޫބައްދައި ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޭރުގެ ލޯނުތައް އިތުރަށް ނެގުމާއި ފައިސާ ޗާޕްކުރުން ފަދަ ކަންކަން ވެސް ސަރުކާރުން ކުރި އެވެ. ނަތީޖާއަކަށް ވީ ދަރަނި އަދާކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރަން 2019 ގައި އެކުލަވާލާފައި އޮތް ސިޔާސަތު ތަންފީޒު ކުރެވޭ ގޮތް ނުވެ މާލީ ހާލަތު ދަށަށް ދާން ފެށުމެވެ. އަދި ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް އެއްކޮށް ބަންދުވި އެވެ. އެއީ ލަންކާގެ އުފެއްދުންތެރިކަމުގެ %10 ހިއްސާކުރާ އިންޑަސްޓްރީ އެވެ. ކޮވިޑްގެ ކުރިން ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ވެސް ޓޫރިޒަމަށް އޮތީ ހިޔަނިއެޅިފަ އެވެ.

ސްރީ ލަންކާގެ ޕެޓްރޯލް ޝެޑެއް ކައިރީ މީހުން ކިޔޫ ހަދައިގެން: ލަންކާއިން ނެގި ބޮޑެތި ލޯނުތައް ދައްކަން ޖެހި އެ ގައުމުގެ އިގްތިސާދު ވަނީ ދަށަށް ގޮސްފައި

"ޓެކްސްތައް ކުޑަކޮށްލުން އެއީ ހެދި ވަރަށް ބޮޑު ގޯހެއް. ނުބައި ވަގުތެއްގައި އެޅި ނުބައި ފިޔަވަޅެއް،" ޑިސެމްބަރު 2019 އިން ސެޕްޓެމްބަރު 2021 އަށް ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ކުރެއްވި ޑަބްލިޔުޑީ ލަކްޝްމަން ރޮއިޓާޒްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ކޮވިޑް ކުރިމަތިވެ ރިޒާވް ހުސްވުމާ ކައިރިއަށް

ކޮވިޑުގެ ހާލަތުގައި ތަކެތި އިމްޕޯޓްކުރަން ލަންކާ ސަރުކާރަށް ހަރަދު ކުރަން ޖެހުނީ ރިޒާވުގައި ހުރި ބޭރު ފައިސާއިންނެވެ. ވަރަށް ގިނަ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ އިމްޕޯޓް ކުރަން ޖެހޭ ލަންކާއިން އެ ދަނޑިވަޅުގައި އިތުރު ގޯސް ފިޔަވަޅެއް އެޅި އެވެ. ގަސްކާނާ އެތެރެ ކުރުން މަނާކުރި އެވެ. އެއާ އެކު ދަނޑުވެރިންގެ ދަނޑުތައް މަރުވެ، ކެއިން ބުއިމަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ހަނޑުލާއި ތަރުކާރީގެ ބާވަތްތައް ހިމެނޭހެން، ލަންކާއިން އެތެރެ ކުރަން ނުޖެހޭ އެތައް އެއްޗެއް އަލަށް އެތެރެކުރަން ޖެހުނެވެ. ސައިފަތް ދަނޑުތައް ވެސް މަރުވެ ސައިފަތް އިމްޕޯޓް ކޮށްގެން ލިބެމުން އައި ބޭރު ފައިސާގެ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށްވި އެވެ. އެއާ އެކު ލަންކާގެ ބޭރު ފައިސާގެ ރިޒާވް ދެ އަހަރު ތެރޭ %70 ދަށަށް ގޮސް 2.36 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. އެއީ މި އަހަރު ތެރޭ ލަންކާއިން ދައްކަން ޖެހޭ ދަރަންޏަށް ވުރެ 4 ބިލިއަން ޑޮލަރު މަދު އަދަދެކެވެ. އަދި އެއީ ލަންކާއަށް މަހަކަށް ބޭނުންވާ މުދާ ކިރިޔަކިރިޔާ އިމްޕޯޓް ކުރެވޭ ވަރުގެ އަދަދެކެވެ.

އެ ހިސާބުން ލަންކާގެ އިގްތިސާދު ބޮއްސުންލައިފި ކަމުގެ ނިޝާންތައް ފެންނަން ފެށި އެވެ.

ލަންކާގައި ކާބޯތަކެތި ހޯދަން ވެސް ވަނީ ދަތިކަމަކަށް ވެފައި: ކާބޯތަކެތި ގަންނާނެ ފައިސާއެއް ރިޒާވްގައި ނެތް

ރޭޓިން ދަށްވެ ފައިސާ ހޯދޭނެ ކޮޅުތައް ބަންދުވި

ލަންކާގެ މާލީ ހާލަތު ދަށްވާން ފެށުމުން ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް އާއި މޫޑީސްއިން ލަންކާގެ ރޭޓިން ދަށްކޮށް ދަރަނި ނުދެއްކިދާނެ ހާލަތަށް ގޮސްފައިވާ ގައުމުތަކަށް ދޭ ރޭޓިން އެ ގައުމަށް ދިނެވެ. އެއާ އެކު ދުނިޔޭގެ މާލީ ބާޒާރުގައި ބޮންޑު ފަދަ ތަކެތި ވިއްކައިގެން ވެސް ލަންކާއަށް ބޭނުންވާ ފައިސާ ހޯދޭނެ މަގުތައް ބަންދުވި އެވެ. އަދި އާންމު މީހާއަށް އެނގުންވާ ވަރަށް އިގްތިސާދަށް ނޭދެވޭ އަސަރުކޮށް އާންމު ދިރިއުޅުމަށް ދަތިވާން ފެށި އެވެ.

ލަންކާއަށް އެތެރެ ކުރި ޒަރޫރީ އެތައް މުދަލަކަށް ފައިސާ ނުދެއްކި ޕޯޓްތަކުގައި ތާށިވި އެވެ. ޔޫކްރެއިން ހަނގުރާމަ ފެށި، ތެލުގެ އަގު ބޮޑުވުމާ އެކު ތެޔޮ އެތެރެކުރެވޭނެ ވަރަށް ފައިސާ ނެތިގެން އިންޖީނުގެތައް ނިއްވާލައި ކަރަންޓާ ނުލާ ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ކަނުއަނދިރީގައި އާންމުންނަށް ވަނީ ހޭދަކުރަން ޖެހިފަ އެވެ.

ބައެއް ޒަރޫރީ މުދާ ބާޒާރުގައި މަދުވެ ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސް އިންފްލޭޝަން %15.1 އަށް އެރި އެވެ. އަދި ޒަރޫރީ ތަކެތި ގަންނަން ވެސް އާންމުން އެތައްް ގަޑިއިރެއް ވަންދެން ދިގު ކިޔޫތަކުގައި ތިބެން ވަނީ ޖެހިފަ އެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭސް ނުލިބި ހޮސްޕިޓަލްތައް ހުއްޓި ސިއްހީ ނިޒާމު ވަނީ ފެއިލްވުމާ ކައިރިވެފަ އެވެ. ކަރުދާހާއި ދެލި އެތެރެ ކުރާނެ ވަރު ވެސް ނެތިގެން ސްކޫލުތަކުގެ އިމްތިހާނުތައް ވެސް ބޭއްވޭ ގޮތެއް ނުވި އެވެ. ލަންކާގެ ފައިސާގެ އަގު ދަށްވެ ތަކެތި އިމްޕޯޓް ކުރުމަކީ ނުކުރެވޭ ވަރު ކަމަކަށް ވަނީ ވެފަ އެވެ.

ލަންކާ ބަޔަކު ކާބޯތަކެތި ހޯދަން ކިޔޫ ހަދައިގެން: ލަންކާގެ ބައި މިލިއަނެއްހާ މީހުން ވަނީ ފަގީރުކަމުގައި

އިގްތިސާދު މުޅިން ހަލާކުވެ ބަނގުރޫޓްވަމުންދާ ގައުމުތަކުން ފެންނާނެ ހުރިހާ މަންޒަރެއް ލަންކާއިން މިހާރު ދަނީ ފެންނަމުންނެވެ. ލަންކާގެ އިގްތިސާދު މިއަދު ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިފަ އެވެ.

ލަންކާގެ އިގްތިސާދު:

  • ގައުމުގެ ދަރަނި އުފެންދުތެރި ކަމުގެ %119 އަށް ވަނީ އަރާފައި

  • ދަރަންޏަށް މި އަހަރު އެކަނި 7.3 ބިލިއަން ޑޮލަރު ދައްކަން ޖެހޭ؛ ރިޒާވްގައި 1.6 ބިލިއަން ޑޮލަރު

  • ކާބޯތަކެތީގެ އަގުތައް ބޮޑުވި ވަރުން އިންފްލޭޝަން %25 އަށް މައްޗަށް ދިޔަ؛ މިއީ ސަރަހައްދުގެ އެންމެ މަތީ އިންފްލޭޝަން

  • ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފަގީރުކަމުގެ ދަރަޖައަށް ވެއްޓިފައި

އުފެއްދުންތެރި ނޫން ލޯނުތަކުގެ ހިތި ނަތީޖާ

ރާއްޖެއާ އެންމެ ކައިރި ސްރީ ލަންކާގެ އިގްތިސާދު މިއަދު އޮތް ހާލަތަށް ވެއްޓުނީ، އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، އިއްޔެ އާއި މިއަދު އެޅި ނުބައި ފިޔަވަޅުތަކަކުން ނޫނެވެ. ރާޖަޕަކްސަގެ ވެރިކަމުގައި 2007 ވަނަ އަހަރުން ފެށިގެން އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ބޭރުގެ ފަރާތްތަކުން އޭރު ނެގި ދަރަނިތައް މިއަދު އަނބުރާ ދައްކަން ފަށަން ޖެހުމަކީ ލަންކާއަށް މިހާރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ނަސީބު ދެރަކަމުން އެ ދަރަނިތައް އަނބުރާ ދައްކަން ފަށަން ޖެހުނީ އިގްތިސާދީ ގޮތުން ގައުމު ދަށް ހާލަތަކަށް ވެއްޓިފައި ވަނިކޮށެވެ.

ލަންކާގެ ދަރަނި:

  • 11.8 ބިލިއަން ޑޮލަރު - ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ބޮންޑް

  • 4.6 ބިލިއަން ޑޮލަރު - އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް

  • 3 ބިލިއަން ޑޮލަރަށް ވުރެ ގިނަ - ޖަޕާން އަދި ޗައިނާއަށް

ލަންކާއަށް ފަހު ރާއްޖެ ބާ؟

އިގްތިސާދީ މާހިރުންނާއި މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޮޑުވަމުން އަންނަ ރާއްޖޭގެ ދަރަންޏެވެ. މި އަހަރު ނިމޭއިރު، ދައުލަތުން ދޭ ސޮވަރިން ގެރެންޓީތައް ހިމެނޭ ގޮތުން، ރާއްޖޭގެ ޖުމްލަ ދަރަނި 103 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ %117.8 އެވެ.

ލަންކާގައި ތެޔޮ ހޯދުމަށް މީހުން ކިޔޫ ހަދައިގެން

2022ގެ ނިޔަލަށް ރާއްޖޭގެ ދަރަނި ހުންނާނެ މިންވަރު:

  • 50.3 ބިލިއަން ރުފިޔާ - އެތެރޭގެ ދަރަނި

  • 41.1 ބިލިއަން ރުފިޔާ - ބޭރުގެ ދަރަނި

  • 11.6 ބިލިއަން ރުފިޔާ - ސޮވަރިން ގެރެންޓީ

ރާއްޖޭގެ ދަރަނި މިހާރު ވެސް ހުރީ ވަރަށް ބޮޑަށް ރަތް ރޮނގު ހުރަސްކުރާ މިންވަރެއްގަ އެވެ. އުފެއްދުންތެރިކަމަށް ވުރެ ލޯނު ނަގަމުން އަންނަ ނިސްބަތް ރާއްޖޭގައި ވަރަށް މައްޗެވެ. އަދި އެގޮތުން ނަގާ ގިނަ ދަރަނި ބޭނުންކުރަނީ ވެސް ރިކަރަންޓް ހަރަދުތައް ފޫބެއްދުމަށެވެ. ރިކަރަންޓް ހަރަދުތައް ކުރަން ލޯނު ނެގުމަކީ، ގިނަ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި، ރަނގަޅު ކަމެއް ނޫނެވެ. 

އުމްރާނީ ބައެއް މަޝްރޫއުތަކުން ވެސް ސަރުކާރަށް ލިބޭނެ މާލީ ފައިދާއެއް ނެތެވެ. އޭގެ މާނައަކީ ސަރުކާރުން ލޯނުތައް ދައްކަން ޖެހޭނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން އެކަނި ކަމެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ތަރައްގީ ކުރަނީ

މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖެއިން ލޯނު ނެގުމުގައި ސަމާލުވާން ޖެހެ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަދަ ބޭރު ފައިސާ ލިބޭނެ މާ ބޮޑު ގޮތްތަކެއް ނެތް ގައުމަކުން ބަލަންވީ ލޯނުތައް ނަގައިގެން ބޭރު ފައިސާ ލިބޭނެ ފަދަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ކަމަށެވެ. މިސާލަކަށް ރީޖަނަލް އެއާޕޯޓްތައް ތަރައްގީކޮށް އެތަންތަނުން ބޭރު ފައިސާ ނެރެވޭނެ ގޮތްތައް ހޯދަން ޖެހެ އެވެ. އަދި ލޯނު ނަގައިގެން ހިންގާ މަޝްރޫއުތައް އަވަހަށް ނިންމައި އެ ތަންތަނުން އަވަހަށް އާމްދަނީ ހޯދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އަބަދަކު ބޮރޯއެއް ނުއެއް ކުރެވޭނެ. ބަލިމަޑުކަމުގައި ބޮރޯކޮށްގެން އަޅުގަނޑުމެން އުޅެފިން. އަބަދަކު އެކަމެއް ނުވާނެ. ބޮރޯ ކުރެވޭނީ ވަކި ވަރަކަށް. އެހެންވީމާ އުފެއްދުންތެރި ނޫން ހަރަދު ކުޑަކޮށް، ލިބޭ އާމްދަނީއާ ބައްދަލުވާނެ ވަރަށް ހަރަދުތައް ކުރަން. އެހެން ނޫނީ ސުވާލަކީ ދެން އޮތީ ލަންކާއަށް ފަހު ރާއްޖެ ހެއްޔޭ؟" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއިން ދަރަނިތައް ދެއްކުމަށް 5.7 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހެ އެވެ. މިދިޔަ އަހަރު ވެސް 7 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުކުރި އެވެ. މި ހުރިހާ މަންޒަރެއް އެއްކޮށްލުމުން ރާއްޖެ ވެސް ދަރަނީގެ މަގުގައި ދަތުރު ކުރަނީ ލަންކާއާ އެއް މަގަކުން ކަމަށް ބުނެވިދާނެ އެވެ. 

އިގްތިސާދަށް ލޮޅުން އަންނަ ކުއްލި ފިޔަވަޅުތައް

ލަންކާއިން ހެދި އަނެއް ގޯހަކީ އިގްތިސާދު ނާޒުކު ވެފައިވާ ދަނޑިވަޅެއްގައި އިގްތިސާދަށް ލޮޅުން އަންނާނެ ފަދަ ކުއްލި ފިޔަވަޅުތައް އެޅުމެވެ. މިސާލަކަށް ޓެކްސްތައް ކަނޑާލުމާއި ގަސް ކާނާ އެތެރެ ކުރުން މަނާކޮށް އޯގެނިކް ފާމިންއަށް ގައުމު ބަދަލުކޮށްލުމުގެ ސިޔާސަތަކީ ލަންކާ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކެވެ. އިގްތިސާދީ އާ ފިޔަވަޅުތަކަކީ އޭގެ ފައިދާ އާއި ގެއްލުން އަބަދުވެސް އޮންނަ ކަންކަމެވެ. އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އިގްތިސާދީ އާ ފިޔަވަޅުތައް އަޅަން ވާނީ އިގްތިސާދު ވަރަށް ބޮޑަށް ހަމަޖެހިފައި އޮންނަ އާންމު ހާލަތްތަކުގަ އެވެ.

ރިސޯޓް މުވައްޒަފަކު ހިދުމަތް ދިނުމުގައި

ރާއްޖެއިން ވެސް އޭގެ ބައެއް ތަޖުރިބާތައް މީގެ ކުރިން ކޮށްފައިވެ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ރާއްޖޭގައި ބޮޑުކުރީ އިގްތިސާދީ މައްސަލަތަކެއް ދުނިޔެއަށް ކުރިމަތިވެފައި އޮތް ދުވަސްވަރެއްގަ އެވެ. އޭގެ ނުބައި އަސަރުތައް ރާއްޖޭގެ އިގްތިސާދަށް ފޯރާ، ތަކެތީގެ އަގުތައް އެތައް ތަނެއް ބޮޑުވި އެވެ.

މިފަހަރު ވެސް ކޮވިޑުގެ ތާށިން މުޅިން ސަލާމަތް ނުވެވިގެން އުޅެނިކޮށް ސަރުކާރުން މިނިމަމް ވޭޖް ތައާރަފްކުރި އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރަށް މިހާރު ޖެހިފައި ވަނީ ރިސޯޓްތަކުގެ ބިމު ކުލިން ބައެއް ކަނޑާލާށެވެ. އަދި ގްރީން ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތައް ސަރުކާރަށް ވަނީ އަޅަން ޖެހިފަ އެވެ. ލަންކާގެ ހާލަތުން ދެއްކި މަންޒަރަކީ އިގްތިސާދީ ކުއްލި ފިޔަވަޅުތަކުން އަންނަ ލޮޅުން ބޮޑުވެ، އެތައް އަހަރަކަށް އޭގެ ނުރައްކާ ދެމިގެންދާނެ ކަމެވެ.

އެއް ސިނާއަތާ އެކު ރާއްޖެއަށް ނުރައްކާ މާ ބޮޑު

ލަންކާއަށް ވުރެ ބޮޑަށް ރާއްޖެއިން އަސްލު ސަމާލުވާން ޖެހެ އެވެ. ސަބަބަކަށް ވަނީ ރާއްޖެ ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައި އޮތުމެވެ. ޓޫރިޒަމަކީ ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ވަރަށް ބޮޑަށް ކުރާ ސިނާއަތެކެވެ. އެހެންވެ އެ ސިނާއަތަށް ވާނެ ގޮތެއް ލަފާކުރުމަކީ އުނދަގޫ ކަމެކެވެ. ބައެއް އެހެން ސިނާއަތްތައް ވެސް ވަރުގަދަ ކުރަން އިންވެސްޓްމަންޓްތަކެއް ކުރަން ޖެހެ އެވެ.

"ޓޫރިޒަމަށް އަންނަ ކޮންމެ ޝޮކެއް ރާއްޖެއަށް ވަރަށް ބޮޑުވާނެ. ލަންކާ ނަމަ ސައިފަތް ކަހަލަ އަމިއްލަ ޕްރޮޑަކްޓުތައް ހުރި. ރާއްޖޭގައި އޭގެ މާ ބޮޑު އެއްޗެއް ނެތް. ހުރިހާ އެއްޗެއް އިމްޕޯޓަށް މި ބަރޯސާވަނީ. އެހެންވެ ޓޫރިޒަމަށް ޝޮކެއް އަންނާނެ ގަޑިއަކަށް ތައްޔާރަށް ތިބެން ޖެހެނީ،" ކުރިން ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ އިމާރާތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއިން އާމްދަނީ ހޯދަން އޮތް ފުރުސަތުތައް އަންނަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. މީގެ ކުރިން 2009-2010ގެ މާލީ ހުރަސްތަކުން ރާއްޖެއަށް އަރައިގަނެވުނީ ގިނަ ޓެކްސްތަކެއް ނަގައިގެންނެވެ. މިހާރު ޓެކްސް ނަގާނެ ފުރުސަތު ރާއްޖެއަށް ކުޑަ އެވެ. އެހެންވެ މިހާރު ނަގަމުން އަންނަ ބޮޑެތި ލޯނުތައް ދެއްކުމަށް ރާއްޖެ ތައްޔާރަށް ތިބެން ޖެހޭ ކަމަށާއި ހާއްސަ ގޮތެއްގައި ސޮވަރިން ފަންޑު ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ވިދާޅުވި ގޮތުގައި މިހާރު ސޮވަރިން ފަންޑު ބަލަހައްޓަނީ ރުފިޔާއިންނެވެ. އަދި އެހެން ހަދާ ނަމަ ލޯނު ދައްކަން ޖެހޭ އިރު ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާގެ ވިސްނުމުގައި ރާއްޖެއިން މިހާރު މިހާރަށް ކުރަން ޖެހޭ ކަމަކީ ސޮވަރިން ފަންޑު ވަރުގަދަ ކުރުމެވެ.

"ސޮވަރިން ފަންޑެއް އޮވެގެން ނުވާނެ އެމްްއެމްއޭގެ ރިޒާވާ ގުޅޭ އެއްޗެއްގެ ގޮތުގައި. އެއީ ހަމަ ވަކިން ބޭރު ފައިސާއިން ހުންނަން ޖެހޭ އެއްޗެއް. އޭގައި ހުންނަ ފައިސާ ރިޒާވަށް ކެމަފްލާޖްކޮށްގެން ނުވާނެ. ރިޒާވަކީ ވަކިން ހަމަ ފިނޭންސާއި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާއާ އެންމެން ވެގެން ވަކިން ގާނޫނެއްގެ ދަށުން އަންނަން ޖެހޭ އެއްޗެއް. ލޯނުތައް ދައްކަން ވާއިރަށް މިކަހަލަ ކަމަކަށް ތައްޔާރުވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ވެސް ކޮންމެ އަހަރަކު ބޮޑެތި ލޯނުތައް ނަގަމުން އަންނަ އިރު ލަންކާ އެ އޮތް ހާލަތާ މެދު ގައުމުގެ ވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި ގައުމުގެ މުސްތަގުބަލަށް ލޮޅުން އަރާނެ ސިޔާސަތުތަކާ ދުރުވާން ޖެހޭކަން، އެންމެ އަވަށްޓެރި ގައުމުގެ ހިތްދަތި ތަޖުރިބާއިން ފިލާވަޅު އެބަ ލިބެ އެވެ.

ކޮމެންޓް (1)

ހުތާބެ

6 އޭޕްރީލު 2022
ރަގަނޅު ވާހަކަތަކެއް. މަގޭ ހިތައް އަރަނީ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަރާ މެނިފެސްޓޯއޭ ކިޔައި ބޭނުންކަމެއް ކުރުމުގެ ފުރުސަރު އޮންނަނީ ކީއްވެބާއޭ ގައުމުގެ ރިޒާވް އަށް ޖާގަނުދީ. އމޑޕ އެކޭ ޕޕއމ އެކޭ ހަމަ އެއްތާކު މިޖެހެނީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް