ރޭ ބޭއްވި ހަފްލާގައި، ބީއެމްއެލްގެ ކާމިޔާބީ ދައްކައިދޭ ޕޯސްޓަރުތަކެއް ރައީސް ސޯލިހް ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބީއެމްއެލް

ބޭންކެއްގެ ހަގީގީ ފައިދާ ކުރަން ފެށީ ބީއެމްއެލް ހުޅުވުމުން: ރައީސް

އެ މަނިކުފާނު ވަނީ ބީއެމްއެލް އިން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ވާކަން ފާހަގަކުރައްވައި އޭގެ ބައެއް މިސާލުތައް ދައްކަވާފައި
13 ޖެނުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުފެއްދުމުގެ ކުރިން ވެސް ރާއްޖޭގައި ތިން ބޭންކަކުން ހަރަކާތްތެރިވަމުން ދިޔައަސް، ބޭންކަކުން އިގްތިސާދަށާއި މުޖުތަމައަށް ލިބެން ޖެހޭ ހަގީގީ މަންފާ ފެންނަން ފެށީ ބީއެމްއެލް ހުޅުވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރު މަހު ފުރުނު ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ކްރޮސްރޯޑްސްގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް ސޯލިހެވެ.

ބުނީ ކީކޭ؟ - އެ ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ބީއެމްއެލް އިން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ވާކަން ފާހަގަކުރައްވައި އޭގެ ބައެއް މިސާލުތައް ދައްކަވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ:

  • މަސްވެރިކަމަށް ހާއްސަކޮށް ދޫކުރި ލޯނުތަކުގެ ސަބަބުން، މަސްއޮޑިފަހަރުގެ ފަށަންތައް 20 އިން 25 ރިޔަނުން، 30 އިން 40 ރިޔަނަށް ބަދަލުވެގެންދިޔަ؛ ނިރޮޅު ލަކުޑީގެ ދޯނިފަހަރު ދޫކޮށް، ފައިބަރު އޮޑިފަހަރުގައި ރާއްޖެ އޮބާ ހިސާބަށް ބޮޑު ކަންނެއްޔަށް ނުކުންނަން ފެށި

  • ބީއެމްއެލް އުފެއްދިއިރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ވީ އެންމެ 10 އަހަރު އަދި އޭރު މާ ގިނަ އަތޮޅުތަކަކަށް ޓޫރިޒަމް ތާރަފެއް ނުވޭ؛ މިދިޔަ 40 އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ރިސޯޓްތައް ތަރައްގީކޮށް، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި، ބީއެމްއެލްގެ މާލީ ދައުރުގެ ހިއްސާ ވަރަށް ބޮޑު

  • ބީއެމްއެލް ހުޅުވިއިރު، މާލޭގައި ވެސް ބުރިބުރިއަށް ނަގާފައި ހުރި ގެތައް ވަރަށް މަދު؛ އެ ބޭންކުން ދޭން ފެށި ވިޔަފާރީގެ ލޯނުތަކާ އެކު، މާލޭގެ ވަރަށް ގިނަ ގޯތިތަކުގައި ޒަމާނީ ފަރުމާތަކަށް 10-12 ބުރީގެ އިމާރާތްތައް އިމާރާތްކޮށް، އެ ތަންތަނާ އެކު ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ފުރުސަތުތައް އެތައް ގުނައަކަށް ތަނަވަސްގެން ދިޔަ

ރޭގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

މީގެ އިތުރުން، ރައީސް ވަނީ ސަރުކާރުގެ މާލީ ސްކީމްތައް ހިންގުމުގައި ބީއެމްއެލްގެ ދައުރު ފާހަގަކުރައްވާފަ އެވެ. އަދި އެ މަނިކުފާނު ވަނީ ބީއެމްއެން ހިންގާ ސީއެސްއާރު އެކި ކަންކަމަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

"އަޅުގަނޑު މި ތަނަށް ވަދެގެން އައިއިރުގައި، އެ ފެނުނު މަގުގައި މި ބޭންކް މިހާ ހިސާބަށް ކުރި ދަތުރު ވަރަށް ސާފުކޮށް ފެންނަން އެބަހުރި. ސާޅީސް އަހަރުގެ ދަތުރުގައި، ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާ ފައިހަމަކުރަމުންދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އަކީ، މި ބޭންކުގެ ނަމަށް ބަލާއިރު ވެސް، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބޭންކެކޭ. މިއީ ދިވެހިންގެ ބޭންކް."

ރޭގެ ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވަނީ، ބީއެމްއެލްގައި އާންމުން ފައިސާ ރައްކާކުރަނީ ނުވަތަ ޑިޕޮސިޓް ކުރަނީ ބޭންކަށް ވަރަށް ބޮޑު އިތުބާރެއް ކޮށްފައި ކަމަށް ވިދާޅުވެ، އާންމުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ މިހާރަށް ވުރެ ބޮޑަށް ރައްކާތެރި ކަމާ އެކު ބެލެހެއްޓޭނޭ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވެސް ބީއެމްއެލްގެ މެނޭޖްމަންޓަށް ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް