ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭރުގައި ބަޔަކު މަޑުކޮށްގެން (ދައުރު ފޮޓޯ)

ކޮވިޑް-19

ޗުއްޓީއާ ދިމާކޮށް ދަތުރުކުރުމުގައި ކޮވިޑަށް ސަމާލުވާން އަންގައިފި

ކޮވިޑްގެ އަލާމާތެއް ހުރި ނަމަ ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފަށަން އެޗްޕިއޭ އިން ވަނީ އިލްތިމާސްކޮށްފައި

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑް އިތުރުވަމުންދާ ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ތަފްސީލް - އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގެ އެކި ސާބުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގައި މި މަހުގެ ދެވަނަ ހަފްތާއާ އަޅާބަލާއިރު ތިންވަނަ ހަފްތާގައި ކޮވިޑް ކޭސްތައް %185 މައްޗަށް ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެ، މި މަހުގެ ތެރޭގައި އެ ބަލީގައި ތިން މީހަކު މަރުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ބުނީ ކީކޭ؟ - މިއީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ މީހުން އެތެރޭގަ އާއި ރާއްޖޭން ބޭރަށް ދަތުރުތައް ކޮށް، އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް، އެޗްޕީއޭ އިން ވަނީ ކޮވިޑާއި އަރިދަފުސް ރޯގާ އާއި މި ދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

މިހާރު ވެސް ސަމާލުކަން ދިނުމަށް އަންގާފައިވާ ކަންތައްތަކުގެ އިތުރުން، ދަތުރުކުރުމުގައި އިތުރު ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ. އެއީ:

  • ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަންޖެހޭ ނަމަ، ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑު އަލުން ހަދަންޖެހޭ ނަމަ ދުރާލާ އެކަމަށް އެދުން 

  • ބަލީގެ އަލާމާތެއް ހުރިނަމަ ކޮވިޑް-19އަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުން 

  • ރާއްޖެ އިން ބޭރަށް ދަތުރުކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން އެދެވިގެންވޭ

އެއްވުންތަކާއި ހަފްލާތައް ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަން:

  • ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުން 

  •  ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ވިޔަސް ވީހާ މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން 

  • ރައްކާތެރި ގޮތުގައި އިވެންޓްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް