ސ. ހުޅުމީދޫ ބޮޑު މަގު މިހާރު (ކަނާތްފަރާތުގައި) އަދި އެ މަގު ކުރީގައި: ހިޔާ ދޭ ބޮޑެތި ގަސްތައް ނައްތާލައި ތާރު އެޅުމުން ރަށުގެ އިގްތިސާދީ އެއްވެސް ހަރަކާތެއް ކުރިއަރައި މީހުންގެ އާމްދަނީއަށް ފައިދާވި ތަނެއް ނުފެންނަ އިރު، ހޫނުގަދަކަމުން ހިނގަން ވަނީ އުނދަގޫވެފައި. (ކުރީގެ ފޮޓޯ: ޓަމްބްލާ/ދިވެހި ބަވަނަ)

ކޮލަމް

ތަރައްގީގެ ނަމުގައި 'ހުދު އެތް' - ދެމެހެއްޓެނިވި ފައިދާއެއް ނެތް

ހަރަދާ އަޅާކިޔާއިރު މަޝްރޫއުތަކުން އާމުންގެ ފުދުންތެރިކަމަކަށް ބަދަލެއް ނާދޭ. ތިމާވެއްޓަށާއި އިޖުތިމާއީގޮތުން ވަނީ ގެއްލުން. ރަށުގެ އައިޑެންޓިޓީ އާއި ދިރިއުޅުމުގެ އާދަކާދަތައް ގެއްލޭ.
6 ސެޕްޓެމްބަރު 2021
1

ޖުލައިމަހު ކޮވިޑް-19ގެ ބަންދަށް ސަރުކާރުން ދިން ލުއިތަކާ އެކު އަހަރެން އާއިލާއާ އެކު އައްޑުއަތޮޅު މީދުއަށް ދަތުރުކުރީމެވެ. ތިން އަހަރަށް ފަހު މި ރަށަށް މިކުރި ދަތުރުން އެންމެ ބޮޑަށް ފާހަގަވީ ރަށުގެ ޖަޒީރާވަންތަކަން ގެއްލި 'އާބަނައިޒް' ވެފައިވާ މިންވަރެވެ.

ރަށުގެ އައިޑެންޓިޓީއާ ގުޅިފައިވާ ލޭންޑްމާކުތަކެއް ނެތެވެ. ރަށުގެ ބަނދަރު ވަރަށް ފަހުން ބޮޑުކޮށް، ޒަމާނުއްސުރެ ރަށަށް އައިސް ލަފާ ފާލަންގެ މިހާރު އެތާކުން ފެންނާކަށް ނެތެވެ. އެ ފާލަންގެއަކީ ނުވަދިހައިގެ އަހަރުތަކުގައި ރަށުގެ އަންހެނުންގެ ކޮމިޓީ ހިއްސާވެގެން އެންމެންގެ މަންފާއަށް ތަރައްގީކުރި ތަނެކެވެ. ދިގު ދަތުރަކަށް ފަހު މި ރަށަށް އައުމުން އަހަރެންނަށް އާއްމުކޮށް ލިބޭ އުފާވެރިކަން ފެށޭ ހިސާބަކީ އެ ފާލަންގެ އެވެ.

އަހަރެން ނޫނަސް، އީދަށް މި ރަށަށް މިފަހަރު އައި، ރަށަށް ނިސްބަތްވާ މީހުން ވެސް، ރަށަށް ލެފިއިރު 'ކޮންފިއުޒްވި' ވާހަކަ ކިޔައިދިނެވެ. ބަނދަރާ ޖެހިގެން އޮތް ސަރަހައްދު ވަނީ އެއްކޮށް ހިއްކައި އެ ތަނުގައި ހުރި ގަސްތައް ކަނޑައި، ޓުއަރިޒަމް ޒޯނުގެ ނަމުގައި ހަދަން ފަށައިފަ އެވެ. އެ ތަނުގައި އަލަށް ޖަހާފައި ހުރި އެއްވެސް ރުކެއް ރޮލެއް ނުވެ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އަހަރެންނާ އެކު އެ ތަނަށް ދިޔަ، ރަށުގައި ދިރިއުޅޭ މީހަކު ވެސް، ތަނަށް މިއޮތީ ކިހިނެއް ހަދައިފައިހޭ ސުވާލުކުރި އެވެ. ރަށުގައި ދިރިއުޅޭ ދުވަސްވީ މިހުންނަށް ވެސް އެ ތަންތަން ފެނުމުން ބީރަށްޓެހިކަން އިހުސާސްވާ ވާހަކަ ދައްކަ އެވެ.

ރަށުގެ ލޭންޑްމާކެއްގެ ގޮތުގައި ދެން އަހަރެންނަށް އެންމެ ފާހަގަވާ ތަނަކީ ބޮޑުމަގާއި އެ މަގުގައި ނުވަދިހައިގެ އަހަރުތަކުގައި އިންދާފައި ހުރި ބިޔަ ގަސްތަކެވެ. މަގު ދެބައިވަނީ ވެސް މިފަދަ ބޮޑު ގަހަކާއި ގަސް ވަށައިގެން ހަދާފައި ހުންނަ ބުރަކުންނެވެ. ބޮޑުމަގުގައި މިހާރު ގަހެއް ވެސް, ބުރެއް ވެސް ނެތެވެ. މަގުގައި އެއްކޮށް ތާރު އަޅައި މަގުގެ އެއްފަރާތުގައި ކުދި ގަސް ޖަހާފައި ހުރި ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް 10 އަހަރު ވެސް މަގަށް ހިޔާކަމެއް ލިބޭނެ ކަމަކަށް އަހަރެންގެ ހިތެއް ނުބުނެ އެވެ.

ރަށުގެ ބޭރުފުށުން 'އާބަނައިޒް' ވެފައިވާ ތަން ފެންނަން ހުއްޓަސް އާއްމު ދިރިއުޅުމުގެ ހާލަތު ދަށް ކަމަށް ރަށުގެ މީހުންނާއި ކުދި ވިޔަފާރިވެރިން ކިޔައިދިނެވެ. ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތެއް ނުކުރެވެ އެވެ. ވައްކަން އާއްމުވެފައިވާލެއް ބޮޑުކަމުން ގިނަ ގޭގޭގައި މިހާރު ހުންނަނީ ކެމެރާ ހަރުކޮށްފަ އެވެ. ރަށުގައި ކިޔަވާ ޒުވާން ކުދިންގެ ޝުއޫރަކީ އާމްދަނީގެ ފުރުސަތުތައް މަދުކަމާއި 'ފިއުޗާއެއް' ނެތް ކަމެވެ.  

"ސިޔާސީ ބޭފުޅުން ގޮނޑިތައް ހޯދުމަށް ޕްރޮޖެކްޓުތަކެއް އިޝްތިހާރުކުރަނީ އެވެ. މާލޭގައި މިވެނި މަޝްރޫއުއެއް ހިންގާތީ ނުވަތަ އެހެން ރަށެއްގައި މަޝްރޫއުއެއް ހިންގާތީ މި ރަށަށް ވެސް ހަމަ އެ ޕްރޮޖެކްޓު ބޭނުންވާ ކަމަށް ރައްޔިތުންނަށް ވިސްނައިދެ އެވެ."

ކުރާ ހަރަދަށް ބަލާއިރު އެކަށީގެންވާ ފައިދާއެއް ނުލިބޭ މަޝްރޫއުތައް

ބަނދަރު ފުޅާކުރުމާއި ބިން ހިއްކުމާއި އެއާޕޯޓު އެޅުމާއި މަގުތަކުގައި ތާރު އެޅުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހިންގަމުން އަންނަ އުމްރާނީ މަޝްރޫއުތަކެވެ. އުމްރާނީ މަޝްރޫއުތަކުގެ ބޭނުމަކީ އިގްތިސާދީ ހަރަކާތްތަކަށް މަގު ހުޅުވައިދީ އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމެވެ. ނަމަވެސް ހަގީގަތަކީ، ޒަމާނުއްސުރެ ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަކީ ކުރާ ހަރަދަށް ބަލާއިރު ބޮޑެތި ފައިދާތަކެއް ފެންނަ މަޝްރޫއުތަކެއް ނޫނެވެ. ނަތީޖާއަކީ ސަރުކާރުގެ މާލީ ވަސީލަތްތައް އިސްރާފުވުމެވެ.

ތަރައްގީގެ ދާއިރާގައި މިފަދަ މަޝްރޫއުތަކަށް 'ވައިޓް އެލިފަންޓު' ނުވަތަ 'ހުދު އެތް'ގެ ނަން ނިސްބަތްކުރެވެ އެވެ. ހަރަދާ އަޅާކިޔާއިރު މަޝްރޫއުތަކުން އާމުންގެ ފުދުންތެރިކަމަކަށް ބަދަލެއް ނާދެ އެވެ. ތިމާވެއްޓަށާއި އިޖުތިމާއީގޮތުން ވަނީ ގެއްލުމެވެ. ރަށުގެ އައިޑެންޓިޓީ އާއި ދިރިއުޅުމުގެ އާދަކާދަތައް ގެއްލެ އެވެ.

މިފަދަ މަޝްރޫއުތަކަކީ މަޝްރޫއު ގެންނަ ފަރާތުގެ ނަޒަރުން ތަރައްގީ ތަސައްވަރުކުރާ ގޮތްތައް ދެއްކުމުގެ ގޮތުން އުފަންވާ މަޝްރޫއުތަކެވެ. ބޭނުމަކީ ހައިބަތު ދެއްކުމާއި އެފަރާތުގެ ޝަރަފު އުފުއްލުމެވެ. ނަމަވެސް މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގާއިރު، އޭގެ 'އޮޕޮޗޫނިޓީ ކޮސްޓު' ވަރަށް ބޮޑެވެ. އެ ފައިސާ އެއަށް ވުރެ ފައިދާ ލިބެނިވި އެހެން ކަމަކަށް ހަރަދު ކުރެވެން އޮވެ އެވެ.

މަގުތަކުގައި ތާރު އެޅުން

ސ. ހުޅުމީދޫ ތާރު އެޅުމުގެ މަޝްރޫއުއަށް ބަލާލައިފި ނަމަ، ބޮޑުމަގުގެ ތާރު އެޅުމަށް އެކަނި 43 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ވެބްސައިޓު 'އައިލްސް' އިން ހާމަވެ އެވެ. ތާރުއެޅުމުން ރަށުގެ އިގްތިސާދީ އެއްވެސް ހަރަކާތެއް ކުރިއަރައި ރަށުގެ މީހުންގެ އާމްދަނީއަށް ފައިދާވި ތަނެއް އަދި ނުފެނެ އެވެ. މަގުގެ ހިރަފުސް ބޮޑުވެ، ހޫނުގަދަކަމުން ހިނގަން ވަނީ އުނދަގޫވެފަ އެވެ.

ބޮޑުމަގުގައި ހުރި ބިޔަ ގަސްތައް ނެތި ހިނގައްޖެ އެވެ. ގަސްގަހަކީ ވައި ސާފުކޮށް، އިންސާނުން ނޭވާލާން ބޭނުންވާ އޮކްސިޖަން އިތުރުކުރުމުގެ މުހިންމު ދައުރު އަދާކުރާ އަހަރެމެންގެ ސިއްހަތަށް މުހިންމު ދިރުމެކެވެ.

ރަށުތެރޭގައި އަމިއްލަ ކާރުތައް އިންތިހާއަށް ގިނަވެއްޖެ އެވެ. ލަފާކުރެވޭ ގޮތުގައި ރަށުގައި މިހާރު 80 ކާރު ބޭނުންކުރެ އެވެ. މި ކާރުތަކަކީ އިގްތިސާދީ މަސައްކަތަށް ބޭނުންކުރާ ކާރެއް ނޫނެވެ. ފިނި ބުރު ޖަހަން ބޭނުންކުރާ ކާރެވެ. ވެހިކަލް ގިނަވުމުގެ ސަބަބުން ރަށުގެ ދެން ހުރި މަގުތައް ހަލާކުވެ، ވިއްސާރައާ އެކު ފަސޭހައިން ފެންބޮޑުވެ އެވެ. މިއީ ތިމާވެއްޓާ ބީރަށްޓެހި ބަދަލެކެވެ. ކާރުތަކުން، ޖައްވަށް ދޫކުރާ ވިހަ ގޭސް ނުވަތަ 'ކާބަން އެމިޝަން' އިތުރުވެ އެވެ. އަދި ކާރާއި ސައިކަލުތަކުގެ ޓަޔަރު ގޭނިގެން ޖައްވަށް ދޫވާ ރަބަރު ކުނޑި އިތުރުވެ، އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ވެށީގެ މާހައުލެއް އުފެދެ އެވެ.

އިޖުތިމާއީ ގޮތުން ބަލާއިރު ކާރު ގިނަވެ، ހިރަފުސް ބޮޑުވުމުން، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަދި ހިނގާބިނގާވެ އުޅޭ މިހުންނަށް މަގުމަތީގެ ރައްކާތެރިކަމެއް ނެތެވެ. ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި، މި ރަށުގައި ހިނގާ އުޅޭ މީހުން ވަރަށް ބޮޑަށް މަދުވެއްޖެކަން ފާހަގަވެ އެވެ. ހިނގާފައި އުޅޭ މީހުން މިހާރު އެއްގޮތަކަށް ވެސް ނެތޭ ބުންޏަސް އެންމެ ރަގަޅުވާނެ އެވެ.

"ރަށުގެ އާބާދީއަށް ދިމާވާ މައްސަލަތައް ރަނގަޅަށް ދެނެގަނެ، ތަފާސްހިސާބާއި ރަށުގެ އެންމެންގެ ބައިވެރިވުމާއި ހިޔާލާ އެކު، އެކަންކަމަށް ފުރިހަމަ ހައްލު ހޯދުމުގެ ވިސްނުމެއްގައި ފަރުމާ ކުރެވޭ މަޝްރޫއުތަކެއް ފެންނަން އެބަ ޖެހެ އެވެ. އެއީ ހައިބަތާއި ދެއްކޭ ވާހަކައަކަށް ބިނާވެގެން ނުވަތަ ސިޔާސީ ފައިދާއަކަށް ހިންގަން ޖެހޭ މަޝްރޫއުތަކެއް ނޫނެވެ."

ވެހިކަލް ގިނަވެ ރަށުގެ ދެން ހުރި މަގުތަކުގެ ހާލަތު ދަށަށް ދިއުމުން މިހާރު މިސްރާބު ހުރީ ދެން ހުރި މަގުތަކުގައި ތާރު އަޅާށެވެ. އެގޮތުން އައްޑު އަތޮޅުގެ ހަތަރު ރަށެއްގައި ތާރު އެޅުމަށް 165 މިލިއަން ރުފިޔާ މިހާރު ވަނީ ކަނޑައަޅައިފަ އެވެ. މި މަޝްރޫއު އިން މި އަތޮޅު މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބަދަލެއް އަންނާނެ ކަމަކަށް އަހަރެން ނުދެކެމެވެ.

ތާރު އަޅަނީ ރަށަށް ދިމާވާ ކޮން މައްސަލައެއް ހައްލުކުރަން ކަމެއް ސާފެއް ނުވެ އެވެ. ބޮޑުމަގު އަދި އެހެނިހެން މަގުތަކުގައި ފެންބޮޑުވާ ނަމަ އޭގެ ހައްލަކަށް ތިމާވެށްޓާ ރަށްޓެހި ފެން ހިންދާ ނިޒާމެއް ގާއިމްކުރެވުނީހެވެ. ހުޅުމީދޫގެ ބޮޑުމަގު އަޅަން ހަރަދުކުރި 43 މިލިއަނުން ރަށުގައި ރަނގަޅު ފެންވަރެއްގެ ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމުކުރަން ހަރަދުކުރެވުނީހެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިނީ ބަހާއި ބަގީ އަދި ޕަބްލިކް ބައިސްކަލު ރަށުގައި ތައާރަފުކޮށް، އަތޮޅުގެ އެހެން ރަށްރަށަށް ދިއުމަށް މިހާރަށް ވުރެ ފެންވަރު ރަނގަޅު، ޒަމާނީ ފެރީ ހިދުމަތެއް ގާއިމުކުރެވުނީހެވެ. ތާރު އެޅުމަށް މި ހަރަދުވާ 200 އަށް ވުރެ ގިނަ މިލިއަން ރުފިޔާ މި ދަނީ އިސްރާފަށެވެ.

އުމްރާނީ މަޝްރޫއުތަކުން ބިނާކުރާ ތަންތަނުގެ ބޭނުން ނުހިފޭ ނަމަ އެފަދަ މަޝްރޫއުތަކަށް ވައިޓް އެލިފަންޓުގެ ނަން ދެވެ އެވެ. މި ރަށުން މިގޮތަށް ފާހަގަވާ ދެވަނަ ތަނަކީ 2010ގައި އަޅަން ފަށައިފައިވާ ހައުސިން ޔުނިޓު ނުވަތަ ފްލެޓެވެ. ސަރުކާރުން 10 ރަށެއްގައި 1500 ހައުސިން ޔުނިޓު އަޅަން 79 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށް އައިލްސް އިން ދައްކަ އެވެ. އެގޮތުން ހުޅުދޫގައި 40 ޔުނިޓު ހަދާފައި ހުރި އިރު މީހުން ދިރިއުޅެނީ ތިން ޔުނިޓުގަ އެވެ. ބާކީ ފްލެޓުތައް ހުރީ ހުހަށެވެ. ދިހަ އަހަރަށް ދެމިގެންދިޔަ އެ މަޝްރޫއުގެ ފައިދާ ކުޑަ އެވެ.

އެއް ރަށަށް ހަ ބަނދަރު  

ހުޅުމީދޫގެ ބަނދަރު މަޝްރޫތުތަކަކީ ވެސް ވައިޓް އެލިފަންޓުތަކެކެވެ. އެކި ސަރުކާރުތަކުން މި ރަށުގައި ތިން ބަނދަރު ހަދާފައި އެބަހުއްޓެވެ. އެއީ މީދޫ ބަނދަރާއި ހުޅުދޫ ބަނދަރާއި ދެ ރަށުގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ މެދު ބަނދަރު ނުވަތަ މިފްކޯ ބަނދަރެވެ. ހުޅުމީދޫގެ ދެ ފަރާތުގައި އޮތް ދެ ރިސޯޓުގައި، ރިސޯޓުގެ ބޭނުމަށް ދެ ބަނދަރު އޮވެ އެވެ. އަދި ހުޅުދޫ ބަނދަރުގެ ތޮށި ހަލާކުވުމުން މިހާރު އަންނަނީ އެތާ ކައިރީ މުޅިން އާ ބަނދަރެއް އަޅަމުންނެވެ. އެހެންކަމުން މުޅި ރަށުގައި ހަ ބަނދަރު އެބަ އޮތެވެ.

މިފްކޯ ބަނދަރު ނުވަތަ މެދު ބަނދަރު އިތުރަށް ފުންކުރުމަށް 74 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މީދޫ ބަނދަރުގެ ތޮށި ހަލާކުވުމުން މި ފަހުން ވަނީ 38 މިލިއަން ރުފިޔާ ހޭދަކޮށްގެން ބަނދަރު އެއްކޮށް ހަދައިފަ އެވެ. ހުޅުދޫ އާ ބަނދަރަށް 61 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މެދު ބަނދަރު އޮއްވާ، ދެ ރަށުގެ ބަނދަރު ހަދަން 100 މިލިއަން ރުފިޔާ ހަރަދު މި ކުރީ ކީއްވެގެންބާވައޭ ހިތަށް އަރަ އެވެ. ދެ ރަށުގައި މުޅިއެކު ބޭނުންކުރަނީ 28 އުޅަނދެވެ. މި ޓްރެފިކް މެދު ބަނދަރުން ރަނގަޅަށް މެނޭޖު ކުރެވެން އެބަހުއްޓެވެ. މި ރަށާއި ގަމާ ދޭތެރޭ ދުއްވާ ދޯނި އަދި ލޯންޗު ފެރީ ވެސް މުޅިން ވެސް ލަފަނީ މެދު ބަނދަރަށެވެ.

ހުޅުދު އާއި މީދޫގެ އޮޑިދޯނިފަހަރުގެ އަދަދާއި ބަނދަރަށް ކުރާ ހަރަދު

މިހާރުގެ އިގްތިސާދީ ހާލަތުގައި މިފަދަ ހަރަދުތަކުގެ 'އޮޕޮޗޫނިޓީ ކޮސްޓު' ވަރަށް ބޮޑެވެ. މިފަދަ ދުވަސްވަރެއްގައި، ކޮވިޑާ ގުޅިގެން އިގްތިސާދު އަޑިއަޅައިލާ ރަށުގެ އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީގެ ފުރުސަތު ގެއްލިފައިވާއިރު، މި 100 މިލިއަން ރުފިޔާ އިން ރަށުގެ މީހުންގެ އާމްދަނީ އިއާދަކުރުމަށް ވަގުތުން ވަގުތަށް މަސައްކަތްތަކެއް ކުރެވުނީހެވެ. މި ރަށުގެ ހުރިހާ ގޭބިސީތަކަށް 100 މިލިއަން ބަހާލި ނަމަ، ގެ އަކަށް 100،000 ރުފިޔާ ލިބުނީހެވެ. ރަށުގައި މި ފައިސާ ދައުރުވުމުން ރަށުގެ ކުދި ވިޔަފާރިތަކަށް ލުޔެއް ލިބުނީހެވެ.

ސ. ހުޅުމީދޫ މެދު ބަނދަރު ނުވަތަ މިފްކޯ ބަނދަރު (ކ) އަދި ވަރަށް ފަހުން އަޕްގްރޭޑްކޮށްފައިވާ މީދޫ ބަނދަރު.

ފަޅު ފުންކުރުމާއި ބިން ހިއްކުމާއި ބަނދަރު އެޅުމުގެ މަސައްކަތުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. ހުޅުމީދޫގެ ބަނދަރާ ދިމާލުން އޮތް ރަށުގެ ގުދުރަތީ ރީތި، މާ ސިންގާ ވިލު ނޫ ފަޅު މިހާރުވަނީ ގެއްލިފަ އެވެ. ފަޅުން ފެންނަނީ ކިލަނބުކަމެވެ. މަސްމަހާއިމެއްސާއި މުރަކަ އާއި އެއްވެސް ބާވަތެއްގެ ދިރުމެއް ނެތްކަން އެނގެ އެވެ. ނުވަދިހައިގެ އަހަރުތަކުގައި މީދޫގެ ބަނދަރު ތަރައްގީކުރި އިރު ރަށުގެ ހުޅަނގު ފަރާތުގެ ބޮޑު ބައެއް ހިއްކައި ރަށުގެ އެންމެ ހިތްގައިމު ގޮނޑުދޮށްތައް ވަނީ ނެތިގޮސްފަ އެވެ. އަދި އިރުމަތީ ފަރާތުގެ ގޮނޑުދޮށް އެއްކޮށް ގިރައި ނެތިދިއުން ގުޅިފައިވަނީ އެކި ފަހަރުމަތިން ރަށުގެ ބިން ހިއްކައި ފަރަށް ދީފައިވާ ގެއްލުންތަކާ އެވެ. މިކަމުގެ ހައްލަކަށް މިހާރު ސަރުކާރުން އަންނަނީ ރަށުގެ އިރުމަތި ފަރާތުގައި ބަސްތާ ޖަހަމުންނެވެ. މި ކަމަށް 42 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެކަނި ހޭދަވާނެ އެވެ. ރަށުގެ ގޮނޑުދޮށްތައް ބަސްތާތަކުން ވަގުތީގޮތުން ހިމާޔަތް ކުރެވުނަސް، ރަށުގެ ހިތްގައިމު ވެލިގަނޑުތަކެއް ދެނެއް އިއާދައެއް ނުކުރެވޭނެ އެވެ. ނުވަދިހައިގެ ކުރީކޮޅާ ހަމައަށް ރަށުގައި ދިރިއުޅުނު މީހުންނާއި އެ ދުވަސްވަރު ބޮޑެތިވި ކުދިންނަށް، ރަށުގެ ފަރުތަކުގެ މަސްވެރިކަމާއި ގޮނޑުދޮށްތަކާއި މޫދާއި ފަޅުން ލިބުނު އުފާވެރިކަމަކީ މިހާރު ހަމައެކަނި ހަނދާންތަކެކެވެ.

އުމްރާނީ މަޝްރޫއުތައް ރާވަން ޖެހޭނީ އޭގެ ބޭނުން އޮތްކަން ދެނެގަނެގެން

އަތޮޅު ތެރޭގައި ހިންގާ އުމްރާނީ ގިނަ މަޝްރޫއުތަކަކީ ފުޅާ ގޮތަކަށް ދެމެހެއްޓެނިވި ފައިދާ ލިބޭ މަޝްރޫއުތަކެއް ނޫނެވެ. ފަޅު ފުންކުރުމާއި ބަނދަރު ފުޅާކުރުމާއި ބިން ހިއްކުމާއި އެއާޕޯޓު އެޅުމާއި މަގުތަކުގައި ތާރު އެޅުމަކުން މީހުންގެ ފުދުންތެރިކަމަށް ބަދަލު އަންނަ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ތިމާވެއްޓަށާއި މީހުންގެ ދިރިއުޅުމުގެ ސަގާފަތަށް ލިބެނީ ގެއްލުމެވެ.

މިފަދަ މަޝްރޫއުތަކަކީ ސިޔާސީ ފަރާތްތަކުގެ އަމިއްލަ ކެމްޕޭނު ވައުދުތަކާ ގުޅިފައިވާ ކަންކަމެވެ. ސިޔާސީ ބޭފުޅުން ގޮނޑިތައް ހޯދުމަށް ޕްރޮޖެކްޓުތަކެއް އިޝްތިހާރުކުރަނީ އެވެ. މާލޭގައި މިވެނި މަޝްރޫއުއެއް ހިންގާތީ ނުވަތަ އެހެން ރަށެއްގައި މަޝްރޫއުއެއް ހިންގާތީ މި ރަށަށް ވެސް ހަމަ އެ ޕްރޮޖެކްޓު ބޭނުންވާ ކަމަށް ރައްޔިތުންނަށް ވިސްނައިދެ އެވެ. އަތޮޅާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ތަރައްގީގެ ޕްލޭނުތަކާއި ތަރައްގީގެ ލަނޑުދަނޑިތަކާ މިފަދަ ޕްރޮޖެކްޓުތަކާ މާބޮޑު ގުޅުމެއް ނޯވެ އެވެ.

ސިޔާސީ ވެރިން ޒަމާނުއްސުރެ އުމްރާނީ މަޝްރޫއުތަކަށް އިސްކަންދެނީ ކީއްވެގެންތޯ ވެސް އެބަ ސުވާލުކުރެވެން ޖެހެ އެވެ. ޕްރޮޖެކްޓު ހުށަހަޅާ ފަރާތްތަކަށް އޭގައި އަމިއްލަ ފައިދާތައް ހުރިތޯ ވެސް ބަލާ ސާފުކުރެވެން ޖެހެ އެވެ.

ފަހަކަށް އައިސް މި ރަށުގައި މި ފެންނަނީ ހުޅުމީދު އާއި ފޭދޫ ގުޅުވައިދޭ ބްރިޖެއްގެ ވާހަކަ ދައްކާ ތަނެވެ. އަތޮޅުގެ އާއްމު ދިރިއުޅުމުގެ ހާލަތުގެ ވާހަކަ އެއްވެސް ފަރާތަކުން ނުދައްކަ އެވެ. ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރު ޖަވާބުދާރީކުރުމަށް ބޭނުންކުރާ އުކުޅަކީ ވެސް މިފަދަ ވައިޓް އެލިފަންޓް ޕްރޮޖެކްޓުތަކުގެ ވާހަކަ މީހުން ގާތު ދެއްކުމެވެ.

އުމްރާނީ ތަރައްގީއާ މެދު ދެވަނަ ވިސްނުމަކަށްދާން އެބަ ޖެހެ އެވެ. ރަށުގެ އާބާދީއަށް ދިމާވާ މައްސަލަތައް ރަނގަޅަށް ދެނެގަނެ، ތަފާސްހިސާބާއި ރަށުގެ އެންމެންގެ ބައިވެރިވުމާއި ހިޔާލާ އެކު، އެކަންކަމަށް ފުރިހަމަ ހައްލު ހޯދުމުގެ ވިސްނުމެއްގައި ފަރުމާ ކުރެވޭ މަޝްރޫއުތަކެއް ފެންނަން އެބަ ޖެހެ އެވެ. އެއީ ހައިބަތާއި ދެއްކޭ ވާހަކައަކަށް ބިނާވެގެން ނުވަތަ ސިޔާސީ ފައިދާއަކަށް ހިންގަން ޖެހޭ މަޝްރޫއުތަކެއް ނޫނެވެ.

އުމްރާނީ މަޝްރޫއުތަކަކީ ރަށުގެ އާބާދީއަށް ދިމާވާ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ރޭވޭ ކަންކަމަށް ވާން ޖެހެ އެވެ. އަދި މި މަޝްރޫއުތައް ފުރިހަމައަށް އަގުކުރެވި، އޭގެ ފައިދާ އާއި ގެއްލުން ރައްޔިތުންނަށް ދުރާލާ ސާފުވާން ޖެހެ އެވެ. ދައުލަތަށް ލިބޭ މާލީ ވަސީލަތަކީ ހުރިހާ ދިވެހިންގެ އެއްޗެކެވެ. މި ވަސީލަތްތައް އިސްރާފު ނުކޮށް އެންމެންގެ ފައިދާއަށް، އެންމެންގެ ފުދުންތެރިކަމަށް ހަރަދު ކުރެވެން އެބަ ޖެހެ އެވެ.

ކޮމެންޓް (1)

ސސސސސސސސސސސސސ

9 ޖެނުއަރީ 2023
ވަރަށް ރަނގަޅު ވާހަކަތަކެއް. ހަމަ މީދޫ އަށް އުފަން މީދޫ ދަރިއެއްގެ ހައިސިއްޔަތުން ބުނާނީ، މިއީ ހަމަ އަހަރެންވެސް ދައްކާ ވާހަކަ. މި ރަށުގަ ބޮޑު މަގު ހޫނުކަމުން ނުހިގޭ، ދުއްވާ އެއްޗެއްސާ ހެދި ނުހިގޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް