މައި ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ ހަމައެކަނި އަންހެން ކްލިޔަރެންސް އެސޯސިއޭޓް ޝާނަ: އޭނާ ބުނީ ނުކުމެ ހުރީ ޗެލެންޖަކަށް ކަމަށް (ފޮޓޯ/އެމްޕީއެލް)

ޝާނަ އެމްޕީއެލްގެ ފިނި ކޮޓަރިން ހޫނަށް ނުކުމެ

ވިޔަފާރި ބަނދަރުގައި މުދާ ކްލިއާކުރާ ހަމައެކަނި އަންހެން މުވައްޒަފަކީ ޝާނަ؛ ކުރިން މޭޒު ދޮށުގައި އިނދެގެން ކުރި މަސައްކަތަށް ވުރެ އާ ވަޒީފާ އޭނާއަށް މާ ޝައުގުވެރި.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގައި މުދާ ކްލިއާ ކުރުމުގައި ހަރަކާތްތެރިވާނެ މުވައްޒަފުންގެ ވަޒީފާއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މިފަހުން އިއުލާން ކުރުމުން އެކަމަށް އިސްނެގި މީހުންގެ ތެރެއިން އެކަކީ އެ ކުންފުނީގެ އިދާރީ ބައިގައި މަސައްކަތް ކުރަމުން އައި ޝާނަ އަހުމަދު އެވެ. އެ ވަޒީފާއަށް ކުރިމަތިލި އެތަކެއް ސަތޭކަ ފިރިހެނުންގެ ތެރޭގައި ހުރި ހަމައެކަނި އަންހެނަކީ ޝާނަ، 25، އެވެ. 

މާލެއަށް އުފަން ޝާނަ 2015 ވަނަ އަހަރު އެމްޕީއެލްގެ އެޑްމިނިސްޓްރޭޓިވް މުވައްޒަފެއްގެ ވަޒީފާއަށް ވަނީ ސްކޫލް ނިންމާލި ގޮތަށް އުމުރުން 18 އަހަރުގަ އެވެ. އާއިލާގެ ތަނަވަސްކަން ނެތުމުން އޭނާއަށް މަޖުބޫރުވީ ވަޒީފާއަކަށް ނުކުމެ އާއިލާއަށް އެހީތެރިވުމަށް އާމްދަނީ ހޯދާށެވެ.

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އަބަދުވެސް ޝާނައަށް ކުރަން ޖެހިފައި އޮތް ކަމެކެވެ. ބަނދަރުގައި މުދާ ކްލިއާ ކުރާ އޮފިސަރުން ހޯދަން ހުޅުވާލި ފުރުސަތުގެ ބޭނުން އޭނާ ހިފީ ވެސް ޗެލެންޖެއް ނަގާށެވެ. އާ ކަމެއް ތަޖުރިބާކޮށް އެކަން ވެސް ކުރެވޭނެކަން ދައްކާލަން ބޭނުންވީ އެވެ. އޭނާގެ އަޒުމަކަށް އޮތީ "އަހަންނަށް ވެސް މިކަން ވާނެ" ކަމެވެ.

"ހަތް އަހަރު މޭޒު ދޮށުގައި ފިނި ކޮޓަރީގައި މަސައްކަތް ކުރެވިއްޖެ. އެހެން މަސައްކަތް ކޮށްކޮށް ފޫހިވެއްޖެ. އެހެންވެ، އަހަރެން ބޭނުންވީ އާ ޗެލެންޖެއް ނަގަން. ބަނދަރު ތެރޭގައި މަސައްކަތްކޮށްލަން ވަރަށް ފުރުސަތަކަށް ބޭނުންވެފައި ހުރީ. އެއީ އަސްލު މާ އިންޓަރެސްޓިން ކަމެއް. އެނގޭ މިއީ ބުރަ ކަމެއްކަން. ކުރިން ފިނި ކޮޓަރީގައި އިން ގޮތާ ހިލާފަށް އަތްވާއި ހޫނުގައި ވެސް އުޅެން ޖެހޭނެ،" މީގެ މަހެއްހާ ދުވަސް ކުރިން ކްލިއަރެންސް އެސޯސިއޭޓެއްގެ ވަޒީފާއަށް ބަދަލުވެ، މުދާ ކްލިއާ ކުރުމުގައި ހަރަކާތްތެރިވާން ފެށި ޝާނަ ބުންޏެވެ.

"އެކަމަކު މި ޗެލެންޖް އަހަރެން ނަގަން ބޭނުންވީ."

އެމްޕީއެލްގެ ކްލިއަރެންސް އެސޯސިއޭޓް ޝާނަ: އޭނާ ބުނީ އަންހެނަކަށް ވީތީ އަދާނުކުރެވޭނެ ވަޒީފާއެއް އޮވެގެން ނުވާނެ ކަމަށް (ފޮޓޯ/އެމްޕީއެލް)

އެންމެ އަންހެނެއް މި ވަޒީފާގައި އުޅޭތީ މީހުން ބުނާނެ ޝާނައަށް ތިކަން ވާނެހޭ. އަހަރެން ބުނަން މި ހުރީ ވާނެކަން ސާބިތުކޮށްދޭށޭ. ހަމަ ގައިމު ވެސް ޝާނަ މިހިރީ މިކަން ދޫކޮށްލާ ގޮތަކަށް ނޫން

ޝާނަ އަހުމަދު، އެމްޕީއެލްގެ މުދާ ކްލިއަރެންސް އެސޯސިއޭޓް

ޝާނަގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ބޯޓުން ބަނދަރަށް ކޮންޓެއިނަރުތައް ބޭލުމާ އެކު ކޮންޓެއިނަރުތައް ހުޅުވުމާއި މުދާ ކްލިއާ ކުރުމުގައި އެހީތެރިވުން ހިމެނެ އެވެ. އޭނާގެ ހުރިހާ މަސައްކަތެއް އޮތީ ބަނދަރުގެ ތެރޭގަ އެވެ. އެކަނިމާއެކަނި ތިން އަހަރުގެ ދަރިފުޅު ބަލަމުން އަންނަ ޝާނަ އެކި ވަގުތުތަކުގައި މަސައްކަތަށް ނުކުންނަނީ ޝިފްޓް ޑިއުޓީ އަދާކުރާށެވެ. 

ޝާނަ ބުނީ އޭނާއަށް އެ ވަޒީފާ އަދާކުރެވިދާނެތޯ ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށެވެ. އޭނާ ބުނިގޮތުގައި އެ ސުވާލު އޭނާއަށް އަމާޒުވަނީ އަންހެނަކަށް ވީމަ އެވެ. އެކަމަކު އޭނާ ގަބޫލު ކުރާ ގޮތުގައި އަންހެނަކަށް ވިޔަސް އަދާނުކުރެވޭނެ ވަޒީފާއެއް ނޯންނާނެ އެވެ. އޭނާ ނުކުމެ ހުރީ ވެސް އެކަން ސާބިތުކޮށްދޭށެވެ. ވާނެހޭ ބުނެ އޭނާއަށް އަމާޒުކުރާ ސުވާލުތަކަށް ރައްދުދެނީ އަމަލީ ގޮތުން މަސައްކަތުގެ މައިދާނަށް ނުކުމެގެންނެވެ.

"މި މަސައްކަތް ވަރަށް ޝައުގުވެރި. ދެން އެންމެ އަންހެނެއް އުޅޭތީ މީހުން ބުނާނެ ޝާނައަށް ތިކަން ވާނެހޭ. އަހަރެން ބުނަން މި ހުރީ ވާނެކަން ސާބިތުކޮށްދޭށޭ. ހަމަ ގައިމު ވެސް ޝާނަ މިހިރީ މިކަން ދޫކޮށްލާ ގޮތަކަށް ނޫން. އަންހެނަކު ނޫޅޭ މިކަހަލަ ވަޒީފާއަކަށް ފުރުސަތު ދިނީ ވެސް އެމްޕީއެލްއިން ޝާނައަށް ޓްރަސްޓް ކުރާތީ. އެހެންވީމާ މިއީ ނެގޭނެ ޗެލެންޖެއް،" ޝާނަ ބުންޏެވެ.

ކުރިއާ ހިލާފަށް އޭނާއަށް އޮތް ހިތްހަމަޖެހުމަކީ މަސައްކަތުގައި ފޫހިވާނެ ހުސް ވަގުތުކޮޅެއް ނުލިބުމެވެ. އަބަދުވެސް މަސައްކަތުގައި އޭނާއަށް އުޅެން ޖެހެނީ އަވަދި ނެތި އެވެ. ރާއްޖެ އެތެރެ ކުރާ މުދާ އަވަހަށް ކްލިއާކޮށް ދިނުމުގެ ޒިންމާ އޮތީ އޭނާގެ ވަޒީފާއަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. އެހެންވެ، ކުރީގެ ގޮތަށް މޭޒު ދޮށުގައި ފޫހިވެފައި ހުންނާކަށް ނުޖެހެ އެވެ. އޭނާއަށް ލިބިފައި އޮތީ އެއަށް ވުރެ ޝައުގުވެރި ވަޒީފާ އެކެވެ.

"ވަރަށް ސަޅި މި ވަޒީފާ. މިއީ ހަމަ ރަނގަޅު ޕޭއެއް ލިބޭ ރަނގަޅު ވަޒީފާއެއް. ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވާ ޝައުގުވެރި ވަޒީފާއެއް މިއީ. ހަމަ އަންހެނުން ވެސް ރަނގަޅު ޕޭ ލިބޭ މިކަހަލަ ވަޒީފާތަކަށް ނުކުންނަންވީ،" ޝާނަ ބުންޏެވެ.

ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި ފިރިހެން މުވައްޒަފަކާ އެކު ޝާނަ (ވ) މަސައްކަތް ކުރަނީ: ގިނަ އަންހެނުން އެ މަސައްކަތަށް ނުކުންނަން އޭނާ އެދޭ (ފޮޓޯ/އެމްޕީއެލް)

އޭނާ އެ ވަޒީފާއަށް ބަދަލުވާން މަޝްވަރާކުރުމުން ގިނަ ރައްޓެހިން ވެސް ބުނީ އެއީ ވާވަރު ކަމެއް ނޫން ކަމަށެވެ. މުދާ ކްލިއާ ކުރަން ބަނދަރުގައި މުޅިން ވެސް ހަރަކާތްތެރިވަނީ ފިރިހެނުން ކަމަށް ވުމުން އޭނާއަށް އެ މީހުންގެ ފަރާތުން ފުރައްސާރަ ކުރިމަތި ވެދާނެ ކަމުގެ ބިރު ޝާނަ އަމިއްލައަށް ވެސް އިހުސާސްކުރި އެވެ. މުދާ ކްލިއާ ކުރުމުގައި އުޅޭ މަޖޫރީންގެ ފަރާތުން ވެސް ޖެއްސުމާ ކުރިމަތި ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އޮތެވެ. އެކަމަކު ޝާނަ ބުނީ އެފަދަ އެއްވެސް ކަމެއް މަސައްކަތުގެ މާހައުުލުން އޭނާއަށް ކުރިމަތި ނުވާ ކަމަށެވެ. އެންމެންގެ ފަރާތުން ވެސް އޭނާއަށް ލިބެނީ އިހުތިރާމެވެ. އާއިލާއިން ވެސް އޭނާއަށް ލިބެނީ އެހީތެރިކަމެވެ.

"ފުރައްސާރަ، ޖެއްސުން ކުރުން އެކަހަލަ އެއްވެސް ކަމަކާ އަދި ދިމަލެއް ނުވޭ. އެންމެން ވެސް ވަރަށް ކޯޕަރޭޓިވް. ހީކުރިން މިކަހަލަ ކަންކަމޭ އެންމެ އުނދަގޫވާނީ،" ޝާނަ ބުންޏެވެ.

"މަންމަ ދަރިފުޅު ބަލައިދޭން ވަރަށް އެހީތެރިވޭ. އަސްލު މަންމަގެ އެހީއާ ނުލާ ޝާނައަށް މިކަން ނުވީސް."

ޝާނަގެ އިސްނެގުމާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ (ކ) އޭނާއާ ބައްދަލުކުރައްވާ ހިތްވަރު ދެއްވަނީ: ޝާނަ ބުނަނީ ހިތްވަރު އެބަހުރި ކަމަށް (ފޮޓޯ/އެމްޕީއެލް)

ޝާނަގެ އަޒުމަކީ އެ ވަޒީފާގައި ދެމިހުރެ އެމްޕީއެލްގައި ކުރިއަށް ދިޔުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަންހެނަކަށް ވުމުން ވަޒީފާ އަދާކުރުމުގައި ހުރަހެއް އޮވެގެން ނުވާނެ އެވެ. އޭނާގެ އުފަލަކަށް ވާނީ މުދާ ކްލިއާ ކުރުމުގެ އަމަލީ މަސައްކަތަށް ގިނަ އަންހެނުން ނުކުންނަ ދުވަހެއް ފެނުމެވެ.

ޝާނަގެ އިސްނެގުމުން ހިތްވަރު ލިބިގެން އިތުރު އަންހެނަކު ވެސް އެ ވަޒީފާއަށް އެމްޕީއެލްއިން އަންނަނީ މިހާރު ތަމްރީން ކުރަމުންނެވެ.

އެމްޕީއެލްގެ ބަނދަރަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތަށް ނުކުމެ ޝާނަ އެ ދައްކައިދެނީ އަންހެނަކަށް ވިޔަސް ވާނެ ކަމެވެ. ހޫނާއި އަތްވާއި ވާރެ އާއި ފިނީގައި ވެސް ފިިރިހެނެކޭ އެއްވަރަށް މަސައްކަތް ކުރެވޭނެކަން އޭނާ އެބަ ސާބިތުކޮށްދެ އެވެ.

"އަންހެނުން ވެސް ނުތިބެ، ކޮންމެ ކަހަލަ ވަޒީފާއަކަށް ވެސް ނުކުންނަންވީ. ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ލިބުން މުހިންމީ. އެހެންވީމާ އަންހެނުން ވެސް ހަމަ ކޮންމެ ދާއިރާއަކަށް ވެސް ނުކުންނަންވީ. އެއީ މޭޒު ދޮށުގައި ތިބެ އަދާކުރާ ވަޒީފާއަކަށް ވާކަށް ނުޖެހޭ،" ޝާނަ ބުންޏެވެ.

ކޮމެންޓް (2)

އައްޑަ

1 މޭ 2022
އުމުރުން 35 އަހަރު، ސުކޫލް ނިންމާލި ގޮތައް އުމުރުން 18 އަހަރުގައި 2015 ގައި އެމްޕީއެލް އަށް ވަނީ، އެމްޕީއެލް ގައި އަދި 10 އަހަރު ނުވޭ( ފިނި ކޮޓަރީގައި އިނުމަށް ވުރެ ގިނައިން ލިބޭ ސަރަހައްދުގައި އުޅެންޔާ،
0 0

ވަކަބެ

1 މޭ 2022
@އައްޑަ ރަނގަޅު އެއްޗެއް ކިޔާބަލަ ވާނުވާނުވެ ،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް