ތިމާވެށި

މޫސުމީ ބަދަލުތަކާ މެދު ޗައިނާ ހުޅަނގަށް ވުރެ ސީރިއަސް؟

15 އޮކްޓޯބަރު 2021

ޖުލައި 20ގައި ޗައިނާގެ ޖަންގްޖައުއަށް އެއް ގަޑިއިރު ތެރޭ 20 ސެންޓިމީޓަރުގެ ވާރޭ ވެހުނެވެ. އާންމުކޮށް ޗައިނާގެ ހެނާން ޕްރޮވިންސްގެ ވެރިރަށް ޖަންގްޖައުއަށް އަހަރަކު ވެހެނީ 60 ސެންޓިމީޓަރުގެ ވާރެ އެވެ. އެހެންކަމުން އެ ދުވަހު ހީވީ އެތައް މަހެއްގެ ވާރޭ އެންމެ ދުވަހަކުން ވެހުނުހެނެވެ. މަގުތައް ކޯރަކަށް ވި އެވެ. ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން މަރުވެ، 50 މީހުން ގެއްލުނު އިރު، ފެންބޮޑުވުމުގެ މި ކާރިސާގައި 10 މިލިއަން މީހުންނަށް އަސަރުކުރި އެވެ. ކާރިސާގެ ގެއްލުން، މިހާރު ބެލެވޭ ގޮތުން ނަމަ، 12.7 ބިލިއަން ޑޮަލަރަށް އަރަ އެވެ.

ޖުލައި 20 ވަނަ ދުވަހާ ބެހޭ ގޮތުން ޗައިނާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ އެ ކާރިސާގެ އަސަރުތަކާއި ގެއްލުމުގެ ވާހަކަ އެކަންޏެއް ނޫނެވެ. އެ ކާރިސާ ދިމާވާން ކުރިމަތިވި ސަބަބުތަކުގެ ވާހަކަ ވެސް ވަނީ ދައްކައިފަ އެވެ.

ޗައިނާގައި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަކީ ފަސޭހަ އިން ކުރެވޭ ކަމަކަށް ނުވާއިރު މޫސުމީ ބަދަލުތަކާ ގުޅިގެން އެހެނިހެން ގޮތްގޮތުން ތިރިން މައްޗަށް ޕްރެޝަރު ކުރުން ވަނީ އިތުރުވެފަ އެވެ. ފައުންޑޭޝަންތަކުން މިކަމާ ގުޅޭ ގޮތުން އާޓިކަލްތައް ލިޔެ ސަރުކާރަށް ހުށަހަޅައި މި ކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ބަހުސްކުރުން ވެސް ވަނީ އިތުރުވެފަ އެވެ.

ޗައިނާގެ ރިޕޯޓަރަކު، ނަން ނުޖެހުމަށް އެދި، މިކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި މޫސުމީ ބަދަލުތަކާ ގުޅިގެން އަޑުއުފުލާ ނޫސްވެރިން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ޗައިނާގެ މަޝްހޫރު ނޫހަކަށް މަސައްކަތް ކޮށްފައިވާ މި ރިޕޯޓަރު ބުނި ގޮތުގައި އޭނާ މީގެ މަދު އަހަރުތަކެއް ކުރިން މޫސުމީ ބަދަލުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ މަދު ނޫސްވެރިއެކެވެ. ނަމަވެސް މިފަހުން ބޭއްވި މޫސުމީ ބަދަލުތަކާ ބެހޭ ވޯކްޝޮޕަކަށް ހާޒިރުވި ނޫސްވެރިންގެ އަދަދު ފެނިފައި ހައިރާންވި ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް އެ ވޯކްޝޮޕަށް ހާޒިރުވި ޒުވާން ނޫސްވެރިންނެވެ. އޭނާ ބުނި ގޮތުގައި ފާއިތުވެ ދިޔަ 10 ވަރަކަށް އަހަރު މިކަމުގައި މީހުން ގެންގުޅެމުން އައި ވިސްނުން ބަދަލުކުރަން ކުރި މަސައްކަތްތައް އިންތިހާއަށް އުނދަގޫވެފައި ބުރަކަމުގައި ވިޔަސް މިއަދު އެކަމުގެ ހެޔޮ ބަދަލުތައް ފެންނަމުން އެބަދެ އެވެ. 

ދުނިޔޭގައި ނަގާ އަދި ބޭނުކުރަމުންދާ ބޯޓުދެލީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ ޗައިނާއިންނެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށް ވެސް ވުމާ އެކު، ޗައިނާއަކީ ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރަމުންދާ ގައުމެވެ. ދުނިޔެއަށް ބޭރުވަމުންދާ ވިހަ ގޭސްތަކުގެ %27 ބޭރުކުރަނީ އެ ގައުމުންނެވެ. ނަމަވެސް ބޮލަކަށް ޖެހޭ ނިސްބަތުން ނަމަ އެ ގައުމުގެ އަދަދު އުޅެނީ އެމެރިކާއަށް ވުރެ ދެގުނަ ދަށުގަ އެވެ.

ޖުލައި 20ގައި ޖަންގްޖައުއަށް ކުރި ވިއްސާރައިގެ ތެރެއިން.

ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތައް ޗައިނާއަށް ދިމާވާލެއް ވަކި މަދެއް ނޫނެވެ. ހިމާލިޔާ ފަރުބަދަތަކުން ވިރިގެން ފައިބާ ފެން ޖަމާވާ ޔަންގްޒީ ކޯރާއި ޔެލޯ ކޯރު ނެތެމުން ދިޔުމުގެ ސަބަބުން، އެ ކޯރުތަކުން ފެނަށް ބަރޯސާވާ މީހުންނަށް މުސްތަގުބަލުގައި ފެން ނުލިބުމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ. އަދި ޗައިނާގެ އުތުރުގައި އޮންނަ ގޯބީ ހަނަފަސް ސަހަރާއަކީ މިވަގުތު ދުނިޔޭގައި އޮތް، އެންމެ ހަލުވިކަމާ އެކު ބޮޑުވަމުންދާ ހަނަފަސް ބިމެވެ. ކޮންމެ އަހަރަކު މި ސަހަރާގެ ބޮޑުމިން މަދުވެގެން 3،600 ކިލޯމީޓަރު އިތުރުވެ އެވެ. ޗައިނާގެ ދެކުނު އިރުމަތީ ފަރާތުގައިވާ އެ ގައުމުގެ މައިގަނޑު އިގްތިސާދީ ސިޓީތަކަށް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ސަބަބުން ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވެފަ އެވެ. އެ ގައުމުގައި މިފަހުން ކުރި ބޮޑު ސާވޭއަކުން ދެއްކި ގޮތުގައި ރައްޔިތުންގެ ތެރެއިން %80 މީހުން ވަނީ މޫސުމީ ބަދަލުތަކާ މެދު ކަންބޮޑުވާކަން ނުވަތަ އިންތިހާއަށް ކަންބޮޑުވާކަން ފާޅުކޮށްފަ އެވެ.

ޑެންމާކުގެ ކޯޕަންހޭގަންގައި 2009 ވަނަ އަހަރު ބާއްވައި ފެއިލްވި މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓުގައި ގިނަ ގައުމުތަކަކުން މޫސުމީ ބަދަލުތަކުގެ އިލްޒާމް އެންމެ ބޮޑަށް އެޅުވި ގައުމަކީ ޗައިނާ އެވެ. އޭގެ 12 އަހަރު ފަހުން މިއަދު ފެންނަމުންދާ މަންޒަރު ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ. ޗައިނާ އިން ބޭރު ގައުމުތަކުގައި ބޯޓުދެލިން ކަރަންޓު އުފައްދާ ސްޓޭޝަންތައް ހުއްޓާލާނެކަން މިދިޔަ މަހު ރައީސް ޝީ ޖިންޕިން ވަނީ އިއުލާނު ކުރައްވައިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2013-2019 އަށް ހަދައި އޮޕަރޭޓް ކުރަމުން ދިޔަ ބޯޓުދެލިން ކަރަންޓު އުފައްދާ ނިޒާމްތަކުގެ ތެރެއިން %13 ގައި ޗައިނާގެ މާލީ ހިއްސާ އޮވެ އެވެ. އެހެންކަމުން މި ސިނާއަތަށް އިންވެސްޓު ކުރުމަށް ދުނިޔޭގައި ހުޅުވާލާފައިވާ އޮތް އެންމެ ބޮޑު އަދި ފޫނުދާ "ސަރުކާރު ވޮލެޓް" ޝީ މި ވަނީ ބަންދު ކުރައްވައިފަ އެވެ. ފާއިތުވި މަސްތަކުގައި ޖަޕާނާއި ދެކުނު ކޮރެއާ އިން ވެސް ވަނީ މިކަން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. 

މީގެ އަހަރެއް ކުރިން ޝީ ވަނީ ޗައިނާ އިން ބޭރުކުރާ ގެނދަބުޅި 2030 އަންނަން ވާއިރަށް އެންމެ އުހުގައި ޖެހުމަށް ފަހު 2060 އަންނަން ވާއިރަށް އެ ގައުމު ކާބަން ނިއުޓްރަލް ގައުމަކަށް ހައްދަވާނެކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އަދި މި ސިޔާސަތުގެ ދަށުން، މި އަހަރު ފެށުނު އިރު، ޗައިނާ ސަރުކާރުން ވަނީ ހަކަތައިގެ ސިނާއަތުގައި މަސައްކަތްކުރާ އެ ގައުމުގެ 2،200 ކުންފުންޏަށް ސްކީމެއް ތައާރަފްކޮށްފަ އެވެ. މި ކުންފުނިތަކަކީ އެ ގައުމުން ބޭރުކުރަމުންދާ ވިހަ ގޭސްތަކުގެ %40 ހިއްސާވާ ފަރާތްތަކެވެ.

ޗައިނާ އިން މި ވަގުތު ދަނީ އެ ގައުމުގެ ކާބަން ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެގައުމުގެ 14 ވަނަ، ފަސް އަހަރުގެ ޕްލޭން ތައްޔާރު ކުރަމުންނެވެ. މި ޕްލޭންގައި، 2030 އަންނަންވާ އިރަށް، އެ ގައުމުގައި އުފައްދާ ކަރަންޓުން ކާބަންގެ ނިސްބަތް %65 ދަށްކުރަން ވަނީ ކަނޑައަޅައިފަ އެވެ.

ޗައިނާގައި މޫސުމީ ބަދަލުތަކާ ގުޅެގޮތުން އާންމުން ތެރޭގައި ބަދަލުވަމުންދާ ވިސްނުމުގެ އެއް މޭސްތިރިއަކީ ރައީސް ޝީ.

މިފަދަ ބޮޑެތި ބަދަލުތަކެއް ޗައިނާ އިން މިހާރު ފެންނަމުން މިދަނީ ހަމައެކަނި ތިރިން މައްޗަށް ކުރާ ޕްރެޝަރުގެ ސަބަބުން ނޫން ކަމަށާއި މިކަމުގެ ޝުކުރު ރައީސް ޝީ އަށް ވެސް ހައްގުވާ ކަމަށް މިކަމާ ބެހޭ ގޮތުން ވާހަކަދެއްކި ޗައިނާގެ ނޫސްވެރިޔާ ބުންޏެވެ. 

"މިކަމަކީ މި ސަރުކާރުން ޗައިނާގެ މުސްތަގުބަލަށް ގެންގޮސްދޭނެ އެންމެ މުހިންމު ތަރިކަ އަދި އެންމެ އަގުބޮޑު އަމާނާތް. އަދި ރައީސް ޝީ މިކަމުގައި ހުންނެވީ ވަރަށް ސާބިތުކަމާ އެކު. މީގެ މަދު އަހަރުތަކެއް ކުރިން ވެސް އެމީހުން މިކަން ސިފަކުރަމުން ދިޔައީ މީ ހުޅަނގުން ޗައިނާއަށް ކުރާ ޕްރެޝަރެއްގެ ގޮތުގައި،" ޗައިނާ އިން ގެންގުޅެމުން އައި ވިސްނުން ބަދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިޔާ ކިޔައިދިނެވެ. މިހާރު ޝީ ބޭނުންފުޅުވަނީ ޗައިނާއަކީ މި ކަމުގައި އެންމެ ކުރީ ސަފުގައި އޮންނަ ގައުމަށް ހައްދަވާށެވެ.

ޗައިނާގައި މި ވަގުތު މަސައްކަތް ކުރަމުންދާ ތިމާވެއްޓާ ބެހޭ ގިނަ ޖަމިއްޔާތައް ތިބީ އެ މީހުންގެ ވިސްނުމާއި ޕްލޭންތައް ޝީގެ ސަރުކާރުން ބަލައިގަންނަމުން ދާތީ ހައިރާންވެފަ އެވެ. އަދި އެ ގައުމުގެ ތިމާވެށީގެ ގިނަ މާހިރުން މިހާރު ދެކޭ ގޮތުގައި ސަރުކާރުން މި ކަމަށް އެއްބާރުލުން ދެމުންދާ ނަމަ އެ ގައުމުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

ޗައިނާ ސަރުކާރުން އެކި ކަންކަމުގައި ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން، ސަރުކާރުން ކަމެއް ހާސިލްކުރަން ބޭނުންވެއްޖެ ނަމަ އެކަމެއް ކުރަން ވަރަށް ފަސޭހަ އެވެ. މީ ހުޅަނގުގައި މާ ގިނައިން ފެންނަ ކަމެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް